ޑިއުޓީ
ނިމުނީއެވެ. އެކަމަކު ގެއަށް ދާހިތެއްނެތެވެ. ގަޑިއަށް ބަލާލީމެވެ.
މެންދަމު
ބާރަ ޖަހައިފިއެވެ. ބޭނުންވަނީ މަސައްކަތުގައި ބިޒީކޮށް އުޅޭށެވެ. މަސައްކަތެއް ހުހެއްނުވާނެއެވެ. އެއްކަމަކަށްފަހު
އަނެއް ކަމެއް އޮންނާނެއެވެ.
އެންމެފަހުން ގެއަށްދިއުމަށް ތެދުވީމެވެ. އޭރު ގަޑިން ދޭއް ޖަހައިފިއެވެ. ނިންޖަށް އަހަރެންގެ ހަށިގަނޑު އެދެނީއެވެ.
ގެއާ ދިމާލަށް ސައިކަލް ދުއްވަމުން
ދިޔައިރު ހީވަނީ ނިދިގެން ވެއްޓިދާނެ ހެންނެވެ. ސައިކަލް ޕާކްކޮށްފައި
ގެއަށްވަނީމެވެ. ކޮޓަރީގެ ދޮރަށް ތަޅުދަނޑިޖަހާ އަނބުރާލުމާއެކު ދޮރު ހުޅުވާލީމެވެ. އޫޝާ އޮތީ
ފޯނެއްގައެވެ. އަހަރެންގެ ދަރިފުޅު އޮތީ
ނިދާފައެވެ.
އަހަރެން
ކޮޓަރިއަށް ވަނުމާއެކު އޫޝާފޯނު ބޭއްވިއެވެ. އަހަރެން ފާޚާނާއަށްވަދެ އެއްޗެތި ބަދަލުކޮށްގެން އައިސް އެނދުގައި
ޖައްސާލީމެވެ. އަހަރެންގެ
ކައިރިއަށް އޫޝާ ޖެހިލިއެވެ. އަހަރެންގެ މޭމަތީގައި އޭނާގެ އަތް ބާއްވާލިއެވެ. އަހަރެން އަޅައެއްނުލަމެވެ. ކުރިން
އައިސްފައިހުރި ނިދީގެ ކަންފުޅެއްވެސް
މިހާރަކު ނެތެވެ. އަހަރެންގެ ފޯނުނަގާ އެންމެ ޝަޢުޤުވެރި ގޭމު ހުޅުވާލީމެވެ. އިރުކޮޅަކުން ބަލާލިއިރު އޫޝާ އަށް
އޮތީ ނިދިފައެވެ. އަހަރެން މަޑުމަޑުން އޭނާގެ އަތްނަގާ ކައިރީގައި ބޭއްވީމެވެ.
އެވަގުތު އޫޝާފުރޮޅިލިއެވެ.
ބޯދޮށުގައި އޮތް ބާލީސް ކައިރީގައި އޫޝާގެ ފޯނު އޮތެވެ. އަހަރެން އެފޯނު ނަގާ ބަލާލީމެވެ. އެންމެ ފަހުން ވާހަކަ ދައްކާފައިވަނީ ކާކަށްތޯ ބަލާލީމެވެ. ނަންބަރު ފެނުމާއެކު އެއީ
ކާކުކަން އަހަރެންނަށް އެނގިއްޖެއެވެ.
އޫޝާއާއި
އަހަރެންގެ ކައިވެންޏަށް ދިހަ އަހަރުވީއިރު ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. ދެމީހުންވެސް
އުޅެމުންދިޔައީ ވަޒީފާގައެވެ. އެކަމަކު އާއިލާއަށް ހުރިހާ ޚަރަދެއް ކުރަނީ އަހަރެންނެވެ.
ދިރިއުޅެމުންގެންދިޔައީ
އޫޝާގެ ގޭގައެވެ. ކުއްޔަށް އުޅުމެކޭ ތަފާތެއްނެތެވެ. ފައިސާގެ ދަތިކަން އަބަދުވެސް
ކުރިމަތިވެއެވެ. އެހެންނަމަވެސް އޫޝާ އަކަށް އެދަތިކަމެއް ނެތެވެ. އޭނާއަށް ލިބޭ
މުސާރައިން އޭނާއަށް ބޭނުން
ކޮންމެ ކަމެއް ކުރެވެއެވެ. ކުރަން ބޭނުންނަމަ ފައިސާ ރައްކާވެސް ކުރެވޭނެއެވެ. ދިރިއުޅުން
އޮތީ އެކަހަލަ ގޮތަކަށެވެ.
ވޭތުވެދިޔަ ދިހައަހަރުގެ ތެރޭގައި އަހަރެން ތިން އަހަރެއްހާ ދުވަހު އިންޑިއާގައި ހުރީމެވެ. އެއީ ފުރަތަމަ
ޑިގްރީއަށް ކިޔެވުމަށެވެ. އަހަރެންގެ
އުންމީދަނީ މާސްޓާރސްވެސް ފުރިހަމަކުރުމެވެ. އޭރު އޫޝާ ދެވަނަ ދަރިފުޅަށް
ބަނޑުބޮޑެވެ. އުޅެންޖެހުނު ގޮތުންކަންނޭނގެއެވެ. އެދަރިފުޅު އަހަރެމެންނަކަށް ނުލިބުނެވެ.
އޫޝާގެ ބަނޑަށް ހަތަރުމަހުގައި އެދަރިފުޅު އަހަރެންނާ ވަކިވެއްޖެއެވެ. ފުރަތަމަ ދަރިފުޅާއެކު ދެމީހުން އުޅެމުންއައީ ވަރަށް
ހަމަޖެހިގެންނެވެ. އެކަމަކު އޭރުވެސް އެއީ އުފާވެރި ދިރިއުޅުމެއްނޫނެވެ. އޭރުވެސް އޫޝާއަށް އެ ފޯނުކޯލް އާދެއެވެ. އެފޯނުކޯލްތަކަށް އުޝާވެސް ވާހަކަ
ދައްކައެވެ. އެއީ އަހަރެންނަށް ނުހުއްޓެވުނު
ކަމެކެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ކުރާ ފޯނުކޯލެވެ.
އަހަރެން
ތަކުރާރުކޮށް އެވާހަކަ ދައްކައިފީމެވެ. އާދޭހާއެކުވެސް އެކަން ހުއްޓާލުމަށް އެދެފީމެވެ. ރުޅިވެރިކަމާއެކު
ޖަދަލުކޮށް ޒުވާބުވެސް ކޮށްފީމެވެ. އަތުންފައިން
ގޯހެއް ހެދުމަށް އަހަރެން ބޭނުންނުވަނީއެވެ. އެހެންވެ ގިނަ ފަހަރު
ހިމޭންކަން ޚިޔާރުކުރެވެނީއެވެ. މިއީ ބޮޑު މައްސަލައެކެވެ. އަހަރެންނަށް ހައްލެއް ނުފެނު ކަމެކެވެ.
އަހަރެން
އޫޝާއާ ކައިވެނިކުރީ އޭނާދެކެ އަހަރެން ލޯބިވެގެންނަށްވުރެ ބޮޑަށް އޫޝާ އަހަރެންދެކެ ލޯބިވާތީއެވެ. ނޫނެކެވެ.
ދެމީހުންވެސް އެކަކު އަނެކަކަށް ލޯބިވާތީއެވެ. އަހަރެންބުނާގޮތަކަށް އަހަރެން އެދޭގޮތަކަށް އަހަރެން ބޭނުންވާ ގޮތަކަށް އޫޝާއުޅެން
ހުރީ ތައްޔާރަށެވެ. އޫޝާބުނާގޮތުގައި ކުރީގެ ލޯބިވެރިޔާއަކީ މިހާރު އޭނާގެ ރަހުމަތްތެރިއެއްކަމަށެވެ. ރަޙުމަތްތެރިންނާ
ވާހަކަދައްކާ ހެދުމަކީ ފިރިމީހާވެސް
މަނާކުރެވޭނެ ކަމެއް ކަމަކަށް އޭނާ ނުދެކެވެ. އެއީ އޫޝާގެ ރަހުމަތްތެރިއެއް ކަމަށް އަހަރެންވެސް ޤަބޫލުކުރީމެވެ. އޫޝާގެ ރަޙްމަތްތެރިޔާ މީހަކާވެސް އިނދެގެން އުޅޭތީއެވެ.
އެކަމަކުވެސް އޭނާއާއި އޫޝާއާ ދެމެދު ކުރެވޭ
ފޯނުގެ މުއާމަލާތްތައް ދަނީ ކުރިއަށެވެ. އޫޝާ ބުނާގޮތުގައި އެއީ ހުތުރު ގުޅުމެއް ނޫނެވެ. ފުރަތަމަކޮޅު
އަހަރެންނަށް އޫޝާގެ ވާހަކަތައް
ޤަބޫލު ކުރެވުނަސް ފަހުންފަހުން އެވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ. އެ ވާހަކަ ދައްކާކަށްވެސް
ބޭނުމެއް ނުވިއެވެ. އަހަރެންގެ ސްޓޭންޑަކީ އަހަރެންގެ އަންހެނުން އަހަރެން ހިތްހަމަ ނުޖެހޭ ކަމެއް ކޮށްގެން ނުވާނެއެވެ. އޫޝާގެ ކުރީގެ
ލޯބިވެރިޔާއާ ފޯނުން ވާހަކަ ދެއްކުމަކީ އަހަރެން
ރުހޭ ކަމެއް ނޫނެވެ .
