Monday, December 11, 2017

އަލްމަރުޙޫމް ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމުގެ ހަޔާތަށް އަވަސް ކަޅިއެއް



ޢަބްދުﷲ ސަޢީދު

އަޅުގަނޑު ސިފައިންގެ ޚިދުމަތާ ގުޅުނުއިރު ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމަކީ ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން ބޭފުޅެކެވެ. އިސްކޮޅާއި ހަށިކޮޅު ހުންނަގޮތުން ފެންނަނީ ހައިބަތުހުރި ޝަޚްސިއްޔަތެއްގެ ގޮތުގައެވެ. ވާހަކަ ދައްކަވާއިރު އަޑުގައި ހުންނަ ބަރު ގޮތަކުންނާއި ޝަޚްސީ ސިފަތަކުގެ ސަބަބުން ސީނިއަރ އޮފިސަރުންގެ ތެރެއިން އެހެންބޭފުޅުންނާ އަޅާބަލާއިރު ޖެހިލުންވާ ގޮތެއް ހުރެއެވެ.


ކާނަލް ޝައުކަތު އިބްރާހީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1964 ޖަނަވަރީ 14 ވަނަ ދުވަހުއެވެ. ސިފައިންގެ ސާރވިސް ނަންބަރަކީ 153 އެވެ. އަޅުގަނޑު ސިފައިންގެ ޚިދުމަތާ ގުޅުނުއިރު ވެސް ކާނަލް ޝައުކަތު އިބްރާހީމުގެ ސިފައިންގެ ޚިދުމަތުގެ މުއްދަތު 30 އަހަރު ފަހަނައަޅައިފިއެވެ.

 އަޅުގަނޑަށް ކާނަލް ޝައުކަތު އިބްރާހީމާ ބައްދަލުކޮށްލުމުގެ ފުރުސަތު ފުރަތަމަ ލިބުނީ އައްޑަނަ މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގައި ހިމެނިގެން މަސައްކަތްކުރަންފެށި ދުވަސް ވަރުއެވެ. އައްޑަނަ މަޖައްލާ ނެރެމުންއައިސް މެދުކެނޑިފައިވަނިކޮށް، ލެފްޓިނަންޓް އަޝްހަރު ވަޙީދުގެ އެޑިޓަރު ކަމުގެ ދަށުގައި އެ މަޖައްލާ އަލުން ނެރުމަށް ހަމަޖެއްސެވުމާއެކު އައްޑަނަ މަޖައްލާގެ ކަންތައްތައް ބެލެހެއްޓެވުން ޝައުކަތު އިބްރާހީމާ ހަވާލުކުރެއްވިއެވެ. އޭރު އެމަނިކުފާނު ހުންނެވީ ކަޅުތުއްކަލާކޮށީ އޮފީހުގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގައެވެ. އެދުވަހު އަައްޑަނަ މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފުރަތަމަ ވެސް ވިދާޅުވީ ގަލަމަކީ ކަނޑިއަކަށްވުރެ ތޫނު އެއްޗެއްކަމާއި، ކަނޑިން ކުރާ ޒަޚަމަށްވުރެ ގަލަމުން ކުރާ ޒަޚަމުގެ ނުރައްކާ ބޮޑުވާނެ ވާހަކައެވެ. ލިޔެ ޝާއިޢުކުރެވޭ މައުލޫމާތަކީ ޞައްޙަ ތެދު މައުލޫމާތަށް ހެދުމަށާއި، އެކަން ޔަގީންކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަޅުގަނޑު އެންމެ ރަނގަޅަށް ހަނދާން ހުންނަނީ ލިޔާ ލިޔުންތަކުގެ ފެންވަރު ހިފެހެއްޓުމަށާއި ލިޔުންތައް ލިޔާއިރު ހުރިހާ ފަރާތްތަކަކަށްވެސް އިޙްތިރާމާއެކު މުޚާޠަބު ކުރުމަށް ދެއްވި ނަސޭހަތެވެ. "އަޅުގަނޑުމެން މުސްލިމުންނަށް އެންމެ އަނިޔާވެރި ބަޔަކީ އިޒުރޭލެއްނޫންތޯ. އެކަމަކު އިޒުރޭލުގެ ރައީސްގެ ވާހަކަ ލިޔުނަސް ލިޔަންވާނީ މާތް ބަހުން. އިޒުރޭލުގެ ރައީސް ވިޔަސް އެއީ ރައީސެއްވީމާ ވިދާޅުވާނީ. ވަޑައިގަންނަވާނީ...." ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ވިދާޅުވިއެވެ.

