ޢަބްދުﷲ ސަޢީދު
ރާއްޖޭގެ މިނިވަންކަން ނަގާލާ، ރާއްޖޭގައި އޮންނަ ޞުލްޙަވެރިކަމާއި އަމަންއަމާންކަން ކިލަނބުކޮށްލުމަށް ރާއްޖެއާ ބޭރުގެ ބާރުތަކުން ތޮޅެ، އެކަމަށް މަސައްކަތް ކޮށްފައިވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެކަން ދިވެހި ތާރީޚުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.
ދިވެހިރާއްޖެއާ ތޮޅުމަށް ބޭރުގެ ބާރުތަކުން ކުރި މަސައްކަތާ އަޅާބަލާއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އެވެރިންނަށް ބާރު ފޯރުވިފައިވަނީ ވަރަށް މަދު ދުވަސްކޮޅެއްގައިކަން ދިވެހި ތާރީޚްގެ ފަޚުރުވެރި ޞަފްޙާތަކުން ހެކިލިބެއެވެ. ތާރީޚީ ނަޒަރަކުން ބަލާއިރު ޕޯޗްގީޒުންގެ ހަމަލައާއި 3 ނޮވެމްބަރގައި ކުރިމަތިވި ތަމަޅަ ޓެރަރިސްޓް ޙަމަލާ ނޫނަސް އެފަދަ އަނިޔާވެރި އެތައް ތޮޅުންތަކެއް އެކި ފަހަރުމަތިން މި ޤައުމަށް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ޕޯޗްގީޒުންނާއި ހޮޅިންގެ އިތުރުން އެހެން ބަޔަކަށް ކުޑައިރުކޮޅަކަށް ނަމަވެސް ދިވެހިރާއްޖޭގައި އެބައިމީހުންގެ ދިދަ ވިހުރުވާލެވިފައެއް ނުވެއެވެ.
ދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރިވި ދުވަހުން ފެށިގެން ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ވެރިކަމެއް ހިނގަމުން އައި ޤައުމެކެވެ. ތާރީޚް ދިރާސާ ކުރައްވާ ޢިލްމުވެރިން ދެ ބަޔަކަށް ރާއްޖޭގެ ތާރީޚް ބައްސަވާލައްވައެވެ. އެއީ ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ކުރިއާއި އޭގެ ފަހެވެ. ރާއްޖޭގެ ތާރީޚްގެ ތެރެެއިން ލިޔެފައި އޮތީ ރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ފަހުގެ ތާރީޚެވެ. މީލާދީން 1151 ވަނަ އަހަރު ރާއްޖެ އިސްލާމްދީން ޤަބޫލުކުރިއިރު ދިވެހިރާއްޖެ އޮތީ މިނިވަން ޤައުމެއްގެ ގޮތުގައިކަން އެ ތާރީޚުން އެނގެއެވެ. އޭގެ ކުރީގެ ތާރީޚް ދިވެހިރާއްޖޭގެ އަވައްޓެރި ޤައުމުތަކުގެ ތާރީޚްގެ ފަތްފުށްތަކުން ފެންނަންހުރިއިރު އެލިޔުންތަކުން ވެސް ސާބިތުވަނީ ޒަމާނުއްސުރެ ދިވެހިންނަކީ އަމިއްލަ ވެރިކަމާއި މިނިވަން ޤައުމެއްގެ ގޮތުގައި އޮތުމަށް ލޯބިކުރި ރައްޔިތުން ދިރިއުޅުނު ޤައުމެއް ކަމެވެ.
ދިވެހިރާއްޖެއާއި ތޮޅުމުގެ ވާހަކައަކީ ދިވެހި ތާރީޚްގެ ޞަފްޙާތަކުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ލިޔެފައިވާ ވާހަކަތަކެކެވެ. މީގެ އިތުރުން ބޭރުގެ ލިޔުންތަކުން ވެސް މި ވާހަކަތައް ރާއްޖޭގެ ތާރީޚާ ގުޅިގެން އައިސްފައި ވާތީ ފެނެއެވެ. 300 ބީސީގައި އިންޑިޔާގެ ވެރިއަކަށް ހުންނެވި ޗޯލާ އެމްޕަޔަރުގެ ދުވަސްވަރު ރާއްޖެ އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކޮށް ރާއްޖެއާ ތޮޅެފައިވާކަން އިންޑިޔާގެ ތާރީޚީ ލިޔުންތަކުން އެނގެއެވެ. އަދި ރާޖާ ދަ ގްރޭޓްގެ ރަސްކަމުގަ (1013-985 މ) އާއި އޭނާގެ ދަރިކަލުން ރާޖެންދުރަ 1 ގެ ރަސްކަމުގަ (1044-1013 މ) ރާއްޖެއާ ތޮޅެ ނުވަތަ ރާއްޖެ ފަތަޙަކުރެއްވިކަމަށް އިންޑިޔާގެ ތާރީޚީ ލިޔުންތަކުގައި ވެއެވެ.
ދިވެހި ތާރީޚްގެ ޞަފްޙާތައް އުކެމުންދާއިރު، އެންމެ ދުރުން ފެންނަން އޮތް ރާއްޖެއާ ތޮޅުނު ތޮޅުމަކީ ހިޖުރީ ސަނަތުގެ 900 ވަނަ އަހަރު (މީލާދީން 1495) ތެރޭގެ ހާދިސާއެކެވެ. އެއީ ހަތަރުވަނަ ޢަލީ ރަސްގެފާނު ސިރީ ދަންމަރު ބަވަަނަ މަހާރަދުންގެ ރަސްކަން އޭނާގެ އަތްޕުޅުން އަތުލައިގަތުމަށް ކަންނަންނޫރު ޢަލީ ރާޖާގެ އެހީތެރިކަމާއެކު ރަށްދެބައިގޭ ކަޅު މުޙަންމަދު މަނިކުފާނު އިސްވެ ހުންނަވައިގެން ތޮޅުނު ތޮޅުމެވެ.
5 ވަނަ ޢަލީ ރަސްގެފާނުގެ ނަންފުޅުގައި ދިވެހި ރަސްކަމަށް އިސްވެ ވަޑައިގެން ދޮންބުޅާ ފާށަނާ ކިލެގެ ދައިތާފުޅު ބުރަކި ރަނިން ބޭރުގެ އެހީ ހޯއްދަވައިގެން ރާއްޖޭގެ ވެރިކަމާ ތޮޅިވަޑައިގެން ތޮޅިވަޑައިގަތުމަކީ ވެސް ހީލަތުން ފުރިފައިވާ އަނިޔާވެރި ހާދިސާއެކެވެ. މި ޙަމަލާގައި ބުރަކި ރަނިންނަށް ރާއްޖޭގެ ވެރިކަމުގެ ތަޚުތު ހޯދައިދިނުމަށް ޕޯޗްގީޒުންނާއި މަލާބާރީން ގުޅިގެން ދިން ޙަމަލާގައި 5 ވަނަ ޢަލީ ރަސްގެފާނު ވަނީ ޝަހީދުކޮށްލާފައެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އެދުންވެރިކަން ބޮޑުވެގެން އެކަމުގެ ދަހިވެތިކަމުގައި މީހަކު ހިންގި އެންމެ ނުބައި ކަންތައްތައް ހިންގާފައިވާ ބޭފުޅަކީ ކަޅު މުޙަންމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން މަޝްހޫރު 9 ވަނަ ޙަަސަން ރަސްގެފާނެވެ. ތާރީޚުން އެނގޭގޮތުގައި މި 9 ވަނަ ޙަސަން ރަސްގެފާނު ރާއްޖޭގައި ހުންނެވުމަށް ދަތިފުޅުވެގެން ރަސްކަން ވެސް ދޫކޮށްލެއްވުމަށްފަހު ފުރަތަމަ ވަޑައިގަތީ ކޮއްޗޭއަށެވެ. އެ ތަނުގައި ދެ އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު ގޯވާއަށް ވަޑައިގެން މާތްވެގެންވާ އިސްލާމްދީން ދޫކޮށްލައްވާ ކްރިސްޓިއަންދީނަށް ވަދެވަޑައިގެންނެވިއެވެ. އޭގެ ފަހުން ރާއްޖެއިން ލިބޭ އާމްދަނީން ބައެއް ޕޯޗުގީޒުންނަށް ދިނުމަށް ވައުދުވެވަޑައިގެން އެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަކަށްފަހު ޕޯޗްގީޒުންގެ ގުރާބުތައް ރާއްޖެއާ ތޮޅުމަށް ފޮނުވަން ފެށްޓެވިއެވެ. މާތްﷲ ގެ ވާގިފުޅާއެކު ދެފަހަރުމަތިން ޕޯޗުގީޒުން ކުޅަ މަސައްކަތްތައް ވެސް ދިވެހިން ވަނީ ނާކާމިޔާބު ކޮށްލާފައެވެ. ދިވެހިން، ކްރިސްޓިއަން ދީނަށް ވެއްދުމުގެ އެދުންފުޅުގައި ހުންނެވި 9 ވަނަ ޙަސަން ރަސްގެފާނުގެ އެދިވަޑައިގަތުމަށް ޕޯޗްގީޒުން ފޮނުވި ގުރާބުތަކުގައި އައިހުރިހާ އެންމެން ދިވެހިން މަރައިހުސްކުރީ ދިވެހިންނަކީ ހިތްވަރުގަދަ ދީނާއި ޤައުމުގެ ދިފާޢުގައި ކެރިގެން ކުރިމަތިލާނެ ބައެއްކަން ހާމަކުރަމުންނެވެ.
ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމުގެ އެދުންފުޅުގައި ހުންނެވި 9 ވަނަ ޙަސަން ރަސްގެފާނުގެ އެދިވަޑައިގަތުމަށް ޕޯޗްގީޒުން ފޮނުވި ގުރާބުތަކުގައި އައިހުރިހާ އެންމެން ދިވެހިން މަރާހުސްކުރީ ދިވެހިންނަކީ ހިތްވަރުގަދަ ދީނާއި ޤައުމުގެ ދިފާޢުގައި ކެރިގެން ކުރިމަތިލާނެ ބައެއްކަން ހާމަކުރަމުންނެވެ.
އައްސުލްޠާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގެ ދުވަސްވަރު (1648 – 1687 މ.) ގޯވާގައިއޮތް ޕޯޗްގީޒުންގެ ވެރިކަމަށާއި ކަންނައްނޫރު ޢަލީ ރާޖާ ދީއުޅުނު ޖިޒީތައް ކަނޑުއްވާލެއްވިއެވެ. މިކަމާ ގުޅިގެން ޢަލީ ރާޖާ ފޮނުވި މާލާބާރީ ގުރާބުތަކެއް ރާއްޖެއާ ތޮޅުމަށް އައެވެ. މިފަހަރު ސީދާ އިސްކަންދަރު ރަސްގެފާނު ކޮމާންޑަރަކަށް ހުންނަވައިގެން ދިވެހިނަށް ނަޞްރު ހޯއްދަވައި ދެއްވެވިއެވެ. އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރު ރާއްޖެއާ ކުރިމަތިވި އަނެއް ތޮޅުންގަނޑަކީ މަލާބާރީން ރާއްޖޭގެ ރަށްރަށަށް އަރައި ފޭރުމުގެ ހަރަކާތްތަކެއް ހިންގުމެވެ. މި ކަންކަމާ މެދު އެ ރަދުން އެޅުއްވި ފިޔަވަޅުތަކަކީ ދިވެހިންގެ ހިތްވަރާއި ފަންވަރުގެ ވަރަށް އަލިގަދަ ދަލީލެކެވެ. ދެކުނު އިންޑިޔާއަށް ދިވެހި ލަސްކަރެއް އެ ރަދުން ފޮނުއްވެވިއެވެ. ދިވެހި ހަނގުރާމަވެރިންގެ ލަޝްކަރު ޢަލީ ރާޖާގެ އަތްދަށުގައި އޮތް މަލިކަށް ގޮސް އެ ރަށުގެ ވެރިން ހިފައި ހައްޔަރުކޮށްގެން މާލެ ގެނައެވެ. އެމީހުން އިސްކަންދަރު ރަސްގެފާނު ދޫކޮށްލެއްވީ ރާއްޖޭގެ ރަދުން މަލިކު ހިއްޕެވި ކަމުގެ ރަމްޒެއްގެ ގޮތުން ޖިޒީ ދިނުމަށް އިޤްރާރު ކުރައްވާފައެވެ.
ދިވެހި ތާރީޚް ދުށް އެންމެ އަނދިރި ޞަފްޙާއަކީ 6 ވަނަ ޢަލީ ރަސްގެފާނު ޝަހީދު ކުޅައުމަށްފަހު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލުވާލި ޕޯޗްގީޒުން ރާއްޖޭގައި ހޭދަކުރި 15 ވަރަކަށް އަހަރުގެ އަނދިރި ދުވަސްތަކެވެ. މީލާދީން 1558 އިން 1573 ވަނަ އަހަރާ ހަމައަށް ޕޯޗްގީޒުންކުރި އަނިޔާވެރި ވެރިކަމާއި ލާއިންސާނީ ވެރިކަން ނިމުމަކަށް ގެންނެވީ ހިޖްރައިން 981 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ރޭ ދިވެހިރާއްޖެ ދުށް އެންމެ ފަޚުރުވެރި ދަރި ކަމުގައިވާ ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް އައުޒަމް ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.
ދިވެހި ތާރީޚުގައި މަޝްހޫރު މުޙަންމަދު ޢިމާދުއްދީން 1 ނުވަތަ ބޮޑުރަސްގެފާނުގެ ރަސްކަމުގައާއި އައްސުލްޠާން މުޒައްފަރު މުޙަންމަދު ޢިމާދުއްދީން 2 ވަނަގެ ރަސްކަމުގެ ދުވަސްވަރު ވެސް ރާއްޖެއާ ބޭރުގެ ބާރުތަކުން ނާކާމިޔާބު ތޮޅުންތަކެއް ތޮޅެފައިވެއެވެ.
ހިޖްރައިން 1166 ވަނަ އަހަރު ޞަފަރު މަހުގެ 13 ވީ ބުދަ ވިލޭރޭގައި ހޮޅިންގެ ބަޔަކު މާލެ އަރަައި ދިވެހިންގެ މައްޗަށް ވެރިވެގަތެވެ. މި ހާދިސާ ހިނގިތާ 3 މަހާއި 20 ދުވަސް ފަހުން މުލީގެ ދޮން ޙަސަން މަނިކުފާނު އިސްވެ ހުންނަވައި ރާއްޖޭގެ މިނިވަންކަން ދިވެހިންނަށް އަނބުރައި ހޯއްދަވައި ދެއްވިއެވެ. އޭގެ ފަހުން ވެސް ހޮޅިންގެ ދުއްތުރާކުރުންތައް ދިވެހިރާއްޖެއަށް އަމާޒުވިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކު އެބައިމީހުންނަށް ދާންޖެހުނީ ބަލިވެގެންނެވެ.
ވެލާނާގެ މުޙަންމަދު ދީދީ ބޭރުގެ ކުލީ ސިފައިން ގެނެސްގެން 1909 ޑިސެންބަރު 23 ވަނަދުވަހު ރާއްޖޭގެ ވެރިކަމާ ތޮޅެން ވަނީ މަސައްކަތް ކޮށްފައެވެ. މި ބަޣާވާތް ނާކާމިޔާބު ކޮށްލުމަށްޓަކައި ދިވެހި ސިފައިންގެ ފުރަތަމަ ކޮމާންޑަރ އިސްމާޢީލް ދީދީގެ ހިތްވަރުފުޅާއި ޢަޒުމު ވަރުގަދަކަމުގެ ވާހަކަ ދިވެހި ތާރީޚްގައި ލިޔެފައިވަނީ ރަންއަކުރުންނެވެ.
އިނގިރޭސިންގެ ސިޔާސަތުގެ ބާރު ލިބިގެން އަދި އިނގިރޭސީންގެ ނުސީދާ ޙިމާޔަތް ލިބިގެން އައްޑު އަތޮޅުގައި (ހުވަދު އަތޮޅާއި ފުވައްމުލަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ) ”ޔުނައިޓެޑް ސްވާޑީވްސް އައިލަންޑްސް“ ގެ ނަމުގައި ވަކި ސަރުކާރެއް ޤާއިމްކުރުމުގެ އަޑު، 1 ޖަނަވަރީ 1959 ގައި އުފުލިއެވެ. އައްޑު އަތޮޅުގައި ޤާނޫނީ ވެރިކަމެއްގެ ސިފައިގައި މި އުފެއްދި ބަޣާވާތަކީ ދިވެހި ތާރީޚް ހެކިދޭ ގޮތުގައި ދިވެހިރާއްޖެ ބައިބައިކޮށްލުމަށް ކުރެވުނު އެންމެ ބޮޑު، އެންމެ ނުރައްކާތެރި މަސައްކަތެވެ. ދުނިޔޭގެ ޤައުމުތަކަށް މިނިވަން ދައުލަތެއްގެ ގޮތުގައި އެ ދައުލަތް ޤަބޫލުކުރުމަށް ދަޢުވަތު ދެވުނެވެ. 1959 މާރިޗު 13 ވަނަ ދުވަހު ސްރީލަންކާގެ ނޫސްތަކުގައި އެ ވާހަކަ ޖަހާފައިވެއެވެ. ދުނިޔޭގެ އެއްވެސް ޤައުމަކުން އެ ޣައިރު ޤާނޫނީ ދައުލަތް ޤަބޫލުކޮށްފައެއް ނުވެއެވެ. ޚުދު އިނގިރޭސިން ވެސް އެކަމަށް ފަސްޖެހުނެވެ. ހިޖްރައިން 1378-1383 އަށް އެ ބަޣާވާތުގެ ކަންތައްތައް ކުރިއަށް ގެންދިޔައެވެ. މި ބަޣާވާތް ނާކާމިޔާބުވެ، ބަޣާވާތުގައި އިސްކޮށްހުރި ޢަބްދުﷲ ޢަފީފްއާއި އޭނާގެ ޢާއިލާ ޝީޝެލްސްއަށް އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ގެންދިޔައީ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުއެވެ. މިއީ އިނގިރޭސީންގެ ޙިމާޔަތުގައި ރާއްޖެ އޮތްއިރު ކޮށްފައިވާ ވަރަށް ހިތި ތަޖުރިބާއެކެވެ. ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯއްދަވައިދެއްވީ، 26 ޖުލައި 1965 ގައި ދިވެހިރާއްޖޭގައި އޭރުގެ ބޮޑުވަޒީރަކަށް ހުންނެވި ވެލާނާގޭ އިބްރާހީމް ނާޞިރެވެ.
ބޭރުގެ ކުލީ ސިފައިން ބޭނުންކޮށްގެން 1980 ވަނަ އަހަރު ހ.ހިކިފިނިފެންމާގޭ އަޙުމަދު ނަސީމް އިސްވެހުރެ ހިންގި ބަޣާވާތް ވެސް ލިޔެލަން ޖެހިފައިވަނީ ދިވެހިންނާ ތޮޅެން މަސައްކަތްކުރި ހާދިސާތަކުގެ ލިސްޓްގައެވެ. މި ހުރިހާ ހާދިސާއަކަށްވުރެ ވެސް އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި ދިވެހި ތާރީޚުން ފެންނަންއޮތީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާއެވެ. ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އިސްވެހުރެ ސްރީލަންކާގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާޢަތުގެ ކުލީ ސިފައިން ގޮވައިގެން އައިސް ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށް ހިންގި ނާކާމިޔާބު ބަޣާވާތަކީ ފަހުގެ ތާރީޚްގައި ދިވެހިންގެލޭ ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި އޮހޮރުވާލަންޖެހުނު ދުވަހެވެ. ކީރިތިވަންތަ ﷲ ދިވެހިންނަށް އެ ދުވަހު ނަޞްރާއި ފަތަޙަ ދެއްވެވިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިން އެންމެ އިސްވެރިޔާގެ ޙައިޞިއްޔަތުން އެ ދުވަހު އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ކުރެއްވި މަސައްކަތްޕުޅާއި ގެންގުޅުއްވި ހަރުދަނާ ވިސްނުންފުޅުގެ ފަހަތުގައި ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ހަނގުރާމަ ކޮށްފައިވަނީ ފަޚުރުވެރިވުން ޙައްޤު ދަރަޖައަކަށެވެ.