މައްސަލަތައް
ދިމާވަމުންއައިސް އެންމެފަހުން ކައިވެނި ރޫޅާލުމުގެ ޑައިލޮގްތައް ފެށިއްޖެއެވެ. އޫޝާ ހީކުރަނީ އަހަރެންނަށް
އޭނާ ދޫކޮށްލާކަށް ނުކެރޭނެ ކަމަށެވެ.
އެކަމަކު އަހަރެން ވާހަކަ ދައްކަމުން މިދަނީ ވަރަށް ސީރިއަސް ކަމާއެކުގައިކަމަށް ބުނީމެވެ. އަހަރެންގެ
ހިތަށްކުރާ އަސަރު ބުނެދިނީމެވެ.
ހިތުގައި އަޅާވޭން ކިޔައިދިނީމެވެ. ދެބަސްވުންތަކުން ދެމީހުންގެ ދެމެދުގައި ލެވެމުންދިޔަ ފާރު އުސްވަމުން
ބޯވަމުން ދިޔައެވެ. ކައިވެނި ރޫޅާލުމުގެ ރަގަބީލު އަހަރެންގެ ސިކުޑީގައި ގުގުމަނީއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ދަރިފުޅުގެ ޙައްޤުގައި ފަސްޖެހެވެނީއެވެ.
އެހިސާބަށް
ދިރިއުޅުން އައިއިރު އޫޝާގެ އާއިލާއިން
މައްސަލައިގެ ތެރެއަށް ވަދެއްޖެއެވެ. އަހަރެން އޫޝާއަށް އަޅާނުލާކަމަށް ބުނަން ފަށައިފިއެވެ. އޫޝާ އުޅެނީ ވަރަށް
ހިތްދަތި ދިރިއުޅުމެއްކަމަށް
ބުނަންފަށައިފިއެވެ. އެއަޑުތައް އިވެންފަށައިފިއެވެ. އަހަރެން ކެތްކުރީމެވެ.
އެއްވެސް ވާހަކައެއް އެމީހުންނަކާ ހިއްސާއެއް ނުކުރަމެވެ. އަހަރެންނަށް ފެނުނީ މޭޒުމަތީގައި ފޯމެކެވެ. އެފޯމުއޮތީ
ފުރާފައެވެ. އޫޝާ ބޭނުންވަނީ އަހަރެންގެ ކައިރިން ވަރިވާށެވެ
.
.
އާއިލާއާބެހޭ
ކޯޓުގައި އޫޝާ އަހަރެންގެ ކައިރިން ވަރިވަން ބޭނުންކަމަށް ބުނުމާއެކު ޤާޒީ އަހަރެމެންނަށް ވިސްނުމަށް ވަގުތު ދިނެވެ.
އެދުވަހުވެސް އަހަރެންހުރީ ކައިވެނި
ރޫޅާލާގޮތަށެވެ. އެހެނަސް އޫޝާ ދައްކާ ވާހަކަތައް ކޯޓުގައި އަޑުއަހަލަން ބޭނުންވިއެވެ. އޫޝާ އަހަރެންނާއެކު
އުޅެން ބޭނުންނުވަނީއެވެ. އިތުރު
ވާހަކައެއް އޭނާ ނުދައްކައެވެ. ޤާޒީގެ އަރިހުގައި އަހަރެން ދެންނެވީމެވެ. ވަކިވަން ބޭނުންވާ މީހަކާއެކު
އުޅުމަކީ ވެވޭނެކަމެއްނޫނެވެ.
އެހެންކަމުން ޤާޒީގެ ކުރިމަތީގައި އަހަރެން އޫޝާ ވަރިކުރީމެވެ. އެވަގުތު އަހަރެންނަށް ވީގޮތެއް ބުނެދޭކަށް
ނޭނގެއެވެ. ޙަޤީޤަތުގައިވެސް ވަރަށް އަސަރުކުރިއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ފޭދުނެވެ. އަހަރެން ކޯޓުން ނިކުމެގެން ސައިކަލަށް
އަރައިގެން ދިޔައީ ގެއަށެވެ.
އެނދުމަތީގައި ދަރިފުޅު ބާއްވައިގެން ވަރަށް ބާރަށް ބައްދާލީމެވެ. އެކަމަކު އެދަރިފުޅަކަށް މިވެގެންއުޅޭ
ގޮތެއް އެނގޭވަރެއް ނޫނެވެ. އިރުކޮޅަކުން މީހަކު ދޮރުގައި ޓަކިޖެހިއެވެ. ދަރިފުޅުގޮސް
ދޮރު ހުޅުވާލިއެވެ. މަންމާއޭކިޔާ އޫޝާގެ ގައިގައި އެދަރިފުޅު ބައްދާލިއެވެ
.
