Wednesday, September 19, 2012
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުން
ރާއްޖޭގައި ކުށް އިތުރުވަނީ އިޖްތިމާޢީ ސަބަބުތަކާހެދި
މުއާޞަލާތު ކާމިޔާބު ކުރުމަށްޓަކައި ޕޯލް ގްރައިސްގެ މެކްސީމްތަކަށް ތަބާވުން މުންހިމު
Saturday, September 8, 2012
ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު 2012
ޢަބްދުﷲ ސަޢީދު
ދިވެހިންނަކީ
ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުން އައި، މިނިވަންކަމުގެ ދިގު ތާރީޚެއް
ލިބިފައިވާ ބައެކެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއެކު ދިވެހިން
ފައިތިލަ ސާބިތުކޮށްގެން ތިބީ މާތްވެގެންވާ އިސްލާމްދީނުގައެވެ. މި ޤައުމުގެ
މިނިވަންކަމާ އިސްތިޤްލާލާ ކުޅެން އައި ކޮންމެ ބަޔަކާ ދެކޮޅަށް، ވަރުގަދަ ޢަޒުމެއްގައި
ނިކުމެ މި ލޮބުވެތި ވަޠަން ދިފާޢުކޮށްފައިވަނީ މި ޤައުމުގެ ދަރިންނެވެ. އިންޑިއާ
ކަނޑުގައިވާ ކުޑަކުޑަ ޖަޒީރާ މިޤައުމު އޮތް ސަރަޙައްދަކީ އިސްތިރާޖީގޮތުން ވަރަށް
މުހިންމު ސަރަޙައްދެކެވެ. ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ ބޮޑު ބައެއް އިންޑިޔާ ކަނޑު
ހުރަސްކޮށް ކުރެވޭއިރު، އޭގެ ތެރެއިން ބޮޑު ބައެއް ދަތުރުކުރަނީ ދިވެހިރާއްޖޭގެ
ސަރަޙައްދުގެ ތެރެއިންނެވެ.
ދިވެހިރާއްޖޭގެ
ޤާނޫނު އަސާސީގެ 13 ވަނަ ބާބުގެ 274 ވަނަ މާއްދާގައި ޤައުމީ ސަލާމަތަށް
ނުރައްކާވުމަކީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ މީހުންގެ
ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުން ކަމުގައި
ބުނެފައިވާއިރު، ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ދެނެގަނެ
އެކަންކަމުން ޤައުމާއި ރައްޔިތުން ދިފާޢުކޮށް އަމާން ވެއްޓެއް ރައްޔިތުންނަށް
ޤާއިމްކޮށްދިނުމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޙައިސިއްޔަތުން
ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ. ދިވެހިންގެ މިނިވަންކަމާ އިސްތިޤްލާލާއި އަމިއްލަވަންތަކަން
ޙިމާޔަތްކޮށް، ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިންގެ ދިމިޤްރާތީ ނިޒާމާއި،
ދައުލަތުގެ މުއައްސަސާތަކާއި، ދިވެހިންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި،
ދުޅަހެޔޮކަމާއި ފާގަތިކަން، އެތެރެއާއި ބޭރުން އަންނަ ކޮންމެ ޙަމަލާއަކުން
ދިފާޢުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.
ދިވެހިންގެ
ޤައުމީ ސަލާމަތުގެ ތަޞައްވުރަކީ، "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން
ލިބިގެންވާ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަން
ކުރާ، ދިމިޤްރާތީ، ޖުމްހޫރީ،
ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ދެމިއޮވެ، ދިވެހިންގެ އަމިއްލަވަންތަކަމާއި
އެއްބައިވަންތަކަން ދަމަހައްޓާ، ރައްޔިތުންގެ މެދުގައި، ހަމަހަމަކަމާއެކު އިންޞާފު
ޤާއިމުކުރެވި އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ހެޔޮ ވެރިކަމެއް
ކުރާ، އަމާން އަދި ރައްކާތެރި އަދި ކޮންމެ ދިވެއްސެއްގެ ހުވަފެންތައް ޙަޤީޤަތަކަށް
ހެދުމަށް މަގުފަހިކޮށްދޭ ވެއްޓެއް ޤާއިމްކުރެވިފައިވާ ދިވެހިން ފަޚުރުވެރިކަމާއެކު
ދިރިއުޅޭ ހިތްވާ ޤައުމެކެވެ".
ޤައުމީ
ސަލާމަތާ ބެހޭ ސިޔާސަތެއް އޮތުމުގެ ބޭނުމަކީ، ޤައުމީ ސަލާމަތާ ގުޅުން ހުރި
ކަންކަން ރޭވުމުގައި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ އިސްތިރާޖީ އިރުޝާދު
ފޯރުކޮށްދިނުމާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ސިޔާސަތުތައް
ކަނޑައެޅުމުގައިވެސް ޤައުމީ ސަލާމަތަށް އުނިކަމެއް އަޔަނުދިނުމެވެ. މިސިޔާސަތުގެ
ސަބަބުން ދިވެހި ރާއްޖޭގެ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބެހުމުގައި
އިސްކަންދޭ ތަރުތީބެއް ކަނޑައެޅި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމުގައި
ދައުލަތުގެ އެންމެހާ މުއައްސަސާތައް ޝާމިލްކުރެވި ޒިންމާކުރެވޭނެއެވެ.