މިހާރު ދިވެހިން ކުރިމަތިލާންޖެހިފައި ވަނީ ތަފާތު ތޮޅުންތަކަކާއެވެ. އެއީ ރާއްޖޭގެ އަމަންއަމާންކަމާއި، ރާއްޖޭގައި އޮންނަ މާތްވެގެންވާ އިސްލާމްދީނަށް އަމާޒުކޮށް ދެވޭ ޙަމަލާތަކެކެވެ. މި ޙަމަލާތަކަކީ ދުރާލައި ރޭވިގެން ހިންގޭ ވަރަށް ނުރައްކާތެރި ޙަމަލާތަކެކެވެ. ދިވެހި ބަހުން ޝީސެލްސްގެ ފީބާ ރޭޑިއޯއިން ކޮންމެ ހަފުތާއަކު ކްރިސްޓިއަން ދީނަށް ގޮވާލާ ޕްރޮގްރާމެއް ފޮނުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބޭރުގެ ޤައުމުތަކުގެ ނޫސް މަޖައްލާތަކުގައި ރާއްޖޭގެ މޫނުމަތި ބަދަލުވާ ވާހަކަތައް ޝާއިޢުކުރުމުގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟ ރާއްޖެއިން ބޭރަށް ދިވެހިން ގޮސްއުޅޭ ތަންތަނުގައި ދިވެހި ބަހުން ލިޔެފައިހުންނަ ޢީސާއީދީނަށް ގޮވާލާ ފޮތްތައް ދިވެހިންނަށް ބަހާ ހެދުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯއެވެ؟ ދުނިޔޭގެ ޚަބަރު ފަތުރާ މައި އެޖެންސީތަކުން ދިވެހިރާއްޖޭގެ މަޢުލޫމާތު ރޯނުބައިކޮށް ދޮގާއި ބުހުތާނުން ޖަރީކޮށްގެން ފޮނުވުމުގެ ސިއްރަކީ ކޮބައިތޯއެވެ؟
ދިވެހިރާއްޖޭގެ މިނިވަންކަމާއި އަޅުގަނޑުމެންގެ މެދުގައި މިއޮތް އަމަންއަމާންކަމާއި ޞުލްޙަ މަސްލަޙަތުގެ ހުރިހާ ވެސް ސިއްރަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އިސްލާމްދީނާ ދެކޮޅަށް ދުނިޔޭގައި ހިންގޭ ޙަރަކާތްތައް މިއަދު މިވަނީ އަޅުގަނޑުމެންނަށް ވެސް ކުރިމަތިލާން ޖެހިފައެވެ. އިސްލާމީ އުންމަތާ ދެކޮޅަށް ހުޅަނގުން ކުރާ މަސައްކަތްތަކުގައި އެމީހުން ގެންދަނީ ލިބިފައިހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ކުރަމުންނެވެ. ޢަސްކަރީ ބާރާއި ސިޔާސީ ނުފޫޒާއި މުއްސަނދިކަމާއި ފައިސާއާއި މީޑިއާގެ ބޭނުން ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވަނީ މި ނުރައްކާތެރި ތޮޅުންތަކާމެދު ވިސްނައިގެން ތިބޭށެވެ.
No comments:
Post a Comment