ޢަބްދުﷲ ސަޢީދު
ބޮކަކީ ރާއްޖޭގައި ވެސް އުޅޭ އެއްޗެކެވެ. އެއީ ފުންމަމުން އެއްތަނުން އަނެއްތަނަށްދާ އަނގަ ބޮޑު އެއްޗެވެ. އަޅުގަނޑަށް މިހާތަނަށް އިވިފައިވާ ބޮކުގެ ވާހަކަތަކުގެ ތެރެއިން މި ތިން ވާހަކައަކީ މީހެއްގެ ހަޔާތުގައި ވަރަށް މުހިންމު ފިލާވަޅުތަކެއް ހޯދިދާނެ ތިން ވާހަކައެވެ. މި ވާހަކަތައް އެކި މީހުން ލިޔެފައި ހުންނަގޮތް ކުޑަކޮށް ތަފާތެވެ. އަޅުގަނޑުގެ ލިޔުމުގައި ވެސް އަމިއްލަ ގޮތެއް ހުންނާނެއެވެ. މިއިން ވާހަކައެއް ކުރިން އަހާފައިވާ ފަރާތްތަކަށް އެކަން ފާހަގަ ވާނެއެވެ.
ފުރަތަމަ ވާހަކަ (ވަޅަށް ވެއްޓުނު ބޮއް)
ޖަންގަލީގައި ހުރި ވަޅެއްގައި ބޮކެއް ދިރިއުޅުނެވެ. އެ ވަޅަކީ އެ ސޮރުގެ ދުނިޔެއެވެ. އެ ވަޅުގައިވާ ކުޑަ ފެންފޮދާއި ފެންނެތްތަނުގައި ހެދިފައިވާ ވިނަކޮޅަކު ފިޔަވައި އެހެން އެއްޗެއް ދުނިޔޭގައި ވާކަމެއް ނުދެނެ ހުއްޓެވެ. އެ ވަރުން ފުއްދާލައިގެން ބޮއް ދިރިއުޅުނެވެ. އެ ބޮކަކީ އެ ވަޅަށް ވެއްޓުނު ބޮއް ފަންޏަކުން އުފަންވި ބޮކަކަށް ވާތީއެވެ.
އެއް ދުވަހަކުން ކުއްލިއަކަށް އެހެން ބޮކެއް އެ ވަޅަށް ވެއްޓުނެވެ. ވަޅުގައި އޮތް ބޮއް ވަރަށް ހައިރާންވިއެވެ. ދިރޭ އެހެން ތަކެއްޗާއި މީރު ކާނާއާއި ހިތްފަސޭހަ ފެންގަނޑުގަނޑު ވެސް ދުނިޔޭގައި ހުރި ވާހަކަ އެ ބޮއް ބުނީމައެވެ. އެކަމަކު ވެސް ގަބޫލެއް ނުކުރެވުނެވެ. ވަޅުގައި އޮތް ބޮއް ނިންމައިގެން ހުރީ އެ ވަޅަކީ ދުނިޔެ ކަމަށެވެ. އެއީ އެ ސޮރަށް ހައްގު މިންވަރު ކަމަށެވެ.
ދެވެރިން ގުޅިގެން ކުރި މަސައްކަތުން ވަޅުން އެރިއްޖެއެވެ. ކުރިން ވަޅުގައި އޮތް ބޮކަށް ދުނިޔެ ފެނުމުން ދުނިޔެ ރަންވެއްޖެއެވެ. ބޭރުތަކެއްޗަށް ރޭރުވެއްޖެއެވެ. އަތުޖެހުނު އެއްޗެއްވިއްޔާ ކަމުން ބޮމުން ދަނިކޮށް ވިހައެއް ކެވިގެން މަރުވީއެވެ.