ޤައުމީ
ސަލާމަތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް
ކުރިމަތިވެފައިވާ ނުރައްކާތަކަށާއި ދުނިޔެއާއި، މިސަރަޙައްދު އަދި ދިވެހިރާއްޖޭގެ
އިސްތިރާޖީ ވެއްޓަށް، ވަކިން ޚާއްޞަކޮށް، ދިވެހި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ،
ދީނީ، އަދި ސިޔާސީ ވެއްޓަށް ރިޢާޔަތް ކުރެވިފައިވާނެއެވެ. އަދި މިއަދު މިނެރެވޭ،
ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުގައި، ދިވެހިރާއްޖޭގެ ދިފާޢު
ބައްޓަންކުރާނެ ސިޔާސަތުތަކާއި ރައްޔިތުންގެ ފަރުދީ އަދި އިޖްތިމާޢީ އަދި
އިޤްތިޞާދީ ސަލާމަތާއި ބެހޭ ސިޔާސަތުތަކާއި، ޤައުމީ ސަލާމަތްތެރިކަން ކަށަވަރު
ކުރުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމުގެ ސިޔާސަތުތަކާއި، ތިމާވެށި
ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް
ކަނޑައެޅިފައިވާނެއެވެ.
ދިވެހި
ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތު އެކުލެވިގެން ވަނީ އަންނަނިވި ބައިތަކުގެ
މައްޗަށެވެ.
·
ދިވެހިރާއްޖެ ދިފާޢުކުރެވޭނީ
އެންމެހައި ދިވެހިން އެކަތިގަނޑަކަށް ވެގެންކަމުގައި ވީހިނދު، ބޭރުންނާއި
އެތެރެއިން، ޤައުމަށް އަތުވެދާނެ ކޮންމެ ޢުދުވާނަކުން ޤައުމު ޙިމާޔަތްކޮށް، އެކުވެރި
ދައުލަތްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއެކު ގާތް ގުޅުމެއް ޤާއިމް ކުރަން
ވާނެއެވެ. ދިވެހިންގެ ލަޝްކަރަކީ، ދިވެހި ރައްޔިތުންނާއި ދައުލަތުގެ ދިފާޢުގައި
އައްޑަނައެއް ގޮތުގައި ސާބިތުވެ ތިބޭ ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހި
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ
ޤާބިލްކަން ލިބިގެންވާ ބަޔަކަށް ހަދަން ވާނެއެވެ. ދިވެހި ރާއްޖޭގެ ޚާރިޖީ
ސިޔާސަތާއި ދިފާޢީ ސިޔާސަތު އޮންނަން ވާނީ ގުޅިލާމެހިފައެވެ. ރާއްޖެއަށް ދިމާވާ
ކޮންމެ ބޮޑު ކަމެއްގައި ރައްޔިތުންނާއި ވީހާވެސް ގާތުން އަވަހަށް ޚިދުމަތް
ދިނުމަށްޓަކައި، ދިވެހި ލަޝްކަރު،
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސަރަޙައްދުތަކުގައި ޤާއިމުކުރަން ވާނެއެވެ. ޤައުމަށް
ކުރިމަތިވާ ކޮންމެ ކާރިސާއެއްގައި އިސްވެ ޙަރަކާތްތެރިވެ، މިފަދަ ކާރިސާތައް ހިނގިޔަނުދިނުމަށާއި، ރައްޔިތުން
ހޭލުންތެރިކޮށް ޙިމާޔަތްކޮށް އެހީތެރިވެދިނުމުގެ އިސް ސަފުގައި މިނިސްޓްރީ އޮފް
ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޙަރަކާތްތެރިވާން ވާނެއެވެ.
·
ދިވެހި ރާއްޖޭގެ ފަރުދީ އަދި
އިޖްތިމާޢީ ރައްކާތެރިކަން ޙިމާޔަތްކުރުމަށްޓަކައި، ހެޔޮ ވެރިކަމެއްކޮށް، ރާއްޖޭގެ
ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދޭންވާނެއެވެ.
މުޅި ދުނިޔޭގައި ނުވަތަ މިސަރަޙައްދުގައި
ބަލިމަޑުކަމެއް ޢާއްމުވެއްޖެ ޙާލަތެއްގައި، ދިވެހިރާއްޖެއަށް އެކަމުން ކޮށްފާނެ
އަސަރު ވީހާވެސް ކުޑަކުރުމަށްޓަކައި ކަމާބެހޭ ދާއިރާތަކުން، ބައިނަލް އަޤްވާމީ
ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި ދުރާލާ ތައްޔާރުވެ ޕްލޭންތައް
އެކަށައަޅާ، ޤާބިލްކަން އިތުރުކުރަންވާނެއެވެ. އަދި ދެމެހެއްޓެނިވި ހެލްތް
އިންޝުއަރެންސް ސްކީމެއް މެދުވެރިކޮށް ރައްޔިތުންގެ ބޭސްފަރުވާގެ ކަންތައްތައް
ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. ކުށްކުރާ މީހުންނަށް ޝަރުޢީ
ނިޒާމުގެ ތެރެއިން ޙައްޤު އަދަބު އަވަހަށް ލިބިދީ، ކުށް މަދުކުރުމަށްޓަކައި
ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް 2014 ގެ ނިޔަލަށް،
މަސްތުވާތަކެތީގެ ވިޔަފާރިއާއި މަސްތުވާ ތަކެއްޗާ ގުޅުން ހުރި ކުށްތައް 20 އިން
ސައްތަ މަދުކޮށް، ގޭންގުތަކުން ހިންގާ ކުށްތައް 30 އިންސައްތަ މަދުކުރަންވާނެއެވެ.
