Friday, May 24, 2024

ތަމްރީނު ހޯދުމަށްޓަކައި، އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ފޮނުވުނު ދިވެހި ސިފައިން

 

 ޢަބްދުﷲ ސަޢީދު

ދިވެހިސިފައިން ފުރަތަމަ އުފެދުނުއިރު ސިފައިންނަށް ހެވިކަމުގެ ތަފާތު އުކުޅުތައް އުގަންނައިދެއްވިއެވެ. އޭގެ ތެރޭގައި ބަޑިހެވިކަމާ، ކަނޑިއައްޑަނައިގެ އުކުޅުތަކާ މިފަދަ އެކިއެކި ޙަރަކާތްތައް ދަސްކޮށްދެއްވިކަމަށްވެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިފައިން އުމުރުން 50 އަހަރު ހަމަވިއިރު ސިފައިންގެ އާބާދީ އިތުރުވެ ސިފައިންނަށް އިތުރު ތަމްރީނު ބޭނުންވިކަން އޭރު ސަރުކާރު ހިންގަވަން ތިއްބެވި އިސް ބޭފުޅުންނަށް ޤަބޫލުކުރެއްވުމާ ގުޅިގެން ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އަލްއަމީރު ޙަސަންފަރީދު ދީދީގެ އަރިހުގައި ދިވެހި ސިފައިންގެ 13 ބޭފުޅަކު ސިލޯނަށް މިލިޓްރީ ތަމްރީނު ހޯދުމަށްޓަކައި ފޮނުއްވިއެވެ.  މިޓީމް މާލެއިން ފުރީ، ސަރުކާރުގެ ބޮޑުނާކޮޅު ”ބްރިގް އަޠިއްޔަތުއްރަޙްމާނު“ ގައި ހިޖުރައިން 1361 ރަބީޢުލް އާޚިރު 27 (މީލާދީން 1942 މޭ 14) ވަނަދުވަހުއެވެ. މިޓީމު ޕަންޖާބުގެ 16 ވަނަ ރެޖްމެންޓާ ޙަވާލުކުރެއްވިއިރު އެޓީމުގެ ވެރިއަކަށް އައްޔަން ކުރެއްވި ބޭފުޅަކީ އަންނަބީލް އިބްރާހިމް ޙަބީބުއެވެ. އޭނާގެ އެހީތެރިއަކަށް އައްޔަންކުރެއްވީ އައްސައްޔިދު ޢައްބާސް ޢަލީ (ސައްޔިދު ޢައްބާސް) އެވެ

.

ދިވެހި ސިފައިންނަށް ތަމްރީނުދިނީ ސިލޯނުގެ ޖަފްނާގައި އޭރުއޮތް ޕަންޖާބު ރެޖްމެންޓްގެ ތެރޭގައެވެ. މިޓްރޭނިންގ ގައި ސިފައިން ދަސްކުރެއްވި ހުނަރުތަކަކީ، ގާރޑުގެ ތަފާތު ޙަރަކާތްތަކާ ހަނގުރާމަތެރޭގައި ދިފާޢުވެވޭނޭ ގޮތްގޮތެވެ. އޭގެތެރޭގައި ފިސްތޯލައާއި އެކިކަހަލަ ބަޑި ބޭނުންކުރާނެގޮތާއި ގޭސްމާސްކް ބޭނުންކުރުމާއި ދުސްމަނުންހޯދަން ކުރާނެ ކަންކަމެވެ. ނުވަތަ މަސައްކަތްތަކެވެ.

ދިވެހި ސިފައިންގެޓީމް ތަމްރީނު ގައި ހޭދަވި 1 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސިފައިންގެ ފަރާތުން ދެއްކެވި ކިޔަމަންތެރިކަމާއި، ކަމަށް ކަމޭހިތުމާއި، އުގެނުމަށް ހުރި ޝައުޤެއްގެ ބޮޑުކަމުން، އެކަން ފާހަގަ ކުރެއްވިގެން އެދުވަސްވަރު އެތަނަށް ޒިޔާރަތްކުރެއްވި، ސައުތު އީސްޓް އޭޝިޔާގެ ސްޕްރީމް އެލައިޑް ކޮމާންޑަރ ލޯޑްމައުންޓް ބެޓްން އާއި ބައްދަލުކުރުމުގެ ރަންފުރުސަތު ދިވެހި ސިފައިން ހިތްވަރުގަދަ ޖެހިލުންކުޑަ ފަހުލަވާނުންނަށް ލިބުނެވެ. އެއީ ސިފައިންގެ ނަމަށް އެބޭފުޅުން ހޯއްދަވައިދެއްވި ވަރަށް މަތިވެރި ޝަރަފެކެވެ. ސިފައިންގެ މިޝަޚުސް ގައި، ފަނޑުކަމެއްނާންނާނެގޮތުގައި އެބޭފުޅުންގެ މަތިވެރި ހިންމަތާމިންނަތުން އަޅުވައިދެއްވި ރަނުގެތާޖެކެވެ.

