ޢަބްދުﷲ ސަޢީދު
ދައުލަތެކޭ ކިޔެނީ އެއް ސަރުކާރެއްގެ ދަށުން އިންތިޒާމުކުރެވިފައިވާ ސިޔާސީ ޖަމާޢަތެއްގެ ގޮތުގައި ބަލާ ޤައުމެއް ނުވަތަ ސަރަޙައްދަކަށެވެ. ދައުލަތެއް ދައުލަތަކަށް ވަނީ މުހިންމު ހަތަރު މާއްދާއެއް އެކުވެގެންނެވެ. އެއީ އާބާދީ އާއި، ސަރަޙައްދާއި، ވެރިކަން (ސަރުކާރު)އާއި، އިސްތިޤްލާލް (މިނިވަންކަން) އެވެ. އާބާދީއާއި ސަރަޙައްދަކީ ދައުލަތުގެ ޖިސްމާނީ ނުވަތަ މާއްދީ ދެ އަސާސެވެ. ސަރުކާރާއި އިސްތިޤްލާލަކީ ސިޔާސީ އަދި ރޫޙާނީ އަސާސެވެ.
އާބާދީ:
ދައުލަތުގެ އަސާސީ ސިފައަކަށް އާބާދީ ވާ މައިގަނޑު ސަބަބަކީ އިންސާނީ ޖަމާޢަތަކަށް ދައުލަތްވާކަމެވެ. އެރިސްޓޯޓަލްއާއި ޕްލެޓޯފަދަ ޤަދީމީ ޔޫނާނީ ލިޔުންތެރިން ދައުލަތެއްގެ އާބާދީގެ ގޮތުގައި ލިޔުއްވާފައިވަނީ މިހާރާ އަޅާބަލާއިރު ވަރަށް ކުޑަ އާބާދީއަކަށެވެ. މި ޒަމާނުގެ ނަޒަރިއްޔާތަކީ ބޮޑެތި ދައުލަތްތަކަށް ތާއީދުކުރާ ނަޒަރިއްޔާތެކެވެ.
އާބާދީއަކީ ދައުލަތުގެ ވަސީލަތްތައް އެ އާބާދީ ބެލެހެއްޓުމަށް އެކަށީގެންވާ ވަރަކަށް ވާން ޖެހެއެވެ. ދައުލަތެއްގެ އާބާދީގެ ސައިޒާއި މާއްދީ މުއްސަނދިކަމާ ދެމެދު އުފާވެރި ބެލެންސެއް އޮންނަން ޖެހެއެވެ.
ސަރަޙައްދު:
ކަނޑައެޅިފައިވާ ދާއިމީ ސަރަހައްދެއް ދައުލަތެއްގައި ނަމަ އޮންނަން ޖެހެއެވެ. އެ ދައުލަތެއްގެ ސަރަޙައްދަކީ އެ ދައުލަތެއްގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދެވެ. ދައުލަތެއްގެ ބާރާއި ރައްކާތެރިކަން ކަނޑައެޅެނީ ހަމައެކަނި އެ ދައުލަތެއްގެ ސަރަހައްދެއްގެ ބޮޑުމިނަކުން ނޫންކަމެވެ.
ސަރުކާރު (ވެރިކަން):
ކަނޑައެޅިފައިވާ ސަރަހައްދެއްގައި ރައްޔިތުންގެ ޖަމާޢަތް ދިރިއުޅޭއިރު ސިޔާސީ ގޮތުން އެ ޖަމާޢަތް ދަމަހައްޓައި ތަމްސީލުކުރަނީ އެ ބައެއްގެ ވެރިކަމެވެ. ނުވަތަ ސަރުކާރެވެ. ސަރުކާރަކީ އާންމު ސިޔާސަތުތައް ކަނޑައެޅައި އަދި އާންމު ކަންކަން ރެގިއުލޭޓް ކުރާ އިދާރާއެވެ. ދައުލަތް ހިންގަނީ ސަރުކާރުންނެވެ. ސަރުކާރު ވަރުގަދަ ވާންޖެހެނީ ހަމަޖެހުން ދެމެހެއްޓުމަށެވެ. ކިޔަމަންތެރިކަން ތަންފީޒުކުރުމަށެވެ. ވެރިކަމެއް ނެތްނަމަ ޤާނޫނެއް ނެތި، ނާމާންކަން އުފެދި އެންމެ ފަހުން ދައުލަތް އުވި ހިނގައިދާނެއެވެ. ޑިމޮކްރެޓިކް ޤައުމެއްގައި ވެރިކަން ހިނގާތަން ފެންނާނީ ދައުލަތުގެ ތިންބާރު ވެސް އެކަށީގެންވާ ގޮތެއްގައި ހިނގައިގެންނެވެ.
ދައުލަތް ހިންގުމަށް ރަސްކަމާއި، ޑިމޮކްރަސީ ނިޒާމާއި، ހުދުމުޚުތާރު ވެރިކަން ވެސް ޤައުމުތަކުން ފެނެއެވެ. ވެރިކަމުގެ ސިފަ ކޮންމެ ގޮތަކަށް އޮތަސް ހަގީގަތަކީ ވެރިކަމެއް ނެތި ދައުލަތެއް ނޯންނާނެކަމެވެ.
އިސްތިޤްލާލު (މިނިވަންކަން):
ދައުލަތުގެ އެންމެ މުހިންމު ސިފައަކީ ދައުލަތުގެ އިސްތިގުލާލެވެ. އެއީ ދައުލަތް އެހެން ހުރިހާ ޖަމާޢަތް ތަކަކާ ތަފާތުކޮށްދޭ ސިފައެވެ. އިސްތިއުނާފު ނުކުރެވޭ އެންމެ މަތީ ބާރު ނުވަތަ އެންމެ ފަހުގެ ބަސް ދައުލަތުން ބުނާތީއެވެ.
އިސްތިޤްލާލުގައި ދާޚިލީ (އެތެރެ) އާއި ޚާރިޖީ (ބޭރު) މިނިވަންކަން އޮންނަން ޖެހެއެވެ. ދާޚިލީ ގޮތުން ބަލާއިރު، ދައުލަތުގެ ހުރިހާ ފަރުދުންނާއި ޖަމާޢަތްތަކުގެ މައްޗަށް ދައުލަތުގެ އެންމެ މަތީ ބާރު އޮންނަން ޖެހެއެވެ. އެއީ ޤާނޫނުތަކަށާއި ގަވާއިދުތަކާއި އަމުރުތަކަށް އެ ޤައުމެއް އެންމެން ކިޔަމަންތެރި ކުރުވުމަށް ބާރެވެ.
ޚާރިޖީ މިނިވަން ކަމަކީ ބޭރުގެ އެއްވެސް ދައުލަތެއްގެ ނުވަތަ ބިދޭސީ ވެރިކަމެއްގެ ނުފޫޒާއި ބާރުން މިނިވަންވެފައިވާ ދައުލަތަކަށް ވުމެވެ. މިނިވަންކަން ނެތި ދައުލަތް ދައުލަތަކަށް ނުވާނެއެވެ.
ރިފަރެންސް:
ވުޑްރޯ ވިލްސަން (2018). ދަ ސްޓޭޓް: އެލިމެންޓް އޮފް ހިސްޓޮރިކަލް އެންޑް ޕްރެކްޓިކަލް ޕޮލިޓިކްސް
No comments:
Post a Comment