ޤައުމީ
ސަލާމުގެ ގޮތުގައި އެންމެ ފުރަތަމަ ކުޅެމުން އައި ރާގަށް ކިޔަނީ
"ސަލާމަތީ" އެވެ. ބޭންޕާޓީ އުފެދުމުގެ ކުރިން އެތެރެކޮއިލު ތެރޭގަޔާއި
އެކިއެކި ޤައުމީ މުނާސަބަތު ތަކުގައި ސަލާމަތީ ކުޅެމުން އައީ ބެރުދުންމާރި
ތާޅަފިލިވެރިންނެވެ. "ސަލާމަތީއަށް ޅެން ހެއްދެވުމުގެ މަސައްކަތް ސުމުއްވުލް
އަމީރު މުޙައްމަދު އަމީން ހަވާލު ކުރެއްވީ އައްޝައިޚް މުޙައްމަދު ޖަމީލް
ދީދީއާއެވެ. ޤައުމީ ސަލާމްގެ ޅެން ހައްދަވައި ނިއްމެވީ 1946 ފެބުރުވަރީ 1 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1365 ޞަފަރު 28 ވަނަ ދުވަހުއެވެ. ޤައުމީ ސަލާމުގެ ޅެން 8 ބައިތުގެ މައްޗަށް ހައްދަވައި ނިންމެވުމާއެކު ދެން ކުރެވުނީ ޤައުމީ ސަލާމަށް ރީތި ރާގެއް ހޯއްދެވުމުގެ މަސައްކަތެވެ. އެގޮތުން ޤައުމީ ސަލާމުގެ ރާގެއް ކަމުގައި ޚިޔާރު ކުރެއްވީ އޭރު އަތިރީގޭގައި ހުރި ގަޑިއަކުން ޖަހާ ރާގެކެވެ. (ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ރާގަކީ ޤައުމީ ސަލާމުގެ ޅެން ހެއްދެވުމުގެ މަސައްކަތް ކުރެވުނު މުލީއާގޭގައި ހުރި ގަޑިއަކުން ޖެހޭ ރާގެކެވެ.) އެ ރާގަކީ އިނގިރޭސި މުސްކުޅި ރާގެއް ކަމަށްވާ އޯލްޑް ލޭންގް ސައިން (Auld Lang Syne) އެވެ. ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އެއީ ޤައުމީ ރެއެވެ. 1946 ފެބުރުވަރީ 4 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1 ރަބީޢުލްއައްވަލް 1365 އެވެ. ޤައުމީ ސަލާމް އެ ޖަލްސާގައި މިއުޒިކާ ނުލައި، ރާގުގައި ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ޖަމީލާއި އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އަލްފާޟިލް މުޙައްމަދު ރަޝީދު (ބަގީޗާގޭ ދޮހުއްތީދީ) އެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމްގެ ފުރަތަމަ ރާގުގެ މިއުޒިކް ނޯޓްތައް އެންމެ ފުރަތަމަ ލިޔުއްވައި އަދި އެ ނޯޓުތައް ބޭންޑް ޕާޓީގެ މީހުންނަށް ދަސްކޮށްދެއްވީ އޭރު
ރާއްޖޭގައި ހުންނެވި އެންމެ މޮޅު މިއުޒިޝަން ސިފައިންގެ 2 ނަންބަރު ސަރުދާރު
(ސާރޖަންޓް) އިބްރާހީމް ޙަބީބެވެ. ދިވެހި ޤައުމީ ސަލާމް ގާޑް އޮފް އޮނަރެއްގައި
ފުރަތަމަ ފަހަރަށް އިންސްޓްރޫމަންޓް ބޭނުންކޮށްގެން ކުޅުނީ 10 ޑިސެމްބަރު
1947 (26 މުޙައްރަމް 1367) ގައެވެ.
