ޢަބްދުﷲ ސަޢީދު
މުޙައްމަދު
ޒާހިރު ބެރެކްސްއިން ނިކުމެވަޑައިގެންވިގޮތަށް ޓާސްކްފޯސް ޑިއުޓީ ކައުންޓަރު ކައިރި
ޑިއުޓީއަށްހުރި ޕްރައިވެޓް އަޙްމަދު ރަޝާދު (ޓިބެޓް) ގެ އަތުގައިއޮތް ބަޑި އަތުލެއްވިއެވެ.
އޭރު ސީނިއަރ އޮފިސަރުންގެ ބެރެކްސްގެ ބޭރުގައިހުރި ފޯނު ރިންގްވަމުންދެއެވެ. އެއީ
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ފެށުމާއެކު ވެގެންއުޅޭގޮތެއް ސާފުކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެވެރިޔާ ސިފައިންގެއަށް ގުޅުއްވި ފުރަތަމަ ފަހަރެވެ.
"އަޅުގަނޑު ދެންނެވިން ވެގެން އުޅޭގޮތެއް ޙަމަލާދެމުންދަނީ ކޮންބައެއްކަމެއް އަދި
ނޭނގެޔޭ. ޙަމަލާ ދެމުންދަނީ ސިފައިންގެ ހެޑްކްއާޓަރަށޭ." މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
އެފޯނު ރައީސް މައުމޫން ކަޑުއްވާލެއްވިތާ ކުޑަ ހިނދުކޮޅެއްފަހުން ދުޝްމިނުން ސިފައިންގެމަގުމަތީ
ފާރުގެ ހުޅަނގު ދެކުނުކަން ގޮއްވާލިއެވެ. އެބާގަނޑުން ސިފައިންގެ ތެރެއަށް ދުޝްމިނުންނަށް
ނުވަދެވުނީ އެދިމާލަށް ސިފައިން ދިން ކުއްލި އަދި އަވަސް ރައްދު ޙަމަލާގެ ސަބަބުންނެވެ.
ދުޝްމަނުން
ދެމުންގެންދިޔަ ހަމަލާތަކުން ހީވަމުންދިޔައީ ހަމަ ދެންމެ ދެންމެ ސިފައިންގެ ހެޑްކުއާޓަރަށް
އެމީހުން ވަދެގަންފާނެ ހެންނެވެ. އެހެންކަމުން މުޙައްމަދު ޒާހިރު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ
ދުޝްމިނުންނާ ދެކޮޅަށް ދެމުންދިޔަ ރައްދު ޙަމަލާތައް ވަރުގަދަކުރެއްވުމެވެ. ލެފްޓިނަންޓް
މޫސާ ޢަލީ ޖަލީލް އާއި ލެފްޓިނަންޓް ބިލާލް އާދަމްމަނިކު ބަޑިހިފައިގެން ފުލުސް އޮފީހަށް
ދުރުވެއްޖެއެވެ. ލެފްޓިނަންޓް ޙަސަން ނަޞީރުއާއި ލެފްޓިނަންޓް ޢަބްދުއްލަޠީފް މުޙައްމަދު އާއެކު މުޙައްމަދު ޒާހިރު ވަޑައިގެންނެވީ ސިފައިންގެ
ތިންބުރި އިމާރާތުގެ މައްޗަށެވެ. ތިންބުރި އިމާރާތުގެ އެންމެ މަތީބުރިން ޑިފެންސް މިނިސްޓްރީ
ތެރެއަށް ވަދެވެން ހުންނަ ދޮރުން ވަންނަވަން ބެއްލެވިއިރު އެދޮރު ހުރީ ތަޅުލާފައެވެ.
މުޙައްމަދު ޒާހިރުގެ އަތުގައި އޮތް އޭކޭ 47 ގެ ރައިފަލުގެ ބަޓުން (މުއްގަޑުން) ޖަހާ
ދޮރުފަތުގެ ފިލާގަނޑު ފަޅާލައްވާ އެތެރެއަށްވަދެވަޑައިގެން ޑިފެންސް ނިމިސްޓްރީ ތެރެއިން
ސިފައިންގެ އޮފިހަށް ވަޑައިގެންނެވިއެވެ. އެހިސާބުން ސިފައިންގެއަށް ދުޝްމަނުންދެމުންދާ
ޙަމަލާތައް އަންނަނީ ކޮންކޮން ދިމާތަތަކުންކަން އެގިވަޑައިގެންނެވިއެވެ.
ބަނޑޭރިގޭމަތީބުރީގައި
އަމީރު އަޙްމަދުމަގަށްވާ ގޮތަށް ހުންނަ ކުޑަދޮރުތަކުގެ ކައިރީގައި ދުޝްމިނުންގެ ޕޮއިންޓްތައް
ކަވަރ ކުރެވޭނެގޮތަށް ބަޑިއާއެކު ސިފައިން ބައިތިއްބުމަށްފަހު ދެންވަޑައިގަތީ އެ ޢިމާރާތުގެ
ހުޅަނގުކޮޅުގައި ހުންނަ ޑިފެންސް މިނިސްޓަރުގެ ނާއިބުގެ ކޮޓަރިކޮޅަށެވެ. އެ ކޮޓަރިކޮޅުގެ
ދޮރުވެސްހުރީ ތަޅުލާފައެވެ. އެދޮރު ހުޅުވުމަށްޓަކައި ބަޑީގެ ބަޓުންޖަހާ ދޮރުފަތުގެ
ބިއްލޫރިގަނޑު ތަޅާލިވަގުތު ކުދިކުދި ވެގެންއައި ބިއްލޫރި ގަނޑަކުން ޖެހިފައި މުޙައްމަދު
ޒާހިރުގެ ވާތުގެ ބޮޑުވައި އިގިއްޔާ ދިމާލުން ތިރިން އަތްތިލައިން ގާތްގަނޑަކަށް ދޮޅު
އިންޗި ދިގުމިނުގެ ތަނެއް ވަރަށް ފުންކޮށް ކަފައިގެންގޮސް ލޭ އަންނަން ފެށިއެވެ. އެވަގުތު
އެތަނުގައި ހުންނެވި ލެފްޓިނަންޓް ޙަސަން ނަޞީރު އެކޮޓަރިކޮޅުގެ ދޮރުފޮތިގަނޑުން ބައެއް
ވީދާލާފައި އެ ޒަޚަމްގެމަތިން ވަރަށް ބާރަށް ބަނދެދެއްވިއެވެ. ތިނެއް ނޮވެންބަރުގެ
ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް ނަޞްރު ލިބެންދެން ކުރިހުރިހާ ކަމެއްވެސް ކުރެއްވީ
އެއަތްޕުޅު އޮތަށް އޮށްވައެވެ.
ދުޝްމިނުން
ސިފައިންގެ ހިފުމަށް ފަތިހު ފެށި ޙަމަލާއާ ދެކޮޅަށް ރައްދުގައި ޙަމަލާދެމުން ދަނިކޮށް
ވަޒަން ހުސްވަމުންދާކަން މުޙައްމަދު ޒާހިރުގެ ސަމާލުކަމަށް ބަޑިގުދަނުގައި ހަރަކާތްތެރިވަމުން
ގެންދެވި ލެފްޓިނަންޓް އިނގިރޭސި ޢުމަރުމަނިކު ގެންނެވިއެވެ. ޑިއުޓީތަކަށް ބޭނުންވާވަރަށް
ބަޑިއާއި ވަޒަން ބެހެއްޓުމަށްފަހު ދެންހުންނަ ވަޒަނާއި ބަޑިތައް ހުންނަނީ ބަޑިގުދަނުގެ
އެތެރޭ ލޮކަރުގައެވެ. ޒަމާނުއްސުރެ ސިފައިންގެ ބަޑިގުދަނުގެ އެތެރޭބައިގެ ތަޅުދަނޑި
އޮންނަނީ އޭރެއްގައި ހުންނަވާ ސިފައިންގެ އެންމެ އިސް ބޭފުޅެއްގެ އަތްޕުޅުގައެވެ. ނޮވެންބަރު
ތިންވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑިއޮތީ
އޭރުގެ ޑިފެންސް މިނިސްޓަރގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ އަތްޕުޅުގައެވެ.