ޤާނޫނު އަސާސީއިން ލިބިދީފައިވާ ޕްރައިވެސީގެ ޙައްޤު ޙިމާޔަތްކޮށް
ކަށަވަރުކުރުމަށްޓަކައި ހުރުމަތްތެރިވެގެންވާ މަޢުލޫމާތު ޙިމާޔަތްކޮށް ސައިބަރ
ކްރައިމް ފަދަ ކުށްތައް ހުއްޓުވަންވާނެއެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް
ދީން ކަމަށްވީހިނދު، ދިވެހިރާއްޖެއަށް އެހެން ދީންތަކުގެ ނުފޫޒު އަޔަނުދިނުމަށާއި
ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށްޓަކައި މިނިސްޓްރީ އޮފް
އިސްލާމިކް އެފެއަރޒްއިން ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް
އިސްލާމީ ވަހުދަތު ހަރުދަނާކުރަންވާނެއެވެ. ދިވެހި ސަރުކާރުން ކުރާ އެންމެހައި
ކަންތައްތައް ދެފުށް ފެންނާނޭހެން ކުރުމާއެކު، ރާއްޖެއިން ކޮރަޕްޝަން
ނައްތާލުމަށްޓަކައި، އެންޓި ކަރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލްގެ އޮފީސް
ފަދަ މިނިވަން މުއައްސަސާތައް ބާރުވެރިކޮށް އެމުއައްސަސާތަކުގެ ޤާބިލްކަން
އިތުރުކުރަން ވާނެއެވެ. 2012 ވަނަ އަހަރުގެ ނިޔަލަށް، ރަނގަޅު ފެންވަރުގެ ބޯޑަރ
ކޮންޓްރޯލް ނިޒާމެއް ޤާއިމްކޮށް، ހިއުމަން ޓްރެފިކިންގ އަށް ހުޅުވިފައިވާ ދޮރުތައް
ބަންދުކުރަން ވާނެއެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީން ރަނގަޅަށް މޮނިޓަރ ކުރެވި،
އެމީހުންގެ ފަރާތުން ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް
ހިނގިޔަނުދިނުމަށް ކަމާ ބެހޭ ދާއިރާތައް ގުޅިގެން މަސައްކަތް ކުރަންވާނެއެވެ.
·
ދިވެހި ރާއްޖޭގެ ޤައުމީ
ސަލާމަތާބެހޭ އިޤްތިޞާދީ ސިޔާސަތު ބައްޓަންކުރެވިފައިވަނީ، ހަލުވި ދުވެއްޔެއްގައި
އިޤްތިޞާދު ކުރިއަރުވާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްކަމަށް
ވީހިނދު، މަދު ސިނާޢަތްތަކެއްގެ މައްޗަށް އިޤްތިޞާދު ބަރޯސާކުރުމުގެ ބަދަލުގައި،
ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަކުރަން މަސައްކަތް ކުރަން ވާނެއެވެ.
އިމްޕޯޓް ޓެރިފް އާއި ކޯޓާ ސިސްޓަމް ފަދަ އާލާތްތައް ބޭނުންކޮށްގެން ކުދި އަދި
މެދު ފަންތީގެ ވަޔަފާރިތައް ޙިމާޔަތްކޮށްދީ، އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް
ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށްދޭން ވާނެއެވެ. އަދި ވަރލްޑް ބޭންކާއި
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް ފަދަ ބައިނަލް އަޤްވާމީ ޖަމާއަތްތަކާއެކު
ދިވެހިރާއްޖެއިން ގާތް ގުޅުމެއް ދަމަހައްޓާނެއެވެ. ދިވެހި ރާއްޖެއަށް ބޭރުގެ
އިންވެސްޓްމަންޓްތައް ގެނައުމަށް، ސަރުކާރުން އިސްވެ މަސައްކަތްކޮށް، އެކަމަށް
ބޭނުންވާ ޤާނޫނުތައް ހަދާ، އިންވެސްޓަރުންނާ ރައްޓެހި ވެއްޓެއް ޤާއިމްކުރަން
ވާނެއެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތިކަންކަމަށްވީހިނދު، އެރީތިކަން
ޙިމާޔަތްކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވާ، ރާއްޖެއަށް
ފަތުރުވެރިން އަންނަ މާރކެޓްތައް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ އެކި
ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން ވާނެއެވެ. ރާއްޖޭގެ ޚާއްޞަ
އިޤްތިޞާދީ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް ބޭރުގެ ބޯޓްފަހަރުތަކުން މަސްވެރިކަން
ކުރުން ހުއްޓުވުމަށް، ސަލާމަތީ ބާރުތަކުގެ ޤާބިލްކަން މިހާރަށްވުރެ
އިތުރުކުރަންވާނެއެވެ. ހަލުއިކަމާއެކު ކުރިއަރަމުންދާ ދިވެހިރާއްޖޭގެ ގެދޮރު
ޢިމާރާތްކުރުމުގެ ސިނާޢަތު އިތުރަށް ދިރުވާ ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ
ސަމާލުކަމެއް ދޭނެއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން
އިންޑަސްޓަރީ (މަސީ) އާއި ގުޅިގެން، މިދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ޒުވާނުން
މިސިނާޢަތާ ގުޅުމަށް ހިތްވަރުދީ،
އިންޑަސްޓްރީ
ފައިނޭންސްކުރުމަށް ބޭނުންވާ ލޯނުތައް ހޯދުމަށް ސަރުކާރުން މަގުފަހިކޮށްދޭނެއެވެ. އިޤްތިޞާދީ
ތަރައްޤީއަށް ޤުދުރަތީ ވަޞީލަތްތައް މުހިއްމުވީހިނދު، ދިވެހިރާއްޖޭގެ
އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް ރާއްޖެއަށް ހޯދުމަށް، އެކުވެރި
ދައުލަތްތަކުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް، ދިވެހި ސަރުކާރުން ކުރާނެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، ރާއްޖޭގެ
ކާބޯތަކެތީގެ ރިޒަރވް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތްތައް
ފުޅާކުރަން ވާނެއެވެ. ހަކަތައިގެ ރައްކާތެރިކަމާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި،
ދިވެހިރާއްޖޭގެ ތެލުގެ ރިޒަރވް އިތުރުކުރުމާއެކު، އިޔާދަކުރުވަނިވި ހަކަތަ
ރާއްޖޭގައި ބޭނުންކުރުން އިތުރުކުރުމަށް މަގުފަހިކުރަންވާނެއެވެ. ރާއްޖޭގެ
އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، ތަޢުލީމީ ދިވެހިންނަށް ރާއްޖޭގައި
އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހޯދައިދޭންވާނެއެވެ.
