ޢަބްދުﷲ ސަޢީދު
އަސްކަރިއްޔާއެއްގެ މަތިވެރި އަގުތަކުގެ ނިޒާމު ނުވަތަ ވެލިއު ސިސްޓަމުގައި އެތަނެއްގެ ވެލިއުސްތަކާއި އީތޯސްއާއި ކްރީޑް ނުވަތަ ޢަޒުމަކީ މުހިންމު އެއްޗެކެވެ. އެމެރިކާގެ އާމީ ވެލިއުސްތަކަކީ ލޯޔަލިޓީ (ވަފާތެރިކަން)، ޑިއުޓީ (ވާޖިބުތައް)، ރެސްޕެކްޓް (އިޙްތިރާމު)، ސެލްފްލެސް ސާވިސް (އަމިއްލަ އެދުމެއްނެތިކުރާ ޚިދުމަތް)، އޮނަރ (ޝަރަފު)، އިންޓެގްރިޓީ (ނަޒާހަތްތެރިކަން)، އަދި ޕާސަނަލް ކަރޭޖް (ޒާތީ ހިތްވަރު) އެވެ. މި ވެލިއުސްތަކަށް ކުރުކޮށް ކިޔަނީ LDRSHIP އެވެ.
ދިވެހި އަސްކަރިއްޔާގައި ވެސް ކޯޑް އޮފް އެތިކްސްގައި ހަތް އަޚްލާޤީ ވާޖިބެއް (އެތިކަލް އޮބިލިގޭޝަނެއް) އޮވެއެވެ. އެއީ ތަޤްވާވެރިކަން، ތެދުވެރިކަން، އިޚްލާޞްތެރިކަން، ވަފާތެރިކަން، އިންސާފުވެރިކަން، ހިތްވަރާކެރުން އަދި މަސްއޫލިއްޔަތު އުފުލުން މި ހަތް ސިފައެވެ. ކުރުކޮށް ކިޔަނީ "ތަތެއިވައިހިމަ" އެވެ. މިއަށް ވެލިއުސްއޭ ނުކީ ނަމަވެސް ޙަޤީޤަތުގައި ދިވެހި އަސްކަރިއްޔާގެ ވެލިއުސް ތަކަކީ މިއީއެވެ.
ދިވެހި އަސްކަރިއްޔާގެ ވެލިއުސް، އީތޯސް، އަދި ކްރީޑް (ޢަޒުމް) ބިނާވެފައި ވަނީ ދިވެހި އަސްކަރިއްޔާގެ ކޯޑް އޮފް އެތިކްސްގެ ތިން އަސާސްގެ ބިންގަލުގެ މަތީގައެވެ. އެއީ "އިސްލާމީ އަޤީދާގައި ސާބިތުވެ ތިބުން"، "ޤައުމީ ޚިދުމަތުގައި ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން" އަދި "ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވުން" މި ތިން އަސާސެވެ.
އަސްކަރީ ޚިދުމަތާ ގުޅޭ ކޮންމެ ޒުވާނަކު ސިފައިންގެއަށް ވަންނަނީ ކުޑައިރުއްސުރެ ތަރައްޤީވެފައިވާ އަދި އޭނާގެ އުމުރުގައި ފާއިތުވި ދުވަސްތަކުގައި ކުރެވިފައިވާ އަމިއްލަ ތަޖުރިބާތަކުގެ ތެރެއިން ތަރުބިއްޔަތު ލިބިފައިވާ ޒާތީ އަގުތަކަކާއެކުގައެވެ. ސިފައިންގެ ޚިދުމަތާ ގުޅުމަށްފަހު ސިފައިންގެ މީހަކަށް ވެގެންދަނީ އަސާސީ ތަމްރިނު ފުރިހަމަކޮށް ޤައުމާއި އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށް ހުވާކުރުމުންނެވެ. އާ އަގުތަކެއްގެ ތެރޭގައި އުޅުމަށާއި ޢަމަލުތައް އަސްކަރީ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެއްބަސްވުމުންނެވެ.
އަސްކަރިއްޔާގެ މަތިވެރި އަގުތައް ނުވަތަ ވެލިއުސްތައް އެކުލެވިގެންވަނީ އަސްކަރީ ކާމިޔާބު ފަހުލަވާލެއްގެ ކިބައިގައި ހުންނަށް ކޮންމެހެން ބޭނުންވާކަމަށް ބެލެވޭ އުސޫލުތަކާއި މިންގަނޑުތަކާއި ސިފަތަކުގެ މައްޗަށެވެ. އެއީ ކޮންމެ ހާލަތެއްގައި ވެސް ރަނގަޅު ނިންމުމެއް ނިންމުމަށް އެހީތެރިވެދޭ އަސާސީ ކަންތައްތަކެކެވެ.
އެމެރިކާގެ އާމީ ވެލިއުސްތަކުގެ ތެރެއިން ލޯޔަލްޓީ (ވަފާތެރިކަން) މާނަކުރަނީ އެމެރިކާގެ ޤާނޫނު އަސާސީއާއި، އަސްކަރިއްޔާއާއި، އެމީހެއްގެ ޔުނިޓާއި، އެހެން ސިފައިންނަށާއި އަސްކަރިއްޔާގައި މަސައްކަތްކުރާ އާންމު ޚިދުމަތްތެރިންނަށް ވެސް ޙަޤީޤީ މާނައިގައި ވަފާތެރިވުމަށެވެ. ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ލީޑަރުންނާއި، ދަށުން މަސައްކަތްކުރާ މީހުންނާއި އެކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ވަފާތެރިވުމަށެވެ. ވަފާތެރިކަމާއި އިތުބާރު ލިއްބައިދެނީ ތަމްރީނުތަކުގެ ތެރެއިންނެވެ. ލީޑަރުން ދަށުގައި މަސައްކަތްކުރާ މީހުންގެ ވަފާތެރިކަން ހޯދަނީ އެމީހުން ރަނގަޅަށް ތަމްރީނުކޮށް، އިންސާފުވެރިކަމާއެކު މުއާމަލާތްކޮށް، އަސްކަރިއްޔާގެ ވެލިއުސްތައް ނަގަހައްޓައިގެންނެވެ.
ޑިއުޓީ (ވާޖިބު) މާނަކުރަނީ ސިފައިންގެ މީހާއަށް އޭނާގެ ޑިއުޓީއަށްވުރެ މުހިންމު އެެހެން ކަމެއް ނޯންނާނެ ކަމަށް ބުނާ މާނައިގައެވެ. ޑިއުޓީ އަދާކުރަންވާނީ އެ ޑިއުޓީއެއް އަދާކުރެވެން އޮތް އެންމެ ޕްރޮފެޝަނަލްކޮށްކަން ބުނެދެމުންނެވެ. ކަމަކަށް ކަމެއް ކުރާގޮތަށް ސިފައިން ކަމެއް ނުކުރާނެއެވެ. ސިފައިން އެ މީހުންގެ ޑިއުޓީ އަދާކުރާނީ ކުރެވޭ އަމުރުތަކުގެ މަޤްޞަދު ފުރިހަމައަށް ހާސިލުކުރުމަށެވެ. ސިފައިންނަށް އަމުރުކުރާ ކޮމާންޑަރުންނާއި ލީޑަރުން އެ އަމުރުތަކަށް ޒިންމާވާނެއެވެ.
ރެސްޕެކްޓް (އިޙްތިރާމް) މާނަކުރަނީ ކޮންމެ މީހަކާމެދު ވެސް އިންސާނިއްޔަތު ކަމާއެކު ކަންތައް ކުރުމަށެވެ. އެހެން މީހުން ވެސް ތިބާމެދު އިންސާނީ ކަރާމާތާއި އިޙްތިރާމާއެކު ކަންތައް ކުރާނެކަން ޔަޤީންކޮށްގެން އެގޮތަށް ކަންތައް ކުރުމަށެވެ. އިޙްތިރާމަކީ އެހެން މީހުންގެ އަގުވަޒަންކުރުމުގެ އެންމެ ރަނގަޅު ފުރުސަތުކަން ދަނެގެން މަސައްކަތްކުރުމަށެވެ. ޖެނީވާ މުޢާހަދާގައިވާ ފަދައިން އިންސާނީ ކަރާމާތަށް އިޙުތިރާމްކުރުމަކީ ކޮންމެ ހާލަތެއްގައި ވެސް ސިފައިންގެ މީހުންނަށް ލާޒިމުކަމެކެވެ. މިކަމަށް ޓަކައި ސިފައިންގެ މީހުންނަށް އަބަދުވެސް މެންޓަރިންގ، ކޯޗިންގ، އަދި ކައުންސެލިންގއަކީ މުހިންމު ކަމެކެވެ. ދީނީ، ނަސްލީ، ސަގާފީ، އަދި ޖިންސީ ތަފާތުތަކަށް އިހުތިރާމުކުރުމަކީ މުހިންމުކަމެކެވެ.
ސެލްފްލެސް ސާރވިސް (އަމިއްލަ އެދުން ކުޑަ ޚިދުމަތް) މާނަކުރަނީ ޤައުމާއި ސިފައިންނާއި ތިމާއަށްވުރެ ދަށް ލެވެލްތަކުގައި މަސައްކަތްކުރާ މީހުންގެ ހެވާއި ލާބައަށް ކުރާ ކަންތައްތައް ތިމާގެ އަމިއްލަ ކަންކަމާއި މަސްލަހަތުގެ ކުރިއަށް ނެރުމަށެވެ. އަމިއްލަ އެދުން ކުޑަ ޚިދުމަތަކީ ލިބޭ ނުވަތަ ލިބިދާނެ މަންފާއަކަށް ބެލުމެއް ނެތި ކުރާ ޚިދުމަތެވެ. ސިފައިންގެ ޚިދުމަތުގެ ތެރޭގައި ކިތަންމެ ވަގުތެއް ކެތްތެރިކަމާއެކު ތަހަންމަލުކުރަންޖެހޭ ހާލަތުގައި ހުންނަން ޖެހޭނެއެވެ. އަސްކަރިއްޔާއަށް "ސަރވިސް" ނުވަތަ ޚިދުމަތެކޭ ގިނަ މީހުން ކިޔަނީ ކަމެއް ވެގެންނެވެ.
އޮނަރ (ޝަރަފު) މާނަކުރަނީ ސިފައިންގެ މަތިވެރި އަގުތަކާ އެއްގޮތަށް ޝަރަފުވެރިކޮށް އުޅޭ އުޅުމަށެވެ. އެންމެ މަތީ އަސްކަރީ އެވޯޑަކީ "ދަ މެޑަލް އޮފް އޮނަރ" އެވެ. މި އެވޯޑް ލިބެނީ ޤައުމާއި އަސްކަރިއްޔާގެ ޝަރަފަށް ޓަކައި ވަރަށް މަތިވެރި ޚިދުމަތެއް ނުވަތަ ޤުރުބާނީއެއްވާ ފަރާތްތަކަށެވެ. ޝަރަފަކީ ތިމާ ކުރާ ކޮންމެ ކަމެއްގައިވެސް އިޙްތިރާމާއި ވާޖިބާއި ވަފާތެރިކަމާއި އަމިއްލަ އެދުން ކުޑަ ޚިދުމަތާއި ނަޒާހަތްތެރިކަމާއި ޒާތީ ހިތްވަރުގެ އަގުތައް ކުރިއަށް ނެރެ ނަމޫނާ ދައްކައިދިނުމެވެ.
ލީޑަރުން އަމަލުކުރާ ގޮތާއި ވާޖިބުތައް އަދާކުރާ ގޮތަކީ އެމީހުންނަކީ ފަރާތްތަކާއި ލީޑަރުންގެ ގޮތުގައި މާނަކުރާ ބައެކެވެ. އަނެއްކޮޅުން، ސިފައިން ޤައުމުގެ ވަޢުދުތައް ފުއްދައިދޭ ގޮތަކީ، ސިފައިންނަކީ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅޭ އެއްޗެކެވެ. ޝަރަފުގެ ޑިމާންޑް ކުރަނީ ސިފައިންގެ އަގުތައް އަމިއްލަ މަސްލަހަތަށްވުރެ މަތީގައި ބެހެއްޓުމަށާއި ކެރިއަރާއި އަމިއްލަ އަރާމަށްވުރެ މަތީގައި ބެހެއްޓުމަށެވެ. ޝަރަފުގެ ސަބަބުން ޚާއްޞަކޮށް ޒާތީ ނުރައްކަލަކާ ކުރިމަތިލާއިރު ސިފައިންގެ އަގުތަކާ އެއްގޮތަށް އުޅެވޭނެ އިޚްތިޔާރުގެ ބާރު ލިބިގެންދެއެވެ.
