Thursday, March 12, 2020

ޝުކުރުގެ ޖިޒީއެއް

 


ޢަބްދުﷲ ސަޢީދު

 

ޞިއްޙީ ޚިދުމަތަކީ އެންމެ މުހިންމު އިންސާނީ ޚިދުމަތެވެ. ޞިއްޙީ ޚިދުމަތްތެރިންނަކީ ބަލިތަކާ ހަނގުރާމަ ކުރަމުންދާ ބަލި މީހާގެ އެންމެގާތް މަދަދުގާރުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ލެބޯޓްރީތަކުގައި މަސައްކަތްކުރާ މީހުންނާއި ބޭސްފިހާރަތަކުގައި މަސައްކަތްކުރާ މީހުން ވެސް ހިމަނައިގެންނެވެ. އެންމެހާ ޚިދުމަތްތެރިންނަށް ފަށްފަށުން ޝުކުރިއްޔާއެވެ. އަރިސް ކުރަނީ ޝުކުރުގެ ޖިޒީތަކެވެ.

 

މިއީ ޞިއްޙީ ޚިދުމަތްތެރިންގެ ޚިދުމަތުގެ މުހިންމުކަން ތަސައްވުރުކޮށްލަން ފަސޭހަ ހާލަތެކެވެ. ކޮވިޑް 19، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދުނިޔޭގެ ބޮޑު ބަލިމަޑުކަމެއްގެ ދަރަޖައަށް 12 މާރިޗު 2020 ގައި ގިންތިކޮށްފިއެވެ. މާނައަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ފަސޭހައިން މި ބަލި ޖެހުމުގެ ފުރުސަތު މިހާރު އެބައޮތެވެ. މުޅި ދުނިޔެ ހާސްކަމުގެ ތެރެއަށް ވައްޓާލި ކޮރޯނާ ވައިރަސްގެ މި އައު ވައްތަރާ ދެކޮޅަށް އެންމެ ބޮޑު ގުރުބާނީއެއް ވަނީ ކޮންމެ ޤައުމެއްގައި ވެސް ޞިއްޙީ ޚިދުމަތްތެރިންނެވެ.

 

އާންމުކޮށް ވެސް ޞިއްޙީ ޚިދުމަތަކީ އެކަމުގައި އިންތިހާ ދަރަޖައަށް ނުރައްކަލާއި ހިރާސް އޮތް ޚިދުމަތެކެވެ. ޚާއްޞަކޮށް ބޮޑެތި ބަލިމަޑުކަން ފެތުރޭ ދުވަސްވަރުގައެވެ. ރާއްޖޭގައި ކޮލެރާއާއި ޝިގެއްލާ ފެތުނުއިރު ފެނުނީ މަންޒަރެވެ. މެލޭރިއާ އާއި ޓީބީއާއި ޖުޒާންބަލިން އަރައިގަތުމަށް ކުރި މަސައްކަތުން ވެސް މިކަން ފާހަގަވިއެވެ. ޞިއްޙީ ޚިދުމަތްތެރިންގެ އެތައް ބަޔަކު އެ ބަލިބަލީގެ ޝިކާރައަކަށްވީ ބަލި މީހުންގެ ޚިދުމަތުގައި އުޅުމުގެ ސަބަބުންނެވެ.

 

"އަޅުގަނޑަކީވެސް އެއްދުވަސް ވަރެއްގައި ތިޔަކަމުގައި އުޅުނު މީހެއްކަމުގައި ވާތީ އަމިއްލަ ތަޖުރިބާއާއި އެކު ތިޔަވާހަކަ ފުޅަށް ތާއީދު ކުރަމެވެ. އޭރު އަޅުގަނޑުމެންގެ ތެރޭގައި މެލޭރިއާ ނައްތާލުމުގެ މަސައްކަތުގައި އުޅެ މެލޭރިއާ ޖެހިގެން އެތައްބޭހެއްކައިއެހާވޭންއުފުލި މީހުންނާއި ޓީބީގެ މަސައްކަތުގައި އުޅެ ޓީބީޖެހި އެކަމުގައި އެތައް ދުވަހަކު އުޅުނު މީހުން ތިއްބެވެ. ޖުޒާމްބަލީގެ ކަންތަކުގައި އުޅެ ޖުޒާމްބަލި ޖެހި ފައި ތިއްބެވެ. ކޮލެރާ، އަދި ޝިގެއްލާގެ ދުވަސްވަރު ހާލުބޮޑުވި މީހުން އުޅުނެވެ." ކަނީރު ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

