Wednesday, December 6, 2017

ޑިމޮކްރަސީ





ޢަބްދުﷲ ސަޢީދު

ޑިމޮކްރަސީއަކީ ދުނިޔޭގައި ވެރިކަން ކުރުމުގެ ނިޒާމުގެ ތެރެއިން އެންމެ ރަނގަޅު ނިޒާމުކަމުގައި އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ނިޒާމެވެ. ޑިމޮކްރަސީއަކީ ދުނިޔެ ޤަބޫލުކުރާ ލަނޑުދަނޑިއެކެވެ. އެއީ އުސޫލެއްވެސް މެއެވެ. އެ އުސޫލު ބިނާވެފައިވަނީ ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސަޤާފީގޮތުން ތަފާތުތަކެއް ހުއްޓެއްކަމަކު، އާންމުކޮށް ދުނިޔޭގެ މީހުން ޤަބޫލުކުރާ ހަރުދަނާ އުސޫލުތަކަކާއި ހަމަތަކެއްގެ މައްޗަށެވެ. މި އުސޫލު ޤަބޫލުކުރާ މީހުން ޤަބޫލުކޮށްފައިވަނީ އެބައިމީހުންގެ މެދުގައި ހުރި ސަޤާފީ، ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަފާތުތަކާވެސް އެކުގައެވެ. ޑިކޮމްރެޓިކް ނިޒާމު ވެފައިވަނީ މިނިވަންކަމާއި ހަމަހަމަކަމާއި މީހުންނަށް ލިބިދޭ ހާމަކަން ބޮޑުކޮށް ކަންތައްތައް ކުރާ ނިޒާމަކަށެވެ. އަދި ޒިންމާވެގެން ތަފާތު ޚިޔާލުތަކަށް ތަންދީގެން ހިންގާ ސިޔާސަތަށް މަގުފަހިވާ ނިޒާމަކަށެވެ.

ޑިމޮކްރަސީ މި ލަފުޒަކީ ގްރީކުގެ ދެ ލަފުޒަކުން ހެދިފައިވާ ލަފުޒެކެވެ. އެއީ ޑީމޯސް (މީހުން) އަދި ކްރަޓޯސް (ވެރިކަންކުރުން) މި ދެ ލަފުޒެވެ. ޑިމޮކްރަސީގެ އަސާސީ ސިފައަކީ ވެރިކަން ހިންގުމުގެ ބާރުވެރިކަން ރައްޔިތުން ނުވަތަ ރައްޔިތުން އިންސާފުވެރިކަމާއެކު އިންތިޚާބުކުރާ މަންދޫބުންގެ އަތްމަތީގައި އޮންނަ އޮތުމެވެ. ޑިކޮމްރެޓިކް ނިޒާމު މަސައްކަތްކުރަނީ ތަފާތު ތަޖުރިބާތަކާއި ތަފާތު ސަޤާފީ ހަމަތަކަށް ތަންދީގެން، ބައިނަލް އަޤްވާމީ ގޮތުން ޤަބޫލުކުރާ އުސޫލުތަކަކާއި ހަމަތަކަކާއި ފެންވަރުތަކެއް ހިފަހައްޓަައިގެންނެވެ. އެހެންވީމާ އެ ނިޒާމަކީ އަބަދުވެސް ފުރިހަމަ ކުރެވެމުންދާ އަދި ދައުލަތުގެ ކަންތައްތައް ފުރިހަމަކުރެވޭ ނިޒާމެކެވެ. ޑިމޮކްރަސީގެ އެންމެ ޚާއްޞަ އަމާޒަކީ ފަރުދުންގެ ޝަރަފު ޙިމާޔަތްކޮށް އަސާސީ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމެވެ. އިޖްތިމާޢީ އަދާލަތު ޤާއިމުކޮށް، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން މުޖުތަމަޢު ކުރިއެރުވުމެވެ. މުޖުތަމަޢުގެ ބަދަހިކަން ހަރުދަނާކޮށްދީ ޤައުމުގައި ޞުލްޙަ މަސްލަސްކަން ޤާއިމުކުރުމެވެ.

