Thursday, September 17, 2015

އިންޑިއާގެ ފަރަކަށް އެރި ދިވެހި ބޯޓެއް ފުންކުރުމަށް ދިވެހި ސިފައިން ކުރި ބުރަ މަސައްކަތް

މިއީ ދިވެހިރާއްޖޭގެ ބޯޓެއް ބޭރު ޤައުމެއްގެ ފަރަކަށް އައިރައިގެން ދިވެހި ސިފައިންގޮސް މަސައްކަތްކޮށްގެން ފުންކުރި ފުރަތަމަ ފަހަރެވެ. މޯލްޑިވްސް ޝިޕިންގ ލިމިޓެޑް (އެމްއެސްއެލް) އިން ދުއްވަމުން ދިޔަ 3000 ޓަނުގެ "މޯލްޑިވް މޭލް"  އުރުނީ އިންޑިއާގެ މަލިކުގެ އިރު އުތުރުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ ތެރޭން ރަށެއްކަމުގައިވާ [ސުހެލިޕަ] (Suheli Par) ކިޔާ ރަށުގެ ސުހެލީފަރަށެވެ. ފަރަށް ބޯޓު އުރުނުއިރު ބޯޓުގައި ތިބީ ބޯޓުގެ އޮފިސަރުންނާއި ފަޅުވެރިންނެވެ. ބޯޓުގައި މައިގަނޑު މުދަލަކަށްއޮތީ ބަންޑެލިކޮށްފައިހުރި ބޮނބިނަރެވެ. ކޮންމެ ބަންޑެއްޔެއްގައި ނުވަތަ ކޮންމެ ގަޓަރިއެއްގައި ދޭއްބައި ހަންދަރު ހުއްޓެވެ. 

އެމްވީ މޯލްޑިވް މޭލް ސުހެލީ ފަރަށް އެރީ  1975 ވަނަ އަހަރުއެވެ. ބޯޓު ފަރަށް އެރުމުން ފުންކުރެވޭތޯ ފުރަތަމަ މަސައްކަތްކުރީ ސްރީލަންކާގައި ދިވެހި ސަރުކާރުން ހިންގަމުންދިޔަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޓްރޭޑިންގ ކޯޕަރޭޝަން (ސިލޯން) ލިމިޑެޓް (އެމްއެންޓީސީ) އިންނެވެ. އެ ކުންފުނީގެ ފަރާތުން ޓަގު ބޯޓެއް ފޮނުވައިގެން ކުރި މަސައްކަތުން ބޯޓު ފުން ނުކުރެވިގެން ދިވެހި ސަރުކާރުން ބޯޓް ފުންކުރުމުގެ މަސައްކަތަށް ސިފައިން ފޮނުއްވާގޮތަށް ނިންމެވިއެވެ. އެގޮތުން ފޮނުއްވި ސިފައިންގެ ތެރޭގައި ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކާއި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރާއި ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އާއި ޕްރައިވެޓް ފެހިފަށުވި ޢަބްދުލް ޢަޒީޒު އަދިވެސް ބައެއް ބޭކަލުން ހިމެނެއެވެ. ސިފައިން އެބޯޓު ކައިރިއަށް ދިޔައީ އެމް.ވީ. ތިންގަނޑު ވިނައިގައެވެ. އޭގެފަހުން މަސައްކަތުގައި ބައިވެރި ވުމަށް އެމް.ވީ ގާފަރާއި އެމް.ވީ އިސްދޫވެސް ސިފައިންނާއެކު އެ ސަރަޙައްދަށް ފޮނުވިއެވެ. ތިންގަނޑު ވިނަ ނޫން އަނެއްދެބޯޓު ވަރަށް އަވަހަށް އަބުރާ މާލެ ފޮނުވާ ލެއްވިއެވެ. 

ބޯޓު ފުންކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން މަސައްކަތް ކުރެއްވީ ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރު ވިދާޅުވި ގޮތުގައި އެމްވީ މެއިލް ފުންކުރުމުގައި ސިފައިން ކުރި އެންމެ ބޮޑު މަސައްކަތަކީ ބޯޓު ލުއިކުރުމަށް ކުރި މަސައްކަތެވެ. "ވަރަށް ބަރުކޮށް ބޮޑެތިކޮށް ޓަގަރިހަދައި ބަންދުކޮށްފައިހުރި ބޮނބިނަރުތައް ބޯޓުން އުކާނުލައި އަދި ނުތެއްމާ ބޭލުމުގެ މަސައްކަތް އެންމެ ބުރަ މަސައްކަތަކަށްވީ. މޯލްޑިވް މޭލުގެ ކްރޭނުން ގަޓަރިތައް ބާލައިގެން ފުރަތަމަ އެރުވީ ތިންގަނޑުވިނައަށް. އެއަށްފަހު އެބޯޓު ދުއްވާފައިގޮސް އެދިމާ ކަނޑުތެރޭގައި މަޑުކޮށްގެން އޮންނަ "މޯލްޑިވް އެންވޯއި" އަށް ހުސްކުރަނީ." އަޙްމަދު ޒާހިރު ވިދާޅުވިއެވެ. ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ ވިދާޅުވީ މޯލްޑިވް މެއިލް ފުންކުރުމަށް ސިފައިން މަސައްކަތް ކުރަމުން ދިޔައިރުވެސް ޓަގު ބޯޓެއް ވައިރު އަޅައިގެން ބޯޓު ފުންކުރުމަށް ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ.

"ޓަގު ބޯޓަކުން އަބަދުވެސް ހުންނަނީ ބޯޓު ފުންކުރަން ހިފާފަ. ބޯޓަށް ލުއި ކުރުމަށްޓަކައި ބޮނބިނަރުގެ ގަޓަރިތައް ބޭލުމުގެ މަސައްކަތް ސިފައިން ކުރަމުންދާތާ ފަސްވަނަ ދުވަހު ބޯޓު ފުންވީ. އޭރު އަދި  ބޯޓުގައި ހުރި ހުރިހާ ގަޓަރިތަކެއް ނުބޭލޭ. ހުރިހާ ބޮނބިނަރުތައް ހުސްނުވަނީސް ބޯޓް ފުންވެއްޖެ" ޢަބްދުއްޝުކޫރު ޢަބްދުﷲ ވިދާޅުވިއެވެ.  

އެމް.ވީ މޯލްޑިވް މޭލް ފުންވުމުން އެބޯޓާއި އެބޯޓުގައިހުރި މުދާ ބަދަލުކުރި އެމްވީ މޯލްޑިވް އެންވޯއީ އަދި އެމްވީ ތިންގަނޑުވިނަ ދިޔައީ ސްރީލަންކާ އަށެވެ. މި މަސައްކަތް ކުރަމުންދިޔައިރު އެ ސަރަޙައްދަށް ބޭރުގެ އެހެން ޤައުމެއްގެ އެއްވެސް ބަޔަކު އައިސްފައެއް ނުވެއެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...