 

ޞިއްޙީ ޚިދުމަތްތެރިންގެ ޚިދުމަތުގެ މުހިންމު ކަމާބެހޭގޮތުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ފޭސް ބުކުގެ ވޯލްގައި ލިޔުއްވި އިޚްލާޞްތެރި ހެޔޮ ބަސްފުޅަކަށް ޚިޔާލު ފާޅުކުރައްވަނުން ކަނީރު ދެން ލިޔުއްވި ވާހަކައަކީ "ޞިއްޙީ ކޮންމެޚިދުމަތަކީ ފުރާނަ އަތްމައްޗަށް ލައިގެން ކުރަންޖެހޭ

މުސާރަ ކުޑަ އަގުބޮޑު ޚިދުމަތެކެވެ."

 

ޝައްކެއްނެތެވެ. އެއީ އަގުބޮޑު ޚިދުމަތެކެވެ. މުސާރަ ލިބޭ ވަރެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ ކޮންމެ ވަރެއްގެ މުސާރައެއް ލިބުނަސް އެ މުސާރައަކަށް ވުރެވެސް އަގު ބޮޑު ޚިދުމަތެކެވެ. އެއީ މުސާރައަކުން ފައިސާއަކުން، ރަނަކުން ރިއްސަކުން އަގު ކުރަން އުޅުނަސް އަގު ނުކުރެވޭނެ އިންސާނީ ޚިދުމަތެކެވެ.

 

ޞިއްޙީ ޚިދުމަތްތެރިންނަކީ އެބައެއްގެ ޚިދުމަތް އެންމެ ބޭނުންވާ ހިނދު އެންމެގާތުން ޚިދުމަތްދޭ ބައެކެވެ. ކެތްތެރި ހިތްވަރުގަދަ ކެރޭ ބައެކެވެ. އެކަމަކު އެއީ ޢަމަލީޝުކުރު އެންމެ ނުލިބޭ މީހުންނެވެ. ގިނަ ފަހަރަށް ނޫސް ތަކުން ވެސް ފެންނާނީ އެ ޚިދުމަތްތެރިންގެ އަގުވެއްޓޭ ފަދަ ޚަބަރުތަކެވެ. އެބޭފުޅުންގެ ޕްރޮފެޝަނަލިޒަމާމެދު ޝައްކާއި ސުވާލު އުފައްދާފައި ހުންނަ ރިޕޯޓްތަކެވެ. އެ ލިޔުންތަކަށް ކޮމެންޓްކުރާ މީހުން ވެސް ދެކޮޅެއް ނުބަލާނެއެވެ. ހިތަށްއެރި އެއްޗެއް ލިޔެ ނަގާނެއެވެ.

 

އެއީ ހަމަ އެއްވެސް އެއްޗެއް ދަންނަ ބަޔަކަށް ނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މާމޮޅެވެ. ބަލިވެސް ބޭސްވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމަކު އާޚިރުގައި އޮބިނޯންނަ ވަރު ވުމުން ނަމަވެސް އެ ބޭފުޅުންގެ އަރިހަށް ދާން އެބަޖެހެއެވެ. ހަގީގަތަކީ މިއީ ނޫންތޯއެވެ.

No comments:

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)

  ޢަބްދުﷲ ސަޢީދު  ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަ...