Tuesday, March 24, 2020

ދިވެހިންނަށް މާތްﷲގެ ރަޙުމަތްފުޅުގެ ބޮޑުކަމާ!

 


ޢަބްދުﷲ ސަޢީދު

 

ކޮރޯނާ ވައިރަސް ޑިޒީޒް 2019 (ކޯވިޑް 19) ދުނިޔޭގައި ބާރަށް ފެތުރެމުން ދާއިރު މި ނުރައްކާތެރި ބަލި، ރާއްޖެއަށް ވެސް ވަނީ ފޯރާފައެވެ. އެހެންނަމަވެސް މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ދިވެހިންގެ ތެރޭގައި ކޮންޓްރޯލް ނުވެ ފެތުރިގެންނެއް އަދި ނުދެއެވެ. ރާއްޖެއާ އަޅާބަލާއިރު ހުރިހާ ގޮތަކުން މާ ފުދުންތެރި ބައެއް ޤައުމުތަކަށް ވެސް މި އާލަމީ ވަބާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވަނީ ނުކުޅެދިފައެވެ. އޭގެ ބައެއް ޤައުމުތަކުން އެތައް ސަތޭކަ ބަޔަކު ދުނިޔެ އަޅާ ހިނގައްޖެއެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކުން އަންނަނީ މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވަމުންނެވެ. މި ވަގުތަކީ އަޅުގަނޑުމެން ﷲ އަށް ޙަމްދާއި ޝުކުރުކޮށް ސަބަބުތަކުގައި ހިފަހައްޓައިގެން ދައުލަތުގެ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ދާންވީ ވަގުތެވެ. ނިޢުމަތްތަކަށް ޝުކުރު ކުރުމަކީ ނިޢުމަތްތައް އިތުރުކޮށް ދެއްވާނެ ކަމެކެވެ.

 

ވިސްނަވާށެވެ. އަޅުގަނޑުމެންގެ އޮތީ ކޮން މޮޅުކަމެއް ހެއްޔެވެ. މި ބަލީގެ މީހަކު ފުރަތަމަ ރާއްޖެއިން ފެނުނު ހާލަތަށް ބައްލަވާށެވެ. އެއީ އެ މީހާ ނޫނަސް އެތައް ބައެއްގެ ފަރާތުން އެގޮތަށް މި ބަލި ރާއްޖެ އައުމަށް އޮތް ފުރުސަތެއް ނަމަވެސް އެކަން އެހެން ހިނގާފައެއް ނުވެއެވެ. އަޅުގަނޑުމެންގެ ފެންވަރުން އެޅުނު ފިޔަވަޅުތައް ރަނގަޅީއެވެ. އެއަށްވުރެވެސް، އަޅުގަނޑުމެންނަށް ﷲ ގެ ރަޙުމަތްފުޅު ބޮޑީއެވެ.

 

ރާއްޖެ އައުމަށްފަހު ފުރައިގެން ދިޔަ ފަތުރުވެރިއެއް ކޯވިޑް 19 އަށް ފައްސިވީކަން އެގުނީ އޭނާ ޤައުމަށް ގޮސް އެކަން އެންގީމައެވެ. އޭރު އޭނާވަނީ އެތައް ބަޔަކާ ބައްދަލުވެފައެވެ. އޭނާހުރި ރިސޯޓާއި ދަތުރުފަތުރުކުރި އުޅަނދުފަހަރާއި ވައިގެ ބަނދަރާއި އޭނާ މާލޭގައިހުރި ހޮޓަލާއި ދިޔަ ތަންތަނުންނެވެ. ރިސޯޓުން ފަސް މީހަކު ފައްސި ވިޔަސް، އޭނާއާ ސީދާގޮތުން ބައްދަލުވެ މުއާމާތްކުރި ހުރިހާ ފަރާތްތަކެއް ހޯދައި ޓެސްޓް ކުރެވުނުއިރު އެހެން އެންމެން ވަނީ ނައްސި (ނެގެޓިވް) ވެފައެވެ. މިއީ ﷲ ގެ ހެޔޮ ރަޙުމަތްފުޅު ނޫން ކޮން ކަމެއްތޯއެވެ. އެ ރިސޯޓަށް ފެތުރި އަދި އެ ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން މީހުން އުޅޭ އެހެން ރަށްރަށް ފެތުރުމަށް އޮތް ފުރުސަތުގެ ބޮޑުކަން ތަސައްވުރު ކުރައްވާށެވެ.

