ޢަބްދުﷲ
ސަޢީދު
އެކި
ކުލަކުލަ އަރާ ދޫނިތަކުގެ ޖާދުވީ ސިހުރީ އަޑުތަކުން މުޅި ތުނޑިމަތި ވަނީ
ގުގުމާލާފައެވެ. ދެމުންދަނީ ހޫނު ގަދަ އަތްވެވެ. މަތީގައި އުދުހޭ ދޫނިތަކުގެ
ތެރެއިން ނޫކުލައިގެ ހިތްގައިމު އުޑުން ފެންނަނީ އެކި ތަންކޮޅުކޮޅެވެ. ތުނޑިއާ
ގުޅިފައިވަނީ ވިލުކުލައިގެ ސާފު ފަޅެކެވެ. އެފަޅާ ގުޅިފައިވަނީ ގަދަ ނޫކުލައިގެ
ކަނޑެކެވެ. އެފަޅާއި ކަނޑު ވެސް ހީވަނީ ހިމޭން ފުން ނިންޖަކުން
ނިދާލާފައިވާހެންނެވެ. ތުނޑިވަށައިގެންވާ ފަޅުގައިވާ ރީތި ވިލުކުލަ ރަތްކުލައަށް
ބަދަލުވަމުން ދަނީއެވެ. ހުދުކުލަގަދަ ތުނޑީގެ އެކި ހިސާބުތަކުން ފެންނަނީ ކޯރު
ދެމިގެން ލޭތައް މޫދަށް ފައިބާތީއެވެ. އިވެމުންދަނީ ދޫނިތައް ގޮވާ އަޑެވެ. އެ
އަޑުފައްގަނޑުގެ ތެރެއިން އިންސާނުންގެ ރުއިމާއި ހަޅޭކުގެ އަޑު ވެސް އިވޭހެން
ހީވެއެވެ. އަހަރެންގެ ފިޔަވަޅުތައް އެ ތުނޑިއާ ދިމާއަށް ނެގެންފެށުނެވެ.
ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅި އަހަރެންގެ ގައިގައި ފިރުމާލާއިރު އިހުސާސްވަމުން
ދިޔައީ ހޫނުކަމެވެ. ތުނޑިއާ ކައިރިވި ވަރަކަށް އިންސާނުންގެ ވޭނީ އަޑުތައް ދިޔައީ
ގަދަވަމުންނެވެ.
ތުނޑިމަތީގައި
މީހުން ކޮޅުކޮޅަށް ދުވެނަގަނީއެވެ. އެއިން އެއްވެސް މީހެއްގެ ހަމަހޭވެރިކަން
ހުރިހެންނެއް ހިޔެއް ނުވެއެވެ. ކޮންމެ މީހަކު ވެސް މަސައްކަތްކުރަނީ ދޫނި
ހިފާށެވެ. މަތިން އުދުހެމުންދާ ކޮންމެ ވެސް ދޫންޏަކަށް ކޮންމެ މީހެއްގެވެސް ނަޒަރުހުރީ
ހުއްޓިފައެވެ. އެ މީހަކު ގަޔާވާ ދޫންޏަކާ ދިމާއަށް ބަލަހައްޓައިގެން ބޯ މައްޗަށް
ނަގައިގެން ތިބެ ދުވަނީއެވެ. އެ މީހުންނަށް އެހެން ތަނެއް ނުފެންނަ ކަހަލައެވެ. އެހެން
ދުވަމުންދާއިރު އެކަކާ އަނެކަކު ލައިގަނެއެވެ. އެކަކާ އަނެކަކު މޫނު ޖެހި
ފަޅަފަޅައިގެން ދެއެވެ. ބޮލުންނާއި މޫނުމަތިން ލޭތައް ފައިބަމުން ދެއެވެ. އެކަަކާ
އަނެކަކުޖެހި ވެއްޓެއެވެ. ތެދުވެވޭވަރުވާ މީހުން ތެދުވެ އަނެއްކާވެސް ދޫނި ފަހާ
ދުވެއެވެ. ނުތެދުވޭވަރު ވެފައިވާ މީހުން ދޫންޏާ ދިމާލަށް ބަލަހައްޓައިގެން ތިބެ
ރޮއި ހޭރެމުންދެއެވެ. ފިރުކެވޭވަރުވާ މީހުން ފިރުކެނީއެވެ. ލޫދެވޭ ވަރުވާ މީހުން
ލޫދެނީއެވެ. ތުނޑިމަތި ކަޅިވެފައިވަނީ އިންސާނުންގެ ލެއިންނެވެ. ސައިލު ދެމެމުންދަނީ
އެލެއެވެ. ހުރިހާ އެންމެން ކަހަލަ ގޮތަކަށް ތިބީ ލެއިން ތަތްތެޅިފައެވެ. މީހުން
ވަކިވާވަރެއް ވެސް ނޫނެވެ.