.
ވަރިކުރިއަސް
މިވަގުތު އަހަރެން ދާނެތަނެއްނެތެވެ. ދިރިއުޅުމަށްޓަކައި މިތަން ހެދީ
އަހަރެންނެވެ. ދިހަ އަހަރު ދުވަހަށް ކުއްޔަށް ހިފިކަމުގެ ލިޔުމެއް އަހަރެންގެ
އަތުގައި އެބައޮތެވެ. ޤާނޫނީގޮތުން މިތަނުން އަހަރެން ނެރެވޭނެ އެއްވެސް
ހަމައެއްވެސް ނެތެވެ. އެހެންނަމަވެސް އަހަރެން ބޭނުންވަނީ މިތަންދޫކޮށްލާށެވެ. ދާނެތަނެއްވެސް
ޖެހޭނީ ހޯދާށެވެ. ކައިވެނި ރޫޅުމަށްފަހު އަހަރެން އަޒުމެއް ކަނޑައެޅީމެވެ. އިރާދަކުރެއްވިއްޔާ ރޫޅާލި ކައިވެންޏެއް ދެވަނަ ފަހަރަށް
ރުޖޫޢަކޮށް އިޔާދަ ނުކުރުމެވެ.
ދުވަސްވަމުން
ދިޔަ ވަރަކަށް އަހަރެންނަށް ލިބެމުންދިޔަ ހިތްހަމަޖެހުން ބޮޑުވިއެވެ. އޫޝާ އުޅޭގޮތެއް
ނުބަލަމެވެ. އަހަރެންވެސް މިނިވަންކަމާއެކު
އުޅެންފެށީމެވެ. ދަރިފުޅުގެ ކަންތައްތަކުގައިވެސް ކޮންމެހެން ބުނަން ބޭނުންވާ ވާހަކައެއް ނޫނީ
ބުނުނަމެވެ. ބޭސްބުކުގައި އަހަރެންގެ
ސްޓޭޓަސް ބަދަލުކޮށްލުމާއެކު އެތައް ކުދިންނެއް ވާހަކަ ދައްކަން ފެށިއެވެ. ބައެއް
ކުދިންނާ ފޯނުންވެސް ވާހަކަ ދައްކަމެވެ. ބޭރަށްގޮސް އެކި ތަންތަނުގައި ވާހަކަދައްކާލާ ކޮފީބޯލަންވެސް
އުޅެމެވެ. ކޮންމެ ރެއަކުވެސް މިހާރު
އަހަރެން ނިދަނީ ހިތްހަމަޖެހިގެންނެވެ. އެއްވެސް އުދާސްކަމެއް ނެތެވެ. ވިސްނަންޖެހޭ
ވިސްނުމެއް ނެތެވެ. ކައިވެނި ރޫޅުނުތާ ހަތަރުމަސްވެއްޖެއެވެ. އޫޝާގެ
ފަރާތުން ތަފާތު އުދަގޫތައް ކުރިމަތިވަމުން ދިޔައެވެ. އެކަމަކު އަހަރެން ރެސްޕޮންސް ނުކުރާތީ
އޭނާވެސް ޖެހިލުންވާން ފެށިއެވެ.
އޫޝާގެ އާއިލާގެ މީހުންނަށްވެސް އަހަރެންގެ ގޮތް އެގުނީ ކަހަލައެވެ. އެމީހުން ހީކުރިކަހަލަ ކުޅޭކުޅޭ
މީހަކަށް އަހަރެން ވާކަށް ބޭނުމެއްނޫނެވެ.
ޑިއުޓީ ނިންމާފައި ދާއިރު ގިނަ ރޭރޭ ދަރިފުޅު ކައިރިއަށް ލައިގެން އޫޝާ އޮންނަނީ ނިދާފައެވެ. އެކަމަކު
އަހަރެން ނިދަން އޮންނައިރު ކިތަންމެ
ރެއަކު އޭނާ ރޯއަޑު އިވެއެވެ. ގިސްލާ އަޑު އިވެއެވެ. އެކަމަކު މިހާރު އެއީ އަހަރެން
އަހަން ބޭނުންވާ އަޑެއް ނޫނެވެ. އަހަރެންގެ ހިތް ބުނެއެވެ. އޫޝާއެވެ. މިހާރު ކަލޭ ނުރޯށެވެ. ތިޔަ
ރުއިމަކުން އަހަރެންނަކަށް ދެނެއް
އަސަރެއް ނުކުރާށެވެ. (ނިމުނީ)
No comments:
Post a Comment