 

އޭރު ވެސް ސަރުކާރުން ގެންދެވީ ހާލަތާއި ވަގުތަށް ބައްލަވައި އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެ ހާލަތުގައި އެންމެން މުހިންމު ފިޔަވަޅެއްގެ ގޮތުން ފާހަގަކުރެވެނީ ދުނިޔޭގައި ބޮޑަށް ބަލި ފެތުރެމުންދިޔަ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވުމާއި، އެ ޤައުމުތަކަށް ދިވެހިން ދިއުން މަނާ ކުރެއްވުމެވެ. އަދި އެ ޤައުމުތަކުގައި ބަންދުވެފައިތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގައި ސަރުކާރުން ހަރުދަނާ އުސޫލެއް ގެންގުޅުއްވިއެވެ. ރާއްޖޭގެ ހުރިހާ ދޮރުއަށިތަކެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރެއްވިއެވެ. ރާއްޖެއިން ބަލި ފެނިއްޖެނަމަ ދެން ކަންތައްތައް ކުރަންވީ ގޮތްތަކުގެ ޕްލޭންތައް ހެއްދެވިއެވެ.

 

ބައްޔަށް ޝައްކުވާ މީހުންނާއި ބަލިވާ މީހުން އެކަހެރިކޮށް އަދި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އޭރު ރާއްޖޭގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތެވެ. ފުރަތަމަ ޝައްކު ކުރެވުނު މީހާގެ ސާމްޕަލް ވެސް ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށެވެ. ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި އެ ބައްޔަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސެވިއެވެ. އޭރުވަނީ ޤައުމީ ފެންވަރުގައި ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރައްވާފައެވެ. ދައުލަތުގެ ކަމާބެހޭ ހުރިހާ ދާއިރާތަކެއް ގުޅިގެން ވަނީ ތެދުވެފައެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ވަނީ އުފައްދަވަފައެވެ. ހާލަތަށް އަންނަ ބަދަލުތައް ބަލައި ދިރާސާކޮށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ދަނީ އަޅުއްވަމުންނެވެ.

 

ސަބަބުތަކުގައި ހިފައިގެންތިބަވައި، ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމަކީ މި ބޮޑު ބަލިމަޑުކަމުން އަޅުގަނޑުމެން ސަލާމަތްކޮށް ދެއްވުން އެދި ﷲ ތަޢާލާއަށް ދުޢާ ދެންނެވުމަށް ދެއްވި އިސްކަމެވެ. ނަމާދުތަކުގައި ޤުނޫތު ކިޔުމަށް ހަމަޖެއްސެވިއެވެ. ފުރަތަމަ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައެވެ. ފަހުން ހުރިހާ ނަމާދެއްގައެވެ. ﷲ އަށް ދުޢާކުރުމުގެ އަޑުން ރަށްތައް ދިޔައީ ކޮންމެ ނަމާދު ވަގުތެއްގައި ގުގުމަމުންނެވެ. ނިކަމެތިކަމާއެކު، އަސަރާއި، އާދޭހާއި، މަޑުމޮޅިކަމާއެކު އެހެންނަމަވެސް ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު ދިވެހިން ދިޔައީ އިބުތިހާލުވެ ދުޢާ ކުރަމުންނެވެ. އެ ބަލި ދުނިޔެއަށް ތަޢާރަފުވިތާ ތިން މަސް ވީއިރު ދިވެއްސަކު ފައްސިއެއް ނުވެއެވެ. ރާއްޖެއިން އެ ބަލި ފެނުނު މީހުންގެ ހާލު ވެސް ﷲ ގެ ރަހުމަތްފުޅުން ރަނގަޅެވެ. ބައްޔަށް ޝައްކު ކުރެވިގެން އެތައް ބަޔަކު ޓެސްޓް ކުރެވުނުއިރު ގިނަބަޔަކު ވަނީ ނައްސިވެފައެވެ. ﷲ ގެ ރަޙުމަތްފުޅުގެ ބޮޑުކަމާއެވެ.