·
ޤައުމީ ސަލާމަތްތެރިކަން
ކަށަވަރު ކުރުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ކޮންމެހެން
މުހިއްމުކަމެކެވެ. ރާއްޖޭގެ ދިމިޤްރާތީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިމިޤްރާތީ
ފުރިހަމަ ނިޒާމެއް ޤާއިމްކޮށް، މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމަ
ގޮތުގައި އަދާކުރުމަށް ސަރުކާރުން މަގުފަހިކޮށްދޭނެއެވެ. އަދި ރައްޔިތުންނަށް
ބޭނުންވެފައިވާ މުހިއްމު ޤާނޫނުތައް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ
އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެއެވެ. ރައްޔިތުންގެ ޙައްޤުތައް
ޙިމާޔަތްކޮށްދިނުމާއެކު، ދިމިޤްރާތީ ނިޒާމުން ކަށަވަރުކޮށްދޭ މިނިވަންކަމުގެ
ޙުދޫދުތައް ކަނޑައަޅާ އެހެން މީހުންނާއި މުޅި މުޖްތަމަޢުގެ ޙައްޤުތައް
ޙިމާޔަތްކުރާ ޒިއްމާދާރު ރައްޔިތެއް އުފެއްދުމަށް މަސައްކަތްކުރަން ވާނެއެވެ. ދިމިޤްރާތީ
ނިޒާމެއްގައި ސަލާމަތީ ބާރުތައް ވާންވާނީ، ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ
މަތިން ސަރުކާރުގެ ކޮންޓްރޯލާއި އަމުރު މަޢުރޫފް އަދި ބެލެނިވެރިކަމުގެ ދަށުގައިވާ
ބަޔަކަށެވެ. ސަލާމަތީ ބާރުތަކުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ ސިޔާސީ ގޮތުން
ވަކި ފަރާތަކަށް ނުޖެހި، އެބައިމީހުންގެ ކޯޑް އޮފް އެތިކްސްއާއި އެއްގޮތަށް
ޕްރޮފެޝަނަލް ކަމާއެކުއެވެ.
·
ދިވެހިރާއްޖެ ފަދަ ކުޑަކުޑަ
ނާޒުކު ޤައުމަކަށް، ތިމާވެށީގެ ގޮތުން ހުރި ނުރައްކާތަކަކީ ޤައުމީ ސަލާމަތަށް ހުރި
ނުރައްކަލެއްގެ އިތުރުން ޤައުމުގެ ދެމިއޮތުމާވެސް ގުޅިފައިވާ ކަމަކަށްވީހިނދު، ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސަރުކާރުގެ
ކަމާބެހޭ ދާއިރާތަކުގެ ޤާބިލްކަން އިތުރުކުރެވޭނެއެވެ. އަދި ރައްޔިތުންގެ
ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ކުދި ރަށްރަށުން ރައްކާތެރި ބޮޑެތި
ރަށްރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް
ގެންދެވޭނެއެވެ. ބައިނަލް އަޤްވާމީ މުޖުތަމަޢުގައި މޫސުމަށް އަންނަ ބަދަލުތަކާއި
ޖައްވު ހޫނުވުމާއި ބެހޭގޮތުން ކުދި ޤައުމުތަކުގެ ފަރާތުން ވަކާލާތުކުރުމުގެ
އިސްސަފުގައި ދިވެހިރާއްޖެ ދެމިއޮންނާނެއެވެ. ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް
ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރާ އެންމެހައި އިދާރާތަކުގެ ޤާބިލްކަން
އިތުރުކޮށް ކަމާބެހޭ ޤާނޫނުތައް އިތުރަށް ހަރުދަނާކުރެވޭނެއެވެ.
Friday, September 7, 2012
ނޮވެންބަރު ތިނެއްގެ ސިފައިންގެ އެތެރޭގެ ކޮމާންޑަރ
ޢަބްދުﷲ ސަޢީދު
މުޙައްމަދު
ޒާހިރު ބެރެކްސްއިން ނިކުމެވަޑައިގެންވިގޮތަށް ޓާސްކްފޯސް ޑިއުޓީ ކައުންޓަރު ކައިރި
ޑިއުޓީއަށްހުރި ޕްރައިވެޓް އަޙްމަދު ރަޝާދު (ޓިބެޓް) ގެ އަތުގައިއޮތް ބަޑި އަތުލެއްވިއެވެ.
އޭރު ސީނިއަރ އޮފިސަރުންގެ ބެރެކްސްގެ ބޭރުގައިހުރި ފޯނު ރިންގްވަމުންދެއެވެ. އެއީ
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ފެށުމާއެކު ވެގެންއުޅޭގޮތެއް ސާފުކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެވެރިޔާ ސިފައިންގެއަށް ގުޅުއްވި ފުރަތަމަ ފަހަރެވެ.
