Monday, August 1, 2016

ޤައުމީ ދިދަ


ޢަބްދުﷲ ސަޢީދު 
ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާތައް ގުޅިފައިވަނީ އެ ބައެއްގެ އަޤީދާ އާއި އެ ބައެއްގެ ޤައުމިއްޔަތާއެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއް ރަމްޒުކޮށްދޭ ދިދައަކީ އެ ޤައުމެއްގެ ޤައުމީ ދިދަ އެވެ. 

ދިވެހީން ޤައުމީ ދިދައެއް ގެންގުޅެއްފެށި ދުވަސްވަރެއް ނޭނގެއެވެ. އެހެންނަމަވެސް މިހާރު މި ބޭނުންކުރާ ޤައުމީ ދިދައިގެ ކުރިން ވެސް ޤައުމީކަންކަމުގައި ދިވެހީން ވެސް ދިދަ ބޭނުންކޮށްފައިވެއެވެ. ފުރަތަމަ ބޭނުންކުރި ޤައުމީ ދިދައަކީ ހަމައެކަނި ރަތްކުލަ ހިމެނޭ ދިދައެކެވެ. ރަތްކުލައިގެ އެ ދިދަ ނަގާފައި ހުންނައިރު ދިދަދަނޑިއާ ކައިރީގައި ކަޅުކުލައާއި ހުދުކުލައިން ދަނޑިމަތިއަނބުރާފަ ހުންނަގޮތަށް ފަށެއް ހުންނަގޮތަށް އަދި ދިދަދަނޑިއާ ވީކޮޅަށް ދެ ތުނޑުހުންނަ ހުދުކުލައިގެ ހަނދުފަޅިއެއް ޖަހައިގެން ވެސް ބޭނުންކޮށްފައިވާކަމަށް ވެއެވެ.
 
ދިވެހިރާއްޖޭގެ ޤައުމީ ދިދައިގެ ގޮތުގައި މިހާރު ބޭނުންކުރެވޭ ފެއްސާއި ރަތާއި ހުދުގެ ދިދަ ފަރުމާ ކުރެވުނީ 1930 ވަނަ އަހަރުގައެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ގެ ރަސްކަމުގައެވެ. މި ކުލަތައް ހިމަނައިގެން ދިވެހިރާއްޖޭގެ ޤައުމީ ދިދަ ފަރުމާ ކުރެއްވީ އޭރު ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެދިވަޑައިގަތުމަކަށް ސާރުކާރުގެ ނާޒޯންގުފަހަރުގެ ބޮޑު މާލިމީއެއްކަމުގައިވާ ޙަސަން ނަޚުދާ ކަލޭފާނެއެވެ. އެއީ ފަހުން ޙަސަން ރަނަހަމާންތި ކަލޭފާނެއެވެ.
އަތިރީމާފަންނުގެއަށް ޙަސަން ނަޚުދާ ކަލޭފާނު ގެންދަވައި ޤައުމީ ދިދަ ފަރުމާ ކުރެއްވުމަށް ރަންނަބަނޑޭރި ކިލެގެފާނު ހަވާލު ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ދިދައަކަށް "ރަތްކަނޑިކި ފޮތިގަނޑެއް" ހުންނާތީ އެ ކިލެގެފާނުގެ އިސްތަށިފުޅަށްވާ ތުރާލެއްގެ ބޮޑުކަމުންނެވެ. އެހެން ޤައުމުތަކުގެ ދިދަތައް ހުންނަ ފަދައިން ދިވެހިރާއްޖެއަށް އެންމެ އެކަށޭނަ ދިދައެއް ފަރުމާކުރެއްވުމަށް ހަވާލުކުރެއްވުމުން އޭރު ދިވެހިރާއްޖޭގައި ތިއްބެވި ދެ ފަންނުވެރިއެއްގެ ނަންފުޅު ދަންނަވާފައި އެ ބޭފުޅުންނާ އެ މަސައްކަތްޕުޅު ހަވާލު ކުރެއްވުން ރަނގަޅުވާނެކަމަށް ދެންނެވިއެވެ. އެއީ ކުރެހުންތެރިއެއްކަމަށްވާ ޞާހިބުއްސަޢާދާ އަލްފާޟިލް އާދަމް ނަޞީރު މަނިކާއި އަތުލިޔުންތެރިއެއްކަމަށްވާ އަލްފާޟިލް ޢަލީ ފަހުމީ (ތަބައް އަލިފުޅު) އެވެ. އެހެން ނަމަވެސް ރަންނަބަޑޭރިކިލެގެފާނު ވިދާޅުވީ "އެ މީސްމީހުންނަށް ވުރެ މިކަމަށް މާލިމީ މޮޅުވާނެތީ ގެނައީ" ކަމަށެވެ. މި މަސައްކަތް ހަވާލުކުރެއްވުމުން ދިދައިން ރަމުޒުކޮށްދޭންވީ ކަންތައްތަކަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ރަންނަބަނޑޭރިކިލެގެފާނު ވިދާޅުވީ މިއީ ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަމުން ފެށިގެން އިސްލާމީ ޤައުމެކެވެ. އެކަން ދިވެހިރާއްޖޭގެ ޤައުމީ ދިދައިން އެނގެންވާނެއެވެ. 
 