ދޫނި ހިފަން މަސައްކަތްކުރާ މީހުން އެކަމުގައި
ދެމި ތިއްބެވެ. އެކަމަކު އެތައް ވަގުތެއް އެކަމުގައި ހޭދަކޮށް އެކަން ކާމިޔާބު
ނުވުމުން މާޔޫސްވެފައިވާ މީހުން ވެސް މަދެއް ނޫނެވެ. އަމިއްލަ އަތުން ގައިގައިތަޅާ
ހަދަނީއެވެ. ލޭގެ ކޯރުތަކުގެ ތެރޭގައި ފަތަނީއެވެ. އޭގެތެރެއިން ބައެއް މީހުން
ތުނޑީގެ އެކި ހިސާބުތަކުން މޫދަށް އެރެނީއެވެ. ދުނިޔޭގައި އުޅުމުގެ އެއްވެސް
އުންމީދެއް ނެތީއެވެ. އެ މީހުން ތިބީ ދުނިޔެއިން މޮޔަވެފައެވެ.
އެ ދޫނިތަކުގެ އަޖައިބެއްފަދަ ރީތިކަމަށް
އަހަރެންގެ ހިތް ވެސް ތަޢުރީފުކުރަން ފެށިއެވެ. އެ ދޫނިތައް ގޮވާ އަޑުގެ
ޖާދުލުގައި އަހަރެންގެ ހިތް ވެސް ގައިދުވަމުން ދިޔައެވެ. ޗާލު އުދުހުންތަކަށް މުޅި
ޒަމީރު އިޢުތިރާފު ވަމުން ދާންފެށިއެވެ. އަހަރެންގެ ނަޒަރު ފުރަތަމަ ހުއްޓުނު
ދޫންޏަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމާއި ފުރިހަމަކަމުގެ ސަބަބުން އެހެން ހުރިހާ
ކަމަކުން ހަނދާން ނެތިއްޖެއެވެ. އެވަގުތު އެ ދޫންޏާއި އަހަރެންނާ ހަތަރުކަޅި
ހަމަވިއެވެ. އެ ކުޑަކުޑަ ރީތި ދެލޯ ވިދައިގަތެވެ. އަހެރެންގެ ލޭ އަވަސްވިއެވެ.
ވީގޮތެއް ބުނެދޭކަށް ނޭނގެއެވެ. ދޫނި އުދުހެމުންދިޔަ ކޮޅަށް ފިޔަވަޅުތައް އަވަސް
އަވަހަށް އެޅެންފެށިއެވެ. އޭރުހުރީ މީހުންގަނޑުގެ ތެރެއަށް ވަދެވިފައެވެ. މީހުންގެ
ގައިގައި ލައިގަނެއެވެ. މީހުންގެ ގަޔަށް ފައިން ވެސް އެރެއެވެ. މީހުންގެ ގައިގައި
ޖެހި ވިއްސައިގެންވެސް ދެއެވެ. ވެއްޓޭ ފަހަރުވެސް އާދެއެވެ. އެކަމަކު އަހަރެން
ދިޔައީ ދޫނީގެ ފަހަތުންނެވެ.
އިންސާނުންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ
ބައެކެވެ. އަމިއްލަ އެދުމެއް އޮވެއްޖެނަމަ އެހެން ހުރިހާ ކަމެއް ޤުރުބާން
ކޮށްފާނެއެވެ. އަހަރެންނަށްވެސް މިވަނީ އެހެންތާއެވެ. ހާސިލުކުރަން ބޭނުންވާ
ލަނޑުދަނޑި އެނގުނީއެވެ. އެ ލަނޑުދަނޑިއަށް ވާސިލުކުރުމަށް ކޮންމެފަދަ ކަމެއް ވެސް
ކުރަންވީއެވެ. އެއްވެސް ހުރަހެއް ނުފެނެއެވެ. ފުރާނަ ޤުރުބާން ކުރަން ވެސް
އަހަރެން ހުރީ ތައްޔާރަށެވެ. އަހަރެންގެ ނަޒަރު ހުއްޓުނު އެ ހިތްގައިމު ރީތި
ދޫންޏަށް ބަލަހައްޓައިގެން ކަރު މައްޗަށް ނަގައިގެން ދުވެވުނީ ކިހާ އިރަކު ކަމެއް
ނޭނގެއެވެ. ވަރުބަލިމެ ކަރު ހިކިއްޖެއެވެ. ދެފައިކޮޅުން ވާގިނެތިއްޖެއެވެ. އެންމެ
ފަހުން ގައިން ބާރު ދޫވެގެން މީހުންގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. ބިންމަތީގައި
ކޯރު ދެމެމުންދިޔަ ލޭތަކުގެ ތެރެއަށެވެ. މުޅި މީހާ ލެއިން ފޯވިއެވެ. މީހުންތައް
ގައިމަތިން ދުވަންފެށިއެވެ. ގައިމައްޗަށް މީހުން ވެއްޓެމުން ދިޔައެވެ. ބޯ
ހިއްލާލައި ދެ ލޯ ފޮހެލެވުނެވެ. އަމިއްލަ ފުރާނަ ސަލާމަތް ވޭތޯ މަޑުމަޑު
ތުނޑިމަތީގެ އެއް ފަރާތަކަށް ދެވޭތޯ ފިރުކެން ފެށުނެވެ. މީހުންގަނޑުގެ ތެރެއިން
ނިކުމެ ތުނޑީގެ އެއްފަރާތަކަށް ދެވުނުއިރު ކޮޅަށް ތެދުވާހާ ހިތްވަރެއް ނެތެވެ.
ގައިގެ އެތައް މިތަނުން ލޭ އާދެއެވެ. ކިތަންމެ ބޭނުމަސް ދޫނި ހިފަން ތެދުވެވޭކަށް
ނެތެވެ. ލޫދެމުން ކަހަލަ ގޮތަކަށް ގޮސް މޫދަށް ފޭބުނެވެ. ހީވީ މުޅިގައިގައި މިރުސް
އެޅިހެންނެވެ. ނަގައިގެން ދިލައިގެ ވާހަކަ ދައްކާނެ ކަމެއްނެތެވެ. ކަރު
ހިއްކައިގެންފައިހުރި ވަރުން ލޮނު އަތްގޮއްޓެއް ނެގުނެވެ. އެކަމަކު ލޭކުލަ
ގަދަކަމުން ބޯކަށް ނުކެރުނެވެ. އެ ފެން އަތްކޮށިން މޫނު ދޮވެލީމެވެ. ބޮލަށް
ލޮނުއަޅައި ވެލިތައް ފިލުވާލީމެވެ. ކޮންމެވެސް ވަރަކަށް ވަރު ޖެހުނުހެން ހީވިއެވެ.
އަނެއްކާވެސް އެ ދޫނި ހިފޭތޯ ދާންވިއްޔޭ ހިތަށް އެރިއެވެ.
ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ މިއޮތް
ހުރިހާއިރު އަހަރެން އެ ދޫނި ފަހާ ދުވަމުންދިޔަ ދޫނި ގޮވާލި އަޑަށެވެ. ހުރިހާ އަޑުތަކެއްގެ
ތެރެއިން ވެސް އެ އަޑު އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެން ހޯދާ
ބަލަންފެށީމެވެ. ކުއްލިއަކަށް ފެނުނީ އަހަރެންގެ ފުރަގަހުން އުދުހިފައި އައިސް
އަހަރެންގެ ކުރިމައްޗަށް ތިރިކޮއްލާތަނެވެ. އެ ރީތި ދެފިޔަ މޯޅި ކޮއްލާތަނެވެ.
ދެފައި ދަމާލާފައި އައިސް ރާޅު ފެންފަށަށް ޖައްސާތަނެވެ. ބައެއް މީހުން ހަޅޭއް
ލަވަމުން އެ ދޫންޏާ ދިމާއަށް ދުވަމުން އަންނާތީ ފެނެއެވެ. އަހަރެން ނޫނަސް އެތައް
ބަޔަކު އެ ދޫނި ހިފަން ބޭނުންވެގެން މަސައްކަތްކުރީއެވެ. އަހަރެންނަށް ލިބުނީ
އާދަޔާ ޚިލާފު ހިތްވަރެކެވެ. ބުނެދެން ނޭނގޭ ބާރެކެވެ. ކުއްލިއަކަށް ކޮޅަށް
ތެދުވެވުނެވެ. އަދި އެ ދޫންޏާ ދިމާއަށް ހިނގައިނެވުނެވެ. އެ ދޫނި ހިފަން އައި
އެހެން މީހުންގެ ކިބައިން ސަލާމަތްވެގެން އައިސް އަހަރެންގެ އަތުގެ މުލައްދަނޑީގައި
އައިސް ޖެހިގަތެވެ. ވަރަށް ލޯބި ވަރަށް މަޑުމަޑުން ދިހުން އަރައަރާ އިން އެ ދޫނީގައި
އަހަރެން ހިފީމެވެ. އެ ހިސާބުން މުޅި ތުނޑިމަތީގެ މަސްރަހު ބަދަލުވިއެވެ. އޭރުވެސް
މަތީގައި އޮލަ ދުންގަނޑެއްހެން ދޫނިތައް އުދުހެމުން ދެއެވެ. އެއްބަޔަކު މާޔޫސް
ވެގެން މޫދަށް އެރެންފެށިއެވެ. އަނެއް ބަޔަކު ނާކާމިޔާބީ ޤަބޫލުކުރާކަށް ބޭނުމެއް
ނުވިއެވެ. މިސްރާބު ޖެހީ އަހަރެންނާ ދިމާއަށެވެ. ދޫނީގައި ރަނގަޅަށް ހިފުމަށްފަހު
އަހަރެން ރަށުތެރެއަށް ދިއުމަށް ދުއްވައިގަތީމެވެ.
ކުރިމަތީގައި އޮތީ ބޯ ޖަންގައްޔެވެ.
ކަށިކުނބުރާއި ބޯކޭލާއި ކަށިކެޔޮ ހެދި ވާބޯވެފައިވާ ޖަންގައްޔެކެވެ. ގަސްތަކުގެ
ތެރެއިން ދުވަމުން ދިޔައިރު ފަޔަށާއި ގަޔަށް ކަށިހެރެއެވެ. އަޅައިގަންނަ ތޫނު ހޯލިތަކާއި
ދަނޑިބުރިތަކުން ތަންތަން މަށައިގެން ދެއެވެ. ގައިގައި ޖެހޭ ގަސްގަހުގެ
ފަތްކޯޅިތަކުން ދިލަ ނަގަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތި
އެ ޖަންގަލި ހުރަސްކޮށް އެއްވެސް މީހަކަށް އަތުނުޖެހި ރަށުގައި މީހުން ދިރިއުޅޭ
ސަރަޙައްދަށް ނުކުމެވިއްޖެއެވެ. ފުން މާނޭވާއެއް ލެވުނެވެ. ދެ ކަކޫ މައްޗަށް އިށީންދެވުނެވެ.