"ތަޅުދަނޑި ނުލިބި ދޮރުހުޅުވޭނެ އެއްވެސް ގޮތެއްނެތް. އެނާޒުކު ވަގުތު ކޯޕްރަލް
އިބްރާހީމް ދީދީ (ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީ) ސިފައިންގެއަށް
ފޯނުކުރެއްވީ. އިއްތިފާޤުން އަޅުގަނޑަށް އެފޯނު
ނެގުނީ. ވަގުތުން ވީ އެންމެ އަވަހަށް ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑި ގެނެސްދިނުމަށް
ޓާސްކްކުރީ. އެޓާސްކް އިބްރާހީމް ދީދީ ވަރަށް ފުރިހަމައަށް އަދާކުރެއްވި" މުޙައްމަދު
ޒާހިރު ވިދާޅުވިއެވެ.
ބަޑިގުދަނުގެ
އެތެރެބައި ހުޅުވުމާއެކު ދުޝްމަނުންނާ ދެކޮޅަށް ދެމުންދާ ރައްދު ޙަމަލާތައް ވަރުގަދަ
ކުރިއެވެ. މުޙައްމަދު ޒާހިރު ބޭނުންފުޅުވީ ދުޝްމަނުންގެ މަޤާމުތަކަށް ޖީޕީއެމްޖީ އިން
ވަރުގަދަ ޙަމަލާތަކެއް ދެއްވުމަށެވެ. އޭރަކު ޖީޕީއެމްޖީގެ މާގިނަ ބަޑިއެއް ސިފައިންގެއަކު
ނެތެވެ. "ޖީޕީއެމްޖީ ހުސްވެއްޖެއޭ ދެންހުރީ ރަޝިޔަން ޖީ.ޕީ.އެމް.ޖީ ނުވަތަ ޕީ.ކޭ.އެމް
ބަޑިއޭ އިނގިރޭސި ޢުމަރުމަނިކު ވިދާޅުވެއްޖެ. އަދި އެވައްތަރުގެ ބަޑި ޖަހަން ދަންނަ
މީހަކުވެސް ނެތްކަމަށް ޢުމަރުމަނިކު ވިދާޅުވި. ދެން އަޅުގަނޑު ބަޑިގުދަނަށްވަދެ ޕީކޭއެމްއެއްނަގާ
ލޯޑް އަންލޯޑް ފަރިތަކޮށްލާ ބޭރަށް ނިކުމެ މައްޗަށް ބަޑިޖަހާ ޓެސްޓްކުރީ. އެއަށްފަހު
އެތަނުގައި ތިބި ކުދިންނަށް ބަޑިޖަހަންވީގޮތް ކިޔައިދިނީ" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
ލީބިއާގައި އެމަނިކުފާނު ހެއްދެވި ޓްރޭނިންގައި ޕީ.ކޭ.އެމް ބޭނުންކުރައްވާފައިވާތީ
އެބަޑިއަކީ އެމަނިކުފާނަށް އާބަޑިއެއްނޫނެވެ. ޖީޕީއެމްޖީ އާއި ޕީކޭއެމް އާއިއެކު ދުޝްމަނުން
އެންމެ ވަރުގަދައަށް ޙަމަލާދެމުންދާ ސަރަޙައްދުތައް ކަވަރު ކުރެވޭގޮތަށް ޕޮޒިޝަން ކުރެއްވިއެވެ.
"ބަނޑޭރިގޭ މަތީގައި ލ.ކޯޕްރަލް އާދަމް މުޙައްމަދު (ފުސްފަރު) އާއި ޕްރައިވެޓް
ޙުސައިން މަނިކު ބޭތިއްބިން. ރައީސް އޮފީހާއި ދިމާލުން އަންނަ ޙަމަލާތަކަށް ޙަމަލާ
ދިނުމަށް ސްޓާފް ސާރޖެންޓް ޠާހާ ވަޙީދު ފުލުސް އޮފީސް މައްޗަށް ފޮނުވާ، ސިފައިންގެ
އިރު ދެކުނު ކަނަށް ކޯޕްރަލް ޒުބައިރު އަޙުމަދު މަނިކު ފޮނުވިން" މުޙައްމަދު ޒާހިރު
ވިދާޅުވި ގޮތުގައި މިތަން ތަނުގައި ބަޑިތައް ބަހައްޓައިގެން ޙަމަލާދޭން ފެށުމުން ދުޝްމަނުން
ދެމުންދިޔަ ޙަމަލާތައް މައިތިރިވާން ފެށިކަން ފާހަގަ ކުރެވުނެވެ.