1964 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ކާނަލް ޝައުކަތު އިބްރާހީމް ގުޅިވަޑައިގެންނެވިއިރު ދިވެހިރައްޔިތުން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ ގަދަފަދަ މަސައްކަތް ފޯރިއާއެކު ކުރިއަށް ދެއެވެ. ހުޅުލޭ އެއަރޕޯޓް ހެދުމަށް އެޅުނު ފުރަތަމަ ބިންގާ އެ އަހަރު އެޅުނެވެ. ދިވެހީން އިނގިރޭސީންގެ އަތް ދަށުން މިނިވަންވުމަށް މަސައްކަތްފެށުމާއި، ދެކުނު ބަޣާވާތުގެ މައްސަލައިގައި އިނގިރޭސީން ދެކެ ދިވެހީން އައިސްފައިވާ ރުޅިވެރިކަން އޮތީ އިންތިހާއަށް ގޮސްފައެވެ. ދިވެހިރައްޔިތުން ވަރަށް ބޮޑު ޤުރުބާނީއެއްވެގެން ދިވެހިންގެ ބުރަ މަސައްކަތުން ހެދި މަދަނީ ވައިގެ ބަނދަރު ހުޅުވުނީ 1966 އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އޭރު ހުޅުލޭގައި އަލިފާން ނިއްވުމަށް ތިބީ ބޭރުގެ ފަޔަރ ބްރިގޭޑުންނެވެ. ހުޅުލޭ އެއަރޕޯޓުގައި އަލިފާން ނިއްވުމުގެ ޚާއްޞަ ތަމްރީނު ލިބިފައިވާ ދިވެހިންގެ ބަޔަކު ބޭތިއްބުމަށް ސަރުކާރުން ނިންމަވައި، ސިލޯނުން ފަޔަރ ބްރިގޭޑް ކޯސް ފުރިހަމަ ކުރުމަށް 1966 ޖުލައި 25 ވަނަ ދުވަހު ސިފައިންގެ 10 ބޭކަލުން ސިލޯނަށް ފޮނުއްވިއެވެ. ސްރީލަންކާގެ ކޮލަމްބޯގެ އޭރުގެ "ރަތުމަލާނަ އިންޓަރނޭޝަނަލް އެއަރޕޯޓް"ގައި ފަޔަރ ބްރިގޭޑް ކޯސް ފުރިހަމަކުރި 10 ބޭކަލުންގެ ތެރޭގައި ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ހިމެނިވަޑައިގެންނެވިއެވެ. މިއީ، ރާއްޖޭއިން ބޭރުން އެންމެ ފުރަތަމަ ފަޔަރ ފައިޓިންގ ކޯހެއް ހެއްދެވި ބޭކަލުންނެވެ. އޭރު ޝައުކަތު އިބްރާހީމް ހުންނެވީ އާދައިގެ "ސިފައިންގެ މީހެއް" ގެ މަޤާމުގައެވެ. މިހާރުގެ ގޮތުންނަމަ އެއީ ޕްރައިވެޓެކެވެ. ފަޔަރ ބްރިގޭޑް ކޯސް ނިމުމުން އިތުރު ތަމްރީނު ހެދުމަށް އޭގެތެރެއިން އެންމެ ރަނގަޅު ހަތަރު ބޭކަލުން ސްރީލަންކާގައި މަޑުކުރާގޮތަށް ހަމަޖެއްސެވިއެވެ. އޭގެތެރޭގައި ވެސް ޝައުކަތު އިބްރާހީމް ހިމެނިވަޑައިގެންނެވިއެވެ. ސްރީލަންކާއިން ފަޔަރ ބްރިގޭޑް ކޯސް ފުރިހަމަކުރައްވައިގެން މާލެ ވަޑައިގެންނެވުމުން މި ބޭކަލުންގެ ޑިއުޓީއެއް ކަމުގައި ހަމަޖެއްސީ ހުޅުލޭ އެއަރޕޯޓުގައި ފަޔަރ ބްރިގޭޑުންގެ ގޮތުގައި މަސައްކަތް ކުރުމެވެ. ހުޅުލޭގެ ފަޔަރ ބްރިގޭޑުގައި ފުރަތަމަ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޝައުކަތު އިބްރާހީމެވެ. ޝައުކަތު އިބްރާހީމް ވަނީ 1969 ވަނަ އަހަރު ސިންގަޕޫރުން ލީޑިން ފަޔަރމަން ކޯސް ވެސް ފުރިހަމަ ކުރައްވާފައެވެ. އަދި އޭގެފަހުން އޮސްޓްރޭލިއާއިން ވެސް އެ ދާއިރާއިން ތަމްރީނު ހޯއްދެވިއެވެ.

ދިވެހިންނަކީ މިއަދު އަމިއްލަ ޤައުމީ އެއަރލައިނެއް އޮތް ބައެކެވެ. ރާއްޖޭގައި ވައިގެ ބަނދަރުތައް އަންނަނީ އިތުރުވަމުންނެވެ. ބައިނަލް އަޤްވާމީ ވައިގެ ބަނދަރުތަކާއި އެތެރޭގެ ވައިގެ ބަނދަރުތަކެވެ. 1974 ވަނަ އަހަރު، ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ރައީސްކަމުގައި ވަރަށް ކުޑަކުޑަ (ހަތަރު މީހުންނަށް އެރޭވަރުގެ) މަތިންދާބޯޓެއް ރާއްޖެ ގެންނެވިއިރު، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ފުޅާވެގެން ހިނގައިދާނެކަމަށް ހީކުރި މީހުން މަދުވެދާނެއެވެ. އަދި އޭރު އެ ކަންތައްތައް އޮތްގޮތް މިހާރުގެ މީހުންނަށް ނޭނގިވެސް އޮވެދާނެއެވެ. ޗެރޯކީ މަރުކާގެ މި ބޯޓު ގެންނެވި ދުވަހު ސަރުކާރުގެ ފަރާތުން މި ބޯޓާ ހަވާލުވެވަޑައިގެންނެވީ  އޭރު ހުޅުލޭގައިއޮތް ފަޔަރ ބްރިގޭޑްގެ އިސްބޭކަލެއްގެ ގޮތުން ހުންނެވި 2 ނަންބަރު ސަރުދާރު  ޝައުކަތު އިބްރާހީމެވެ. ނަތީޖާއަކަށްވީ، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީންގެ ދަށުން ސިފައިންގޭގައި "އެއަރކްރާފުޓް ސެކްޝަން" 1975 ވަނަ އަހަރު އުފައްދަވައި، އެ ޔުނިޓުގެ ކޮމާންޑަރަކަށް 2 ނަންބަރު ސަރުދާރު ޝައުކަތު އިބްރާހިމް ހަމަޖެއްސެވުމެވެ. ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ވަނީ ހަނިމާދޫ އެއަރޕޯޓާއި، ކައްދޫ އެއަރޕޯޓް ހެދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައެވެ. ޝައުކަތު އިބްރާހީމަށް 3 ނަންބަރު ސަރުދާރުކަމުން 2 ނަންބަރު ސަރުދާރުކަން ލިބިވަޑައިގެންނެވީ 1971 ޖުލައި 15 ވަނަ ދުވަހުއެވެ. 1978 ނޮވެންބަރު 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު، ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ.