އޭރު ލައިގެން ހުރި ހުރިހާ އެއްޗެއް ހުރީ ވީދިފައެވެ. ގައިން ލޭތިކި ޖަހައެވެ. ލޭ
އަންނަނީ ކޮން ތާކުންކަމެއް ނޭނގެއެވެ. ފައިއޮތީ އެތައް ތަނަކުން ކެފިފައެވެ.
އެހެންނަމަވެސް ހިތް އުފަލުން ހެނީއެވެ. އަތުގައި އިން ދޫންޏަށް ބަލާލެވުމާއެކު ހުރިހާ
ރިހުމެއް ކުއްލިއަކަށް ފިލައިގެން ދިޔަ ކަހަލައެވެ. އަހަރެން އުފަލުންހުރެ ރަށުތެރެއަށް
ހިނގައިގަތީމެވެ. މަޤްޞަދަކީ ގެއަށް ދިއުމެވެ. ލޯބިވާ މަންމައަށާއި ކޮއްކޮމެންނަށް
އެ ދޫނި ރީތިތޯ ދައްކާލާށެވެ. އަހަރެންގެ ހިތްބުނީ ހަމަ ރަނގަޅަށެވެ. މަންމައަށާއި
ކޮއްކޮމެންނަށް އެވަރެއް ނެތެވެ. މަންމަ އެ ދޫންޏަށް ވަރަށް ތަޢުރީފު ކުރިއެވެ. "އޮޅުވެއްޖެއްޔާ
ވަރަށް ރަނގަޅުވާނެޔޭ" ބުންޏެވެ. އެތައް ފަހަރަކު މަންމަގެ އަތުން އެ ދޫނީގެ
ބޮލުގައި ލޯބިން ފިރުވާލިއެވެ.
މިއަދަކީ އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް
ނުދެކޭހާ އުފާވެރި ދުވަހެކެވެ. މުޅި ޢާއިލާއަށް ވެސް އުފާވެރި ދުވަހެކެވެ.
ޚާއްޞަކޮށް ކޮއްކޮމެންގެ މޫނުތައްމަތިން ފެންނަނީ އަލިކަމާއި އުޖާލާކަމެވެ.
އުފާވެރިކަމާއި ހިނިތުންވުމެވެ. އެތައް ފަހަރަކު ކޮއްކޮމެން އަހަރެންނަށް މަރުޙަބާ
ކިޔެއެވެ. އަހަރެންގެ އުފަލުގައި ބައިވެރިވިއެވެ. ތަޢުރީފުތައް އަމުނަމުން
ދިޔައެވެ. އެހުރިހާ ކަމަކަށްވުރެ އަހަރެންނަށް ބޮޑުވެފައިވަނީ ދޫންޏަށް
ހަދާނެގޮތެކެވެ. މިހާރު ދޫކޮށްލިއަސް އެ ދޫނި ހިގައިދާނެއެވެ. ކޮށްޓަކަށްލައި
ބަންދުކުރާކަށް ހިތެއް ނުރުހެއެވެ. އެއީ އަޅުވެތިކަމޭ ހިތް ބުނަނީއެވެ. ފައިގައި
ވާކޮޅެއް އައްސާލައިގެން ބަންނަންވިއްޔޭ ބައެއް ފަހަރު ހިތަށް އަރައެވެ. އެކަމަކު
އެއީ މާ ވޭންހުންނާނެ ކަސްތަޅު އެޅުމެކޭ ހިތް ބުނެއެވެ. ރަނގަޅު ހަމަ އެއްގޮތެއް
ވެސް ނުނިންމުނެވެ. އެންމެފަހުން އެތަނުގައި ތިބި ބައެއް އެކުވެރިންނާ އެކަމާ
ވާހަކަ ދައްކާ ހަދާނެ ގޮތުގެ މަޝްވަރާއެއް އެހީމެވެ. އެމީހުންގެ ލަފައަކީ ފިޔަކޮށުމެވެ.
