Monday, March 30, 2020

މިސްކިތްތަކަށް ފޮތުނަމާއި ވަނަން

 


ޢަބްދުﷲ ސަޢީދު

 

މާވެޔޮ މިސްކިތް ވަރަށް ގިނަ ބަޔަކު ދަންނާނެއެވެ. އެކަމަކު މަސްޖިދިލް ބަހާއުއްދީނެއް ގިނަ ބަޔަކަށް ނޭނގެއެވެ. ބަންޑާރަ މިސްކިތަކީ ވެސް އެންމެން ދަންނަ މިސްކިތެކެވެ. އެކަމަކު އެ މިސްކިތުގެ ރަސްމީ ނަމެއް ގިނަ ބަޔަކަށް ނޭނގެއެވެ. އިސްލާމީ މަރުކަޒަށް ވެސް މިކަހަލަ ގޮތެއް ދިމާވެއެވެ. ހުޅުމާލޭގައި ވެސް ފޮތުނަމާއި ވަނަން އޮންނަ ދެ މިސްކިތެއް ހުރެއެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިހެން ދިމާވެފައި ހުރެދާނެއެވެ.

 

ރާއްޖޭގެ މިސްކިތްތަކަށް އަންޒަމާނުއްސުރެ ނަންކިޔެމުން އައިގޮތް ބައްލަވާށެވެ. ގައިމު ވެސް މާލޭގައި ހުރި ގިނަ މިސްކިތްތަކަށް ކިޔަމުން އައީ ދިވެހިވަންތަ ދިވެހި ނަންތަކެވެ. ހުކުރު މިސްކިތާއި އީދު މިސްކިތާއި ދަރުމަވަންތަ މިސްކިތާއި ކަޅުވަކަރު މިސްކިތާ ބިހުރޯޒު ކަމަނާ މިސްކިތާއި ފައިފުހޭ މިސްކިތާއި މިސްކިތާއި ޒިޔާރަތް މިސްކިތް ފަދަ ނަންތަކެވެ. މި ނަންތަކަކީ ނަން ބޯޑު ބޭނުންވާ ނަންނަމެއް ނޫނެވެ.

 

ކުރިއްސުރެ ވަކި ނަމެއް ކިޔާ ހަރުލާފައި ހުންނަ ވަކިކަހަލަ ތަންތަނަށް ކިތަންމެ ރީތި މޮޅު ނަމެއް ދިނަސް އެކަމެއް މީހުން ބަލައިގަންނާތީއެއް ނުފެނެއެވެ. ނޯތު ހާބަރަކީ އޭގެ މިސާލެކެވެ. މީރުބަހުރު ބަނދަރުގެ ނަން އެތަނަށް ދެވުނެވެ. އޭރު އެތަނަށް މީހުން އޮތީ ނަން ދީ ނިންމާފައެވެ. ފަހުން ފެނުނީ ފަރަންޖީ ނަމަކަށް ނަން ބަދަލުތަނެވެ.

 

މިސްކިތްތަކަށް ފަހުން ދީފައިހުރި ނަން ތަކަކީ ރާއްޖޭގެ ކުރީގެ ބައެއް ޚިދުމަތްތެރި ރަސްރަސްކަލުންނަށް ނިސްބަތްކޮށް ދީފައިވާ ނަންތަކެކެވެ. އެކަމުގެ ސަބަބުން އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ ޒިކުރާ އާކޮށް އާލާކުރުމުގެ މާތް ނިޔަތާއި މުހިންމު މަގުސަދު ގައެވެ. އެހެނަސް ފަހުން ނަން ދެއްވި މިސްކިތްތަކުގައި މިހާރު ހުރީ ފޮތުނަމާއި ވަނަމެވެ.

 

އިސްލާމީ މަރުކަޒަކީ މީގެ އެއް މިސާލެވެ. އިސްލާމީ މަރިކަޒުގައި ހުންނަ މިސްކިތުގެ ނަން ނިސްބަތްވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު ބޮޑު ތަކުރުފާނަށެވެ. އެ މިސްކިތުގެ ނަމަކީ މަސްޖިދިލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމެވެ. އެކަމަކު އެންމެން ހުކުރަށް ދަނީ އިސްލާމީ މަރުކަޒަށެވެ. ކަށުނަމާދަށް އިޢުލާން ކުރާއިރު މިސްކިތުގެ ނަމާއެކު އިސްލާމީ މަރުކަޒޭ ވެސް ބައެއް ފަހަރު ގޮވައެވެ. އާސަހަރާ މިސްކިތަކީ ވެސް ދެ ނަން އޮންނަ މިސްކިތެކެވެ. އެ މިސްކިތުގެ ނަން ކިޔާ ގޮތުން ހީވަނީ އެއީ "މަސްޖިދިލް ތަޢާވުން އާސަހަރާ މިސްކިތް" ހެންނެވެ.

 

މިސްކިތްތަކަށް ފޮތުނަމާއި ވަނަން ކިޔަނީ ވެސް އަޅުގަނޑުމެންނެވެ. އެކަން ރަނގަޅު ކުރަންޏާ ކުރަން ނުކުރަންޏާ މިގޮތުގައި ތިބެން ވެސް މި ތިބީ ހަމަ އަޅުގަނޑުމެންނެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...