ކާނަލް ޝައުކަތު އިބްރާހީމަކީ އެ ޒަމާނުގައި ސިފައިންގޭގައި ތިއްބެވި އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެހެންކަމުން ބޭރު މީހުން ދިވެހި ސިފައިންނަށް ދިން ބައެއް ތަމްރީނުތަކުގައި ތަރުޖަމާނެއްގެ ދައުރު އަދާކުރެއްވިއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ ޚާއްޞަ އެއް ތަމްރީނަކީ 1971 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސިފައިންނަށް ރަޝިޔާ ބަޑި ކިޔަވައިދިނުމަށް ރަޝިޔާ ސިފައިން ރާއްޖެއައިސް ހިންގި ތަމްރީނެވެ. އެ ފަހަރު ކިޔަވައިދިނީ ރަޝިޔާ ބަހުންނެވެ. ރަޝިޔާ ބަހުން އިންސްޓްރަކްޓަރ ކިޔާދިނުމުން ރަޝިޔާ މީހަކު ރަޝިޔާބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކުރަނީއެވެ. އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތްކުރެއްވީ ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމެވެ. ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އެ ކޯސް ޝައުކަތު އިބްރާހީމް ވެސް ފުރިހަމަ ކުރެއްވިއެވެ. އެއީ އެ ކޯހުން ތަމްރީނުވި ގާނޭރެކެވެ.

1978 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމާއެކު ސިފައިންގެ ކަންތައްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އެ ބަދަލުތަކުގެ ތެރޭގައި އޭރު ސިފައިންގޭގައި އޮތް ބައެއް ޚިދުމަތްތައް ތަރައްޤީކުރައްވައި، ބައެއް އާ ޚިދުމަތްކާއި ޔުނިޓްތައް އުފައްދަވައި ވެރިން ހަމަޖެއްސެވުން ހިމެނެއެވެ. މިގޮތުން އުފެއްދެވި ގިނަ ޔުނިޓްތަކެއްގައި އެންމެ ފުރަތަމަ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ބިންގާ އަޅުއްވައިދެއްވި އެއް ބޭފުޅަކީ ކާނަލް ޝައުކަތު އިބްރާހީމެވެ. މިގޮތުން މިހާރު ސިފައިންގޭގައި ދެމުންދާ އިންޖިނިއަރިންގެ ޚިދުމަތާއި، ފަޔަރ ފައިޓިންގެ ޚިދުމަތާއި، މެއިންޓަނަންސްގެ ޚިދުމަތާއި، ކަރަންޓުގެ ޚިދުމަތާއި ޢުމްރާނީ މަސައްކަތްތައް ފާހަގަ ކުރެވެއެވެ.

މީގެއިތުރުން ފުލުހުންގެ ޚިދުމަތުގައި ވެސް ޝައުކަތު އިބްރާހީމްގެ ނަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ ފުލުސް އޮފީސް އިސްވެރިއެއްގެ ގޮތުގައި ހިންގެވި ބޭފުޅެކެވެ. ރައީސް މައުމޫން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމާއެކު ސިފައިންގެ އިސްވެރިންގެ ތެރެއިން ކުރިއަށް ތިއްބެވި ބައެއް ބޭފުޅުން އެހެން މަޤާމުތަކަށް ބަދަލުކުރެއްވުމާ ގުޅިގެން ފުލުސް އޮފީސް ހިންގެވުން ކާނަލް ޝައުކަތު އިބްރާހީމާ ހަވާލުކުރެއްވިއެވެ. ފުލުސް އޮފީސް ހިންގެވުމުގެ އިތުރުން ސިޔާސީ ބައިގެ އިސްވެރިއެއްގެ ގޮތުން ވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ފުލުހުންގެ އިސް ބޭފުޅެއްގެ ގޮތުގައި ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގަންނަވަންދެން ފުލުސް އޮފީސް ހިންގެވި ބޭފުޅަކީ ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމެވެ.