1972
މާޗް 13 ވަނަ ދުވަހު އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ރާއްޖެއަށް ކުރައްވަން ހަމަޖެހުނު ފުރަމާނަ
ދަތުރުފުޅާ ގުޅިގެން، ކުރަން ކަނޑައެޅުނު ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ
ޤައުމީ ސަލާމުގެ ރާގު ބަދަލު ކުރުން ހިމެނެއެވެ. ރާއްޖޭގައި އޭރު ކުޅެމުންއައި
ޤައުމީ ސަލާމުގެ ރާގަކީ އޯލްޑް ލޭންގ ސައިން (Auld Lang
Syne) އެވެ. ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރުގެ
މިގޮތަށް ނިންމެވީ އެ ރާގަކީ އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު [ބެކިންގ ހަމްޕެލަސް]ގައި
އޮންނަ ޙަފްލާތައް ނިންމާލަމުން އޭރު ކުޅެމުންދިޔަ ރާގަކަށް ވެފައި، އެ ރާގަކީ ޤައުމީ ސަލާމުގެ ހައިބަތު ހުރި ރާގެއްކަމަށް
ފެނިވަޑައި ނުގަންނަވާތީއެވެ. ޤައުމީ ސަލާމަށް އާ ރާގެއް ހެއްދެވުމުގެ މަސައްކަތް
ސަރުކާރުން ހަވާލު ކުރެއްވީ ސްރީލަންކާގެ މިއުޒިކް ޕްރޮފެސަރެއް ކަމުގައިވާ
ޕެންޑިތު ޑައުބްލިޔު.ޑީ އަމަރަދޭވާ އާއެވެ.
ޤައުމީ
ސަލާމުގެ ރާގު ބަދަލު ކުރުމުގެ މަސައްކަތް އަމަރަދޭވާއާ ހަވާލު ކުރެއްވީ ސަރުކާރުން އޭނާ ރާއްޖެ ގެންނެވުމަށް
ފަހުގައެވެ. އޭނާއާ މި މަސައްކަތް ޙަވާލު ކުރެއްވުމުން ސްރީލަންކާއަށް ވަޑައިގެންފައި
އެނބުރި ރާއްޖެވަޑައިގަތީ ތިން ރާގެއް ހައްދަވައިގެންނެވެ. އެއީ ތްރީފޯ ޓައިމްގެ
ރާގަކާއި ކޮމަންޓައިމް ރާގަކާއި ކަޓްކޮމަންޓައިމްގެ ރާގެކެވެ. މި ރާގުތައް ގެނައީ ވައިލިން (ބޭލާ) ގައި ކުޅެ ރެކޯޑު ކޮށްގެންނެވެ. މި ތިންރާގުގެ
ތެރެއިން އެއްރާގު ލިޔުއްވީ އޭރު މަޖީދިއްޔާއާއި ސިފައިންނަށް ބޭންޑް
ދަސްކޮށްދެއްވަމުން ގެންދެވި ސިލޯނުގެ ބޭންޑް މާސްޓަރެއް ކަމަށްވާ އެސްއެސް ސެމިޑޯން
އެވެ. އަނެއް ދެރާގު ލިޔުއްވީ ސިފައިންގެ ބޭންޕާޓީގެ ބޭފުޅެއް ކަމަށްވާ ބެއްޔަ
ތުއްތު އެވެ. މިހާރު މިކުޅޭ ޤައުމީ ސަލާމުގެ ރާގަކީ ޤައުމީ ސަލާމުގެ ރާގުގެ
ގޮތުގައި ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އެއީ
އަމަރަދޭވާ ގެންނެވި ކަޓްކޮމަންޓައިމުގެ ރާގެވެ. މިރާގު ލިޔުއްވީ ބެއްޔަ ތުއްތު އެވެ. އެ ދުވަސްވަރު
ބޭންޑްޕާޓީގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ
ދައްޕަރު މޫސާމަނިކެވެ.