ޑިމޮކްރަސީގައި މުޖުތަމަޢުގެ ކަންކަން ހިންގުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމާއެކު އަތުގުޅައިލައިގެން ކުރިއަށް ދެވެއެވެ. ޑިމޮކްރަސީގައި ވެރިކަމަށް އާދެވޭނެ ގޮތާއި ވެރިކަން ދެމެހެއްޓޭނެގޮތް ކަނޑައަޅައިދެއެވެ. ހަމައެހެންމެ، މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތަކުގެ ރޭހުގައި ހުޅުވިފައިވާ މިނިވަން ގޮތެއްގައި ތަފާތުކުރުމެއްނެތި މީހުންނަށް ބައިވެރިވެ ވާދަކުރުމުގެ މަގު ތަނަވަސް ކޮށްދެއެވެ. އެއީ ޤާނޫނުގެ ވެރިކަމުގެ ރޫޙާއި އުސޫލުގައި ހިފަހައްޓައިދޭ ނިޒާމެކެވެ. ޑިމޮކްރަސީ ބިނާވެފައިވަނީ ޤާނޫނުގެ ވެރިކަމާއި އިންސާނީ ޙައްޤުތަކަށް ޢަމަލުކުރުމުގެ ބިންގަލުގެ މައްޗަށެވެ. ޑިމޮކްރެޓިކް ދައުލަތެއްގައި އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައެއް ނުހުރެވޭނެއެވެ. ޑިމޮކްރަސީގައި ޞުލްޙައާއި އިޤްތިޞާދާއި އިޖްތިމާޢިއްޔަތާއި ސަޤާފަތް ތަރައްޤީވުމަކީ ޝަރުތެކެވެ. އެހެންކަމުން އަމަން އަމާންކަމާއި ތަރައްޤީއާއި ޤާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ މިއިން ކޮންމެ ކަމެއް އެއްކަމެއް އަނެއްކަމަކަށް ފުދެންޖެހޭ ކަމެކެވެ.

ޑިމޮކްރަސީގެ އާންމު ޤަރާރުގެ ނަމުގައި ޤަރާރެއް 1997 ވަނަ އަހަރުގެ ސެޕްޓެންބަރު 16 ވަނަ ދުވަހު މިސްރުގެ ވެރިރަށް ޤާހިރާގައި އޮތް އިންޓަރ ޕާލަމެންޓަރީ ކައުންސިލްގެ 161 ވަނަ ޖަލްސާއިންވަނީ ފާސްކޮށްފައެވެ. އެންމެ ގިނަ ޤައުމުތަކަކުން އެއްބަސްވާ ޑިމޮކްރަސީގެ އުސޫލުތަތަކީ އެއީއެވެ. އަދި ޑިކޮކްރެޓިކް ސަރުކާރެއް ހިންގުމާއި އެފަދަ ސަރުކާރެއްގެ ބައިތަކާއި ޑިކޮމްރަސީގައި ބައިނަލް އަޤްވާމީ ގުޅުންތަކުގެ ދައުރާމެދު އެންމެ ގިނަ ޤައުމުތަކަށް އެއްބަސްވެވޭ ގޮތްތަކަކީ އެއީއެވެ. އެ ޤަރާރަކީ ދުނިޔޭގެ ސަރުކާރުތަކަށާއި ރައްޔިތުންގެ މަޖިލިސްތަކަށް އެ ޤަރާރުގައިވާ ކަންތައްތަކާ އެއްގޮތްވާގޮތުގެމަތިން ކަންތައްތައް ކުރުމަށް ބާރުއަޅާފައިވާ ޤަރާރެކެވެ. އެހެންނަމަވެސް ކޮންމެ ޤައުމަކުންވެސް ރައްޔިތުން ބޭނުންވާ ގޮތެއްގެމަތީން އެހެން ޤައުމެއްގެ ބެހުމެއްނެތި ތަރައްޤީއާއި، ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ނިޒާމް، އދ.ގެ ޗާޓަރާއި އެއްގޮތްވާ ގޮތުގެ މަތީން ކުރިއެރުވުމަށް އެ ޤައުމެއްގެ ދައުލަތަށް އިސްތިޤްލާލީ މިނިވަންކަމާއި ޙައްޤު ލިބިގެންވާ ކަމަށް އެ ޤަރާރުގައިވެއެވެ.

