ދިވެހިރާއްޖޭގައި ކުށްކުރުން އިތުރުވަމުންދާތީ، އެކަމުގެ
ސަބަބުތައް ދެނެގަތުމަށް 2009 މާޗް 31 ގައި ހިއުމަންރައިޓްސް ކޮމިޝަން އޮފް
މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކަށްފަހު ރިޕޯޓެއް ނެރުނެވެ.
އެރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ރާއްޖޭގައި ކުށްކުރުން އިތުރުވަނީ
އިޖްތިމާޢީ ސަބަބުތަކާ ހެދިއެވެ. ކްރިމިނަލް ސޯސިއޮލޮޖީ ބުނާގޮތުން ކުށްތައް
އިތުރުވަނީ ޠަބީޢީ، އިޤްތިޞާދީ، ޘަޤާފީ ނުވަތަ އިޖްތިމާޢީ ހާލަތު ނިޔާކުރާގޮތުންނެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުށްކުރުން
އިތުރުވާ މައިގަނޑު ސަބަބުތަކަކީ ކުށްވެރިން މުޖްތަމަޢަށް ވީއްލިފައި ނުވަތަ
ދޫވެފައި ތިބުމާއި، ކުށްވެރިންނާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި، ޙައްޤު
އަދަބު ނުދެވުމާއި، އިސްލާމްދީނުގައިވާ ގޮތުގެމަތިން ޙުކުމް ތަންފީޒު
ނުކުރެވުމާއި، ޤާނޫނާއި ޤަވާއިދު ތަންފީޒު ނުކުރެވުމެވެ. އަދި ސަރުކާރުގެ އިހުމާލުވެސް
ހިމެނޭކަން އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މުޖްތަމަޢުގައި ކުށްކުރުން އެއްދުވަހުން އަނެއްދުވަހަށް
އިތުރުވެ، އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަންއުފެދި، މުޅި މުޖުތަމަޢުގެ
އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލެމުން ދިޔުމުގެ ސަބަބުން، އެތައްބަޔަކަށް
އޭގެ ނޭދެވޭ އަސަރު ކުރަމުންދެއެވެ. ކުށްތައް އިތުރުވާ އިޖްތިމާޢީ ސަބަބުތަކުގެ
ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވެނީ މުޖްތަމަޢުގައި މަސްތުވާތަކެތީގެ ތަފާތު
މައްސަލަތައް ގިނަވުމާއި، ބެލެނިވެރިންގެ އިހުމާލުންނާއި، ޒުވާނުން ކުރިއަރާނެ
ދޮރުތައް ހުޅުވިފައި ނެތުމާއި އަގީދާގެ ބަލިކަށިކަމެވެ. މީގެ އިތުރުން މިއަދުގެ
ރާއްޖޭގެ އިޖްތިމާޢީ ވެށިއޮތްގޮތަކީ ކުށްވެރިންނަށް ކުށަށް އަރައިގަތުމަށް
ފުރުސަތު ފަހިކުރާ ވެއްޓެކެވެ.
އިޖްތިމާޢީ ސަބަބުތަކާހުރެ ރާއްޖޭގައި ކުށްކުރުން
އިތުރުވާއިރު މުޖުތަމަޢުގައި މިކަމުގެ ބިރުވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. މަގުމަތީގައި
ދުވާލުގަޑީގައި އެކަނި ނިކުމެއުޅެން 38.7 ޕަސަންޓް މީހުން ބިރުގަންނައިރު، މާލޭގެ
މަގުމަތީގައި ރޭގަނޑު އެކަނި ނިކުމެއުޅެން 61 ޕަސަންޓް މީހުން ބިރުގަންނަ ކަމަށް ހިއުމަންރައިޓްސް
ކޮމިޝަނުން ބުނެއެވެ. މިއީ މާލޭގެ އިޖްތިމާއީ ރައްކާތެރިކަން ނެތްމިންވަރު
އަންގައިދޭކަމެކެވެ.
މަގުތައްމަތީގައި ފާޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް،
މަސްތުވާތަކެތި ބޭނުންކުރަމުން މިނިވަންކަމާއެކު އުޅެމުންދާ ދިއުމަކީ މިއަދުގެ
ޙަޤީޤަތެވެ. ގޭންގްތަކާއި މާލޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ޖަމާޢަތްތަކުގެ
ސަބަބުން ކުށްކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދެއެވެ. އަދި
ކުށްތަކަށް އަރައިގަންނަ މުޖްރިމުންގެ ގޮތުގައި އާމީހުން ނެރުމުގައި އިޖްތިމާޢީ
ގޮތުން މިއަދު ރާއްޖެގޮތް ހާލަތު ވަރަށްބޮޑު ދައުރެއް ކުޅެއެވެ. ސިޔާސީ
ހަލަބޮލިކަމާއި ޤައުމީ ސަލާމަތީ ބާރުތަކުގެ ޙުރުމަތް ގެއްލުވާލުމުގެ
ނަތީޖާއެއްގޮތުން ކުށްކުރާ ފަރާތްތަކަށް މުޖްތަމަޢުން އެމީހުންގެ ޢަމަލުތަކަށް
ހިތްވަރު ލިބިދެއެވެ. މާރާމާރީ ހިންގާ ފަރާތްތައް ޖަރީމާތައް ހިންގަމުންދާތަން
ފެނުނުކަމުގައިވިޔަސް ހެކިބަސްދޭން ގިނަ ފަރާތްތަކުން ޖެހިލުންވަނީ އެމީހެއްގެ
ފުރާނައާމެދު ޔަޤީންކަން ނެތުމުންނެވެ. ބޮޑެތި ޓެރަރިޒަމްގެ ކުށްތަކަށް
އަރައިގަންނަ މީހުންވެސް ސިޔާސީ ކުށްވެރިންގެ ގޮތުގައި ލޭބަލްކޮށް "ސިޔާސީ
ޙިމާޔަތް" ސިޔާސީ ޕާޓީތަކުން ދޭމަންޒަރު ދަނީ ފެންނަމުންނެވެ.
ޖިނާއީ އިޖުރާތު ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު
އެކުލަވާލުމާއި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫންތައް
އަވަހަށް ފާސްކުރުމަކީ ކުށްކުރުން މަދުކުރުމަށް އޮތް ދޮރެއެވެ. އެހެންނަމަވެސް
އިޖްތިމާޢީ ފޭރާން ވީދި ބައިވުންތަކާއި ދެކޮޅުވެރިކަމުގެ ތެރޭގައި ނުވަތަ
އިޖްތިމާޢީ މައްސަލަތަކުގެ ސަބަބުން ކުރަންހުރި ކަންތައްތަކަށްވެސްވަނީ ހިޔަނި
އެޅިފައެވެ. މިގޮތުން ހެއްކާއިބެހޭ ޤާނޫން، ޤާނޫނުލް އުޤޫބާތު، ޖަލާބެހޭ ޤާނޫން،
ޕެރޯލް ޤާނޫން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނޭ އުސޫލެއް
ބަޔާންކުރާ ޤާނޫން، ޖިނާއީ ކުށުގެ ސަބަބުން އަނިޔާލިބޭ މީހުންނާއި ގެއްލުންލިބޭ
މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ އުސޫލްތައް ބަޔާންކުރާ ޤާނޫން، ހެކިބަސްދޭ
މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއިގުޅޭ ޤާނޫންތައް ވުޖޫދަށް ގެނެސް
ތަންފީޒުކުރަންއޮތް ހުރަހަކީވެސް ރާއްޖޭގެ އިޖްތިމާޢީ ހާލަތު ކަމާމެދު
ޝައްކެއްނެތެވެ.
ކުޑަކުދިން ކުށްކުރާ
ވާހަކަ އާއި ކުށްތަކުގައި ކުޑަކުދިން އާދަޔާހިލާފަށް ބައިވެރިވާ ވާހަކައަކީ އާންމު ވާހަކައެކެވެ. ވައްކަން
ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި
މާރާމާރީ ހިންގުމާއި ފޭރުމާއި ބަދުއަޚްލާޤީ ޢަމަލުތައް ހިންގުމާއި އަމަން ނަގާލުމަށް މަސައްކަތްކުރުންފަދަ ކަންތައްތަކުގައި
އުމުރުން 18 އަހަރުނުވާ ކުޑަކުދިން ހިމެނެއެވެ. މުޖުތަމައުގައި މި މައްސަލަ އެހާ
ބޮޑަށް އޮތްއިރު، ކުށްތަކަށް އަރައިގަންނަނީ ކޮން
ސަބަބެއް އޮވެގެންތޯ އާއި އެކަން އޮތީ ކިހާ މިންވަރަކަށްތޯ ބަލަން ޖެހެ އެވެ. އެކަމަށް ދިރާސާތައް
ކުރެވެން ޖެހެ އެވެ. ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ކުދިން ކުށްކޮށްގެން އެ ކުދިންގެ މައްސަލަތައް ކުޑަކުދިންނާ ބެހޭ ޔުނިޓަށް
ހުށަހެޅެ އެވެ. އެ މައްސަލަތައް
ފުލުހުން ތަހުގީގު ކުރައްވަ އެވެ. އެ އަށް ފަހު އެ މައްސަލަތައް ޝަރީއަތަށް ވެސް ހުށަހަޅަ އެވެ. ކުށް ސާބިތުވެގެން ކޮންމެ އަހަރަކު ވެސް
އެތައް ކުއްޖެއްގެ މައްޗަށް ކުޑަކުދިންނާ ބެހޭ ކޯޓުން ހުކުމްކުރައްވަ އެވެ. ހަމައެއާ އެކު ޖެހިގެން އަންނަ
އަހަރު ވެސް ހަމަ އެވަރަށް ކުދިންގެ މައްޗަށް
ދައުވާ ކުރައްވަ އެވެ. ހުކުމް ވެސް އިއްވަވަ އެވެ.
ކުޑަކުދިންނާ ބެހޭ ކޯޓުގެ ތަފާސް ހިސާބުތަކުން
ދައްކާގޮތުގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ
ތެރޭގައި 448
ކުއްޖެއްގެ މައްޗަށް ހުކުމް ކުރައްވާފައި ވެ އެވެ. އޭގެ ތެރެއިން259 ކުއްޖަކަށް ހުކުމް ކުރައްވާފައި ވަނީ 2003 ވަނަ އަހަރު އެވެ. މިދިޔަ އަހަރު
އެ އަދަދު ވަނީ 189
އަށް މަދުވެފަ އެވެ. ގިނަ މައްސަލަތައް މިދިޔަ އަހަރު
މަދުވެފައިވީ ނަމަވެސް ކުޑަކުދިން
ޒިނޭކުރުމުގެ މައްސަލަތައް ވަނީ 2003 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އިތުރުވެފަ އެވެ. މިދިޔަ އަހަރު 20 ކުއްޖެއްގެ މައްޗަށް ޒިނޭކުރުމުގެ
ކުށް ސާބިތުވި އިރު އެއީ 2003 ވަނަ އަހަރަށް ވުރެ 16 ކުދިން އިތުރު އަދަދެވެ.
މިދިޔަ އަހަރު ހުކުމްކުރި 20 ކުދިންގެ ތެރެއިން 19 ކުދިންނަކީ އަންހެން ކުދިންނެވެ.
ވައްކަންކުރުމުގެ ކުށް ސާބިތުވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި 110 ކުއްޖަކަށް ވަނީ ހުކުމްކޮށްފަ އެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން 32 ކުއްޖަކަށް ކުށް ސާބިތުވި އެވެ. އަމަން ނަގާލުމުގެ ކުށް ފަސް ކުއްޖަކަށް ސާބިތުވި އިރު، ޣައިރު
ގާނޫނީ އެއްވުންތަކުގައި ބައިވެރިވުމުގެ
ކުށުގައި 13
ކުއްޖެއްގެ މައްޗަށް ވަނީ ހުކުމް ކުރައްވާފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ
ގޮތުގައި ކުޑަކުދިން ކުށްކުރުން 2003 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު މަދު ނަމަވެސް ކޮށްފައިވާ ކުށްތައް ނިސްބަތުން ބޮޑުކަން
ފާހަގަވެ އެވެ. އާބާދީ އިތުރުވާ ވަރަކަށް ކުށްކުރުމުގެ މާހައުލު އުފެދި،
އެ މާހައުލުގައި ހިނގާ ނުރައްކާތެރި ކަންތައްތައް
ވެސް އިތުރުވާނެ އެވެ. އެހެން ނަމަވެސް، ކުށުމުގެ މާހައުލު ނައްތާލުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަން ޖެހެ އެވެ. މިއީ ކޮންމެ މީހެއްގެ ވެސް އިޖުތިމާއީ
ވާޖިބެކެވެ. އަދި ސަރުކާރުން މިކަން މޮނީޓާކޮށް
ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ފުޅާކުރަން ޖެހެ އެވެ.