ނޮވެންބަރު
ތިންވަނަ ދުވަހަށް އިރުއަރައިގެން އަންނަނީއެވެ. ސިފައިންގެ ކުރިމަތީގައި ހުރި ދޮށިމޭނާ
ބިލްޑިންގގެ ފުރަގަހަށް ރަހީނުންގެ ގޮތުގައި ޢާއްމު ރައްޔިތުން އެއްކުރުމުގެ މަސައްކަތް
ދުޝްމަނުން ކުރަމުންދާތަން މުޙައްމަދު ޒާހިރަށް ފެނިވަޑައިގެންނެވިއެވެ. ދުޝްމިނުންގެ
ހަރަކާތްތައް ހުރިގޮތުން އެމީހުން ރާވަމުންދާ ރޭވުމުގެ ނުރައްކާތެރިކަން ވިސްނިވަޑައިގެންނެވުނެވެ.
ވަގުތުން ބަނޑޭރިގޭ މަތީބުރީގައި ހުންނަ ނާއިބުގެ ކޮޓަރިކޮޅަށް 0.5 އިންޗީގެ ބޮޑުބަޑިއެއް
ގެންނެވުމަށް އެންގެވިއެވެ. ބަޑިގެނެސް މޭޒުކޮޅުމަތީގައި މައުންޓްކޮށް ބެއްލެވިއިރު
ބަޑިޖަހަން ދަންނަ މީހަކު އެތަނަކުނެތެވެ. އެބަޑި ޖަހަން ދަންނަ މަދު ބޭކަލުންގެ ތެރެއިން
އެއް ބޭކަލަކީ ސްޓާފް ސާރޖަންޓް ނަންނާރި ޢަބްދުއް ޢަޒީޒެވެ. ބަޑިޖަހާނެ މީހަކު ހޯއްދެވުމަށްޓަކައި
މުޙައްމަދު ޒާހިރު ތިރިއަށް ވަޑައިގެންނެވިއިރު ޢަޒީ އިންނެވީ ފަޔަށް ވަޒަނެއް އަރައިގެން
ހިނގާބިގާވެ ނޫޅެވޭވަރުވެފައެވެ. އެކަމަކު މުޙައްމަދު ޒާހިރު ވިދާޅުވުމުން ޢަޒީ އެބަޑިޖަހަން
ދިއުމަށް އެއްބަސްވިއެވެ. ދެން ޢަޒީ ނަންގަވާ މުޙައްމަދު ޒާހިރުގެ ކޮޑުމަތީގައި ބާއްވަވައިގެން
ނާއިބުގެ ކޮޓަރިކޮޅަށް ގެންނެވިއެވެ. " ޢަޒީ ގެނެސް ދޮށިމޭނާ ބިލްޑިންގ ބިމާއި
ހަމަކޮށްލުމަށް އޭނާއަށް އަޅުގަނޑު އޯޑަރު ދިނިން. އެބަޑިން ވަރަށް ވަރުގަދަ ހަމަލާތަކެއްދީ
ދުޝްމިނުން ފަހަތަށް ޖެއްސި" ދޮށިމޭނާ ބިލްޑިންގއަށް ބޮޑުބަޑިން ހަމަލާދޭން ފެށުމުން
ދުޝްމިނުން ހުޅަނގަށްޖެހި އޭރުގެ ޕޯސްޓް އޮފީހާއި ދިމާއިން ސިފައިންގެ ހުޅަނގު އުތުރުކަނާދިމާލުން
ޙަމަލާދޭން ފެށިއެވެ. ނާއިބުގެ ކޮޓަރިކޮޅާޖެހިގެން ހުޅަނގުގައި ސިފައިންގެ ވެރިޔާ އިންނެވުމަށް
އޭރު ހަދަމުންދިޔަ ކޮޓަރިކޮޅުގައި 0.5 އިންޗީގެ އިތުރު ބަޑިއެއް ބަހައްޓާ އެބަޑިކައިރި
އަޙުމަދު ނަޢީމް (ބްރެޑް) ބޭންދެވުމަށްފަހު ދުޝްމިނުން އެސަރަޙައްދުގައި ޖަހަމުންދިޔަ
ބަންކަރު ދުއްވާލުމަށް މުޙައްމަދު ޒާހިރު އޯޑަރުދެއްވިއެވެ. އެބަޑި ބެހެއްޓުމާއެކު
ދުޝްމިނުން ދެމުންދިޔަ ޙަމަލާތަކުގެ ބާރު ކަނޑުވާލެވުނެވެ.
