Thursday, September 27, 2018

ދިވެހިއްޔަތު

ޢަބްދުﷲ ސަޢީދު

ދިވެހިންގެ ޚާއްޞަ ސިފަތަކެއް ހުރެއެވެ. އެ ސިފަތަކަށް ދިވެހިއްޔަތު ކިޔަމާ ހިނގާށެވެ. އެއީ ދިވެހިންގެ ތަބީއީ (ފިޒިކަލް) ސިފަތަކާއި، މައުނަވީ (އެބްސްޓްރެކްޓް) ސިފަތަކާއެކުގައެވެ. ދިވެހިންގެ އާންމު އިސްކޮޅާއި ރޫފައާއި ހަމުގެ ކުލައަކީ ތަބީއީ ސިފަތަކެކެވެ. ދިވެހިންގެ ވިސްނުމާއި ފިކުރާއި ޖަޒުބާތާއި ޝުޢޫރުތަކުން ފާޅުވަނީ މައުނަވީ ސިފަތަކެވެ. މިހުރިހާ ސިފަތަކަށް ނުފޫޒު ފޯރުވަނީ ދިވެހިންގެ ޤައުމިއްޔަތާއި ބަދަލުވަމުންދާ ހާލަތެވެ. ދިވެހިންގެ ދީނާއި ބަހާއި އާދަކާދައާއި ސަޤާފަތާއި ތާރީޚެވެ. ޤައުމިއްޔަތަކީ ޤައުމީވަންތަކަމާއި ނިސްބަތްވާ ޤައުމެވެ. ދިވެހިއްޔަތަކީ ދިވެހި ޤައުމިއްޔަތާއި ދިވެހިންވަންތަކަމުގައި ހުންނަ ޚާއްޞަ ސިފަތަކެވެ. 



ދިވެހިންނަކީ އެއް ދީނެއްގެ އަހުލުވެރިންތަކެކެވެ. އެއްބަހަކުން ވާހަކަ ދައްކާ ބައެކެވެ. އެއް ނަސްލެއްގެ ބައެކެވެ. ދިވެހިންގެ ތެރޭގައި އޮތީ އެއް އާދަކާދައެކެވެ. އެއް ސަޤާފަތެކެވެ. އެއް ތާރީޚެކެވެ. ދިވެހިރާއްޖޭގައި އުޅެނީ އެއް ބައެކެވެ. އެއީ ދިވެހިންނެވެ. މި ޚާއްޞަ ސިފަތަކަކީ ދިވެހިއްޔަތު ފާޅުކޮށް ދެނެގަންނަން ފަސޭހަ ދިވެހިންނަށް ޚާއްޞަ ސިފަތަކެކެވެ. ދީނަށް އުޅުމުގައި ދިވެހިންނަކީ ވަކި ހަމަތަކެއް ގެންގުޅެމުން އައި ބައެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އޮތް ކަހަލަ ދީނީ ޚިލާފުތަކާއި ބައިބައިވުންތައް ނެތީ އެހެންވެއެވެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރާއްޖޭގައި އޮތީ މާލިކީ މަޒުހަބެވެ. ދިވެހިން ޝާފިޢީ މަޒުހަބު އިޚްތިޔާރުކުރީ އުތީމު މަހާރަދުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްފަހުގައެވެ. އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭގެފާނު)ގެ ތަޢުލީމުގެ ސަބަބުންނެވެ. އެ ފަހަރު ބަދަލުވިގޮތަށް އަނެއްކާ ވެސް ރާއްޖޭގައި އޮތީ އެއް މަޒުހަބެކެވެ. މިއީ ދިވެހިއްޔަތުގެ ސިފައެކެވެ. ދިވެހިންގެ މެދުގައި ދީނީ ކަންކަމުގައި އޮންނަނީ އެއް ފިކުރެކެވެ. ދީނަށް އެންމެ ރަނގަޅަށް ނޫޅެވޭ މީހާ ވެސް ދީނަށް ދެރަބަހެއް ބުނެފިނަމަ ހިތްހަމައެއްނުޖެހެއެވެ. 

ދިވެހިންގެ އާދަކާދައަކީ ދިވެހިންގެ މެދުގައި ކަން ހިނގާފައި އޮންނަ އާދަތަކެވެ. އޮޑިދޯނި ފަހަރު އެހެލާ ބޭލުމާއި، ބޮޑު މާލޫދު ކިޔުމާއި، ޢީދު ކުޅިވަރު ކުޅުމާއި، މީހުން ނިޔާވުމުން ބާއްވާ ޖަނާޒާތަކުގައި ކަންތައްތައް ކުރާގޮތަކީ އާދަކާދައެވެ. އެކަންކަން ކުރުމުގައި ދިވެހިން ގެންގުޅޭ ރޫޙާއި، ޖޯޝާއި، ލޯތްބާއި، އަހުމިއްޔަތުކަމުން ފެންނަނީ ދިވެހިއްޔަތެވެ. ދިވެހިންގެ ސަޤާފަތަކީ ދިވެހިންގެ ތެރޭގައި ވިސްނުމާއި، ޚިޔާލާއި، ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި، ކުޅިވަރާއި، މިޔުޒިކާއި، ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދައެވެ. ނުވަތަ ދިވެހިން ދިރިއުޅޭ ގޮތެވެ. ބޮޑުބެރު ޖެހުމަކީ ދިވެހިންގެ ސަޤާފީ ކުޅިވަރެކެވެ. އެ ކުޅިވަރަށް ދިވެހިންގެ ހިތުގައި އޮންނަ ޤަދަރާއި ލޯތްބާއި އެ ކުޅިވަރުން ފެންނަ ދިވެހިވަންތަ ގޮތްފާޑުން ދައްކުވައިދެނީ ދިވެހިއްޔަތެވެ. ދިވެހިންނަކީ މަސައްކަތްތެރި މުރާލި ހީވާގި ބައެކެވެ. މައިން ބަފައިންނަށް ކަމޭހިތައި، ބޮޑެތި މީހުންނަށް އިޙްތިރާމުކޮށް، ކުޑަކުދިންނަށް އޯގާތެރި، އަވަށްޓެރިންނަށް އަޅާލާއި، މެޙުމާނުންނަށް ކަމޭހިތުމުގައި ވެސް ދިވެހިންނަކީ ލާމަސީލު ބައެކެވެ. މިކަންކަމަށް ހެކިނުވާ ސައްޔާހެއް މި ޤައުމަކަށް ނާދެއެވެ. ދިވެހިންނަކީ ދިވެހިންގެ ކަންތައްތައް އަމިއްލައަށް ނިންމުމަށް ލޯބިކުރި ބައެކެވެ. ދިވެހިންގެ ތެރެއިން އުފެދުނު އަމިއްލަ އެދުން ބޮޑެތި މީހުންގެ ފިކުރަކަށް ދިވެހިން ތާޢީދުކޮށްފައެއް ނުވެއެވެ. ދިވެހިންގެ މިނިވަންކަން އަނބުރާ ހޯދުމަށް ނުވަތަ މިނިވަން ދިފާޢުކުރުމަށް ޖިހާދުކޮށް ލޭ އޮހޮރުވާލާފައިވަނީ ވެސް ހަމަ ދިވެހިންނެވެ. ބޭރުގެ އެހީ ހޯދަންޖެހުނު މަދު ފަހަރެއްގައި ވެސް އެ އެހީ ހޯދާފައިވަނީ ޙިކުމަތްތެރިކަމާއެކުގައެވެ. މުގޫ ދޫކޮށްނުލައި ދިވެހިންގެ އަތުގައި ބާއްވައިގެންނެވެ. 

ދިވެހިން ފިޔަވައި ދިވެހި ބަހުން ވާހަކަ ދައްކަނީ ހަމައެކަނި މަލިކު މީހުންނެވެ. ދިވެހި ބަހަށްވުރެ މާގިނަ މީހުން ވާހަކަ ދައްކާ އުޅޭ ބައެއް ބަސްތަކުގައި އަމިއްލަ އަކުރެއްނެތެވެ. އޭގެތެރެއިން އެތައް ބަހެއް ނެތި ހިގައްޖެ ވެސް މެއެވެ. ދިވެހިބަސް ދިރިދެމިއޮތީ ދިވެހިން އެ ބަސް ދެކެ ލޯބިވާތީއެވެ. މި ލޯތްބަކީ ވެސް ދިވެހިއްޔަތުގެ ސިފައެކެވެ. ސިޔާސީ ކަންކަމުގައާއި އިޖުތިމާޢީ ކަންކަމުގައާއި އިޤްތިޞާދީ ކަންކަމުގައިި ވެސް ދިވެހިންގެ ޚާއްޞަ ސިފަތަކެއް ހުރެއެވެ. ވެރިންނަށް އިޙްތިރާމުކުރުމާއި، ޖަމާޢަތުގެ ކަންކަމުގައި އެ މީހެއްގެ މިންވަރުން ބައިވެރިވުމާއި، ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ދިރިއުޅުން އާރާސްތުކުރުމުގައެވެ. ދިވެހިއްޔަތުގެ ޚާއްޞަ ސިފަތައް ދަމަހައްޓަން ބޭނުންނަމަ ދިވެހިންގެ ހިތްތަކުގައި އާލާކުރަންޖެހޭނީ ޤައުމީ ލޯތްބެވެ. އުފައްދަންޖެހޭނީ ޤައުމީ ރޫޙެވެ. ދިރުވާ އާލާކޮށް ދަމަހައްޓަންޖެހޭނީ ދިވެހިންގެ މެދުގައި ޤައުމީ ޝުޢޫރެވެ.   

   






















No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...