ސިފައިންގޭގައި މިހާރު މިއޮތް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް އާއި ޓްރާންސްޕޯޓް ސާރވިސްގެ ޚިދުމަތަކީ އެކަމަށްޓަކައި ދެތިން މީހަކު ތިބެގެން ޔުނިޓެއްގެ ސިފައިގައި ފެށިގެން އައި ޚިދުމަތްތަކެކެވެ. 1978 ނޮވެންބަރު 14 ވަނަ ދުވަހު "ޓްރާންސްޕޯޓް ސެކްޝަން" އުފައްދަވައި އެ ސެކްޝަނުގެ އޮފިސަރ އިންޗާޖަކަށް ހަމަޖެއްސީ ލެފްޓިނަންޓް ޝައުކަތު އިބްރާހީމެވެ.
ސިފައިންގެ ބޭންޑުގައިވެސް ވެރިއެއްގެ ގޮތުގައި ޝައުކަތު އިބްރާހީމް ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. 1978 ވަނައަހަރުން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް ސިފައިންގެ ބޭންޑުގެ ވެރިއެއްގެ ގޮތުގައި ހުންނެވިއެވެ. މި ދުވަސްތަކުގެ ތެރޭގައި ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަހަރުތަކުގައި ބައެއް ބޭފުޅުން ވަގުތީގޮތުން ބޭންޑާ ހަވާލުވެވަޑައިގެން މަސައްކަތް ކުރައްވާފައިވެއެވެ. ޝައުކަތު އިބްރާހީމްވަނީ ބޭންޑުގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ބޭންޑުގެ ކޮންޑަކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ސިފައިންގޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް މި ޒަމާނުގެ ގޮތަށް އުފެދި، އެކަމަށް ޚާއްޞަ ވަކި ޔުނިޓެއްގެ ގޮތުގައި 1990 މޭ 1 ވަނަ ދުވަހު "ފަޔަރ ސެކްޝަން" (މިހާރުގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސް) އުފެއްދެއިރު އޮފިސަރ އިންޗާޖަކަށް ހަމަޖެއްސެވީ އޭރުގެ ލެފްޓިނަންޓް ކާނަލް ޝައުކަތު އިބްރާހީމެވެ. އޭރު އެ ޔުނިޓުގައި އެ މަނިކުފާނާއެކު ތިއްބެވި އެންމެ 5 ބޭފުޅުންނެވެ.
1978 ވަނަ އަހަރުންފެށިގެން ސިފައިންގޭގައި "މަސައްކަތުބައި" ގެ ނަމުން ނަންކިޔޭ ބައެއް އޮތެވެ. އެކަމުގައި އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ޝައުކަތު އިބްރާހީމެވެ. އޭގެފަހުން މެއިންޓަނަންސް ސެކްޝަން އުފެދުނެވެ. އަދި 1991 ވަނަ އަހަރު "އެންއެސްއެސް ކޮންސްޓްރަކްޝަން އެންޑް މެއިންޓަނަންސް ސެކްޝަން" ގެ ނަމަށް އެ ޔުނިޓުގެ ނަން ބަދަލުކުރެއްވިއެވެ. މި ސެކްޝަނުގެ ފުރަތަމަ ކޮމާންޑަރަކީ ވެސް ޝައުކަތު އިބްރާހީމެވެ.

މިއިން ކޮންމެ ޔުނިޓެއްގެ ޚިދުމަތް މިއަދު ތަރައްޤީވެ ކުރިއަރާފައިވާގޮތަށް ބަލާއިރު ފެންނަމުންދާ އެއް ކަމަކީ އެ ޚިދުމަތްތައް ފެށިގެން އައިއިރު ތިބި މީހުންނާއި ވަސީލަތްތައް ކިތަންމެ މަދު ނަމަވެސް އެ ޚިދުމަތްތަކުގެ ބިންގާ އަޅުއްވައިދެއްވާފައިވާ ގޮތުގެ ފުރިހަމަ ކަމެވެ. މިއިން ކޮންމެ ކަމަކުން ވެސް ފާހަގަކުރެވެނީ ކާނަލް ޝައުކަތު އިބްރާހީމަކީ ހިންގުންތެރި، މަސައްކަތްތެރި ސިކުޑިއެއްގެ ވެރިއެއް ކަމެވެ.