ސިފައިންގެ
ހެޑްކްއޯޓާރޒް ދިފާޢުކުރުމުގައި ހިތްވަރާއެކު ސިފައިން ޖިހާދުކުރަމުންދަނިކޮށް، ޑިފެންސް
މިނިސްޓަރުގެ ނާއިބު ގުޅުއްވާ ސިފައިންގެ ތެރެއިން ބޭރަށް ކޮންމެވެސްބަޔަކު ނިކުމެގެން
ދުޝްމަނުންނާ ޙަމަލާ ދިނުމަށް ރޭވުމަށް ވިދާޅުވިއެވެ. އެއޯޑަރ މުޙައްމަދު ޒާހިރަށް
ލިބިވަޑައިގެންނެވުމުން އެވަގުތު ކަންތައްތައް
ހުރިގޮތުން ސިފައިންގެއިން ބަޔަކު ބޭރަށް ނެރެން ނުފެންނަކަމަށް ދެންނެވިއެވެ. އެހެންނަމަވެސް
ދެވަނަ ފަހަރަށް އެއޯޑަރ ލިބިވަޑައިގެންނެވުމުން އެކަން ކުރެއްވޭނީ ކިހިނެއްތޯ ބައްލަވަން
ފެއްޓެވިއެވެ. އޭރު މޫސާ ޢަލީ ޖަލީލު ގެންދެވީ ބޭރަށް ނިކުތުމަށް ހުއްދަދެއްވުމަށް
މުޙައްމަދު ޒާހިރަށް ދަންނަވަމުންނެވެ. "އަޅުގަނޑަށް އެންމެ ރަނގަޅު ގޮތެއްކަމަށް
ފެނުނީ ބަޑިހިފައިގެން ބަހެއްގައި ސިފައިން ނިކުތުމަށް. އެހެންވެ، އޭރު ސިފައިންގޭގައިއޮތް
އިމަރޖެންސީ ބަސް ގެނެސް އެބަހަށް ހުސްފީފާ އަރުވައި ފީފާ ތަކަށް ވެލި އަޅާ ހަތިޔާރާއެކު
މީހުންނަށް ތިބެވޭނެގޮތް ހެދީ. އަދި އެވަގުތު ސިފައިންގޭގައި ތިބި ޓާސްކްފޯސް ޓްރެއިނިންގ
ހަދާފައިވާ މީހުން އަޅުގަނޑާއެކު ނިކުތުމަށް އެންގީ" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
"ދުޝްމަނުންނާ
ހަމަލާ ދިނުމަށް ބަހުގައި އެންމެ ފުރަތަމަ ނިކުންނާނީ އަޅުގަނޑުކަމުގައި އެވަގުތު ބުނިން.
އަދި އަޅުގަނޑާ އެކީގައި ނިކުމެ ދުޝްމަނުންނާ ހަނގުރާމަ ކުރަން އައުމަށް އޯޑަރު ކުރިން.