ޤައުމީ ދިދަ ފަރުމާކުރެއްވި ޙަސަން ނަޚުދާ ކަލޭފާނު ޤައުމީ ދިދަ ފަރުމާކުރެއްވީ ފަސްކަމެއް ރަމުޒުވާގޮތަށް ކުލަތައް ހިމެނުންވައިގެންނެއެވެ. އެއީ ޤައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވި ބޭފުޅުންގެ ޤުރުބާނީގެ ނިޝާނެއްގެޮތުގައި ރަތްކުލައާއި، ދިވެހިރާއްޖޭގެ އަމާންކަން ރަމުޒުކޮށްދިނުމަށް ފެހިކުލައާއި، އިސްލާމްދީނުގެ ރަމުޒެއްގެ ގޮތުގައި ހަނދުފަޅިއެއް ހުދުކުލައިން ހިމަނުއްވައިގެންނެވެ. އަދި ކުރިއްސުރެ ރަތްކުލައިގެ ދިދައިގައި ބޭނުންކުރަމުން އައި ކަޅުކުލައާއި ހުދުކުލައިގެ ދަނޑިމަތިން ދިވެހި ޤައުމަށް ދިމާވި އަލިކަމާއި އަނދިރިކަން ދައްކައިދޭގޮތަށެވެ. ދިދަ ކުރައްސަވައިގެން ކުލަ ޖެއްސޭނެ ގޮތެއް ނެތިގެން ޖެހިވަޑައިގެންނެވީ ދިދައެއް އެގޮތަށް ފައްސަވާށެވެ. ދިދަ ފެއްސެވީ ދަތުރުނާގެ (ފަހުން މ. ސުކޫނަރ) ދޮން ޢަލީ އެވެ. ދިދަ ފެހީ ކަރަންކާގޭގައެވެ. 