މުޖްތަމަޢުގެ
އަފްރާދުން ކުށްތަކާ ދުރަށް ގެންދިއުމުގެ ވާހަކަ ދައްކާ އިރު އެންމެ ފުރަތަމަ
ކުރަންޖެހިފައިވާ ކަމަކީ ސަބަބު ހޯދާ ދެނެގަތުމެވެ. އިޖުތިމާއީ ނަޒަރަކު ވިސްނާ
އިރު، ކުށްކުރަން ހުޅުވިފައިވާ ގިނަ ފުރުސަތުތައް
ފާހަގަކުރެވެއެވެ. އެ ގޮތުން އާންމު ޚިދުމަތްތަކުގެ
ސަބަބުން ނިކުންނަ މައްސަލަ އާއި ގެދޮރުގެ މައްސަލަ އާއި ލިބޭ އެއްޗަކުން ދެކޮޅުނުޖެހުމުގެ މައްސަލަތައް ފާޙަގަ
ކުރެވެއެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ ދެމަފިރިން ވަޒީފާ އަށް ދާންޖެހުމާއި،
އެހާލަތުގައި ބޭރު މީހުންނާ ދަރިން ހަވާލުކުރަން މަޖްބޫރުވުމާއި ދަރިން
ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހޭދަކުރެވޭ ވަގުތު މަދުކަން
ފާހަގަވެއެވެ. ކުށްތަކަށް އަރައިގަންނަ މީހުން އަދަދު މަދު ކުރުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ސަބަބު ހޯދައި އެ
ސަބަބުތައް ނައްތާލުމެވެ. ސަބަބުތައް ހޯދައި އެ ސަބަބުތައް ނައްތާލެވިގެން ނޫނީ ކުށްތަކުން ދުރެއް ނުކުރެވޭނެއެވެ. އެއީ ވަރަށް ބޮޑުކަމެކެވެ. އެކަން ކުރެވިއްޖެ ނަމަ ކުށްތަކާ ދުރަން ކުދިން ގެންދެވޭނެއެވެ.
ދަރިން ތަރުބިއްޔަތު
ކުރުމުގައި މައިންބަފައިންނަށް އެކަށީގެންވާ ވަގުތު ހޭދަނުކުރެވުމާއި ކުޑަ
ކޮޓަރިއެއްގައި ގިނަ ކުދިންތަކެއް ގޮވައިގެން އުޅެން ޖެހުމަކީވެސް އިޖްތިމާޢީ ބޮޑު މައްސަލައެކެވެ. މުޅި
ގައުމުގައި މިވަނީ ކުށްކުރުން އާންމުވެފައެވެ. ކުށްތަކަށް އަރައިގަތުމުގައި ވަކި ދާއިރާއެއް މިހާރު ހާއްސަވެފައެއް ނުވެއެވެ. ޒާތްޒާތުގެ ކުށްތައް ދިވެހި ވެއްޓަށް
ތައާރަފްވަމުންދާއިރު ‘ކަމާއި ބެހޭ ފަރާތްތަކުން’ މިތިބީ އަދިވެސް މީޓިންގ ތަކާއި
ވޯކްޝޮޕްތައް އިންތިޒާމު ކުރުމުގައި އަވަދިނެތިއެވެ. ތިމާގެ ދަރިފުޅު ގޯސް މަގަކުންދާނަމަ ކޮންމެ ދުވަހަކު މެދުގޭތެރޭގައި މަންމައާއި ބައްޕަ ބައްދަލުވުންތައް ބޭއްވިޔަކަސް އެކަމެއް ހައްލެއް ނުވާނެއެވެ. އަސްލު މައްސަލައަކީ ކޮބައިތޯ ބަލައި އެކަން އިސްލާހުކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރަންޖެހެއެވެ. ނޫންނަމަ އެކުއްޖާގެ އުޅުން ދާނީ
ދުވަހެއް ދުވަހެއް ގޯސްވަމުންނެވެ. އަތްފޯރާ ފަށަށްވުރެއް މައްޗަށް ގޮސްފިނަމަ އަނބުރާ ގެނައުމަކީ ނާދިރުކަމެކެވެ.
ކުށްކުރުމުގެ މައްސަލާގައި މުޅި ޤައުމު ‘އެލާޓް’ވެފައިވާއިރު އަޅުގަނޑުމެން މިކިޔާ ޑިމޮކްރަސީގެ ހުރިހާ ބާރުތަކުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވުމަކީ ހިތާމަ ހުރި ކަމެކެވެ. އެއް މުއައްސަސާއެއް އަނެއް މުއައްސަސާއެއްގެ ބޮލުގައި އިލްޒާމް އަޅުވަމުންދާއިރު ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުވެސް ތިބީ ޢާފިލްގެ ނިދިން ނިދާފައެވެ. އާދެ، މީޑިއާގެ ދައުރު ޤައުމު އިސްލާހުކުރުމުގައި ނެތް ކަމީ އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމެކެވެ. ގިނަ ފަހަރު މީޑިއާއިން ބަލަމުންދަނީ ހަލާކުވަމުންދާ ޒުވާނުން އިތުރަށް ހަލާކު ކުރެވޭނެ ގޮތެއް ހަމަޖެއްސޭތޯއެވެ. ދަންވަރު ނުނިދާ އުޅޭ ޒުވާނުންނަށް އަނދިރި ޕާކްތަކާއި މުނިއުފާ ސެންޓަރުތައް ހަދާ އެތަނުގައި ހުރިހާ ވަސީލަތްތަކެއް ވަނީ ތަނަވަސް ކޮށްދީފައެވެ. މީޑިއާ މެދުވެރިކޮށް ފުލުފުލުން ޒުވާނުންނަށް ހާއްސަކޮށްގެން ޝޯ ގެނެސްދިނުމުގެ ބަދަލުގައި ޢިލްމީ ޝޯތައް ޒުވާނުންނަށް ހާއްސަކޮށް ގެނެސް ނުދެވޭކަމީ ހިތާމަ ހުރިކަމަކެވެ. ނޫސްތަކުގެ ސުރުހީތަކަށް ބަލާލާއިރު ކޮންމެ ދުވަހަކުވެސް ފެނިގެންދަނީ ކޮންމެވެސް ޖިންސީ އަނިޔާއެއްގެ ޚަބަރެއް ނުވަތަ މާރާމާރީގެ ޚަބަރެކެވެ. މިކަމަކީ ބަހުސް ކުރެވެމުންދާ މައުޟޫއެކެވެ. މީޑިއާތަކުގައި އެފަދަ ޚަބަރު ޖެހުމަކީ އެފަދަ ކުށްތައް އާންމުކޮށް އިޝްތިހާރު ކުރުމަށް އެޅޭ ބާރެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޖިންސީ ގޯނާ ކުރާނޭ އާ ގޮތްތައް ކޮންމެ ދުވަހަކު ނޫސްތައް މެދުވެރިކޮށް ގިނަ ބަޔަކަށް އެނގިގެން ދިއުމަކީ އެފަދަ ކަންކަން އިތުރުވުމަށް އެޅޭ ބާރެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދަނީ ސަބަބުތަކެއް އޮވެގެންނެވެ.
ކުށްކުރުން މަދުކުރުމުގައި މީޑިއާއިން މުހިންމު ރޯލެއް އަދާކުރެވިދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ބައެއް ޤައުމުތަކުގައި ކުށްކުރުން ގިނަވުމުން މީޑީއާ މެދުވެރިކޮށް އެތަކެއް ކެމްޕޭންތައް ވަނީ ހިންގާފައެވެ. ތަފާތު ގޮތްތައް ބޭނުންކޮށްގެން ކުށްކުރާ މީހުން ހަމަޔަށް އެޅުވޭތޯ ވަނީ ބަލާފައެވެ. އެހެނަސް ރާއްޖޭން މިފެންނަނީ އެހެން މަންޒަރެކެވެ. ކުށްކުރާ މީހުންނަށް ‘ދެވަނަ ފުރުސަތު’ ދީގެން ނަމަވެސް މިބެލެނީ އިތުރު ބަޔަކު ހަލާކު ކުރެވޭތޯއެވެ. ރާއްޖޭގައި ކުށްކުރުން އިތުރުވަމުންގޮސް މިއަދުގެ ހާލަތަށް ދިޔައީ ކުއްލިއަކަށް ނޫނެވެ. އުފެދެމުންދިޔަ އިޖްތިމާޢީ މައްސަލަތައް ބޮޑަތިވެ ފުޅާވަމުންދިޔަ މިންވަރާ އެއްވަރަށް ހައްލުތައް ހޯދައި ނުދެވިގެންނެވެ.
ރިފަރެންސް:
1- www.manadhoolive.com.mv
2- www.dhivehiraajje.com
3- ހިއުމަންރައިޓްސް
ކޮމިޝަންގެ ރިޕޯޓް (31މާޗް 2009)
No comments:
Post a Comment