"އަޅުގަނޑު ދެންނެވިން ވެގެން އުޅޭގޮތެއް ޙަމަލާދެމުންދަނީ ކޮންބައެއްކަމެއް އަދި
ނޭނގެޔޭ. ޙަމަލާ ދެމުންދަނީ ސިފައިންގެ ހެޑްކްއާޓަރަށޭ." މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
އެފޯނު ރައީސް މައުމޫން ކަޑުއްވާލެއްވިތާ ކުޑަ ހިނދުކޮޅެއްފަހުން ދުޝްމިނުން ސިފައިންގެމަގުމަތީ
ފާރުގެ ހުޅަނގު ދެކުނުކަން ގޮއްވާލިއެވެ. އެބާގަނޑުން ސިފައިންގެ ތެރެއަށް ދުޝްމިނުންނަށް
ނުވަދެވުނީ އެދިމާލަށް ސިފައިން ދިން ކުއްލި އަދި އަވަސް ރައްދު ޙަމަލާގެ ސަބަބުންނެވެ.
ދުޝްމަނުން
ދެމުންގެންދިޔަ ހަމަލާތަކުން ހީވަމުންދިޔައީ ހަމަ ދެންމެ ދެންމެ ސިފައިންގެ ހެޑްކުއާޓަރަށް
އެމީހުން ވަދެގަންފާނެ ހެންނެވެ. އެހެންކަމުން މުޙައްމަދު ޒާހިރު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ
ދުޝްމިނުންނާ ދެކޮޅަށް ދެމުންދިޔަ ރައްދު ޙަމަލާތައް ވަރުގަދަކުރެއްވުމެވެ. ލެފްޓިނަންޓް
މޫސާ ޢަލީ ޖަލީލް އާއި ލެފްޓިނަންޓް ބިލާލް އާދަމްމަނިކު ބަޑިހިފައިގެން ފުލުސް އޮފީހަށް
ދުރުވެއްޖެއެވެ. ލެފްޓިނަންޓް ޙަސަން ނަޞީރުއާއި ލެފްޓިނަންޓް ޢަބްދުއްލަޠީފް މުޙައްމަދު އާއެކު މުޙައްމަދު ޒާހިރު ވަޑައިގެންނެވީ ސިފައިންގެ
ތިންބުރި އިމާރާތުގެ މައްޗަށެވެ. ތިންބުރި އިމާރާތުގެ އެންމެ މަތީބުރިން ޑިފެންސް މިނިސްޓްރީ
ތެރެއަށް ވަދެވެން ހުންނަ ދޮރުން ވަންނަވަން ބެއްލެވިއިރު އެދޮރު ހުރީ ތަޅުލާފައެވެ.
މުޙައްމަދު ޒާހިރުގެ އަތުގައި އޮތް އޭކޭ 47 ގެ ރައިފަލުގެ ބަޓުން (މުއްގަޑުން) ޖަހާ
ދޮރުފަތުގެ ފިލާގަނޑު ފަޅާލައްވާ އެތެރެއަށްވަދެވަޑައިގެން ޑިފެންސް ނިމިސްޓްރީ ތެރެއިން
ސިފައިންގެ އޮފިހަށް ވަޑައިގެންނެވިއެވެ. އެހިސާބުން ސިފައިންގެއަށް ދުޝްމަނުންދެމުންދާ
ޙަމަލާތައް އަންނަނީ ކޮންކޮން ދިމާތަތަކުންކަން އެގިވަޑައިގެންނެވިއެވެ.
ބަނޑޭރިގޭމަތީބުރީގައި
އަމީރު އަޙްމަދުމަގަށްވާ ގޮތަށް ހުންނަ ކުޑަދޮރުތަކުގެ ކައިރީގައި ދުޝްމިނުންގެ ޕޮއިންޓްތައް
ކަވަރ ކުރެވޭނެގޮތަށް ބަޑިއާއެކު ސިފައިން ބައިތިއްބުމަށްފަހު ދެންވަޑައިގަތީ އެ ޢިމާރާތުގެ
ހުޅަނގުކޮޅުގައި ހުންނަ ޑިފެންސް މިނިސްޓަރުގެ ނާއިބުގެ ކޮޓަރިކޮޅަށެވެ. އެ ކޮޓަރިކޮޅުގެ
ދޮރުވެސްހުރީ ތަޅުލާފައެވެ. އެދޮރު ހުޅުވުމަށްޓަކައި ބަޑީގެ ބަޓުންޖަހާ ދޮރުފަތުގެ
ބިއްލޫރިގަނޑު ތަޅާލިވަގުތު ކުދިކުދި ވެގެންއައި ބިއްލޫރި ގަނޑަކުން ޖެހިފައި މުޙައްމަދު
ޒާހިރުގެ ވާތުގެ ބޮޑުވައި އިގިއްޔާ ދިމާލުން ތިރިން އަތްތިލައިން ގާތްގަނޑަކަށް ދޮޅު
އިންޗި ދިގުމިނުގެ ތަނެއް ވަރަށް ފުންކޮށް ކަފައިގެންގޮސް ލޭ އަންނަން ފެށިއެވެ. އެވަގުތު
އެތަނުގައި ހުންނެވި ލެފްޓިނަންޓް ޙަސަން ނަޞީރު އެކޮޓަރިކޮޅުގެ ދޮރުފޮތިގަނޑުން ބައެއް
ވީދާލާފައި އެ ޒަޚަމްގެމަތިން ވަރަށް ބާރަށް ބަނދެދެއްވިއެވެ. ތިނެއް ނޮވެންބަރުގެ
ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް ނަޞްރު ލިބެންދެން ކުރިހުރިހާ ކަމެއްވެސް ކުރެއްވީ
އެއަތްޕުޅު އޮތަށް އޮށްވައެވެ.