ދެވަނަ ވާހަކަ (އެންޓަނާއަށް އެރި ބޮއް)
ވަރަށް ބޮޑު އިނާމަކާއެކު ވަރަށް ބޮޑު މުބާރާތެއް އިޢުލާން ކޮށްފިއެވެ. އެއީ ހުރިހާ ބޮއްތަކަށް ހުޅުވާލި މުބާރާތެކެވެ. ވަރަށް ބޮޑު އިނާމެއް ހުށަހެޅިފައިވާ މުބާރާތަކަށް ވާތީ އެތައް ސަތޭކަ ބޮކެއް ބައިވެރިވިއެވެ. ރޭސް ރޭވިފައި އޮތީ ސަތޭކަ މީޓަރަށް ފުންމަމުން ދިއުމަށްފަހު ސަތޭކަ ފޫޓުގެ އެންޓަނާއަކަށް ފުންމާފައި އެރުމެވެ. ރޭސް ރޭވިފައިވާގޮތް މުބާރާތް އިންތިޒާމުކުރި ފަރާތުން އިޢުލާންކުރީ ހުރިހާ ބޮކެއް ރޭސް ފަށާ ރޮނގަށް އެރުމުންނެވެ.
ރޭސް ރޭވިފައިވާގޮތް އިޢުލާން ނުކުރުމާއެކު ބޮކެއް ބުނެއްޕެވެ. ސަތޭކަ މީޓަރަށް ފުންމަމުން ގޮސް އެހާ ދިގު އެއްޓަނާއަކަށް އަރާނީ ކިހިނެތް ހެއްޔެވެ؟ އެ އަޑު މުޅިތަނުގައި ފެތުރިއްޖެއެވެ. ރޭސް ފެށުމުގެ އިޝާރާތުގެ ދިދަ ހޫރުވާލުމާއެކު ކަށިގަނޑު ވެސް ފުމެލައިފިއެވެ.
ރޭހުގައި ބައިވެރިވި އެއްވެސް ބޮކެއް ފުންމާކަށް ނުފެށިއެވެ. އެހެންވެ މުބާރާތް ރޭވި ފަރާތުން އަތުން ވެސް އިޝާރާތް ކުރަން ފަށައިއެވެ. އެތަނުން އެވަގުތު އެންމެ ބޮކެއް ކުރިއަށް ފުންމަން ފެށިއެވެ. އެއީ އެއްފައި ނެތް ބޮކެކެވެ. އެ ބޮއް ރޭސް ފެށުމުން ތިޔަކަމެއް ނުވާނެޔޭ ދެން ތިބި ބޮއްތައް ކިޔަން ފެށިއެވެ. ފަހަތަކަށް ނުބަލައެވެ. ސަތޭކަ މީޓަރަށް ފުމެފައި ގޮސް އެންޓަނާގެ ބުޑުމައްޗަށް ފުންމައިގެން އެރިއެވެ. އެހެން އެއްވެސް ބޮކެއް މުބާރާތުގައި ވާދަ ނުކުރީތީ އެބޮކަށް އެއްވަނަ ލިބުނީ ކަމަށް ނިންމާ ކަށިގަނޑު ފުމުނެވެ. އެ ދިޔައެއް ވެސް ނު ބަލައެވެ. ފަހަރަކު ހަރު ދަގަނޑަކަށް އަރަމުން ގޮސް އެންޓަނާގެ މަތީގައިވާ ދިދަ ވައްޓާލިއެވެ. އެންޓަނާއިން ފޭބުމުން ކަށިގަނޑު ފުމުނީމާ ވެސް ނުހުއްޓާ ދިޔައީމާ ސުވާލު ކުރެވުނެވެ. ބޮއް އަތުން ކުރި އިޝާރާތުން އެނގުނީ އެ ސޮރު ބީރުކަމެވެ.
