ޢަބްދުﷲސަޢީދު
ތުރުކީވިލާތުގައިއޮތް އުސްމާނީ ދައުލަތް ވެއްޓި ފަރަންސޭސިން ދެކުނު ތުރުކީއަށް ވެރިވެގަތް ދުވަސްވަރެވެ. ތުރުކީގެ މުސްލިމުންގެ މައްޗަށް ބާރު ހިންގަމުން ދިޔައީ ފްރާންސް އާއި އަރްމީނިއާގެ އިސްތިޢުމާރީ ސިފައިންނެވެ. ތުރުކީވިލާތުގައި އޭރުވެސް މުސްލިމު އަންހެނުން ތިބީ ބުރުގާ އަޅައިގެންނެވެ. އެއް ދުވަހަކު ޕެޓްރޯލަށް ނުކުމެ އުޅުނު ފަރަންސޭސި - އަރްމީނިއާ ގެ ސިފައިންގެ ބަޔަކު މަގުމަތިން ހިނގާފައި ދަނިކޮށް ބުރުގާ އަޅައިގެން ހުރި އަންހެނަކާ ބައްދަލުވިއެވެ. އާދައިމަތިން އެ ބައިމީހުން އެ އަންހެން މީހާއަށް ފުރައްސާރަކޮށް ދިމާކޮށް ހަދަމުން ދިޔައެވެ.
އެ ސިފައިންގެ މީހުން ބުންޏެވެ. "މިހާރު މުސްލިމުންގެ ދައުލަތް ނެތިހިގައްޖެވެ. ކަލޭމެންގެ ވެރިކަން ވެއްޓިއްޖެއެވެ. މިހާރު ކަލޭމެން ތިޔަ ތިބީ ހުޅަނގުގެ ވެރިންގެ ބާރުގެ ދަށުގައެވެ. ތިޔަ ބުރުގާ ނަގާށެވެ."
އެކަމަށް އެ އަންހެން މީހާ ދެކޮޅު ހަދަމުން ދިޔަ މަންޒަރު ބަލަން މީހަކު ހުއްޓެވެ. އޭނާގެ ނަމަކީ "ކިރުވިއްކާ އިމާމް" އެވެ. އޭނާ އުފަންވީ 1872 ވަނަ އަހަރުއެވެ. އޭރު އޭނާއަކީ އުޒުނޮލޫކް މިސްކިތުގެ އިމާމު ވެސް މެއެވެ. އިމާމުކަން ކުރައްވަނީ ހިލޭ ސާބަހަށެވެ. އިމާމް ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތަކީ މަގުމަތީގައި ކިރު ވިއްކެވުމެވެ. ކިރު ވިއްކާ އިމާމުގެ ނަމުން މަޝްހޫރުވެ ވަޑައިގަތީ އެހެންވެއެވެ.
އަންހެން މީހާ އޭނާގެ ބުރުގާ ބާލަން އިންކާރުކުރުމުން ފަރަންސޭސި އެ ސިފައިންގެ މީހަކު އެ އަންހެން މީހާގެ ބުރުގައި ހިފިއެވެ. އަތް އިސްކޮށް މަގުމަތީގައި އެ އަންހެން މީހާގެ ބުރުގާ ބާލަން މަސައްކަތްކުރިއެވެ. ބުރުގާ ފަޅާލިއެވެ.
އެ މަންޒަރު ބަލަންހުރި ކިރުވިއްކާ އިމާމުގެ ޣީރަތްތެރިކަމުގެ ޖޯޝް އެ އަންހެން މީހާގެ ހިމާޔަތަށް ގޮވާލިއެވެ. މުސްލިމު އެންމެ އަންހެނަކު މަގުމަތީގައި އޮރިޔާން ކުރުމަކީ މުޅި އުންމަތް އޮރިޔާންކުރުން ކަމަށް އޭނާ ޤަބޫލުކުރިއެވެ. ވަގުތުން އިސްތިޢުމާރީ ބާރުގެ އެ ސިފައިންނާ އިމާމު ކުރިމަތިލިއެވެ. އަދި އަންހެން މީހާއަށް ހަމަލާދިން ސިފައިންގެ މީހާގެ ބެލުޓުގައި އޮތް ފިސްތޯލަ ދަމައިގަތެވެ. އަދި އެ އަންހެން މީހާ ހިމާޔަތްކޮށްދިނެވެ. މި ތާރީޚީ ހާދިސާ ހިނގީ 1919 އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ.
އުސްމާނީ ޚިލާފަތުގެ ވެރިކަން ވައްޓާލައި ތުރުކީއަށް ވެރިވެގަތް ފަރަންސޭސީންގެ ކިބައިން ޤައުމު މިނިވަންކުރުމުގެ ހިތްވަރު ތުރުކީވިލާތުގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މި ކިރު ވިއްކާ އިމާމު ގޮއްވާލި ވަޒަނުގެ ސަބަބުންނެވެ. މި ހާދިސާއަށްފަހު ފަރަންސޭސިން އެ ޤައުމުން ވަނީ ބޭރުކޮށްލައިފައެވެ.
މީލާދީން 1922 ވަނަ އަހަރު ޝަހީދުވި މި ކިރުވިއްކާ އިމާމުގެ ހިތްވަރާއި ޢަޒުމް މީހުންނަށް އަންގައިދިނުމަށް ވަރަށް ގިނަ ކަންތައްތައް ތުރުކީވިލާތުގައި ވަނީ ކުރެވިފައެވެ. މިގޮތުން އިމާމު ވަޒަން ގޮއްވާލި އުޒުނޮލޫކް މައިދާނުގައި 1936 ވަނަ އަހަރު އިމާމްގެ ނަމުގައި ހަނދާނީ ބިނާއަކާއި ފެންއަރުވާ ވަޑާމެއް ހެދުނެވެ. 1977 ވަނަ އަހަރު ސުޓްޗޫ އިމާމްގެ ނަމުގައި "ލިބަރޭޝަން މޮނިއުމަންޓް" ބިނާކުރި އެވެ. 1980 ވަނަ އަހަރު ޗިނާރލީ މިސްކިތުގައި ހުރި އިމާމުގެ މަހާނަ ވަނީ ޒިޔާރަތަކަށް ހަދާފައެވެ. 1992 ވަނަ އަހަރު ސުޓްޗޫ އިމާމްގެ ނަމުން ނަންދެވިފައިވާ "ކަހްރަމަންމަރާޝް ސުޓްޗޫ އިމާމް ޔުނިވަރސިޓީ" ވަނީ އުފައްދާފައެވެ. އޭނާގެ ވާހަކަ މިއަދާ ހަމައަށްވެސް ސްކޫލުތަކުގައި ކިޔަވައިދެމުން އެބަދެއެވެ. އޭނާގެ ޒިކުރާ އެބަ އާކުރެވެއެވެ.
ފޮޓޯއާއި މަޢުލޫމާތު: އީއެން.އެކަޑެމިކް.ކޮމް އަދި އިމްޕީރިއަލް މުސްލިމް ބްލޮގް
No comments:
Post a Comment