ދުޝްމިނުން
ސިފައިންގެ ހިފުމަށް ފަތިހު ފެށި ޙަމަލާއާ ދެކޮޅަށް ރައްދުގައި ޙަމަލާދެމުން ދަނިކޮށް
ވަޒަން ހުސްވަމުންދާކަން މުޙައްމަދު ޒާހިރުގެ ސަމާލުކަމަށް ބަޑިގުދަނުގައި ހަރަކާތްތެރިވަމުން
ގެންދެވި ލެފްޓިނަންޓް އިނގިރޭސި ޢުމަރުމަނިކު ގެންނެވިއެވެ. ޑިއުޓީތަކަށް ބޭނުންވާވަރަށް
ބަޑިއާއި ވަޒަން ބެހެއްޓުމަށްފަހު ދެންހުންނަ ވަޒަނާއި ބަޑިތައް ހުންނަނީ ބަޑިގުދަނުގެ
އެތެރޭ ލޮކަރުގައެވެ. ޒަމާނުއްސުރެ ސިފައިންގެ ބަޑިގުދަނުގެ އެތެރޭބައިގެ ތަޅުދަނޑި
އޮންނަނީ އޭރެއްގައި ހުންނަވާ ސިފައިންގެ އެންމެ އިސް ބޭފުޅެއްގެ އަތްޕުޅުގައެވެ. ނޮވެންބަރު
ތިންވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑިއޮތީ
އޭރުގެ ޑިފެންސް މިނިސްޓަރގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ އަތްޕުޅުގައެވެ.
"ތަޅުދަނޑި ނުލިބި ދޮރުހުޅުވޭނެ އެއްވެސް ގޮތެއްނެތް. އެނާޒުކު ވަގުތު ކޯޕްރަލް
އިބްރާހީމް ދީދީ (ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީ) ސިފައިންގެއަށް
ފޯނުކުރެއްވީ. އިއްތިފާޤުން އަޅުގަނޑަށް އެފޯނު
ނެގުނީ. ވަގުތުން ވީ އެންމެ އަވަހަށް ބަޑިގުދަނުގެ އެތެރޭ ލޮކަރުގެ ތަޅުދަނޑި ގެނެސްދިނުމަށް
ޓާސްކްކުރީ. އެޓާސްކް އިބްރާހީމް ދީދީ ވަރަށް ފުރިހަމައަށް އަދާކުރެއްވި" މުޙައްމަދު
ޒާހިރު ވިދާޅުވިއެވެ.
ބަޑިގުދަނުގެ
އެތެރެބައި ހުޅުވުމާއެކު ދުޝްމަނުންނާ ދެކޮޅަށް ދެމުންދާ ރައްދު ޙަމަލާތައް ވަރުގަދަ
ކުރިއެވެ. މުޙައްމަދު ޒާހިރު ބޭނުންފުޅުވީ ދުޝްމަނުންގެ މަޤާމުތަކަށް ޖީޕީއެމްޖީ އިން
ވަރުގަދަ ޙަމަލާތަކެއް ދެއްވުމަށެވެ. އޭރަކު ޖީޕީއެމްޖީގެ މާގިނަ ބަޑިއެއް ސިފައިންގެއަކު
ނެތެވެ. "ޖީޕީއެމްޖީ ހުސްވެއްޖެއޭ ދެންހުރީ ރަޝިޔަން ޖީ.ޕީ.އެމް.ޖީ ނުވަތަ ޕީ.ކޭ.އެމް
ބަޑިއޭ އިނގިރޭސި ޢުމަރުމަނިކު ވިދާޅުވެއްޖެ. އަދި އެވައްތަރުގެ ބަޑި ޖަހަން ދަންނަ
މީހަކުވެސް ނެތްކަމަށް ޢުމަރުމަނިކު ވިދާޅުވި. ދެން އަޅުގަނޑު ބަޑިގުދަނަށްވަދެ ޕީކޭއެމްއެއްނަގާ
ލޯޑް އަންލޯޑް ފަރިތަކޮށްލާ ބޭރަށް ނިކުމެ މައްޗަށް ބަޑިޖަހާ ޓެސްޓްކުރީ. އެއަށްފަހު
އެތަނުގައި ތިބި ކުދިންނަށް ބަޑިޖަހަންވީގޮތް ކިޔައިދިނީ" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
ލީބިއާގައި އެމަނިކުފާނު ހެއްދެވި ޓްރޭނިންގައި ޕީ.ކޭ.އެމް ބޭނުންކުރައްވާފައިވާތީ
އެބަޑިއަކީ އެމަނިކުފާނަށް އާބަޑިއެއްނޫނެވެ. ޖީޕީއެމްޖީ އާއި ޕީކޭއެމް އާއިއެކު ދުޝްމަނުން
އެންމެ ވަރުގަދައަށް ޙަމަލާދެމުންދާ ސަރަޙައްދުތައް ކަވަރު ކުރެވޭގޮތަށް ޕޮޒިޝަން ކުރެއްވިއެވެ.
