Wednesday, December 27, 2017

ކޮންސްޕިރަސީ ތިއަރީ



ޢަބްދުﷲ ސަޢީދު

ކޮންސްޕިރަސީ ތިއަރީ އަކީ ކަންތައްތައް ހިނގާފައިވާގޮތަށާއި ހިނގަމުންދާގޮތާ ގުޅުވައިގެން ކުރިން ހިނގާފައިވާ ކަމެއް ހިނގާފައިވާގޮތްކަމަށް ނުވަތަ ފަހުން ކަމެއް ވަކިގޮތަކަށް ހިނގާނެކަމަށް ކުރެވޭ ހީތަކުގެ މައްޗަށް ބުނާ ބުނުމެވެ. މިފަދަ ބުނުންތަކާއި ލިޔުންތައް އެކަޑަމިކް ތަކެތީގެ ގޮތަކު ބަލައެއް ނުގަނެއެވެ. އެހެންނަމަވެސް މިފަދަ ބައެއް ލިޔުންތައް ބައެއް ފަހަރު ސީދާވެއެވެ. އަދި ބައެއް ހީތައް މުޅިން ތެދުނުވިޔަސް ތެދާ ވަރަށް ކައިރިކުރެއެވެ.



ދުނިޔޭގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގައި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށްވުރެ، ކޮންސްޕިރަސީ ތިއަރީތައް ނުވަތަ ކުރެވޭ ހީތަކުގެ މައްޗަށް ދައްކާ ވާހަކަތައް ޤަބޫލުކުރާ މީހުން ނުވަތަ އެ ވާހަކަތައް ޝައުޤުވެރިކަން ހުންނަ މީހުން މާގިނައެވެ. މަޝްހޫރު ގިނަ ކޮންސްޕިރަސީ ތިއަރީތައް މީހުން ހަދާފައިވަނީ ދުނިޔޭގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ މައްޗަށެވެ. އޭގެތެރޭގައި ދުނިޔޭގެ މަޝްހޫރު ޝަޚްސިއްޔަތުގެ އާދަޔާޚިލާފު މަރުތައް ވެސް ހިމެނެއެވެ.

އާންމުކޮށް އިވިފައި އޮންނަގޮތުން ޖަރުމަނުގެ ކުރީގެ ޗާންސެލަރ އެޑޮލްފް ހިޓްލަރު  މަރުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާ އުޅުއްވި ބަންކަރުގައި އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެންނެވެ. އެހެންނަމަވެސް ހިޓްލަރު ފިލައިގެން އާޖެންޓީނާއަށް ދިޔަކަމަށް ބުނެ ހެރީ ކޫޕާ ކިޔާ ލިޔުންތެރިއަކު ފޮތެއް ނެރުނެވެ. ނަމަވެސް އެ ފޮތަކީ ކޮންސްޕިރަސީ ތިއަރީއެއް ކަމަށްބުނެ އެކަޑަމިކް ލިޔުމެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. އޭގެ އެތައް އަހަރެއް ފަހުން އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ މަރާބެހޭ ގޮތުން އާންމުކުރި ރަސްމީ ލިޔުމެއްގައި ހިޓްލަރު ފިއްލަވައިގެން ކޮލަމްބިއާއަށް ދިޔަކަމަށް ބެލެވޭ ކަމުގައި ލިޔެފައިވެއެވެ.

ދުނިޔޭގައި ދައުރުވާ ހުރިހާ ފައިސާއެއްގެ ކޮންޓްރޯލް އޮންނަނީ ޔަހޫދީން ކަމަށް ބުނާބުނުމަކީ ވަރަށް ކުރީގެ ކޮންސްޕިރަސީ ތިއަރީއެކެވެ. ދުނިޔޭގައި ބާރުގަދަ އެމެރިކާ ސިޔާސީގޮތުން ކޮންޓްރޯލް ކުރަނީ އެ ޤައުމުގައި ފައިސާ ކޮންޓްރޯލްކުރާ ޔަހޫދީން ކަމަށް ކޮންސްޕިރަސީ ތިއަރީވެރިން ބުނަންފެށީ އޭގެ ފަހުންނެވެ. އެމެރިކާގެ ބޭންކިން ނިޒާމުގައި ޔަހޫދީންގެ ނުފޫޒުއޮތް މިންވަރާއި، ޔަހޫދީންގެ ޙައްޤުގައި އެމެރިކާއިން ވަމުންދާ "ޤުރުބާނީ" އާންމުކޮށް އެންމެންނަށް އެނގެންފެށީ ދާދިފަހުންނެވެ.

