Friday, May 17, 2024

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)


 

ޢަބްދުﷲ ސަޢީދު 


ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަޅުހުރާގޭ  ސީދީ އާއި ކަކާގޭ ޅަދީދީގެ ދޮށީ ދަރިކަލުންނެވެ. މޫނިމާގޭ ސީދީ ކައިވެނި ބައްލަވައިގަތީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ގެ ދަރިކަނބަލުން މެދުގޮމަފުޅާ އެވެ. މޫނިމާގޭ ސީދީއާއި މެދުގޮމަފުޅާ ދިރިއުޅުއްވީ ގަލޮޅު ގަނޑުވަރުގައެވެ. އެއީ ގ. މޫނިމާގެ އެވެ. ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމާއި ބޮޑުވަޒީރުގެ ނާއިބުކަމާއި، ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވި ޢިއްޒަތްތެރިއެއްކަމަށްވާ ޞާޙިބުއްސަޢާދަތު އޮނަރަބަލް އަންނަބީލް ޙަސަން ޒަރީރަކީ މި ދެކަނބަލުންގެ ބޭފުޅެކެވެ.

 

މޫނިމާގޭ ސީދީގެ އެންމެ އަގުހުރި ޤައުމީ ޚިދުމަތަކީ މިއުޒިކަށް ކޮށްދެއްވި އަގުހުރި މަސައްކަތެވެ. ދިވެހިރާއްޖޭގައި ޒަމާނީ މިއުޒިކަށް ފުރާނައެޅިގެން އައީ މޫނިމާގޭ ސީދީއާއި އެ ދުވަސްވަރު މިއުޒިކުގެ ދާއިރާގައި މަސައްކަތް ކުރެއްވި މަދު ބޭފުޅުންކޮޅެއްގެ އަގުހުރި މަސައްކަތުންނެވެ. މީގެތެރެއިން މޫނިމާގޭ ސީދީގެ އެންމެ އަގުހުރި މަސައްކަތްޕުޅަކީ މިއުޒިކު ދަސްކޮށްދެއްވައި ސިފައިންގެ ބޭންޑް އެކުލަވައިލެއްވުމެވެ.

ދިވެހި ސިފައިންގެ ތެރޭގައި ބޭންޑު އުފެއްދެވުމުގެ މަސައްކަތް ފެށްޓެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް ލިބިވަޑައިގެންނެވި ދުވަސްވަރުގައެވެ. އެންމެ ފުރަތަމަ ސިފައިންގެ ބޭންޑް އުފެއްދުމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ސިފައިންގެ 2 ނަންބަރު ސަރުދާރު (ސާރޖަންޓް) އަންނަބީލް އިބްރާހީމް ޙަބީބެވެ. އެ މަނިކުފާނު ސިފައިންގެ ޚިދުމަތުން ވަކިވެ ވަޑައިގެންނެވުމުން ސިފައިންނަށް ބޭންޑް ދަސްކޮށް ދެއްވުމުގެ މަސައްކަތް އަލުން ފެއްޓެވީ އައްސައްޔިދު މޫނިމާގޭ ސީދީގެ ބެއްލެވުމުގެ ދަށުންނެވެ.

އައްސައްޔިދު މޫނިމާގޭ ސީދީ ސިފައިންގެ ބޭންޑް އެކުލަވާލެއްވީ ސިފައިންގެ ތެރެއިން މިއުޒިކުކުޅުމަށް ޝައުޤުވެރިކަން ހުރި ބޭފުޅުންނާއި ކުރިއްސުރެ ރަދުންގެ ބޭންޑުގެ ގޮތުގައި އޮތް ބެރުދުންމާރިތާޅަފިލިވެރިންގެ ތެރެއިން ބޭންޕާޓީގައި މަސައްކަތްކުރައްވަން ޝައުޤުވެރިކަންހުރި ބޭފުޅުން ވެސް ހިމަނުއްވައިގެންނެވެ. އޭރު ސިފައިންގެ ބޭންޕާޓީގައި ސިފައިންގެ އިތުރުން އެހެން ބޭފުޅުން ވެސް ތިއްބެވިއެވެ.