ކާނަލް ޝައުކަތު އިބްރާހީމަކީ ހަމައެކަނި ފަންނީ ޚިދުމަތްތަކުގެ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅެއް ނޫނެވެ. އެއީ ސިފައިންގެ އިންފެންޓްރީ ޔުނިޓްތަކުގެ ކޮމާންޑަރުކަންވެސް ކުރައްވައި އެތަންތަން ވެސް ހިންގެވި ލީޑަރެކެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ ކުރިން ސިފައިންގޭގައި އޮތް ޑިއުޓީ ސެކްޝަންގެ ދަށުން ހިންގަމުންދިޔަ ޓާސްކް ފޯސްގެ އޮފިސަރ އިންޗާޖެއްގެ ގޮތުން އޭރުގެ މޭޖަރ ޝައުކަތު އިބްރާހީމް އަގުހުރި މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ. އެމަނިކުފާނުގެ އެންމެ ފާހަގަކުރެވޭ އެއް ޚިދުމަތަކީ އެ ދުވަސްވަރު ހައްދަވާފައިވާ ހަރުދަނާ އުސޫލުތަކެވެ. ޑިއުޓީ އެންސީއޯއިންގެ ޒިންމާތަކާއި، ފޯރިއަށް ފޮނުވުމުގައި ޢަމަލުކުރަންވީ ގޮތްގޮތާއި، ޑިއުޓީތަކުގައި ސަމާލުކަންދޭންވީ ޚާއްޞަ ކަންތައްތަކާއި، ދައުލަތުގެ ޚަޒާނާ ހުޅުވުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައްފަދަ ކަންތައްތައް ލިޔެކިޔުމުން އަންގަވާފައިވާ ގޮތެވެ. ބައެއް ފަހަރު އިޢުލާނުގެ ގޮތުގައެވެ. އަނެއް ބައިފަހަރު ޚާއްޞަ ދެންނެވުމުގެ ގޮތުގައެވެ. އަނެއްބައިފަހަރު ކަމާބެހޭ ހުރިހާ ފަރާތްތަކެއް ލައްވައި ސޮއި ކުރުވައިގެންނެވެ. ޝައުކަތު އިބްރާހީމް ވަނީ ނޮވެންބަރު ތިނެއްގެ ފަހުން އުފެއްދެވި އިންފެންޓްރީ ޔުނިޓްތަކުގެ ތެރެއިން ކްއިކް ރިއެކްޝަން ފޯސް (ކިޔުއާރުއެފް) 2 ގެ ކޮމާންޑަރުކަމާއި ކިޔުއާރުއެފް 3 ގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ. ކިޔުއާރުއެފް 2 ގާމާދޫން މާފުށްޓަށް ބަދަލުކޮށް، 1998 ޑިސެންބަރުު 08 ވަނަ ދުވަހު އޭރު ކިޔުއާރުއެފް ޔުނިޓް 2 ގައި މަސައްކަތްކުރަމުންދިޔަ ހުރިހާ ސިފައިން އެ ޔުނިޓުގެ ދާއިމީ މުވައްޒަފުންކަމަށް ހަމަޖައްސަވައި،  ކޮމާންޑިންގ އޮފިސަރަކަށް ހަމަޖެއްސެވީ އޭރު މޭޖަރ ރޭންކުގައި ހުންނެވި ޝައުކަތު އިބްރާހީމެވެ. 2001 ނޮވެންބަރު 25 ވަނަ ދުވަހާ ހަމައަށް ކިޔުއާރުއެފް 2 ގެ ކޮމާންޑިންގ އޮފިސަރިގެ މަޤާމުގައި ހުންނެވިއެވެ.

