ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެއިން ހިމަބިހި ނުފެންނަތާ ތިން އަހަރުވުމަށްފަހު ހިމަބިހި ޖެހިފައިވާ ކުއްޖަކު ވަނީ ފެނިފައެވެ. މި ކުއްޖާ ފެނުނުއިރު ވެކްސިން ފުރިހަމަ ނުކުރެވިވާކަން ވަނީ ފާހަގަކުރެވިފައެވެ. ދަރިންގެ ވެކްސިން ކާޑުތައް ނަގައި ބަލާލުން ރަނގަޅު ދަނޑިވަޅެކެވެ.
ޓީވީތަކުން ޑޮކްޓަރުންނާއި ދީނީ ޢިލްމުވެރިން ވެސް ވެކްސިން ޖެހުމަށް ބާރުއަޅާ ވާހަކަ ދައްކަވާ ކްލިޕްތަކެއް ފޮނުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމަށް ޤާނޫނުން މިދިޔަ އަހަރު ލާޒިމު ވެސް ކޮށްފިއެވެ. ވެގެން މިއުޅޭގޮތެއް މާބޮޑަކަށް ނޭނގެއެވެ. އެކަމަކު ވެކްސިން ޖެހުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބަޔަކު ވާހަކަ ދައްކާތީ ފެނެއެވެ.
އެހެންވެ އަވަސްއަވަހަށް މި ބަލާލީ ތަފާސް ހިސާބުތަކެވެ. ކަމަކު ދާކަށްނެތެވެ. ދިވެހިން ދާތީ ފެންނަނީ ވެކްސިން ޖެހުމާ ދުރަށެވެ. ހައިރާން ވެ އަންތަރީސް ވިއެވެ.
ހެލްތު މިނިސްޓްރީން 2019 ވަނަ އަހަރު ނެރުނު "މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ" އިން ދައްކާ ގޮތުގައި ރާއްޖޭގައި ވެކްސިންތައް ފުރިހަމަނުކުރާ ކުދިންނާއި، އެއްގޮތަކަށް ވެސް ވެކްސިން ނުޖަހާ ކުދިން ދަނީ އިތުރުވަމުންނެވެ. 2009 އާ އަޅާބަލާ އިރު، 1 އަހަރާއި 2 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، ވެކްސިންތައް ފުރިހަމަނުކުރާ ކުދިންގެ އަދަދު 16 އިންސައްތައަށް އިތުރުވެއްޖެއެވެ. އަދި އެއްގޮތަކަށް ވެސް ވެކްސިން ނުޖަހާ ކުދިން ވަނީ 8 އިންސައްތަ އިތުރުވެފައެވެ.
މިހެން މިވަނީ ކީއްވެގެން ބާވައެވެ. އަޅުގަނޑުމެންނަށް ކޮންކޮން ބަދަލުތަކެއް އަންނާތީ ބާވައެވެ.
ވެކްސިން ޖެހުމަށް ގިނަ ފަރާތްތަކުން ދެކޮޅު ހަދަނީ ދީނީ ގޮތުންނާއި ޞިއްޙީގޮތުން ވެސް ޞައްޙަނޫން މަޢުލޫމާތު ލިބިފައި ހުންނާތީ ކަމަށް ހީވެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް ރަނގަޅަށް ވިސްނައިނުލައި ނުވަތަ ބަލައިނުލައި ޤަބޫލުކޮށްލާ މީހުން ވެސް ގިނައީ ތޯއްޗެކެވެ.
ރާއްޖޭގައި 1967 ވަނަ އަހަރު ވެކްސިން ދޭން ފެށިކަމަށް ވެއެވެ. އެކަމަކު މުޅި ރާއްޖެއަށް އަމާޒުކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ހިންގީ 1976 ވަނަ އަހަރުއެވެ.
އޭގެފަހުން ރާއްޖެ އިން ވަނީ، "ޔުނިވާސަލް އިމުނިޒޭޝަން"ގެ އަމާޒު 1989ގައި ހާސިލްކޮށްފައެވެ. މާނައަކީ ވެކްސިން ލިބިފައިވާ ކުދިންގެ އަދަދު ހުންނަން ޖެހޭ މިންވަރަށް ދިވެހިން ދަތުރުކުރީއެވެ. މިއީ އޭގެ 31 އަހަރު ފަހެވެ. ކުރިން ދިވެހިންގެ ތެރޭގައި ފެތުރެމުންދިޔަ ނުރައްކާތެރި އެތައްއެތައް ބައްޔަކުން ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން މިތިބީ ރައްކާތެރިވެގެންނެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ވެކްސިން ދިނުންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެކަމަކު އަޅުގަނޑުމެން ދިވެހިން މިދަނީ ވެކްސިން ޖެހުމާ ދުރަށެވެ.
No comments:
Post a Comment