މޫސާ ޢަލީ ޖަލީލު އަޅުގަނޑާ އެއްކޮޅަށްޖެހިވަޑައިގެންނެވި. ދެން އަޅުގަނޑާ އެކީގައި
ބަހުގައި ނިކުތުމަށް ފުރަތަމަ ދުރުވި ބޭކަލުންގެ ތެރޭގައި ޙުސައިން ޢަލީ (ފުށްކަފަ
ދޮންތުއްތު)، މުޙައްމަދު ރަޝީދު (މޭލޭ)، ޢަބްދުﷲ ނަސީމް (ތިނަދޫ)، މުޙައްމަދު ނަޢީމް
(ގްރޭވޫލް) ހިމެނޭ" ނޮވެންބަރު ތިންވަނަ ދުވަހުގެ ހަނދާންތައް އާކުރައްވަމުން
މުޙައްމަދު ޒާހިރު ވިދާޅުވިއެވެ. މުޙައްމަދު ޒާހިރާއެކު ބަހުގައި ބޭރަށް ނިކުތުމަށް
ތައްޔާރުވެގެން އައި މީހުންނަށް ބޭރަށް ނުނިކުމެވި ސިފައިންގެ މައިގޭޓުގެ އެތެރެފަރާތުގައި
މަޑުކުރަންޖެހުނީ މައިގޭޓަށް ދުޝްމިނުން އާރުޕީޖީއިން ދިން ޙަމަލާތަކުން ގޭޓް ތާށިވެފައި
ހުރުމުން ހުޅުވޭގޮތް ނުވެގެންނެވެ. ގޭޓް ހުޅުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ
މޭޖަރ ޝައުކަތު އިބްރާހީމެވެ. "ގޭޓްހުޅުވުމުގެ މަސައްކަތް ކުރަމުންދާތީ މަޑުކޮށްގެން
ތިއްބާ ބަނޑޭރިގޭ މަތީބުރިން ކެޕްޓަން އަޙްމަދު ނަޢީމް ގޮވާލެއްވީ އަޅުގަނޑު ބޭރަށް
ނުނިކުތުމަށް ރައީސް ވިދާޅުވާކަމަށް. ދެތިންފަހަރަކު އެގޮތަށް ގޮވާލެއްވުމުން އަޅުގަނޑު
ބަހުންފޭބީ" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ. ސިފައިންގެ މައިގޭޓުގެ ތެރޭގައި
ސިފައިން ހަރަކާތްތެރިވާން ފެށުމާއެކު ދުޝްމިނުން ވަރުގަދަ ޙަމަލާތަކެއް ގޭޓަށް ދިނެވެ.
އެ ޙަމަލާތަކުގެ ތެރޭގައި ގޭޓް ވައްޓާލުމަށް ބޭނުންކުރި ޓްރެކްޓަރ ގޭޓްގައި ތާށިވިއެވެ.
އަދި ދުޝްމަނުންދިން މޯޓަރ ސެލްގެ ޙަމަލާއަކުން ގޭޓުހުޅުވުމުގެ މަސައްކަތުގައި އުޅުނު
ބައެއްމީހުން ޒަޚަމްވިއެވެ.
ގޭޓްހުޅުވުމަށްކުރި
އެއްވެސް ކަމެއް ކާމިޔާބުނުވުމުން ފުލުސް އޮފީހުގެ ގޭޓުން ސިފައިން ބޭރަށް ނެރުމަށް
މުޙައްމަދު ޒާހިރު ނިންމެވާ ބޭރަށް ނިކުންނަން ހަމަޖެހުނު ބޭކަލުންގެ ކޮމާންޑަރަކަށް
ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ހަމަޖެއްސެވިއެވެ. "އެމީހުންނަށް އެންގީ ބޭރަށް
ނިކުމެ ސިފައިންގެ ކައިރި ސަރަޙައްދުގައި ހަރަކާތްތެރިވާ ދުޝްމަނުންގެ ހަރަކާތްތަކާއި
މަޤާމްތައް ހުރިގޮތް ބަލާފައި އެނބުރި ސިފައިންގެއަށް ވަނުމަށް" މުޙައްމަދު ޒާހިރު
ވިދާޅުވިއެވެ. ދުޝްމަނުން ސިފައިންގެއަށް ޙަމަލާދެމުންދިޔަ ވަގުތުގައި އަމިއްލަ ފުރާނައަށް
ބެލުމެއްނެތި ދީނާއި ޤައުމުގެ ޙައްޤުގައި ދުޝްމިނުންނާ ކުރިމަތިލުމަށް ހިތްވަރާއި ޢަޒުމާއެކު
ނިކުން ބޭކަލުންގެ ތެރެއިން ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) ޕްރައިވެޓް
މުޙައްމަދު ޙަސަން (ދިޔަމިގިލި) އަދި ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) ޝަހީދުވެވަޑައިގެންނެވިއެވެ.