ގޭގައި އޮތް އެންމެ ތޫނު ވަޅި ހިފައިގެން އައިސް ދޫނި ބިންމަތީގައި ބާއްވާފައި ކައިރީގައި
ތިބި މީހުން ދެއްކި ހިސާބުން އެ ރީތި ފަތްތައް ކޮށާލީމެވެ. ކޮޅަށް ތެދުވެ ފުން
ނޭވާއެއް ލުމަށްފަހު ދޫނި ދޫކޮށްލީމެވެ. ދޫކޮށްލުމުން ކޮށާލާފައިވާ ފިޔަގަނޑު
ޖަހަމުން ވަރަށް ހާލުގައި އުދުހިފައިގޮސް ގޭގެ ކުކުޅުވައްސަށް ޖެއްސިއެވެ. ފިޔަ
ކޮށާލެވުނުއިރު ފިޔަ ކޮށާމިލެވުނީ ދޫންޏަށް ނޫދުހެވޭވަރަށް ނޫންނަށް އެނގުނީ
އެވަގުތުއެވެ. އެވަގުތު އަހަރެންގެ މަންމަ އެތަނަށް އައިސް އަހަރެން އަތުން ވަޅި
އަތުލިއެވެ. އަދި އަހަރެން ކޮށާފައިހުރި ދޫނީގެ ފަތްތައް މަންމަ ހޮވަންފެށިއެވެ. "ދުނިޔޭގައި
މީހުން ކޮށްއުޅޭ އެންމެ ނުރަނގަޅު އެއް ކަންތައް މިއަދު ދަރިފުޅު ކޮށްފީމުއޭ"
މަންމަ ބުންޏެވެ. މަންމަކުރެން ހޭވެސް އަހާނުލާ އެ ދޫނީގެ ރީތިކަން އެ ދޫންޏާ
ވަކިކޮށްލީތީ މަންމަ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަމާ ރުޅިއައިސްފައެވެ. ހަމަ
އެހާވަރަށް ދެރަވެސް ވެފައެވެ. މަންމަ ވާހަކަ ދައްކަމުން ދިޔައީ އަސަރާއި
ވޭނާއެކުގައެވެ. ޖަޒުބާތާއި ރިހުމާއެކުގައެވެ.
"ދަރިފުޅާއެވެ. އެ ދޫންޏާމެދު ދަރިފުޅަށް
އިތުބާރާއި ޔަޤީންކަން ނެތްއިރު، އެ ދޫނި ހިފައިގެން ތިޔަ ގެނައީ ކީއްކުރަންހެއްޔެވެ؟ ދަރިފުޅުގެ މޮޔަކަން ނިކަން ދެކޭށެވެ. ދޫނީގެ ފިޔަ ކޮށާލިއިރު ވެސް އުދުހިފައި
ނުދެވޭވަރަށް ކޮށާލާކަށް ވެސް ނޭނގުނެވެ." މަންމަގެ ވާހަކަތައް އަހާފައި އަހަރެންގެ
ދެލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. ކުރިން ވިސްނާ ލެވުނު ނަމައޭ ހިތަށް
އެރިއެވެ. ކުރާނެ ކަމެއްނެތެވެ. ދެނެއް އެ ދޫންޏެއް އަތަކު ނުވާނެއެވެ.
އެހެންނޫނަސް އެ ދޫންޏަށް އެވަރުގެ އަނިޔާއެއް ދިން މީހަކާ ދިމާއަށް އެ ދޫނި
ބަލާލާންވެސް ޖެހޭ ހެއްޔެވެ؟ ތެދެކެވެ. އަހަރެންނަކީ ކުށްވެރިއެކެވެ. އަހަރެން އެކަން
ޤަބޫލުކުރަމެވެ. މަޢާފަށް އެދެންވެސް ބޭނުމެވެ. އެތައް އިރަކު އިސްޖަހައިގެން
ވިސްނަން އަހަރެންނަށް ހުރެވުނެވެ. މިހާރު އެ ދޫނި ހިނގައިދާނެއޭ ހިތަށް އަރައި
މަޑުމަޑުން ގެއަށް ވަނުމަށް ހިނގައިގަތީމެވެ. އެކަމަކު އޭގެކުރިން އިސް އުފުލާ
ގޭގެ ކުކުޅުވައްސަށް ބަލާލީމެވެ. އަހަރެންގެ ދެލޮލަށް ގިނަވެފައިވާ ކަރުނަތަކުގެ
ތެރެއިން އެ ދޫނި ފެންނަން އިންހެން ހީވެއެވެ. އެކަމަކު އެވާނީ ހީއަކަށެވެ. ބަރު
ފިޔަވަޅުތަކެއް ނެގެންފެށުނީ ގޭގެ ދެކުނު ފަރާތު ދޮރާ ދިމާއަށެވެ.