 

މިއަދު ކަމާބެހޭ ފަރާތުން އިލްތިމާސް ކުރަނީ މީހުން އެއްވެ އުޅުން ހުއްޓާލައި ބޭރުތެރޭގައި އުޅުން މަދުކޮށް ގޭގައި މަޑުކުރުމަށެވެ. މާލޭ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދު ކުރުން ވެސް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. މިސްކިތްތަކަށް ޖަމާޢަތަށް ނަމާދަށް ދިއުމަށް އެންމެ ބޮޑަށް ބާރުއަޅައި ވާހަކަ ދައްކަވަމުން ގެންދެވި ދީނީ ޢިލްމުވެރިން ދެއްވި މި ނަސޭހަތް ވެސް އަޅުގަނޑުމެން މިތިބީ ބަލައިގަނެގެންނެވެ. އެހެންނަމަވެސް ދުޢާކުރުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ގެތަކުގައި އާއިލީ ޖަމާއަތްތައް ހަދައި ނަމާދު ޤާއިމުކުރަން ޖެހެއެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.

 

މިއީ ކުޑަކުޑަ އެހެނަސް މިނިވަން ޤައުމެކެވެ. މީސްކޮޅު މަދު، ފުދުންތެރިކަން ކުޑަ، އެހެންނަމަވެސް ސައްތައިންސައްތަ އިސްލާމީ ޤައުމެކެވެ. ހުރިހާ ކަނޑުތަކަކާ ގުޅިފައިވާ ބިޔަ ހިންދުކަނޑުގައި އޮތް ބިންތިރި ޤައުމެކެވެ. އެހެން ކަނޑުތަކުން ފެންނަ ނުރައްކާތެރި ތަކެއްޗާއި ވިހަގަދަ ތަކެއްޗަށް ރާއްޖޭގޭގެ ސަރަޙައްދަށް އައިސް ވަޒަންވެރިވެގެނެއް ނޫޅެވެއެވެ. ތޫފާނުތަކާއި ޤުދުރަތީ ކާރިސާތަކުން އަޅުގަނޑުމެން ސަލާމަތްވެގެން މިތިބީ ކޮން ފަރާތެއްގެ ބާރުގައި ހެއްޔެވެ. ދުނިޔޭގެ އެހެން ޤައުމުތަކުންނާއި ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން އަޅުގަނޑުމެން މި ލޮބުވެތި ޤައުމަށް ކުރާ އިހުތިރާމާއި ދޭ މަދަދާއި އެހީއަށް ބަލާށެވެ. އަޅުގަނޑުމެން ކުރާ ކަމަކީ ސަބަބުތަކުގައި ހިފައިގެން ކުރިއަށްދިއުމެވެ. ދިމާވާ ކޮންމެ ބޮޑުކަމެއްގައި ސަރުކާރަށް ހުރިހާ ރައްޔިތުން އެއްބާރުލުންދީ އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމެވެ. ﷲ އަށް ވަކީލުކޮށް އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުން އަޅުގަނޑުމެންނަށް އަބަދުވެސް ކުރިއަށްވުރެ މާ އުފާވެރި ދުވަހަކަށް މަރުޙަބާ ކިޔެއެވެ. ﷲ ގެ ރަޙުމަތްފުޅުގެ ބޮޑުކަމާއެވެ.

No comments:

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)

  ޢަބްދުﷲ ސަޢީދު  ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަ...