ޢަބްދުﷲ ސަޢީދު
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރިއެވެ. އެ މީހާ ރައީސް މައުމޫނަށް ދެންނެވީ ރާއްޖޭގައި ދެތިން ހަތަރު ދުވަހުގެ ތެރޭގައި އިންޤިލާބެއް ގެންނަން ބަޔަކު ތައްޔާރުވަމުން އެބަދާކަމަށާއި, އެކަމުގައި ބައިވެރިވަނީ ބޭރުގެ މާސިނަރީން (ކުލީ ސިފައިން) ކަމަށެވެ. މި ކުލީ ސިފައިން މިހާރު ތިބީ މާލޭގައި ނޫންކަމެއް އަދި އެ މީހުން ބޭނުންވާ ހަތިޔާރު މާލެއަށް އެތެރެ ނުކުރާކަމެއް ވެސް ނޭނގޭކަމަށް ދެންނެވިއެވެ. އެ މީހުން ރާވާފައިވަނީ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު އިންޤިލާބު ގެންނާށޭ ވެސް ދެންނެވިއެވެ.
އޭރު މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީއަކީ ސީދާ ރައީސް މައުމޫނެވެ. އެ ވުޒާރާގެ ނާއިބަކީ އޮނަރަބަލް އިލްޔާސް އިބްރާހީމެވެ. އެވަގުތު އިލްޔާސް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ލިބިވަޑައިގެންނެވި ފޯނުކޯލާއެކު ދިފާޢީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސިފައިންނަށް އިރުޝާދު ދެއްވަމުން ގެންދެވީ ސީދާ ރައީސް މައުމޫނެވެ. ސިފައިން ހަތިޔާރާއެކު ހުޅުލެއަށް ފޮނުއްވިއެވެ. ރާއްޖެ އަންނަ ހުރިހާ މަތިންދާ ބޯޓަކާއި ހުރިހާ ފަސިންޖަރުން ވަރަށް ބޮޑަށް ޗެކްކުރަންފެށިއެވެ. ޓާމިނަލް ޢިމާރާތަށް ފަސިންޖަރުން އައުމުން ދެވަނަ ފަހަރަށް ވެސް ޗެކްކުރަމުން ދިޔައެވެ. ފޮށިތަކާއި އަތް ދަބަސްތައް ހުޅުވައިގެން ބަލައި ހެދިއެވެ. ރިސޯޓުތަކަށް ސިފައިން ފޮނުއްވައިގެން ރިސޯޓުތަކަށް ޗެކުކުރިއެވެ. އަދި މާލޭގައި ބިދޭސީން ބައިތިއްބާ ގޭގެ ވެސް ސިފައިން ވަދެ ޗެކުކުރިއެވެ. އެކަމަކު އެއްވެސް ހަތިޔާރެއް އަދި އެފަދަ ކަމަކަށް ޝައްކު ކުރެވޭ މީހަކު ވެސް ނުފެނުނެވެ.
ބޭރު މީހާގެ ފޯނުކޯލު ރައީސް މައުމޫނަށް ލިބިވަޑައިގެންފައި ވަނިކޮށް ކޮޅުނބުން އައި ދިވެއްސެއް 1980 ޖަނަވަރީ 31 ވަނަ ދުވަހު ރައީސް މައުމޫނާ ބައްދަލުކޮށް ދިވެއްސަކު އިންޤިލާބެއް ގެންނަން އުޅޭ ވާހަކަ ދެންނެވިއެވެ. އެ މީހާ ރައީސް މައުމޫނަށް ދެންނެވީ އެ ދިވެހި މީހާ އިންޤިލާބު ރާވައި ހަތިޔާރާއި ބޭރުގެ ކުލީ ސިފައިން ހޯދައި ތައްޔާރުވެފައިވެފައިވާ ކަމަށާއި އަމާޒަކީ ފެބުރުވަރީ 15 ގެ ކުރިން ސަރުކާރު ބަދަލުކޮށްލުން ކަމަށް އޭނާ ބުނާކަމަށް ރައީސް މައުމޫނަށް އެ މީހާ ދެންނެވިއެވެ. އޭގެފަހުން ފެބުރުވަރީ 2 ވަނަ ދުވަހު އެހެން ދިވެއްސަކު ރައީސް މައުމޫނާ ބައްދަލުކޮށް ކޮޅުނބުގައި ހުރި އެ ދިވެހި މީހާ އިންޤިލާބެއް ގެންނަން ރާވާ ވާހަކަ އޭނާގެ ކައިރީގައި ބުނިކަމަށް ދެންނެވިއެވެ.
ކޮޅުނބުގައި ހުންނަވައިގެން އިންޤިލާބެއް ގެންނަން ރާވާކަމުގެ މަޢުލޫމާތު ލިބެމުންދިޔަ ބޭފުޅަކީ ހެންވޭރު ހިކިފިނިފެންމާގޭ އޮނަރަބަލް އަޙްމަދު ނަސީމެވެ. ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށްދެވި އެއް ބާނީއެވެ. ރައީސް ނާޞިރުގެ ދައުރުގައި ބާރުގަދަ ވަޒީރެކެވެ. ރައީސް މައުމޫނަށް ލިބިވަޑައިގަންނަވަމުން ދިޔަ މަޢުލޫމާތުތަކުގެ އަލީގައި އެމަނިކުފާނަށް ގަބޫލު ކުރެއްވުނީ މި ކަންތައްގަނޑު ފެށުނީ ރައީސް މައުމޫނު އެންމެ ފުރަތަމަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެންނެވި ހިސާބުންކަމަށެވެ. އޭރު މާލެ ތެރޭގައި ފެތުރިފައި އޮތް އަޑަކީ ރައީސް މައުމޫނަށް ރައީސްކަމުގެ ހުވާކުރައްވައިގެން މުލީއާގެއަށް ވަޑައި ނުގެންނެވޭނެކަމަށް ނަސީމު ވިދާޅުވިކަމަށް ދައްކަމުންދިޔަ ވާހަކަތަކެވެ. އެ ވާހަކަ ރައީސް މައުމޫނު ރައީސް ނާޞިރުގެ އަރިހުގައި ދެންނެވިއެވެ. ރައީސް ނާޞިރު ހިނިފުޅު ވަޑުވާލައްވާފައި ވިދާޅުވީ އަޅާނުލާށެވެ. އިވުނުކަމަށް ވެސް ނަހައްދަވާށެވެ. އެ މައްސަލަ ރައީސް މައުމޫނު އޭރުގެ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ އޮނަރަބަލް ޢަބްދުލްޙަންނާން ޙަލީމަށް ވެސް ހުށަހެޅުއްވިއެވެ. ކޮންމެ ވެސް ވަރަކަށް އެ މައްސަލަ ބައްލަވާފައި ކުރިއަކަށް ނުދިޔައެވެ. މިކަމުގައި ދެން ރައީސް މައުމޫނު ނިންމެވީ ޤާނޫނީ ގޮތުން ރައްޔިތުން އެމަނިކުފާނު ރައީސްކަމަށް ހޮއްވަވާފައިވާތީ ކޮންމެކަމެއް ދިމާވިޔަސް ކުރިއަށް ވަޑައިގަންނަވާށެވެ. މިގޮތުން ރައީސްކަމުގެ ޤާނޫނީ ހުވާ ކުރެއްވިއިރު ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ވަރަށް އެކުވެރި ވަރަށް ގާތް ހައެއްކަ ބޭފުޅުންގެ އަތްޕުޅުގައި ހަތިޔާރު ހުރިކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
މާސިނަރީންގެ ގެނެސްގެން އިންޤިލާބެއް ގެންނަން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބެންފެށުމުން ސިފައިން އޮތީ އެލާޓަށް ގެންނަވާފައެވެ. ސައުވީސް ގަޑިއިރު ހުޅުލޭގައި ގިނަ އަދަދެއްގެ ސިފައިން ދިޔައީ ފޯރި މަރަމުންނެވެ. އަދި މާލެތެރެ ބެލެހެއްޓުން ހަރުދަނާކޮށް، ޓޫރިސްޓުންނަށް ވަކި ގަޑިއެއްގައި ނޫނީ މާލެއަށް ނޭރޭގޮތް އޮތީ ހަދާފައެވެ. އެ ނުތަނަވަސްކަމުގެ ތެރޭގައި 1980 ވަނަ އަހަރުގެ ފެބުރުވަރީ 26 ވަނަ ދުވަހު އަނެއްކާ ވެސް ބޭރު މީހެއްގެ ފޯނުކޯލަކުން އާ މަޢުލޫމާތުތަކެއް ސަރުކާރަށް ލިބިވަޑައިގަތެވެ. އެ މީހާ ބުނީ ފެބުރުވަރީ 27 ވަނަ ދުވަހު ކުލީ ސިފައިން މާލެ އަންނަން ހުރިހާ ކަމެއް ނިންމާފައިވާކަމަށާއި، އެ މީހުން ފުރަތަމަ އަންނަނީ ލަންޑަނުން ކޮޅުނބަށް ކަމަށާއި، ކޮޅުނބުން ދާނީ މާލެ ކަމަށެވެ. އެ މީހުން ބޭނުންވާ ހަތިޔާރު މިހާރު ވާނީ ލަފާކުރެވޭގޮތުގައި ރާއްޖެއަށް އެތެރެކޮށްފައި ކަމަށް ވެސް އެ މީހާ ބުންޏެވެ. އަދި ލަންޑަނުން އަންނަ ތިން އިނގިރޭސި ރައްޔިތެއްގެ ނަން ވެސް އޭނާ ދިނެވެ.
ރާއްޖެ އައިކަމަށް ބުނާ މާސިނަރީންގެ މަޢުލޫމާތު ސަރުކާރުން ވަރަށް އަވަހަށް ސާފުކުރިއެވެ. އިމިގްރޭޝަން ކާޑުތަކުންނާއި ޕާސްޕޯޓް އޮފީހުން ފުރާ ކާޑުތަކުން ބެލިއިރު އެ ތިން މީހުން 1980 ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ރާއްޖެ އެތެރެވެފައިވެއެވެ. އަދި ފެބުރުވަރީ 8 ވަނަ ދުވަހު ފުރައިގެން ގޮސްފައިވެއެވެ. ދެވަނަ ފަހަރަށް ފެބުރުވަރީ 12 ވަނަ ދުވަހު އެ މީހުން އަނެއްކާ ވެސް ރާއްޖެ އައިސްފައިވެއެވެ. މި ތިން މީހުންގެ ތެރެއިން އެކަކު ފެބުރުވަރީ 15 ވަނަ ދުވަހު ކުއްލިއަކަށް ފުރައިގެން ދިޔަކަމާއި، ދެން ތިބި މީހުން ފުރައިގެން ދިޔައީ ފެބުރުވަރީ 16 ވަނަ ދުވަހުގައިކަން އެނގުނެވެ. އަދި ފެބުރުވަރީ 15 ވަނަ ދުވަހު ފުރައިގެން ދިޔަ މީހާ ދިޔައީ އޭނާ ހުރި ކުރުބާ ވިލެޖަށް ސިފައިން ގޮސް މާބޮޑަށް ޗެކްކޮށް ހެދުމުންކަން ވެސް އެނގުނެވެ. މި މަޢުލޫމާތު ސާފުވެވަޑައިގެންނެވުމުން ސީދާ ރައީސް މައުމޫނު ސްރީލަންކާގެ ވެރިންނާ ގުޅުންވާ މި މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މި މައްސަލައިގައި ސްރީލަންކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ ޤައުމުން ރައީސް މައުމޫނަށް އެރުވިއެވެ. އެ މަނިކުފާނު އެދިވަޑައިގެންނެވީ ސްރީލަންކާއިން ކުލީ ސިފައިން ނުހިފަހައްޓައި މާލެ އަންނަން ދޫކޮށްލުމަށެވެ. ރައީސް މައުމޫނު ބޭނުންފުޅުވީ މާލެއިން އެ މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންދަވާށެވެ. ނަމަވެސް ފެބުރުވަރީ 26 ވަނަ ދުވަހާއި، 27 ވަނަ ދުވަސް ފާއިތުވެ ދިޔައިއިރު ވެސް އެ ބަޔަކު ނާދެއެވެ. ޖެހިގެން އައި ފެބުރުވަރީ 28 ވަނަ ދުވަކީ ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވި ދުވަހެވެ. ރައްޔިތުންގެ މަޖިލިހާއި މާލެއާއި ހުޅުލޭގައި ވެސް އެ ދުވަހު އޮތީ އެހާތަނަށް ސަލާމަތީގޮތުން ސިފައިން ނާޅާވަރަށް ސަލާމަތީ ފިޔަވަޅުތައް އަޅައި، ވަރުގަދަކޮށްފައެވެ.
ކޮންމެ އަކަސް އޭގެފަހުން އެ ބުނާ ކުލީ ސިފައިންނެއް ރާއްޖެއެއް ނާދެއެވެ. އެކަމަކު ފަހުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި ރާއްޖޭގައި އިންޤިލާބެއް ގެންނަން އުޅުނީ މާސިނަރީންގެ ނުވަތަ ކުލީ ސިފައިންގެ އެންމެ ތިން މީހުންނެއް ނޫނެވެ. އެ މީހުންގެ އަދަދު 9 އަކަށް އަރައެވެ. މި މަޢުލޫމާތު ރައީސް މައުމޫނަށް ލިބިވަޑައިގެންނެވީ ސްރީލަންކާގެ ނޫސްވެރިއެއްގެ ފަރާތުންނެވެ. އެއީ ރައީސް މައުމޫނު ޢިރާޤަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި ކޮޅުނބުން ބައްދަލުވެގެން ބަސްދީގަތުމެއް ދެއްވި ނޫސްވެރިއެކެވެ. އެ ނޫސްވެރިޔާއަށް ރާއްޖޭގައި ބަޔަކު އިންޤިލާބެއް ގެންނަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ތަހުގީގީ ނަޒަރަކުން މަސައްކަތް ފެށިއެވެ. ރާއްޖެއަށް ހަމަލާދޭން އުޅޭ މާސިނަރީންގެ މަޢުލޫމާތު ހޯދައި، ސްރީލަންކާގައި އެ މީހުން ތިބި ތަންތަން ބަލައި އެ މީހުން ސްރީލަންކާއަށް އައި ދުވަސްތަކާއި ރާއްޖެއަށް ދިޔަ ދުވަސްތައް ހޯދިއެވެ. އެއަށްފަހު އެ ތަހުގީގު ރިޕޯޓާއެކު އޭނާ އައީ މާލެއެވެ. މާސިނަރީންގެ އިންޤިލާބުގެ ގިނަ މަޢުލޫމާތަކީ އޭނާގެ ފަރާތުން ސަރުކާރަށް ލިބިވަޑައިގަތް މަޢުލޫމާތެވެ. އެ އިންޤިލާބު ގެންނަން މަސައްކަތްކުރި މީހުންގެ ވެރިއަކަށް ހުރީ އޭރު ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ބަލަމުން ދިޔަ އައިރިޝް ރިޕަބްލިކަން އާމީ (އައިއާރއޭ) މީހެއްކަމާއި، އެ މީހަކީ ސްވިޒަލޭންޑުގެ ރައްޔިތެއްކަން ސާފުވިއެވެ. އޭނާ މި އިންޤިލާބު ރާވަމުން ގެންދިޔައީ އިނގިރޭސިވިލާތުގެ ސެކިއުރިޓީ އޭޖެންސީއަކާ ގުޅިގެންކަމާއި، މާސިނަރީންގެ ތެރޭގައި ދެންތިބި މީހުންނަކީ މި ސެކިއުރިޓީ އޭޖެންސީގެ މީހުންކަން ވެސް އޮޅުންފިލިއެވެ. ނޫސްވެރިޔާގެ ރިޕޯޓުން މާލެއިން މި ކަމުގައި ބައިވެރިވަނީ ކޮންބައެއްކަމެއް ނުވަތަ މިކަމުގައި ދިވެހީންގެ ބައިވެރިވުން އޮތީ ކިހާވަރަކަށް ކަމެއް ސަރުކާރަކަށް ސާފެއް ނުވިއެވެ.
މި ނާކާމިޔާބުވި އިންޤިލާބީ ހަރަކާތް ހިންގިއިރު ރައީސް އިބްރާހީމް ނާޞިރު ރާއްޖެ ދޫކުރައްވައި ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވީ ސިންގަޕޫރުގައެވެ. ރައީސް ނާޞިރުގެ ގާތް ބޭފުޅުންނަށް ޕޯސްޓުން ހެޔޮ އެދުމުގެ ކާޑު ގެންދެވީ ފޮނުއްވަމުންނެވެ. އެއީ "ބެސްޓް ވިޝަސް" ޖައްސަވައިފައި ރައީސް ނާޞިރު ސޮއިކޮށްލައްވާފައި ފޮނުއްވަމުން ގެންދެވިކާޑުތަކެކެވެ. ފަހުން އެ ކާޑުތައް އައީ ތަރައްޤީވަމުންނެވެ. އެ މަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅުކަމަށާއި ޤައުމީ ޚިދުމަތަށް ތައްޔާރަށް ހުންނެވިކަމުގެ ޢިބާރާތްތައް ލެޓިނުން ލިޔުއްވާފައި ޗާޕުކޮށްކުރައްވާފައި ހުންނަ ކާޑުތައް ވެސް ރާއްޖެއަށް އަންނަން ފެށިއެވެ. އަދި ރައީސް ނާޞިރުގެ އެޑްރެހާއި، ޓެލެކްސް ނަންބަރާއި، ފޯނު ނަންބަރު ވެސް ޖައްސަވަން ފެށްޓެވިއެވެ. ފުރަތަމަ ޕޯސްޓް އައީ ރައީސް ނާޞިރުގެ ވަރަށް ގާތް ބޭފުޅުންނަށް ކަމުގައި ވިޔަސް ފަހުން ސަރުކާރުގެ މަތީ ފަންތީގެ އެކިއެކި ބޭފުޅުންނަށް އެ ކާޑުތައް ފޮނުއްވަމުން ގެންދެވިއެވެ. އެކަމަކު މި ކާޑުތައް ސަރުކާރުން އެ ބޭފުޅުންނަށް ރައްދެއް ނުކުރައްވައެވެ. ކަނޑައި ބެލުމަށްފަހު ސަރުކާރުން ހުރީ ބަހައްޓަވާފައެވެ. ސަރުކާރަށް ގަބޫލު ކުރެވިފައި ވަނީ އެއީ ޤައުމީ ސަލާމަތާއި އަމަންއާންމަށް ހުރި ނުރައްކަލެއްކަމަށެވެ.
އެ ދުވަސްވަރު ރައީސް ނާޞިރާ ބެހޭ ގޮތުން ވެސް ރައީސް މައުމޫނުގެ އަރިހުގައި މީސްމީހުން ދިޔައީ ތަފާތު ވާހަކަތައް ދަންނަވަމުންނެވެ. އޭގެތެރެއިން އެއް ވާހަކައަކީ ކޮޅުނބަށް ވަޑައިގެންނެވި ބޭފުޅެއްގެ ވާހަކައެވެ. ރައީސް ނާޞިރު ސިންގަޕޫރުގައި ހުންނަވާފައި އެ ބޭފުޅަކާ ގުޅުއްވައި ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް މާލެ ވަޑައިގަންނަވަން ގަސްތު ކުރައްވާކަމަށް ވިދާޅުވިކަމަށާއި އެކަން ކުރައްވާނެގޮތް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިކަމަށް ރައީސް މައުމޫނަށް އެމީހާ ދެންނެވި ވާހަކައެވެ. އަދި ހަތިޔާރާއި މީހުން ހޯއްދަވާނެގޮތް ވެސް އެނގިވަޑައިގަންނަވާކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް އެބަހުރިކަމަށް ވިދާޅުވިއޭ ކިޔައިގެން މިފަދަ ވާހަކަތަކެއް އޮތީ ރައީސް މައުމޫނަށް ދަންނަވާފައެވެ.
މަސިނަރީންނާ ބެހޭ ވާހަކަތަކާއި އަޙްމަދު ނަސީމާ ބެހޭގޮތުން ލިބެމުންދިޔަ މަޢުލޫމާތުތަކުގެ ސަބަބުން ސަރުކާރުން ނިންމެވީ ސްރީލަންކާގެ ސަރުކާރާ ގުޅިގެން ނަސީމު މާލެ ގެންނަވާށެވެ. ނަސީމު މާލެ ވަޑައިގަތުމުން ފުރަތަމަ ސަރުކާރުން މަސައްކަތް ކުރެއްވީ ބަނޑޮސް ހިންގެވިއިރުގައާއި މީރުފެންފުށީގެ މައްސަލައިގައި ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާތަކެއް ހޯއްދަވާށެވެ. ސިޔާސީ މައްސަލައިގެ ތަހުގީގު ސަރުކާރުން ފެށްޓެވީ އެ ފައިސާ ނަސީމު ދެއްކެވުމުންނެވެ. ނަސީމުގެ ތަހުގީގުގެ ތެރެއިން އިތުރު ދެ ބޭފުޅެއްގެ ތަހުގީގު ފެށުނެވެ. މި ދެ ބޭފުޅުންނަކީ މައިޒާން ޢަލި މަނިކާއި ކުވާ މުޙައްމަދު ޔޫސުފެވެ. އެ ދެ ބޭފުޅުންގެ ކުށަކީ އިންޤިލާބެއް ރާއްވަމުން ގެންދަވާކަން ނަސީމު ވިދާޅުވުމުން އެކަން ސަރުކާރަށް ނާންގަވާއި އެކަމުގައި ބައިވެރިވެވަޑައިގެންނެވުމެވެ.
މި މައްސަލައިގައި އަޙްމަދު ނަސީމު ދެއްވާފައިވާ އިޢުތިރާފުގެ ބަޔާނުގައި ސޮއި ކުރައްވާފައި ވަނީ 21 އެޕްރީލް 1980 ގައެވެ. އެ ބަޔާނުން އެނގެނީ ސަރުކާރު ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ނަސީމު ދައްކަވާފައިވާކަމާއި، ހަތިޔާރު ވެސް ލިބިދާނެކަމަށް ވިދާޅުވެފައިވާކަމެވެ. އަދި ސާޅީހަކަށް ކުލީ ސިފައިން މާލެދާނީ ކުވާ މުޙައްމަދު ޔޫސުފުގެ ބޯޓެއްގައިކަމަށާއި މާލެއިން ވިއްސަކަށް މީހުން ވިޔަސް މިއީ ވަރަށް ފަސޭހައިން ކޮށްލެވިދާނެކަމެއްކަމަށް ނަސީމު ވިދާޅުވިކަމަށް އެ ބަޔާނުގައި ވެއެވެ. އެކަމަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ ގުޅުއްވައި އަދި އެފަދަ ބަޔަކު ހޯއްދެވި ކަމަކަށް ވެސް އެ ބަޔާނަކު ނެތެވެ.
މި އިންޤިލާބީ ހަރަކާތާ ބެހޭ އިތުރު މަޢުލޫމާތު އަޙްމަދު ނަސީމުގެ ފަރާތުން ލިބިގެން ދިޔައީ ސްރީލަންކާގެ ނޫސްވެރިޔާގެ ރިޕޯޓުން ލިބުނު މަޢުލޫމާތުގެ އަލީގައި ތަހުގީގުގައި ސުވާލުކޮށްގެންނެވެ. ސްވިޒަލޭންޑު މީހާއާ ގުޅުއްވައިގެން ހަތިޔާރުއެޅި ކުލީ ސިފައިން ބޭނުންކޮށްގެން ސަރުކާރު ބަދަލުކޮށްލުމުގެ މަސައްކަތަށް އެޑްވާންސްގެ ގޮތުގައި ވިހިހާސް އެމެރިކާ ޑޮލަރު ދެއްވިކަމަށް ފަހުން ނަސީމު އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެ މީހާއާ ސްރީލަންކާގެ އިންޓަރކޮންޓިނެންޓަލް ހޮޓެލުގައި ދެފަހަރު ބައްދަލުކުރެއްވިކަމަށާއި ސަރުކާރު ބަދަލުކުރާނެކަމުގެ ޔަގީންކަން އެމީހާ ދިންކަމަށް ފަހުން ނަސީމު ވިދާޅުވެފައިވެއެވެ. އަދި މާސިނަރީން ހަމަލާ ރޭވުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދެ ފަހަރެއްގެ މަތީން ރާއްޖެ އައިކަމަށް ވެސް ނަސީމު ވިދާޅުވެފައިވެއެވެ. 15 ފެބުރުވަރީ 1980 ގައި އައިރިސް ރިޕަބްލިކަން އާމީގެ މީހާ ނަސީމާ ބައްދަލުކޮށް ކަންތައްތައް ހިނގާދިޔަގޮތް ކިޔައިދިންކަމަށް ނަސީމު ވިދާޅުވެފައިވެއެވެ. މާސިނަރީންގެ 9 މީހުން ފެބުރުވަރީ 12 ވަނަ ދުވަހު ރާއްޖެއަށް ހަމަލާދިނުމަށް ދިޔަކަމަށާއި، މާލޭގައި ސެކިއުރިޓީ ވަރުގަދަކަމުން އެކަން ނުވެގެން އޭނާ އެ ދުވަހު (15 ވަނަ ދުވަހު) ސްރީލަންކާއަށް އެނބުރި އައީކަމަށް ބުންޏެވެ. ބާކީ ތިބި އަނެއް 8 މީހުން ސްރީލަންކާއަށް ދިޔައީ 16 ވަނަ ދުވަހުކަމާއި، ދެން އެމީހުން ރޭވީ ފެބުރުވަރީ 27 ވަނަ ދުވަހު ރާއްޖެއަށް އަލުން ހަމަލާދިނުމަށްކަން ވެސް ނަސީމަށް އޮތީ އެނގިވަޑައިގެންފައި ކަމަށް ބަޔާނުގައި ވެއެވެ. ނަސީމާއި ސުވިޒަލޭންޑް މީހާއާ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި މި އިންޤިލާބު ކާމިޔާބު ވެއްޖެނަމަ މި ކަމުގައި ބައިވެރިވާން މާސިނަރީންގެ ކޮންމެ މީހަކަށް 25 ހާސް ޔޫއެސް ޑޮލަރު ދިނުމަށް ހުށަހެޅިއެވެ. އެގޮތަށް އެއްބަސްވިކަމަށާއި، މި އިންޤިލާބަށް ޓަކައި ކުވާ މުޙައްމަދު މަނިކު ފިސްތޯލައެއް ހޯއްދެވިކަން އެނގިވަޑައިގަންނަވާކަމަށް ވެސް ނަސީމުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މި އިޢުތިރާފު ބަޔާނުގައި ނަސީމު ސޮއިކުރައްވާފައިވަނީ 28 އެޕްރީލް 1980 ގައެވެ.
މި ތަހުގީގުގައި އަޙްމަދު ނަސީމު މި އިންޤިލާބު ރާވައި ހައްދަވަމުން ގެންދެވީ ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ އިޝާރާތެއް ލިބިވަޑައިގެންތޯ ސުވާލުކުރެވުނެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ނަސީމު ވިދާޅުވެފައިވަނީ މި ކަމެއް ރައީސް ނާޞިރަށް އެނގިވަޑައި ނުގަންނަވާނެކަމަށެވެ. އަދި މި ކަންތައް މި ރާވައި ހުރިހާ ކަމެއް ވެސް ކުރެއްވީ ނަސީމު އަމިއްލަފުޅަށް ކަމަށެވެ.
ޤާނޫނީގޮތުން ޝަރީޢަތަށް ސާބިތުވާވަރަށް ނާޞިރާބެހޭ ގޮތުން އެހެން މީހެއްގެ ބަޔާނުން ވެސް މި އިންޤިލާބާ ގުޅުވޭނެ ގޮތެއް ސަރުކާރަކަށް ނުފެނުނެވެ. އެކަމަކު އޭރު ރައީސް މައުމޫނުގެ ވަރަށް ބޮޑު ސުވާލެއް އޮތެވެ. އެއީ ކުލީ ސިފައިންނަށް ފުރަތަމަ ދެއްވަން ނަސީމު ވިދާޅުވި 20 ހާސް ޑޮލަރާއި، އިންޤިލާބު ކާމިޔާބުވުމުން ކުލީ ސިފައިންގެ 9 މީހުންނަށް ކޮންމެ މީހަކަށް ދެއްވަން އެއްބަސްވެ ވަޑައިގެންނެވި 25 ހާސް ޑޮލަރާއެކު އެވާ 2 ލައްކަ 45 ހާސް ޑޮލަރަކީ ނަސީމަށް ދެއްވޭނެ އެއްޗެއް ބާވައެވެ. މިވަރުގެ ބޮޑު ކަމެއް ނަސީމު މި ކުރައްވަނީ އެހެން ފަރާތަކުން ފައިސާގެ އެހީއެއްވެގެން ބާވައެވެ. މި ނާކާމިޔާބު އިންޤިލާބާ ބެހޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލިހާ ރައީސް މައުމޫނު ހިއްސާކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ޚާއްޞަ ޖަލުސާގައި 1980 އެޕްރީލް 28 ވަނަ ދުވަހުގެރޭ ރައީސް މައުމޫނު މި ސުވާލު އުފެއްދެވިއެވެ. (ނިމުނީ)
މައުލޫމާތު:
ރައްޔިތުންގެ މަޖިލިހުގެ އިދާރާ. (1980). ރައްޔިތުންގެ މަޖިލިހުގެ ޚާއްޞަ ޖަލްސާގެ ޔައުމިއްޔާ. ޔައުމިއްޔާ ނަންބަރު 80/4.
No comments:
Post a Comment