އޮސްޓްރޭލިއާގައި 2014 ވަނަ އަހަރު ބޭއްވި ޖީ-20 ސަމިޓްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ވައްތަރު އެހެން އޮބާމާއެއް ބައިވެރިވެވަޑައިގެންނެވިކަމަށް ބުނެ ވާހަކައެއް ފެތުރުނެވެ. އެ ވާހަކަ ފެތުރުނީ އެއް ވަގުތެއްގައި ދެ ކާރެއް ފޮޓޯނެގި ބަޔަކަށް ނެގުނު ދެ ފޮޓޯއަކުން އޮބާމާ ފެނިފައިވާކަމަށް ބުނެއެވެ. އެމެރިކާގެ 2016 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ހިލަރީ ކްލިންޓަނާ ވައްތަރު އެހެން މީހަކު އުޅޭ ކަމަށް ވެސް ވާހަކަ ފެތުރުނެވެ. އެ ފަހަރު ހެކި ދެއްކީ ރަސްމީ ޖަލްސާއަށް ހިލަރީ ވަޑައިގެން ހުންނަވަނިކޮށް ޞިއްޙީ މައްސަލައެއް ދިމާވި ހާދިސާއަކާ ގުޅިގެންނެވެ. އެކަން ދިމާވެގެން ދަރިކަނބަލުންގެ އެޕާޓްމަންޓަށް ވަޑައިގެންނެވުމަށް ފަހު ނިކުމުވެވަޑައިގެންނެވިއިރު ހުރީ "މުޅިން ބަދަލުވެފައި" ކަމަށް ފޮޓޯ އިން "ހެކި" ދެއްކިއެވެ. ހަނދަށްދިޔަ ހާދިސާއާއި، ޕާލް ހާބަރުގެ ހާދިސާއާއި، ސެޕްޓެންބަރު ނުވައެއްގެ ހާދިސާއާއި، މެލޭޝިއަން އެއަރލައިންސްގެ 370 ބޯޓު ގެއްލުނު ހާދިސާފަދަ އެންމެން ދަންނަ ގިނަ ހާދިސާތަކަކާބެހޭ ގޮތުން ކޮންސްޕިރަސީ ތިއަރީތައް ވަނީ ނެރެފައެވެ. މިފަދަ ވާހަކަތަކާގުޅިގެން ރަސްމީ އިދާރާތަކުން އާންމުކޮށް އިޖާބަދީ ނުހެދިނަމަވެސް ބައެއް ފަހަރު ޖަވާބުދާރީވާން މަޖުބޫރުވާ ހާލަތަށް ގެންދެއެވެ. އެފަދަ ހާލަތްތަކުގައި ކޮންސްޕިރަސީ ތިއަރީވެރިން އެބައިމީހުންގެ ވާހަކަތައް އަނެއްކާވެސް އެ ވާހަކަތަކާ ގުޅުވައިގެން އެބައިމީހުންގެ ބުނުން ދިފާޢުކުރެއެވެ.

ކޮންސްޕިރަސީ ތިއަރީ ތަކުގެ ސަބަބުން ކަންކަމުގައި މީހުން ދެކޭ ގޮތް ބަދަލުކޮށްލައެވެ. ނުވަތަ އެކަންކަމުގައި ޝައްކާއި ވަހުމް އުފައްދައެވެ. ކޮންސްޕިރަސީ ތިއަރީތަކުގައި މީހުންނަށް އެބައިމީހުންގެ ވާހަކަތައް ޤަބޫލުކުރެވޭގޮތަށް އާންމުކޮށް "ހެކި" ދައްކައެވެ. އަދި ބައެއް ފަހަރު "ހެކި" އުފައްދާ ވެސް މެއެވެ. މިފަދަ ވާހަކަތައް "ވައިގައި ހިފައިގެން" ބައެއް ފަހަރު ދޮގަކީ ތެދުކަމަށް މީހުންނަށް ޤަބޫލުކުރެވޭ ވަރުކޮށްލައެވެ. ކޮންސްޕިރަސީ ތިއަރީއަކީ ކަންކަން ޙަޤީޤަތާ އެއްގޮތަށް ޤަބޫލުކުރަން ބޭނުންނުވާ މީހުންގެ ކުރިމަތީގައި ވަރަށް މަޤްބޫލު އެއްޗެކެވެ. އެކި މައްސަލަތަކުގައި ނެރޭ ކޮންސްޕިރަސީ ތިއަރީތަކުގެ ފަހަތުގައި ގިނަ ފަހަރަށް އޮންނަނީ އެކަމުގެ ސަބަބުން ކޮންމެ ވެސް މަންފާއެއް ސިޔާސީ ގޮތުން ނުވަތަ އެނޫން ގޮތަކުން ވެސް ހޯދުމަށް ޝައުޤުވެރިކަން އޮންނަ ފަރާތްތަކެކެވެ. އެ ފަރާތްތަކުގެ މައިގަނޑު މަޤްޞަދަކަށްވެފައި އޮންނަނީ ތަޙުޤީޤުތަށް ނުފޫޒު ފޯރުވުމެވެ. ނުވަތަ ވަކި ފަރާތެއް ކުށްވެރިކުރުމާއި ވަކި ފަރާތަކީ ކުށްވެރިއެއް ނޫންކަން ހާމަކޮށްދިނުމެވެ. ވަކި ފަރާތެއްގެ މަޤްބޫލުކަން އިތުރުކުރުމާއި ވަކި ފަރާތެއްގެ އަގު ވައްޓާލުމެވެ. އެހެންނަމަވެސް ބައެއް ހާލަތްތަކުގައި ކަމާބެހޭ ފަރާތްތަކުން ސިއްރުކޮށްފައިހުންނަ ކަންކަމުގެ ޙަޤީޤަތްތައް ތިލަ ކުރުމުގައި ކޮންސްޕިރަސީ ތިއަރީތައް ކާމިޔާބު ހޯދާފައިވެއެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...