މި ބޭކަލުން މޫނިމާގޭގައި ބޭންޑު ދަސްކުރަމުން ގެންދިޔައީ ލަވަފޮށީގައި ހޮޅިގަނޑުޖަހައިގެން އަޑު އަހައިގެންނެވެ. އޭރު ރާގު ދަސްކުރަނީ ހޮޅިގަނޑު ޖަހައިގެން އެކިތަންތަންކޮޅު ވަކިވަކިން އަޑު އަހައިގެން އެބައިތައް ފަރިތަ ވަންދެން ކުޅެގެންނެވެ. ބޭންޑުގައި ހަމަހިފެހެއްޓި، އަޑު އެކުލަވާލެވުމުން ރަސްމިއްޔާތު ތަކުގައި ބޭންޑު ކުޅެންފެށިއެވެ. މިގޮތުން ސިފައިންގެ ބޭންޑް އުފެދުނު ތާރީޚެއްކަމުގައި ބަލަނީ 12 މޭ 1948 އެވެ. އޭގެފަހުން ވެސް މިއުޒިކު ކުޅުއްވައި މީހުންނަށް މިއުޒިކު ދަސްކޮށްދެއްވުމުގައި ދެމި ހުންނެވިއެވެ. އައްސައްޔިދު މޫނިމާގޭ ސީދީ މިޔުޒިކުގެ ރޮނގުން ކުރެއްވި އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ދެއްވާ އާންމުޚިދުމަތުގެ އިނާމު 1981 ވަނަ އަހަރު ވަނީ ދެއްވާފައެވެ.

އައްސައްޔިދު މޫނިމާގޭ ސީދީއަކީ ލިޔެލާ ޖެއްސެވުމާއި، ފޮޓޯނެންގެވުމާއި، އަތުކުރީގަޑި މަރާމާތުކުރެއްވުމާއި، ގިރިޓީކުރެއްވުމާއި ފެއްސެވުންފަދަ ހުނަރުވެރި ގިނަ މަސައްކަތްތަކެއް ކުރެއްވި ފަންނުވެރިއެކެވެ. އެއީ މިއުޒިކީ އާލާތްތަކުގެ ތެރެއިން ހަރުމޯނިއަމާއި، ޕިޔާނޯއާއި، ބޭލާއާއި، ކޮށްޓާފޮށި ފަރިތަކަމާއެކު މޫސީގާރެކެވެ. މީގެއިތުރުން އިންޑިއާގެ ކަލްކަތާއިން ދަތްޖެހުމުގެ މަސައްކަތް ދަސްކުރެއްވިއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުންގެ ދަތްޖެހުމުގެ މަސައްކަތް ކުރެއްވުމުގެ ޝަރަފު އޮތް ބޭފުޅަކީ ވެސް އައްސައްޔިދު މޫނިމާގޭ ސީދީއެވެ. 

އަނބިކަނބަލުން ޝަމްސުއްދީނު ރަދުންގެ މެދުގޮމަފުޅު އަވަހާރަވުމުން މޫނިމާގޭ ސީދީގެ ދިރިއުޅުއްވީ ގ. ފިނިފެންމާގޭގައެވެ. ފަހުން ކައިވެނި ބައްލަވައިގެންނެވީ ތޮއްޑޫ ޙަސީނާ މޫސާއާއެވެ. ސީދީގެ އަރިހުން އެ ދުވަސްވަރު ދަތްޖެހުމުގެ މަސައްކަތް ދަސްކުރައްވައިގެން އެ މަސައްކަތް ކުރެއްވިއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދަތްޖެހުމުގެ  މަސައްކަތް ކުރެއްވި ދިވެހި އަންހެން ބޭފުޅެއްގެ ޝަރަފު އޮތީ އައްސައްޔިދު މޫނިމާގޭ ސީދީގެ އަނބިކަނބަލުން ޙަސީނާ މޫސާއަށެވެ.

އައްސައްޔިދު ޢަލީ މޫސާ ނުވަތަ މޫނިމާގޭ ސީދީ އަވަހާރަވީ އުމުރު ފުޅުން 98 އަހަރުގައި، މީލާދުން 2 އޯގަސްޓް 1986ގައި މާލޭގައެވެ. އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރުކުރައްވާށިއެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...