"ބަނޑޭރިގޭ މަތީގައި ލ.ކޯޕްރަލް އާދަމް މުޙައްމަދު (ފުސްފަރު) އާއި ޕްރައިވެޓް
ޙުސައިން މަނިކު ބޭތިއްބިން. ރައީސް އޮފީހާއި ދިމާލުން އަންނަ ޙަމަލާތަކަށް ޙަމަލާ
ދިނުމަށް ސްޓާފް ސާރޖެންޓް ޠާހާ ވަޙީދު ފުލުސް އޮފީސް މައްޗަށް ފޮނުވާ، ސިފައިންގެ
އިރު ދެކުނު ކަނަށް ކޯޕްރަލް ޒުބައިރު އަޙުމަދު މަނިކު ފޮނުވިން" މުޙައްމަދު ޒާހިރު
ވިދާޅުވި ގޮތުގައި މިތަން ތަނުގައި ބަޑިތައް ބަހައްޓައިގެން ޙަމަލާދޭން ފެށުމުން ދުޝްމަނުން
ދެމުންދިޔަ ޙަމަލާތައް މައިތިރިވާން ފެށިކަން ފާހަގަ ކުރެވުނެވެ.
ނޮވެންބަރު
ތިންވަނަ ދުވަހަށް އިރުއަރައިގެން އަންނަނީއެވެ. ސިފައިންގެ ކުރިމަތީގައި ހުރި ދޮށިމޭނާ
ބިލްޑިންގގެ ފުރަގަހަށް ރަހީނުންގެ ގޮތުގައި ޢާއްމު ރައްޔިތުން އެއްކުރުމުގެ މަސައްކަތް
ދުޝްމަނުން ކުރަމުންދާތަން މުޙައްމަދު ޒާހިރަށް ފެނިވަޑައިގެންނެވިއެވެ. ދުޝްމިނުންގެ
ހަރަކާތްތައް ހުރިގޮތުން އެމީހުން ރާވަމުންދާ ރޭވުމުގެ ނުރައްކާތެރިކަން ވިސްނިވަޑައިގެންނެވުނެވެ.
ވަގުތުން ބަނޑޭރިގޭ މަތީބުރީގައި ހުންނަ ނާއިބުގެ ކޮޓަރިކޮޅަށް 0.5 އިންޗީގެ ބޮޑުބަޑިއެއް
ގެންނެވުމަށް އެންގެވިއެވެ. ބަޑިގެނެސް މޭޒުކޮޅުމަތީގައި މައުންޓްކޮށް ބެއްލެވިއިރު
ބަޑިޖަހަން ދަންނަ މީހަކު އެތަނަކުނެތެވެ. އެބަޑި ޖަހަން ދަންނަ މަދު ބޭކަލުންގެ ތެރެއިން
އެއް ބޭކަލަކީ ސްޓާފް ސާރޖަންޓް ނަންނާރި ޢަބްދުއް ޢަޒީޒެވެ. ބަޑިޖަހާނެ މީހަކު ހޯއްދެވުމަށްޓަކައި
މުޙައްމަދު ޒާހިރު ތިރިއަށް ވަޑައިގެންނެވިއިރު ޢަޒީ އިންނެވީ ފަޔަށް ވަޒަނެއް އަރައިގެން
ހިނގާބިގާވެ ނޫޅެވޭވަރުވެފައެވެ. އެކަމަކު މުޙައްމަދު ޒާހިރު ވިދާޅުވުމުން ޢަޒީ އެބަޑިޖަހަން
ދިއުމަށް އެއްބަސްވިއެވެ. ދެން ޢަޒީ ނަންގަވާ މުޙައްމަދު ޒާހިރުގެ ކޮޑުމަތީގައި ބާއްވަވައިގެން
ނާއިބުގެ ކޮޓަރިކޮޅަށް ގެންނެވިއެވެ. " ޢަޒީ ގެނެސް ދޮށިމޭނާ ބިލްޑިންގ ބިމާއި
ހަމަކޮށްލުމަށް އޭނާއަށް އަޅުގަނޑު އޯޑަރު ދިނިން. އެބަޑިން ވަރަށް ވަރުގަދަ ހަމަލާތަކެއްދީ
ދުޝްމިނުން ފަހަތަށް ޖެއްސި" ދޮށިމޭނާ ބިލްޑިންގއަށް ބޮޑުބަޑިން ހަމަލާދޭން ފެށުމުން
ދުޝްމިނުން ހުޅަނގަށްޖެހި އޭރުގެ ޕޯސްޓް އޮފީހާއި ދިމާއިން ސިފައިންގެ ހުޅަނގު އުތުރުކަނާދިމާލުން
ޙަމަލާދޭން ފެށިއެވެ. ނާއިބުގެ ކޮޓަރިކޮޅާޖެހިގެން ހުޅަނގުގައި ސިފައިންގެ ވެރިޔާ އިންނެވުމަށް
އޭރު ހަދަމުންދިޔަ ކޮޓަރިކޮޅުގައި 0.5 އިންޗީގެ އިތުރު ބަޑިއެއް ބަހައްޓާ އެބަޑިކައިރި
އަޙުމަދު ނަޢީމް (ބްރެޑް) ބޭންދެވުމަށްފަހު ދުޝްމިނުން އެސަރަޙައްދުގައި ޖަހަމުންދިޔަ
ބަންކަރު ދުއްވާލުމަށް މުޙައްމަދު ޒާހިރު އޯޑަރުދެއްވިއެވެ. އެބަޑި ބެހެއްޓުމާއެކު
ދުޝްމިނުން ދެމުންދިޔަ ޙަމަލާތަކުގެ ބާރު ކަނޑުވާލެވުނެވެ.