އަލްމަރުޙޫމް ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމްގެ ޚާއްޞަ ޚިދުމަތްތަކަށް ބަލާލާއިރު، 1987 ވަނަ އަހަރު ރާއްޖޭގައި ފެތުރު ޝިގެއްލާ ރޯގާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އިސްވެރިންގެ ތެރޭގައި މަސައްކަތް ކުރެއްވުމާއި،  1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއާ ގުޅިގެން ސިފައިން ކުރި ވަރުގަދަ ޖިހާދުގައި ސިފައިންގެ އެތެރޭގައި ހުންނަވައިގެން ކުރެއްވި މަސައްކަތް ފާހަގަ ކުރެވެއެވެ. އަދި 1991 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށްކުރި ވިއްސާރައާ ގުޅިގެން އެހީފޯރުކޮށްދިނުމަށް ސިފައިންގެއިން އެކުލަވާލި ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވުމާއި، އައު ސާސްކަފު ފާހަގަކުރުމަށް އުފެއްދި "ސާސްކަފު ކޮމެޓީ"ގައި ސިފައިންގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، ޝޫޓިންގ އެސޯސިއޭޝަންގެ ފުރަތަމަ ވައިސް ޗެއަރމަނެއްގެ ހައިސިއްޔަތުން އޭރުގެ ޗީފް އޮފް ސްޓާފުގެ ދަށުން ކުރެއްވި އަގުހުރި މަސައްކަތްތައް ފާހަގަ ކުރެއެވެ.

ސިފައިންގެއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވީ 2003 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 16 ވަނަދުވަހުއެވެ. އެހާތަނަށް ސިފައިންގޭގައި 39 އަހަރާއި 3 މަހާއި 3 ދުވަހު ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އިތުރުން ޝައުކަތު އިބްރާހީމް ފުރުއްވި މަޤާމްތަކުގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް އިލެކްޝަންސްއާއި އިލެކްޝަން ކޮމިޝަންގެ އެގްޒެކްޓިވް ޑައިރެކްޓަރކަން ހިމެނެއެވެ.

2015 ވަނަ އަހަރު އަޅުގަނޑު ލިޔުނު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ "25 އަހަރުގެ އަގުހުރި ޚިދުމަތް" މި ފޮތަށް އެންމެ ފުރަތަމަ އެ ޔުނިޓުގައި މަސައްކަތްކުރެއްވި ކޮމާންޑަރެއްގެ ގޮތުން ކުރު ބަޔާނެއް ދެއްވުމަށް ދެންނެވީމެވެ. އެކަމަށް ވަރަށް ފުރިހަމަ އިޖާބައެއް ދެއްވުމުގެ އިތުރުން، އެފޮތަށް ވަރަށް އަގުހުރި މައުލޫމާތުތަކެއް ދެއްވިއެވެ. "ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޚިދުމަތަށް 25 އަހަރު ފުރި ރިހިޔޫބީލް ފާހަގަކުރާއިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ވަރަށް އާދައިގެ ގޮތަކަށް އުފެދުނު މި ޔުނިޓުން ދެމުންދާ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަނަލް ޚިދުމަތަށް މިއަދު ވެފައިވާކަން" 2015 ޖަނަވަރީ 27 ވަނަ ދުވަހު ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް ވިދާޅުވިއެވެ. އޭގެފަހުން ސިފައިންގެ ތާރީޚާބެހޭ އެކިއެކި މައުލޫމާތު ސާފުކުރުމަށް ދޭތެރެ ދޭތެރެއިން އަޅުގަނޑު ގުޅަމުން ދިޔައީމެވެ. ބައެއް ފަހަރު އެ ކޯލްތައް ގަޑިއެއްގެ އިރަށްވެސް ދިގު ދެމިގެން ގޮސްފައި އެބަހުއްޓެވެ. އޭގެތެރެއިން އެއް ދުވަހަކީ "ޝައުކަތު ތިޔަރީ" އާބެހޭގޮތުން އަޅުގަނޑަށް ސުވާލު ކޮށްލެވުނު ދުވަހެކެވެ.
ޝައުކަތު ތިޔަރީ އަޅުގަނޑަށް ވިދާޅުވެދެއްވީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދެވެ. ޝައުކަތުގެ ތިޔަރީއަކީ ވެރިން ހަވާލުކުރާ ކަންތައްތަކުގައި ފޭލިނުވެ އިތުރުބާރު ދެމެހެއްޓޭނެ ތިޔައީއެކެވެ. އެއީ ވެރިއަކު ކަމެއްގެ ހަވާލުކުރައްވައިފިނަމަ ނުވަތަ ވަކިގޮތަކަށް ކަމެއް ކުރުމަށް ވިދާޅުވެއްޖެނަމަ ވީއެންމެ އަވަހަކަށް އެކަމުގައި ގުޅަންޖެހޭ ފަރާތަކަށް ގުޅުއްވައި، ނުވަތަ އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެފިޔަވަޅެއް ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް އަޅުއްވަމުން ގެންދަވާތީ އެމަނިކުފާނަށް ނިސްބަތް ކުރެވޭ ތިޔަރީއެކެވެ. އެ ތިޔަރީގެ ވާހަކަ އިރާދަކުރެއްވިއްޔާ ފަހުން ތަފްސީލުކޮށް ލިޔާނަމެވެ.

ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމާ އަޅުގަނޑާ އެންމެ ފަހުން ބައްދަލުވީ މަގުމަތިން ސައިކަލުގައި ވަޑައިގަންނަވިކޮށެވެ. އެއީ އަވަހާރަވުމުގެ މަހެއްހާ ކުރިންނެވެ. ހާލު އަހުވާލު އޮޅުންފިލުވާލެއްވިއެވެ. ފޯނުން އެންމެ ފަހުން ބައްދަލުވީ އަވަހާރަވުމުގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެއީ އަމިއްލަ ފަރާތަކުން ލިޔުއްވާ ޅެން ފޮތަކަށް ބެއްޔަ ހުއްތުގެ ފޮޓޯއެއް ހޯއްދެވުމަށެވެ. އަޅުގަނޑު ދުށް ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމަކީ ހަނދާނުގައި ނެތް ކަމެއްގެ ވާހަކަ ހަނދާނުގައި ނެތްކަމަށް ވިދާޅުވި ބޭފުޅެކެވެ. އެކަމަކު އެ ކަމުގެ މައުލޫމާތު މިވެނި އެވެނި ބޭފުޅެއްގެ ފަރާތުން ސާފުވާނެ ކަމަށް ވިދާޅުވެ މަގު ދައްކަވައިދެއްވި ބޭފުޅެކެވެ.

ކާނަލް ޝައުކަތު އިބްރާހީމް އަވަހާރަވީ އުމުރުފުޅުން 71 އަހަރު ފުޅުގައި، ހިތްޕުޅުގެ އާލާސްކަންފުޅަކަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް 2017 ޑިސެންބަރު 07 ވަނަ ދުވަހުގެރޭ ގައެވެ. ކާނަލް ޝައުކަތު އިބްރާހީމްގެ މައްޗަށް ކަށުނަމާދުކުރީ 2017 ޑިސެންބަރު 08 ވީ ހުކުރު ދުވަހު ހުކުރުނަމާދަށްފަހު މަސްޖިދިލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޒަމް ގައެވެ. ފަސްދާނުލީ އާސަހަރާގައެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

"ޤައުމަކަށް ކުޅަ ޚިދުމަތެއް މީހާގެ ނަން މަތިވެރިވެދާށި،
            އައުކަމާއި ތާޒާކަމާ އެ ނަމަކަށް ދާއިމުވެދާށި" 

2 comments:

Issey said...

Very informative and another great piece of work. Keep going.

Unknown said...

Today 8th December 2017...the Sun rose with the sad news of our Father, Chairman and the founder of Shimai, Antifire and IFSA..had passed away...
We lost yet another great thinker and the father of modern Fire and Safety, which today we are seeing..
A loving Father; who had raise 5 children... A friendly n kind Commissioned Officer who had served his country.
A great inspiring Chairman...who had taken us by hand and taught us...guided us through situation...help us get up and to stand to face
the furture to achive our goal...
He will be missed yet will be always with us in time to come in our hearts...with the other fallen stars of Antifire...
May Allah bring peace to him and deliver him to Jannath...Ameen

by his son simbe.

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...