ތިންވަނަ ވާހަކަ (ހޫނު ފެނަށްލީ ބޮއް)
ބޮކާމެދު ވިސްނާލުމުން ވެސް ﷲ ގެ ކުޅަދުންވަންތަކަމުގެ އެތައް ހެއްކެއް ފެނެއެވެ. މާހައުލާ އެއްގޮތް ވުމަށް ކެމަފުލާޖު ކުރުމުގެ ކުޅަދާނަކަމާއި މާހައުލުގެ ފިނިހޫނު މިނަށް އެޖެސްޓް ވުމުގެ ކުޅަދާނަކަން ވެސް ލިބިގެން ވެއެވެ. އަދި ވަރަށް ދުރަށް އެއްތަނުން އަނެއް ތަނަށް ފުންމުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.
ސައިންސްވެރިންތަކެއް އެއް ދުވަހަކު ބޮކަކާ ވާހަކަ ދައްކާ އެއްބަސްވިއެވެ. ބޮކަށް ކެތްކުރެވޭނީ ކިހާ ވަރެއްގެ ހޫނު މިނަށްތޯ ބަލަން ދިރާސާއެއްގައި ބައިވެރިވުމަށެވެ. އެއްބަސް ވުމަކީ ބޮކަށް ކެތް ނުވާވަރު ވީމާ އަމިއްލައަށް ފެން ތެލިން ބޭރަށް ފުންމާލުމެވެ.
އުނދުން މައްޗަށް ފެންތެލި އުދައި ފެން ތެއްޔަށް ބޮއްލާފައި ހޫނުކުރަން ފެށިއެވެ. ފެން ތެލީގައި ބޮއް ހެވިފައި އޮތެވެ. ބޮއް އޮތީ ފަޚުރުވެރިވެ ބޮޑާވެފައެވެ. އެހެން އެ ދިރާސާއަށް ހޮވުނީތީއެވެ. އަދި އެހެން ދިރޭ ތަކެއްޗަށްވުރެ މާހައުލުގެ ފިނި ހޫނު މިނަށް އެޖެސްޓްވެލުމުގެ ކުޅަދާނަކަން ބޮޑުކަމަށް ގަބޫލު ކުރެވޭތީއެވެ.
ފެންގަނޑު ހޫނު ކުރަމުން ދިޔަ ވަރަކަށް ބޮއް ދިޔައީ ހަށިގަނޑު ވެސް ހޫނަށް އެޖެސްޓް ކުރަމުންނެވެ. އެކަމަކު އެކަމަށް ހަކަތަ ބޭނުން ވެއެވެ. އެޖެސްޓް ކުރި ވަރަކަށް ހަކަތަ ދިޔައީ ހުސްވަމުން ނެވެ. ފުންމައި ގަންނަން ވިސްނާފައި އޮތީ އެންމެ ފަހުންނެވެ. ފެންގަނޑުގެ ހޫނު މިން މަތިކުރި ވަރަކަށް އެޖެސްޓް ކުރަމުން ދަނިކޮށް އެންމެ ފަހުން އޮތް ހަކަތަކޮޅުވެސް ހުސްވެއްޖެއެވެ. ހޫނު ފެން ތެލިން ބޭރަށް ފުންމައިގަންނާނެ ވަރުގެ ހަކަތަކޮޅެއް ވެސް ނެތެވެ. ވާގި ދޫވެގެން ފެންއެތި ތެރެއަށް ގެންބިއްޖެއެވެ. ބޮކިޖަހާފައި ފެންއެތި ކެކެން ފެށުމުން ވެސް ބޮއް ބޭރަށް ފުންމާ ނުލީމާ ސައިންސްވެރިން ހައިރާންވެގެން ތެލިކައިރިއަށް އަތުވެއްޖެއެވެ. އޭރު ބޮއް އޮތީ މަރުވެ ރޯފިލާފައެވެ.
މި ވާހަކަތަކުން ލިބިދޭ ޢިބުރަތްތަކާމެދު ވިސްނާށެވެ. ހަޔާތަށް އަސަރު ކުރާނެއެވެ. މިއިން ކޮންމެ ވާހަކައެއްގައި އެއް ފިލާވަޅަށްވުރެ ގިނަ ފިލާވަޅު ހިމެނެއެވެ.
No comments:
Post a Comment