އިންޓަގްރިޓީ (ނަޒާހަތްތެރިކަން) މާނަކުރަނީ ކުރާ ކޮންމެ ކަމެއް ވެސް ޤާނޫނީ ގޮތުންނާއި އަޚްލާޤީ ގޮތުން ރަނގަޅު ކަމެއް ނޫނީ ނުކުރުމުގެ މައްޗަށެވެ. ނަޒާހަތްތެރިކަމަކީ އަޚްލާޤާއި އުސޫލުތަކަށް ސިއްރާއި ފާޅުގައި ތަބާވުމެވެ. އެއީ އެހެން މީހުންނަށް އޮޅުވާލާފަދަ އެއްވެސް ކަމެއް ނުކުރުމެވެ. އަދި އެފަދަ ކަމެއް ކުރުމަށް އެހެން މީހެއްގެ ކައިރީގައި ވެސް ނުބުނުމަށް ލާޒިމުކުރާ ކަމެކެވެ. އެ މީހެއްގެ ނަޒާހަތްތެރިކަން ބޮޑުވި ވަރަކަށް، އެހެން މީހުންގެ އިތުބާރު ބޮޑުވާނެކަން ހަނދާންކޮށްދީ ސާފު އުސޫލުތަކަށް ތަބާވުމެވެ.
ޕާސަނަލް ކަރޭޖް (ޒާތީ ހިތްވަރު) މާނަކުރަނީ ބިރުވެރިކަމާއި، ނުރައްކަލާއި ނުވަތަ މުސީބާތަކާ (ޖިސްމާނީ ނުވަތަ އަޚްލާޤީ ގޮތުން) ކުރިމަތިލާން ކެރުމަށެވެ. ޒާތީ ނުވަތަ އެމީހެއްގެ އަމިއްލަ ހިތްވަރު ޖިސްމާނީ ގޮތުން ކުރިމަތިވާ މަޖުބޫރުތަކަށް ކެތްކޮށް، ބައެއް ފަހަރު އެހެން މީހުންގެ ސަލާމަތަށް ޓަކައި އަމިއްލަ ނަފުސު ނުރައްކަލުގެ ތެރެއަށް އެނގިހުރެ ވައްޓާލަން ޖެހެއެވެ. ތިމާގެ އަމިއްލަ ހިތްވަރު ބިނާކުރެވޭނީ
ބިރުވެރިކަމާއި، ނުރައްކަލާއި، ނުވަތަ އުނދަގޫތަކާ ކުރިމަތިލާން ތަމްރީނުކޮށްގެންނެވެ. ޒާތީ ހިތްވަރު ދެ ގޮތަކަށް ގެންގުޅެއެވެ: ޖިސްމާނީ އަދި އަޚްލާޤީ ހިތްވަރެވެ. ޖިސްމާނީ ހިތްވަރަކީ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމުގެ ބިރުން އަރައިގަނެ، ތިމާގެ ވާޖިބު އަދާކުރުމެވެ. އެއީ ޒަޚަމްތަކެއް ނުވަތަ މަރުވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް ސިފައިންގެ މީހަކަށް ހަނގުރާމައިގައި ރިސްކް ނަގަން ފުރުސަތު ލިބޭ ހިތްވަރެވެ. އަޚްލާޤީ ހިތްވަރަކީ އަގުތަކާއި، އުސޫލުތަކާއި، ޤަބޫލުކުރުންތަކުގައި ސާބިތުވެ ތިބުމަށް ތައްޔާރަށް ހުރުމެވެ. ކަންކަން ގޯސްވެގެން ދިޔަޔަސް ނިންމުންތަކާއި ޢަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގާ ލީޑަރުން ދައްކައިދެނީ އަޚްލާޤީ ހިތްވަރެވެ. އަޚްލާޤީ ހިތްވަރުވެސް ފާޅުވަނީ ތެދުވެރިކަމުގެ ތެރެއިންނެވެ.
No comments:
Post a Comment