ޑިމޮކްރަސީ އާމެދު މީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދަނީ އެއީ އިންސާނީ އަމިއްލަ އުފެއްދުމެއް ކަމަށްބުނުމާއެކު، އެއީ އެއްވެސް ދީނަކަށް ބަލާ ނިޒާމެއްނޫންކަމަށް ވިސްނައިދީގެންނެވެ. އެއީ އެމީހަކު އުޅެންވީ ގޮތަކަށް އުޅެންދޫކޮށްފައިވާ ފަލްސަފާއެއް ގޮތަށް ސިފަކޮށްގެންނެވެ. އެއީ ފިޠުރަތުގެ ހަމަތަކާއި އިންސާނީ ހެޔޮވިސްނުމާ ފުށުއަރާ ނިޒާމެއްކަމަށް ދައްކައިގެންނެވެ. ޑިމޮކްރަސީގެ ނަމުގައި ބަޔަކު ކުރާހާ ކަމެއް ޑިމޮކްރަސީއަކަށް ނުވާނެއެވެ. އެއީ ޑިމޮކްރަސީކަމަށް ޤަބޫލުކޮށްގެންވެސް ނުވާނެއެވެ. ގިނަބަޔަކަށް ވާގޮތަކީ ހުޅަނގުގެ ބައެއް ޤައުމުތަކުން ކުރާ ކަންތައްތައް ޑިކޮމްރަސީގެ ގޮތުގައި ސިފަކުރެވެނީއެވެ. އެއީ އިސްލާމްދީނުގެ ނަމުގައި ބައެއް މީހުން ކުރާ ދީނާ ޚިލާފު ކަންތައްތަކުން މުޅި އިސްލާމީ އުންމަތް ބައެއް ބަދުނާމުކުރާ ފަދައިންނެވެ.

ވެރިކަންވަނީ ﷲ އަށެވެ. ﷲ މިންވަރު ކުރެއްވި ފަރާތަކަށް ވެރިކަން ދެއްވައެވެ. ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި ވެރިންނަށް ކިޔަމަންވުމަށް އެ ކަލާނގެވަނީ އަންގަވާފައެވެ. ﷲ އަށް އުރެދުމެއްނުވާގޮތެއްގައި ވެރިކަމުގެ ފަރާތުން އިންތިޚާބުތައް ބޭއްވުމާއި ރައްޔިތުންގެ މެދުގައި ވޯޓުލުމަކީ ދީން މަނާކުރާކަމެއް ނޫނެވެ. އަދި އިސްލާމްދީނާ ޚިލާފުނުވާގޮތެއްގެ މަތިން ޤައުމުގެ ކަންތައްތައް އިންތިޒާމުކޮށް ހިންގުމަށްޓަކައި ރައްޔިތުންގެ މެދުގައި ނުވަތަ ރައްޔިތުންގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށް ޤާނޫނާއި ޤަވާޢިދު ހެދުމާއި، މުއައްސަސާތަކާއި އޮފީސްތައް އެކުލަވާލައި ހިންގުމަކީ ވެސް ދީން މަނާކުރާކަމެއް ނޫނެވެ.

ހަވާލާ:
http://archive.ipu.org/cnl-e/161-dem.htm
https://www.britannica.com/topic/democracy


No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...