ދިދަ ފައްސަވައިގެން ގެންގޮސް ރަންނަބަނޑޭރި ކިލެގެފާނުގެ އަތްޕުޅަށް އެރުވުމުން ބައްލަވާލައްވާފައި ވިދާޅުވިއެވެ. ވަރަށް ރަނގަޅެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ރަސްކަލަކަށް ޚާއްޞަ ދިދައެއް ހުރެއެވެ. މި ރާއްޖޭގެ ރަދުންނަށް ވެސް ޚާއްޞަ  ދިދައެއް ހުންނަންވާނެއެވެ. އެހެން ވިދާޅުވުމުން ހަނދުފަޅީގެ އެތެރެއަށް ފަސްވިޔަ ތަރިއެއް ހުދުކުލައިން ލީމާ ވެރިކަމުގެ ޝާނާއި ޝައުކަތު ދައްކުވައިދޭނެކަމަށް ޙަސަން ނަޚުދާ ކަލޭފާނު ދެންނެވިއެވެ. އެ ވާހަކަފުޅު ގަބޫލުކުރައްވައި އެގޮތަށް ވެސް ދިދައެއް ފައްސަވައިގެން ގެނެސްދެއްވުމަށް ރަންނަބަނޑޭރިކިލެގެފާނު ވިދާޅުވިއެވެ. އެގޮތަށް އެހެން ދިދައެއް ފައްސަވައިގެން ގެނެސްދެއްވިއެވެ. އޭގެފަހުން ބޮޑުންގެ ބައެއް ބޭފުޅުންނަށް ރަންނަބަނޑޭރި ކިލެގެފާނު އެ ދެ ދިދަ ދައްކަވައި ޤައުމީ ދިދައާއި ރަދުންގެ ދިދަ ރަސްމީ ކުރެއްވީއެވެ. 
ޤައުމީ ދިދައިގެ ހަނދުފަޅި ދިދަ ދަނޑިއާ ވީކޮޅަށް ދެ ތުނޑުހުންނަގޮތަށް ބޭނުންކުރަމުން އައިސް ހަނދުފަޅީގެ ދެ ތުނޑު ދިދަ ދަނޑިއާ ދުރަށްވާތަށް ބަދަލުކުރެއްވީ 21 ޖުލައި 1938 ގައި އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. އެއީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތަށެވެ. އޭރު ވެސް ދިދަ ދަނޑިއާ ކައިރި ފަރާތުގައި ދިދައިގައި ކަޅާއި ހުދުން ދަނޑިމަތި ހުރެއެވެ. އަލަށް ފަރުމާކުރެވުނު ދިވެހި ދިދަ އެންމެ ފުރަތަމަ ބޭނުންކުރެއްވީ ޝަމްސުއްދީން ރަދުން ހިތްޗަށް ވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ އޮފީސްތަކުގައި ޤައުމީ ދިދަ ނަގަން ފެށުމުގެ ގޮތުން އެންމެ ފުރަތަަމަ ދިދަ ނެގުނީ މުލީއާގޭގައެވެ. އެއީ 6 އޯގަސްޓް 1945 ގައެވެ. 

 ދިވެހިރާއްޖޭގެ ޤައުމީ ދިދައިގައި ހުންނަ ކަޅާއި ހުދުކުލައިގެ ދަނޑިމަތި ދިދައިން ނަގައި، މިހާރުގެ ގޮތަށް ދިދަ ބަދަލުކުރެއްވީ ވަޒީރުލްއަޢުޡަމް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރެވެ. އެއީ ދިވެހިރާއްޖެއަށް 1965 ޖުލައި 26 ވަނަ ދުވަހު މިނިވަންކަން ލިބި، އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެވުމާ ގުޅިގެން އދ.ގެ މައި މަރުކަޒުގައި ދިވެހި ދިދަ ނެގުމަށްޓަކައެވެ. ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުނީ 21 ސެޕްޓެންބަރު 1965 ގައެވެ. ދިވެހި ދިދައަށް އެންމެ ފުރަތަމަ ގެނެވުނު އިސްލާހުގެ ގޮތުގައި ވަޒީރުލް އަޢުޡަމްގެ އޮފީހުން 26 ސެޕްޓެންބަރު 1965 ގައި ކުރެއްވި އިޢުލާނުގައި ދިވެހި ދިދައަކީ ރަތާއި، ފެއްސާއި، ހުދުގެ މައްޗަށް އެކުލެވިގެންވާ ދިދައެއްކަމަށް ވަޒީރުންގެ މަޖިލިހުން ކަނޑައެޅުއްވިކަން އިޢުލާންކުރެއްވިއެވެ. ދިވެހި ދިދައިގައި ކުރިން ހުރި ކަޅާހުދުގެ ދަނޑިމަތި ނެގުމަށްފަހު މިހާރު ދިވެހި ދިދަ ހުންނަގޮތަށް އދ.ގެ މައި މަރުކަޒުގައި ދިވެހި ޤައުމީ ދިދަ ނެގުނީ 12 އޮކްޓޫބަރު 1965 ގައެވެ. 
 
