ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެއަކީ މީގެ ކުރިންވެސް ވަބާތަކާއި ބަލާއާފާތްތަކާއި ޤުދުރަތީ ވަރަށް ނުރައްކާތެރި ކާރިސާތައް ވެސް ތަޖުރިބާ ކޮށްފައިވާ ޤައުމެކެވެ. ދިވެހިރާއްޖޭގެ ކުޑަކަމާއި ފަގީރުކަމާއި ނިކަމެތިކަމާއެކު ވެސް އެއިން ކޮންމެ ފަހަރަކު ﷲގެ ވާގިފުޅާއެކު މި ޤައުމާއި ރައްޔިތުންނަށް އަމާން ބަނދަރަކަށް ދަތުރުކުރެވުނެވެ.
ދިވެހި ތާރީޚު ޖަހަންފަށާފައިވަނީ ރާއްޖެ އިސްލާމުވި ހިސާބުންނެވެ. ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ މާލެއަށް އަރާ ޖިންނި ފުރޭތައެއްގެ ވާހަކައިންނެވެ. އެއީ ފުލޯކު ވާހަކައަކަށް ވިޔަސް އެ ބޮޑު މުސީބާތުން ދިވެހިން ނަޖާކޮށް ދެއްވައި، އިސްލާމީ ނޫރު މި ފަސްގަނޑުގައި ފެވިގެން ދިޔުމުގައި އަޅުގަނޑުމެން ދިވެހިން އިސްވެކުރި މޮޅުކަމެއްގެ ވާހަކައެއް އެ ފޯކްލޯރަކު ވެސް ނާދެއެވެ.
ދިވެހިރާއްޖެ ޣައިރު ދީނުން އިސްލާމް ދީނަށް އެނބުރުމަށްފަހު މި ބިމުގައި ﷲ ގެ ކިބަފުޅަށް ފިޔަވައި ދިވެހީން ސަޖިދަކޮށްފައެއް ނުވެއެވެ. މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމެކެވެ. ކުރިން އަޅުކަންކުރި ތަކެއްޗާއި ތަންނަން ނައްތާލާފައިވަނީ ދުރުގައިތިބެ ގަލާއިވެލި އުކައިގެންނެވެ. އަދި އިސްލާމު ދީނާ ދެކޮޅަށް އައި ކޮންމެ ބާރަކާ ދެކޮޅަށް ދިވެހިން ތެދުވެފައިވަނީ ދިވެހިންގެ އަތުގައި އެބައި މީހުންނަށްވުރެ ސިފައިންނާއި ހަތިޔާރު ގިނަވެގެންނެއް ނޫނެވެ. ހަމަ އެހެންމެ މިކަމާމެދު ހިތުގައިޖެހޭ އެތައް ބާރުތަކަކަށް ގޮންޖައްސަވައި މި ކުޑަކުޑަ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ލަހައްޓަވާފައި ވަނީ ވެސް އަޅުގަނޑުމެން މޮޅުކަމަކުންނޫނެވެ.
ބޮޑު ވިއްސާރައާއި ބޮޑު ރޯގާއާއި ބޮޑުތަދުގެ އެތައްއެތައް ފަށްކުރުމެއް ދިވެހިން ވަނީ ތަޖުރިބާކޮށްފައެވެ. އެކިފަހަރު އެކި ވަރަށެވެ. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއިގެ ކޮންމެ ހާދިސާއަކުން ދިވެހިން ހީވެސް ނުކުރާ ކަހަލަ ގޮތްގޮތުން ސަލާމަތްވި ކަމެވެ. އެއިގެ ކޮންމެ އަޑިގަނޑަށްފަހު އުސްގަނޑެއް އައެވެ. އަނދިރި ކަމަކަށްފަހު، ކުރިއަށްވުރެ މާ އުފާވެރި ފަތިހަކަށް އަލިވިލުނެވެ.
ސުވާލަކީ މި ލޮބުވެތި ޤައުމަށް ދިމާވާ ހައްސާސީ ނުވަތަ ހުތޫރަތްތެރި ދަނޑިވަޅުތަކުގައި ދިވެހިން ބޭނުންކުރި ޖާދޫގެ އުންޑަ (މެޖިކް ބްލެޓް) އަކީ ކޮބައިތޯއެވެ. މިއަދު އެ އުންޑަވީ ކޮންތާކުތޯއެވެ. މިއަދު އެ އުންޑަ އެބަ އޮތްތޯއެވެ.
ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްވީ ޕޯޗުގީޒުންގެ އަޅުވެތިކަން ނިމިގެން ދިޔައީ ބޮޑުތަކުރުފާނު ޖެއްސެވި އުންޑައަކުންނެވެ. އެކަމަކު އެ އުންޑަ އަނދިއަނދިރިންގެ ވައިނޮޅި ފޫއަޅުވާލީ ﷲ އަކުބަރުގެ ނަޣަރާގެ އަޑާއެކުގައެވެ. ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވި ރޭ ދޮންބަންޑާރައިން ނަޣަރާކުރެއްވީ ވެސް ﷲގެ ކަލިމަފުޅެވެ. 1988 ނޮވެންބަރު ތިނެއްގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދީނާއި ޤައުމަށްޓަކައި ޖިހާދުކުރައްވައި ޝަހީދުވެ ވަޑައިގެންނެވިއިރު ކުރައްވާފައިވާ ހުވާ ކުރައްވާފައި ވަނީ ވެސް މާތްﷲ ގަންދެއްވައެވެ. މިއަދު މި ޤައުމުގެ ކަންކަމާ ހަވާލު ތިއްބެވި ހުރިހާ ވެރިންނާއި ސިފައިންނާއި ފުލުހުން ވެސް ހުވާކުރައްވައިގެން ތިއްބެވީ އެ ކަލިމަފުޅު ގަންދެއްވައެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ވެސް އިއުތިގާދަކީ އެއީއެވެ. ޝިފާ ދެއްވަނީ ﷲއެވެ. އެފަރާތްތައް ކުރަނީ މަސައްކަތެވެ. ދޮންބީފާނު ވާހަކައިގައި އޮވެއެވެ. "އަޅުންކުރާނީ މަސައްކަތެވެ. ރަޙުމަތް ލައްވާނީ ކަލާނގެއެވެ." އެއީ ދިވެހިންގެ އަޤީދާއެވެ.
ރާއްޖެއަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންނެވި ސައްޔާޙު އިބުނު ބަތޫތާ ވިދާޅުވެފައި ވަނީ ދިވެހިންނަކީ ޖިސްމާނީ ގޮތުން ބަލިކަށި ބައެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިންނަކީ ރޫޙާނީ ގޮތުން ވަރުގަދަ ބައެއް ކަމަށެވެ. ދުނިޔޭގެ އެކިއެކި ބާރުތަކާ ދެކޮޅަށް ދިވެހިން ކޮށްފައިވާ ހަނގުރާމަތަކާއި އެ ހަނގުރާމަތަކުން ދިވެހިންނަށް ލިބިފައިވާ ނަޞްރާއި ފަތަޙައިގެ ސިއްރު ބަޔާން ކުރައްވަމުން ލިޔުއްވާފައިވެއެވެ.
“އެއީ ތަޤުވާވެރި ދީންވެރި ބައެއް ކަމުގައެވެ. އަދި ހިތް ނިޔަތް ތެދުވެރި، އީމާންތެރި ރަނގަޅު ބައެއް ވެސް މެވެ. މިބައިމީހުން ކައިއުޅެނީ ޙަލާލު ތަކެއްޗެވެ. އަދި އެބައިމީހުންގެ ދުޢާތައް އިޖާބަ ވެގެންވިއެވެ.”
އަދިވެސް ލިޔުއްވައެވެ،
“މިރާއްޖޭގެ މީހުންނަކީ ހަޑި މުޑުދާރުކަމާ ދުރުހެލި، ސާފުތާހިރު ބައެކެވެ”.
ދިވެހިންގެ ހަތިޔާރަކީ ދުޢާއެވެ. ތެދުފުޅެކެވެ. މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ އެއީއެވެ.
ކޯވިޑު -19 އަކީ ވެސް މި ބިންމައްޗަށް އެހެން ބަލިތަކާއި އެ ބަލިތަކުގެ ފަރުވާ މިންވަރުކުރެއްވި މާތްﷲ ފޮނުއްވި ބައްޔެކެވެ. އެ ބަލި ޖެހުމަށް މެދުވެރިވާ ކޮރޯނާ ވައިރަހަކީ އަޅުގަނޑުމެން ވެސް ނެތުމުގެ ތެރެއިން އުފެއްދެވި ﷲ ތަޢާލާ އުފެއްދެވި މަޚުލޫޤެކެވެ. އެ ސޮރަށް ވެސް އެއަށް ކަނޑައެޅިފައިވާ ހައްދާއި ހުދޫދުން ބޭރުވެ ހިތުހުރި ގޮތަކަށް ނޫޅެވޭނެއެވެ. ދުނިޔޭގައި އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ކަން ހިނގަމުން މިދަނީ ﷲ އަޒަލުއްސުރެ ކަނޑައަޅުއްވައިފައިވާ ގޮތަށެވެ. އޭގެ ކުޑަ މިންވަރެއް ވެސް ތަފާތުވެ ފަރަގެއް ނުވާނެއެވެ.
ހަނގުރާމައެއްގައި އެއްވެސް ގެއްލުމެއް ނުވެ ކާމިޔާބާއި ނަޞްރު ލިބުމަކީ ނާދިރު ކަމެކެވެ. ހަނގުރާމައިގެ މައިދާނަށް ހަނގުރާމަވެރިޔާ ނުކުންނަކީ އެ ހަގީގަތް އެނގިހުރެއެވެ. މި ހަނގުރާމަ ވެސް އެފަދައެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު އަދި މިއަދުގެ ހަގީގަތަށް ވިސްނާއިރު ވެސް ދިވެހިން ގޮތް ހުސްވެ މާޔޫސްވާކަށް ނުޖެހެއެވެ. ދިވެހިންގެ އަތުގައި ދިވެހިންގެ ޖާދޫގެ އުންޑަ އެބައޮތެވެ. އެއީ ދިވެހިންގެ ވަރުގަދަ އިސްލާމީ އަޤީދާއެވެ. ސަބަބުތަކުގައި ހިފައިގެން ތިބެ ﷲގެ ޙަޟްރަތުގައި ކުރާ ދުޢާއެވެ. އެ ކަނލާގެ މަގަށް ރުޖޫޢަވެ އެނބުރި އަންނަން ވީއެވެ. ކުށް ފާފަތަކަށް ތައުބާވާންވީއެވެ. އަޅުގަނޑުމެންގެ ނަފުސުތައް އިސްލާހުކުރަންވީއެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އިސްލާމްދީނަށް ނަޞްރު ދޭންވީއެވެ. އޭރުން ދިވެހިންގެ ޖާދޫގެ އުންޑައިގެ ބާރު ފެންނާނެއެވެ. ތާރީޚުގައި ވެސް ދިވެހިންނަށް ދެއްވި ފަދައިން ނަޞްރު ދެއްވާނެއެވެ. ބަލާމުސީބާތްތަކާއި އާފާތްތަކުން ނަޖާކުރެއްވި ފަދައިން ނަޖާކޮށް ދެއްވާނެއެވެ. މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
No comments:
Post a Comment