އަހަރެންނަށް ކުއްލިއަކަށް ހުއްޓެވުނެވެ. މުޅި
މީހާ ގަނޑުވި ކަހަލައެވެ. އަހަރެންގެ ނަމުން ގޮވާލި އަޑަށެވެ. އެއަޑު އައީ
ފަހަތުންނެވެ. އަހަރެންގެ ހަށިގަނޑަށް އައި ގަނޑުތައް ގަނޑުފެންގަނޑެއް ވިރޭހެން
މަޑުމަޑުން ވިރެން ފެށިއެވެ. ނޭވާ ހަމައަކަށް އެޅެންފެށިއެވެ. ފަސް އެނބުރި
ބަލާލެވުނެވެ. ދެލޮލުން ހޯސް ލާފައި ކަރުނަތައް ފައިބައިގަތެވެ. "ލޯބިވާއެވެ.
އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެންގެ ކިބައިން މާފަށް
އެދޭނެކަމެއް ނެތެވެ. މާފަށް އެދުމުގެ ކުރިން މާފުކޮށްފީމެވެ. އަހަރެން މިކުރީ
ފޮނި އިންތިޒާރެކެވެ. އަހަރެން ފިޔަވައި މި ދުވަސް އަންނާނެކަމަށް ޤަބޫލުކުރާ އެއްވެސް
މީހަކު މި ބިންމައްޗަކު ނެތެވެ." އަހަރެންނަށް އެ ރީތި އަތުގައި
ހިފާލެވުނެވެ. އަދި އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނީމެވެ.
މަޑުމަޑުން ގެނެސް އަހަރެންގެ މޭމަތީގައި އެ މޫނު ފޮރުވާލީމެވެ.
އަހަރެންނަށް ކުއްލިއަކަށް ހޭލެވުނެވެ.
ވަށައިގެން ބަލާލެވުނެވެ. ދެ ލޯ ފޮހެލެވުނެވެ. ހުވަފެން ކިތަންމެހާވެސް ރީއްޗެވެ. ވިސްނެން
ފެށިއެވެ. އެ އަންހެން ކުއްޖާއަކީ އަހަރެންގެ އަލަތު އަނބިމީހާ ބާވައޭ ހިތަށް
އެރިއެވެ. ހިނިވެސް އައެވެ. އޭރު އެފަދަ އެއްވެސް ގުޅުމެއްނެތީތީއެވެ. ޚިޔާލެއްވެސް
އެގޮތުން ކުރެވިފައި ނެތީމައެވެ. އެ ވިސްނުމުގައި އޮއްވައި އިވެންފެށީ ފަތިސް
ނަމާދުގެ ބަންގީގެ އަޑެވެ. ފަތިސް ނަމާދުން އައިގޮތަށް އައިސް އެ ހުވަފެން
އަހަރެން ނިކަން އަވަސް އަވަހަށް ލިޔެލީމެވެ. އާދަޔާ ޚިލާފު ހުވަފެނަކަށްވެފައި
ހަޔާތާ ގުޅުންހުރީތީއެވެ. ގިނަ ހުވަފެންތައް ނިކަން އަވަހަށް ހަނދާންނެތިގެންދާތީއެވެ.
(ނިމުނީ)
No comments:
Post a Comment