ދިވެހި ސިފައިންގެ ހިތްވަރާއި ފަންވަރު ބޭރުދުނިޔޭގައި ތަމުސީލުކޮށްދެއްވި މި 13 ސިފައިންގެ ބޭފުޅުންގެ ތެރެއިން މިތަމްރީނުތަކުގައި ޚާއްޞަ ކުރިއެރުމެއް ލިބިވަޑައިގެންނެވި 3 ބޭފުޅަކު ވާކަން ފާހަގަ ކުރެވިގެން ދިޔައެވެ. އެއީ އަލްފާޟިލް ނައިބުގޭ ޅަހުއްތު އާއި، އަލްފާޟިލް ޅަރީތި ދޮންތުއްތު އާއި އަލްފާޟިލް ބަންދު މުޙަންމަދު ފުޅު ( ފަހުން ބަންދު މުޙަންމަދު ކަލޭފާނު) އެވެ. މީގެ ތެރެއިންވެސް ނާއިބުގޭ ޅަހުއްތުއަކީ ޕަންޖާބު ރެޖްމެންޓްގެ 16 ވަނަ ޕްލެޓޫނުގެ މެޝިންބަޑި ޖެހުމުގައި އެންމެ ޚާއްޞަ ބޭފުޅަކަށް  ހޮވިވަޑައިގެންނެވި ފަޚުރުވެރި ދިވެހި ސިފައިންގެ ފަހުލަވާނެވެ.

މިޓީމުގެ އެންމެހާބޭފުޅުންނަކީ އަންނަބީލް އިބުރާހިމް ޙަބީބު، އައްސައްޔިދު ކަޅުހުރާގެ ޢައްބާސްޢަލީ، އަލްފާޟިލް ބަންދު މުޙަންމަދު ކަލޭފާނު، އަލްފާޟިލް އައްޑޫގޭ ދޮންމަނިކު، އަލްފާޟިލް ނާއިބުގޭ ޅަހުއްތު، އަލްފާޟިލް ބަންދުމޫސާކަލޭފާނު، އަލްފާޟިލް ޅަރީތި ދޮންތުއްތު، އަލްފާޟިލް މުޙަންމަދު ޙާޖީ ދޮންތުއްތު، އަލްފާޟިލް ފެރިދޫ ދޮންތުއްތު، އަލްފާޟިލް އައިމިނާފުޅު ދޮންތުއްތު، އަލްފާޟިލް ކައިރު ތުއްތު، އަލްފާޟިލް ހަޑިބައްޕާގެ އަލިމަނިކުގެ ކުޑަ ދޮންމަނިކާއި އަދި އަލްފާޟިލް ދޮށީގޭ ތުއްތުމަނިކެވެ.

މިހިތްވަރުގަދަ ޓީމުގެ ބޭފުޅުން  ތަމްރީނުތައް ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތީ 1943 ވަނައަހަރުގެ ފަހުކޮޅުގައެވެ. މިބޭފުޅުން މާލެ ވަޑައިގެން ސިފައިން ޚިދުމަތަށް ނުކުމެ ވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއެކު ސިފައިންގެ ޚިދުމަތުގައި ތަރައްޤީގެ ފުރާނަ އެޅިގެންދިޔައެވެ. އަދި ސިފައިންގެ ކަންކަން އިސްލާޙުވަމުންދިއުމުގެ އިތުރަށް ސިފައިންގެ ސަފުތަކުގައި ސިފަވަންތަ ކުލަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ޖެހެން ފެށިއެވެ.

މިބޭފުޅުން ތަމްރީނަށްފަހު މާލެ ވަޑައިގަތީ މިބޭފުޅުންގެ އެދުރުން ނުވަތަ އިންސްޓްރަކްޓަރުންގެ ލޯތްބާ އިޙުތިރާމާއެކު އެބޭފުޅުން އެންމެ ފުރިހަމަގޮތުގައި ފޮނުއްވީމައެވެ. މިބޭފުޅުން މާލެވަޑައިގަތްއިރު ކޮންމެ ބޭފުޅަކަށް އެބޭފުޅަކު ޕަންޖާބު ރެޖްމެންޓްގައި ބޭނުންކުރި ޔުނީފޯމުގެ އިތުރަށް ރައިފަލާ،  ގޭސްމާސްކާ، އެކަށީގެންވާ ޢަދަދަކަށް ވަޒަން ޕަންޖާބު ރެޖްމެންޓްގެ ފަރާތުން ދެއްވިކަމީ އެކަމުގެ ވަރަށް ފުރިހަމަ ދަލީލެކެވެ. އެންމެ ފުރަތަމަ ރާއްޖޭންބޭރުން ލިބުނު ތަމްރީނަށްފަހު ވަޑައިގެންނެވި މިބޭފުޅުން ހިމެނިވަޑައިގެންނެވީ ސިފައިންގެ ތެރޭގައި އިޙްތިރާމާއި ޤަދަރުލިބިވަޑައިގެން ޚިދުމަތުގެ އިސްސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ތަޖުރިބާކާރު ޤައުމުދެކެލޯބިވާ ބޭފުޅުން ތަކެއްގެ ގޮތުގަައެވެ.