ދިވެހި ޖުމްހޫރިއްޔާގެ މިހާރުގެ ޤާނޫނު އަސާސީގައި ވާގޮތުން ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގު އަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި، މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ. ޤައުމީ ދިދައިގެ ފުޅާ މިނަކީ އޭގެ ދިހުމުގެ ތިންބައިކުޅަ ދެބައެވެ. 
 
ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ކޮންމެ ކުލައަކުންވެސް ކަންތައްތަކެއް ރަމްޒުކޮށްދެއެވެ. ރަތް ކުލައިން ރަމްޒުކޮށްދެނީ މި ޤައުމުގެ މިނިވަންކަމަށް ޓަކައި ލެއާއި ފުރާނައިން ޤުރުބާންވި ދިވެހި ދަރީންގެ އަގުމާތް ޤައުމީ ޚިދުމަތެވެ. ފެހި ކުލައިން ރަމްޒުކޮށްދެނީ މި ލޮބުވެތި ވަަޠަންގެ ޞުލްޙަ މަސަލަސްކަމެވެ. ހުދުކުލަ ނުވަތަ ހުދު ކުލައިގެ ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހީންގެ އަޤީދާއެވެ. ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމެވެ. 
 
ކޮންމެ ޤައުމެއްގައި ވެސް ޤައުމީ ދިދަ އަށް ދެވިފައިވަނީ ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެކެވެ. ވަރަށް ބޮޑު ޝަރަފަކާއި ޢިއްޒަތެކެވެ. ދިދަ ނަގާއިރު އެހެން ހުރިހާ ދިދައަކަށްވުރެ ކުރިން ނަގަނީ ޤައުމީ ދިދައެވެ. ތިރިކުރާއިރު ޤައުމީ ދިދަ ތިރިކުރާނީ އެންމެ ފަހުންނެވެ. ދިދަ ނަގާއިރު ނަގަނީ އަވަހަށެވެ. ދިދަ ތިރިކުރާއިރު ތިރިކުރަނީ ލަސްލަހުންނެވެ. ގިނަ ޤައުމުތަކެއްގެ ޤައުމީ ދިދަ އެއްތަނެއްގައި ހުންނައިރު ހުންނަނީ އެއް އުސްމިނެއްގައި، އެއް ސައިޒެއްގައެވެ. އެކަމަކު އެ ރަސްމިއްޔާތެއް އޮންނަ ޤައުމުގެ ދިދައަށް އިސްކަން ދިނުމުގެ ގޮތުން އެ ދިދައަށް ދިދަ ތަކުގެ މެދުން ޖާގަ ދެވެއެވެ. ޤައުމީ ދިދަ ނަގާ ދަނޑިއަކަށް އެހެން ދިދައެއް ނުނަގައެވެ. މަޖުބޫރު ހާލަތެއްގައި އެގޮތަށް ނަގަން ޖެހުނަސް ޤައުމީ ދިދަ ހުންނަނީ އެންމެ އުހުގައެވެ. ޝަރަފުގެ ހިނގާލުންފަދަ ރަސްމީ އިޙްތިފާލު ތަކުގައި ޤައުމީ ދިދަ ހުންނަނީ އެންމެ ޝަރަފުވެރި މަޤާމުގައެވެ. ދެ ދިދަ ހުންނަ ނަމަ ކަނާތް ފަރާތުގައެވެ. އެއަށްވުރެ ގިނަ ދިދަ ހުންނަ ނަމަ މެދުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލަނީ އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ.
 
ޤައުމީ ދިދައިން އެ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދެއެވެ. އެ ޤައުމެއްގެ ޝާނާއި ޝައުކަތު ދައްކުވައިދެއެވެ. އެއީ ކޮން ބައެއްކަމާއި އެ ބައިމީހުންގެ އަޤީދާ އާއި ޤައުމިއްޔަތާއި ޢަޒުމް ބުނެދެއެވެ. ކޮންމެ ޤައުމެއްގައިވެސް ޤައުމީ ދިދައެއް އޮންނަނީ އެހެންވެގެންނެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...