Thursday, July 7, 2016

ދުނިޔެ ތަރައްޤީއެއް ނުވެއެވެ.

 


ޢަބްދުﷲ ސަޢީދު

 

އަޅުގަނޑުމެން ހީކޮށްގެން މިތިބީ ދުނިޔެ މި އޮތީ ތަރައްޤީވެފައި ކަމަށެވެ. އެހެން ޤައުމުތައް ކޮންމެ ހާލެއްގައި އޮތަސް ޔޫރަޕާއި އެމެރިކާ އޮތީ ތަރައްޤީގެ އުސްމިންތަކަށް ވާސިލުވެފައިކަމަށެވެ. އެކަމަކު މި ފެންނަކީ ހާދަ ހިތްދަތި މަންޒަރެކެވެ.

 

އިންސާނާ ހަނދަށް ހިގައްޖެއެވެ. އަދި އެހެން ބައެއް ޕްލެނެޓްތަކަށް އުޅަނދުތައް ފޮނުވައިފިއެވެ. ބާރު އިސްޕީޑުގެ އުޅަނދުތަކުން ދަތުރު ފަތުރު ފަހިކޮށްފިއެވެ. ގުނަވަން ބަދަލުކޮށް، ޖިންސް ވެސް ބަދަލުކުރަނީއެވެ. އިންސާނުން ކްލޯންކުރުމާ ހަމައަށް ސައިންސާއި ޞިއްޙީ ކުރިއެރުން ހޯދައިފިއެވެ. އުސް ޢިމާރާތްތަކާއި އައު ސަހަރުތައް ބިނާކޮށް ދާލަންތައް އަޅައި ރަށްވެހިކަން ހޯދައިފިއެވެ. މި ޒަމާނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނެވެ. ދުނިޔެ ދުވަހަކު ވެސް ނުދެކޭފަދަ ކުރިއެރުމާއި ތަރައްޤީ އަޅުގަނޑުމެން މިތިބީ ހޯދައިގެންނެވެ. އުފަލާއި މަޖަލުގެ ތެރެއަށް މިތިބީ ޣަރަޤުވެފައެވެ. އެއްވެސް ކަމެއްގައި އިމެއްނެތެވެ. ހޯދިފައިވާ ކުރިއެރުމާ ތަރައްޤީއަށް މިތިބީ ފަޚުރުވެރިވެ ބޮޑާވެގެންނެވެ.

 

ދުނިޔެ މި އޮތީ ތަރައްޤީ ވެފައިކަމަށް ހީވެގެން މިއުޅެވެނީ އަދުގެ އިންސާނާއަށް އެކަންޏެއްނޫނެވެ. މިއީ އިންސާނީ ތާރީޚުގައި އިންސާނާ އެތައް ފަހަރަކު ކޮށްފައިވާ ޖަދަލެކެވެ. އިންސާނާއަށް އޭނާ ފެނި ބޮޑާވެ، ކިބުރުވެރިވެއެވެ. އަމިއްލަ ނަފުސަށް ފަޚުރުވެރިވެ ބައެއް ފަހަރު ހައްދުފަހަނައަޅާދެއެވެ.

 

އޭގެތެރެއިން ހާދިސާއެކެވެ. އެ ރަށް އޮންނަނީ ސައޫދީ އަރަބިއްޔާގެ އުތުރުގައި މަދީނަތުލް މުނައްވަރާއާއި ތަބޫކާ ދެމެދުގައެވެ. އެ ރަށުގެ މީހުންނަކީ ބާރުގަދަ ބައެކެވެ. ޢުމްރާނީ ތަރައްޤީގައި އެހާތަނަށް އެފަދަ ބަޔަކު ދުނިޔެ ނުދެކެއެވެ. ފަރުބަދައިން ގެދޮރު ހަދައި އުޅުނެވެ. އެބައިމީހުންނަށްވުރެ ބާރުގަދަފަރާތެއް ނުވާކަމަށް ބުނަމުން ދިޔައެވެ. އެބައި މީހުންގެ މޮޅުކަމަށް ފަޚުރުވެރިވިއެވެ. އެބައިމީހުންގެ ގާތަށް ފޮނުއްވި ނަބިއްޔާގެ ދައުވަތު ދޮގުކޮށް އިންކާރުކުރިއެވެ. މުއުޖިޒާތެއްގެ ގޮތުން އެބައިމީހުންނަށްޓަކައި، ﷲ ސުބުހާނަހޫ ވަތަޢާލާ ހިލަގަނޑަކުން ނެރުއްވެވި ޖަމަލު ވެސް ގަތުލުކުރީއެވެ. އެ މީހުން ތިބީ އެ މީހުންގެ ގޮތުގައެވެ. އެ ހިސާބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުން މައްޗަށް ކޯފާއެއް ފޮނުއްވައި ހަލާކުކުރެއްވީއެވެ. އެއީ ޘަމޫދު ބާގައިގެ މީހުންނެވެ.ސަލާމުލެއްވި ޞާލިޙުގެފާނުގެ ޤައުމުގެ މީހުންނެވެ.

 

އެބައި މީހުން ބިނާކުރި ޙަޟާރަތުގެ ނިޝާންތައް ދުނިޔެމަތީގައި ފެންނަން އެހެރީއެވެ. އެ ބިނާތައް ބުނެދެނީ ދުނިޔެ އެ ޒަމާނުގައި ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމެވެ. އެ ޒަމާނަށް ބަލާއިރު އެއީ ތަރައްޤީގެ އަޖައިބެއް ފަދަ އުސްމިން ތަކެކެވެ. އެކަމަކު އެބައި މީހުންނަށް ވެސް ޤުދުރަތީ ޙަޤީޤަތަކާ ވާދައެއް ނުކުރެވުނެވެ. މިއަދަކުވެސް ނުކުރެވޭނެއެވެ. އަޅުގަނޑުމެންނަށް އޮތީ އިންސާނާ ދުނިޔެއަށް ފޮނުއްވި މާތް މަގުސަދުގައި ހިފެހެއްޓުމެވެ. (ނިމުނީ)

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...