މި ގްރޫޕު ޓްރޭނިންގ ފުރިހަމަކުރުމަށްފަހު، ސަރުކާރުގެ ބޭނުންފުޅަކައްޓަކައި އިބްރާހިމް ޙަބީބް ސިލޯނުގައި މަޑުކުރެއްވީއެވެ. އަނެއް 12 ބޭކަލުން އެބުރި މާލެ ދުރުވީ 1943 ވަނައަހަރު ފަހުކޮޅުގައެވެ. 

އަލްއަމީރު ޙަސަން ފަރީދަކީ އަތިރީގޭ ސުމުއްވުލް އަމީރު ޢަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނުންގެ ދެވަނަ ދަރިކަލުންނެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހިމް ނޫރައްދީނުގެ އަލްއަމީރާ ދޮންގޮމައެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީ ދިވެހި ދައުލަތާއި ޤައުމަށް ކުރެއްވި ޚިދުމަތުގެ ތެރޭގައި ތަނުގެ އަމަން ހިފެހެއްޓުމުގެ ޤަވާއިދުތައް ހަރުދަނާ ކުރެއްވުން، ރައްޔިތުންގެ ޙައްޤުތައް ލިބިގަތުމުގައި އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތުގެ މަތިން އެންމެން ހަމަހަމަ ކުރެއްވުމަށް ބާރުއެޅުއްވިއެވެ. ދީނުގެ ނަމުގައި ރާއްޖޭގައި ކުރެވެމުން ދިޔަ އެކަށީގެން ނުވާ ކަންތައްތައް ހުއްޓުވަމުން ގެންދެވުން އަދި ދިވެހި ސަގާފަތް ދިރުވުމުގެ ޚިދުމަތް ހިމެނިގެންވެއެވެ. މީގެ އިތުރަށް އަލްއަމީރު ޙަސަން ފަރީދު ދީދީ ފުރުއްވި ދައުލަތުގެމަތީ މަޤާމުތަކުގެ ތެރެއިން ވަޒީރުލް އަމުން އާންމު ގެ މަޤާމް 1940 ޖެނުއަރީ 31 ން 1942 ޖެނުއަރީ 12 ށް ފުރުއްވިކަން ފާހަގަކުރެވެއެވެ.
އަލްއަމީރު ޙަސަން ފަރީދުގެ ހަޔާތްޕުޅު ނިމިގެން ދިޔުމުގައި އެމަނިކުފާނަކީ ދިވެހި ރާއްޖޭގެ މިޒަމާނުގެ ތާރީޚު ދުށް ލާމަސީލު ބަޠަލެކެވެ. ޤައުމީ ޚިދުމަތުގައި ފުރާނައިން ޤުރުބާންވި ދިވެހި ދަރިއެކެވެ. ތާރީޚު ހެކިދޭފަދައިން އެމަނިކުފާނު ދުނިޔެ ދޫކުރެއްވީ ހަނގުރާމައިގެ ދަތިކަމުން ބަނޑަށް ޖެހި ގޮތެއް ނެތިފައިތިބި ދިވެހީންނަށް ކާބޯތަކެތި ހޯދާދިނުމަށާއި ދައުލަތުގެ އެންމެހާ ޚާރިޖީ ކަންތައްތަކައިގެން ހަނގުރާމަވެރި އުޅަނދުތަކުގައި އޮޅުދޫކަރައާއި މިރާއްޖެއާ ދެމެދު މެދުކެނޑުމެއްނެތި ކުރައްވަމުންގެންދެވި ދަތުރުފުޅުތަކުގައި ހަނގުރާމައިގެ ދުސްމަނުންދިން ޙަމަލާއެއްގެ ސަބަބުންނެވެ. އެމަނިކުފާނު ދަތުރުފުޅު ކުރެއްވި އުޅަނދު «އެޗް.އެމް.އެސް މާލޮއީ»، ދުސްމިނުން ފައްތާލި ޚަބަރު ދިވެހިރާއްޖެއަށް ލިބުނީ 1944 އޭޕްރީލް 1 ގައެވެ. މިއީ ތަކުރާރުކޮށް މިފަދަ ބިރުވެރިކަން ފެނިވަޑައިގަތް އެތައް ދަތުރުފުޅުތަކެއްގެ ތެރެއިން އެންމެ ފަހުން އެމަނިކުފާނު ނެތިގެން ހިގައްޖެކަމުގެ ޚަބަރު ލިބުނު ދަތުރުފުޅެވެ. 

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...