ފަތިހުންސުރެ
ދުޝްމަނުންނާ ދެކޮޅަށް މެދުނުކެނޑި ހިތްވަރާއެކު ހަނގުރާމަކުރަމުންދިޔަ ބައެއް ސިފައިންގެ
މޫނުމަތިން ބަޑުހައިކަމާއި ވަރުބަލިކަން ފެންނަންމުންދިޔައެވެ. އެހެންނަމަވެސް ޤާއިމުކުރެވިފައިވާ
މަޤާމުތަކުގައި ސިފައިން ސާބިތުކަމާއެކު ތިއްބެވެ. ވަޒަން އަރައިގެންނާއި ދުޝްމަނުންދިން
މޯޓަރު ބޮމުގެ ޙަމަލާތަކުން ޒަޚަމްވެފައިވާ ސިފައިންނަށް ފަރުވާއެއް ދެވޭނެގޮތެއް ނެތިފައި
ތިއްބެވެ. އެވަގުތު މުޙައްމަދު ޒާހިރުގެ އެންމެ މުހިންމު މަސައްކަތަކަށްވީ ސިފައިންގެ
ތެރޭގައި އެކިތަންތަނަށް ވަޑައިގެން ސިފައިންނަށް ހިތްވަރު ދެއްވުމެވެ. ސާބިތުކަމާއެކު
ތިބެގެން ހަނގުރާމަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވުމެވެ. ހަވީރުވެ އިރު އޮއްސެމުންދިޔައިރު
ދުޝްމިނުންގެ ޙަމަލާތައްވަނީ މުޅިން ކަހަލަގޮތަކަށް ހުއްޓިފައެވެ. ދުޝްމަނުންގެ ހުރިހާ
ރޭވުމެއްވަނީ ނާކާމިޔާބުކޮށްލެވިފައެވެ. "އިންޑިއާ ސިފައިން އައުމުގެ ޔަގީންކަން
ލިބި ގާތްގަނޑަކަށް އެރޭ 21:30 އާއި 22:00 އާ ދެމެދުގެ ވަގުތެއްގައި އިންޑިއަން އެއަރ
ފޯސްގެ މަތިންދާބޯޓެއް ހުޅުލެއަށް ޖެއްސި. އޭރު ދުޝްމަނުންވަނީ ރަހީނުންގެ ގޮތުގައި
ދިވެހިންގެ ބަޔަކު ގޮވައިގެން މާލޭ ބަނދަރުގައި އޮތް އެމް.ވީ ޕްރޮގްރެސް ލައިޓްގައި
ސްރީލަންކާއަށް ދިއުމަށް ފުރާފަ. އިންޑިއާ ސިފައިންގެ މައިގަނޑު މަސައްކަތަކަށްވީ އެބޯޓުން
ގެންދިޔަ ރަހީނުން ސަލާމަތްކުރުމާއި ފިލަން މަސއްކަތްކުރި ދުޝްމަނުން އަތުލައިގަތުން"
މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
މިއަދަށް
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށް 24 އަހަރު ވެއްޖެއެވެ. އެހެންނަމަވެސް އެދުވަހުގެ
އެހަނދާންތަކާއި އެ އަސަރުތައް އެދުވަހު ސިފައިންގެ އެތެރޭގައި އެންމެއިސް ކޮމާންޑަރެއްގެ
ގޮތުގައި މަސައްކަތްކުރެއްވި އެމްއެންޑީއެފް ގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ
ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރުގެ ހިތްޕުޅުގައި އަދިވެސް ތާޒާކަމާއެކު އެބަހުއްޓެވެ.
އެއީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމަށްޓަކައި ފަހުގެ ތާރީޚުގައި ދިވެހިންކުރި
އެންމެ ވަރުގަދަ ޖިހާދެވެ. އެއީ ދިވެހި ސިފައިން ޢަޒުމާއެކުކުރި ހިތްވަރާއި ހިންމަތުގެ
ސަބަބުން މާތްﷲ ދިވެހިންނަށް ނަޞްރު ދެއްވި ދުވަހެވެ.
No comments:
Post a Comment