މިހާރު ކުޅެމުންދާ ޤައުމީ ސަލާމުގެ ރާގަށް އިތުރު
ފުރިހަމަކަމެއް ގެނައުމުގެ ގޮތުން ކުރަން ހުރި ކަންތައްތަކެއް 1987 ވަނަ އަހަރު
ސިފައިންގެ ބޭންޑް މާސްޓަރަކަށް ގެންނެވި މިސްޓަރ ޔުރެކާ އިކެމާ ފާހަގަ
ކުރެއްވިއެވެ. މިގޮތުން ޤައުމީ ސަލާމުގެ އެރޭންޖްމަންޓް އޮތް ގޮތުން ރާގުކުޅޭއިރު
ދަތި ކަމެއް ހުންނަކަމަށާއި ޤައުމީ ސަލާމް ނިމޭއިރު ކޯޑެއް ނެތުމުން ރާގު އެންމެ
ފުރިހަމަ ނުވާކަމުގައި ވިދާޅުވެ ދެއްވި ލަފައާއެކު އެމައްސަލަތައް ޙައްލު ކުރުމަށް އޭނާއަށް
ފުރުސަތު ދެއްވިއެވެ. ކުރުމުއްދަތެއްގެ
ތެރޭގައި، އެމަސައްކަތްތައް ނިންމަވައި ހުށަހެޅުއްވުމުން އެބަދަލު ޤައުމީ ސަލާމަށް
07 ފެބްރުއަރީ 1989ގައި ގެނައުމަށް
ސަރުކާރު ނިންމެވިއެވެ. މި ބަދަލާއެކު ޤައުމީ ސަލާމް ކުޅެމުން ދަނިކޮށް، ޤައުމީ
ސަލާމުގެ ރާގު ލަސްކަމުން އަވަސް ކޮށްދެއްވުމަށް ރައީސް އަލްއުސްތާޛު މައުމޫން
ޢަބްދުލް ޤައްޔޫމް އެދިވަޑައިގެންނެވުމާ ގުޅިގެން އެ މަސައްކަތް ސިފައިންގެ ބޭނުން
ކުރިއެވެ. ސްޓާފް ސާރޖަންޓް ޙަސަން
ޔޫސުފް ބޭންޑް މާސްޓަރ ކޯސް ނިންމާފައި
ދުރުވެ 1989 ވަނަ އަހަރު އޭރު ޤައުމީ ސަލާމުގެ މައިގަނޑާ އެއްކަޑިއާ ކޯޑާ ކުޅޭއިރު
ރާގު ދިގުމިނަކީ 1.32 މިނިޓްއެވެ. ނަމަވެސް ފަހުން ޓެންޕޯ އަވަސްކޮށް ޤައުމީ ސަލާމުގެ މައިގަނޑާ
އެއްކަޑިއާ ކޯޑާ ކުޅޭއިރު ދިގުމިނަކީ 56 ސިކުންތު ކަމުގައި ހަމަޖެއްސެވިއެވެ.
އަމަރަދޭވާ
އުފަންވެ ވަޑައިގެންނެވީ 05 ޑިސެމްބަރު 1927 ގައެވެ. މިއުޒިކީ ދުނިޔެއަށް ވަރަށް
ތުއްޕުޅުއިރު ވެންނެވިއެވެ. އޭނާ ބައްޕައަކީ ވަޔޮލިން ފަދަ އިންސްޓްރޫމަންޓް
ހަދައި، މަރާމާތުކުރާ މީހަކަށްވާތީ އެތަކެއްޗާމެދު އޭނާގެ ޝަޢުޤުވެރިކަން ދިޔައީ
އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. އަމަރަދޭވާއަށް ލިބުނު އެންމެ
ފުރަތަމަ އޭނާގެ އަމިއްލަ އިންސްޓްރޫމަންޓަކީ ހަތްވަނަ އުފަންދުވަހު ބައްޕަ ދެއްވި
ވަޔޮލިން އެކެވެ. ސިތާރުއާއި ތަބްލާއާއި ހަރުމޯނިއަމްފަދަ އިންސްޓްރޫމެންޓް ވަރަށް
ޅަ އުމުރުގައި ކުޅުއްވަން ދަސްކުރެއްވި އަމަރަދޭވާގެ ހުނަރުވެރިކަން މިއުޒިކު
އުސްތާޒުންނަށް ފާހަގަ ކުރެވުނެވެ. 1950 ވަނަ އަހަރުގެ މެދުތެރޭގައި އިންޑިއާގެ
ލަކަނޫގެ މިއުޒިކް އިންސްޓިޓިއުޝަނެއްގައި ކިޔެވުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.
އެހިސާބުން އޭނާގެ ނަސީބުގެ ތަރި ވިދަން ފެށިއެވެ. މޮޅު މިއުޒިޝަނެއްގެ އިތުރުން
އޭނާއަކީ މޮޅު ލަވަކިޔުންތެރިއެއްވެސް މެއެވެ. މިއަދު އޭނާގެ އުމުރުފުޅަކީ 86
އަހަރެވެ. އޭނާގެ އަނބިކަބަލަކީ ވިމާލާ އަމަރަދޭވާއެވެ. މި ދެމަފިރިކަބަލުންނަށް
ލިބިވަޑައިގެންފައިވަނީ 3 ބޭފުޅުންނެވެ. އުމުރުގެ މިހިސާބަށް އައިއިރު ޤައުމީ އެތައް
އިނާމުތަކަކާއި ޝަރަފުތަކެއް އޭނާވަނީ ހޯއްދަވާފައެވެ.
No comments:
Post a Comment