ސިފައިންގެ
ހެޑްކްއޯޓާރޒް ދިފާޢުކުރުމުގައި ހިތްވަރާއެކު ސިފައިން ޖިހާދުކުރަމުންދަނިކޮށް، ޑިފެންސް
މިނިސްޓަރުގެ ނާއިބު ގުޅުއްވާ ސިފައިންގެ ތެރެއިން ބޭރަށް ކޮންމެވެސްބަޔަކު ނިކުމެގެން
ދުޝްމަނުންނާ ޙަމަލާ ދިނުމަށް ރޭވުމަށް ވިދާޅުވިއެވެ. އެއޯޑަރ މުޙައްމަދު ޒާހިރަށް
ލިބިވަޑައިގެންނެވުމުން އެވަގުތު ކަންތައްތައް
ހުރިގޮތުން ސިފައިންގެއިން ބަޔަކު ބޭރަށް ނެރެން ނުފެންނަކަމަށް ދެންނެވިއެވެ. އެހެންނަމަވެސް
ދެވަނަ ފަހަރަށް އެއޯޑަރ ލިބިވަޑައިގެންނެވުމުން އެކަން ކުރެއްވޭނީ ކިހިނެއްތޯ ބައްލަވަން
ފެއްޓެވިއެވެ. އޭރު މޫސާ ޢަލީ ޖަލީލު ގެންދެވީ ބޭރަށް ނިކުތުމަށް ހުއްދަދެއްވުމަށް
މުޙައްމަދު ޒާހިރަށް ދަންނަވަމުންނެވެ. "އަޅުގަނޑަށް އެންމެ ރަނގަޅު ގޮތެއްކަމަށް
ފެނުނީ ބަޑިހިފައިގެން ބަހެއްގައި ސިފައިން ނިކުތުމަށް. އެހެންވެ، އޭރު ސިފައިންގޭގައިއޮތް
އިމަރޖެންސީ ބަސް ގެނެސް އެބަހަށް ހުސްފީފާ އަރުވައި ފީފާ ތަކަށް ވެލި އަޅާ ހަތިޔާރާއެކު
މީހުންނަށް ތިބެވޭނެގޮތް ހެދީ. އަދި އެވަގުތު ސިފައިންގޭގައި ތިބި ޓާސްކްފޯސް ޓްރެއިނިންގ
ހަދާފައިވާ މީހުން އަޅުގަނޑާއެކު ނިކުތުމަށް އެންގީ" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
"ދުޝްމަނުންނާ
ހަމަލާ ދިނުމަށް ބަހުގައި އެންމެ ފުރަތަމަ ނިކުންނާނީ އަޅުގަނޑުކަމުގައި އެވަގުތު ބުނިން.
އަދި އަޅުގަނޑާ އެކީގައި ނިކުމެ ދުޝްމަނުންނާ ހަނގުރާމަ ކުރަން އައުމަށް އޯޑަރު ކުރިން.
މޫސާ ޢަލީ ޖަލީލު އަޅުގަނޑާ އެއްކޮޅަށްޖެހިވަޑައިގެންނެވި. ދެން އަޅުގަނޑާ އެކީގައި
ބަހުގައި ނިކުތުމަށް ފުރަތަމަ ދުރުވި ބޭކަލުންގެ ތެރޭގައި ޙުސައިން ޢަލީ (ފުށްކަފަ
ދޮންތުއްތު)، މުޙައްމަދު ރަޝީދު (މޭލޭ)، ޢަބްދުﷲ ނަސީމް (ތިނަދޫ)، މުޙައްމަދު ނަޢީމް
(ގްރޭވޫލް) ހިމެނޭ" ނޮވެންބަރު ތިންވަނަ ދުވަހުގެ ހަނދާންތައް އާކުރައްވަމުން
މުޙައްމަދު ޒާހިރު ވިދާޅުވިއެވެ. މުޙައްމަދު ޒާހިރާއެކު ބަހުގައި ބޭރަށް ނިކުތުމަށް
ތައްޔާރުވެގެން އައި މީހުންނަށް ބޭރަށް ނުނިކުމެވި ސިފައިންގެ މައިގޭޓުގެ އެތެރެފަރާތުގައި
މަޑުކުރަންޖެހުނީ މައިގޭޓަށް ދުޝްމިނުން އާރުޕީޖީއިން ދިން ޙަމަލާތަކުން ގޭޓް ތާށިވެފައި
ހުރުމުން ހުޅުވޭގޮތް ނުވެގެންނެވެ. ގޭޓް ހުޅުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ
މޭޖަރ ޝައުކަތު އިބްރާހީމެވެ. "ގޭޓްހުޅުވުމުގެ މަސައްކަތް ކުރަމުންދާތީ މަޑުކޮށްގެން
ތިއްބާ ބަނޑޭރިގޭ މަތީބުރިން ކެޕްޓަން އަޙްމަދު ނަޢީމް ގޮވާލެއްވީ އަޅުގަނޑު ބޭރަށް
ނުނިކުތުމަށް ރައީސް ވިދާޅުވާކަމަށް. ދެތިންފަހަރަކު އެގޮތަށް ގޮވާލެއްވުމުން އަޅުގަނޑު
ބަހުންފޭބީ" މުޙައްމަދު ޒާހިރު ވިދާޅުވިއެވެ. ސިފައިންގެ މައިގޭޓުގެ ތެރޭގައި
ސިފައިން ހަރަކާތްތެރިވާން ފެށުމާއެކު ދުޝްމިނުން ވަރުގަދަ ޙަމަލާތަކެއް ގޭޓަށް ދިނެވެ.
އެ ޙަމަލާތަކުގެ ތެރޭގައި ގޭޓް ވައްޓާލުމަށް ބޭނުންކުރި ޓްރެކްޓަރ ގޭޓްގައި ތާށިވިއެވެ.
އަދި ދުޝްމަނުންދިން މޯޓަރ ސެލްގެ ޙަމަލާއަކުން ގޭޓުހުޅުވުމުގެ މަސައްކަތުގައި އުޅުނު
ބައެއްމީހުން ޒަޚަމްވިއެވެ.
ގޭޓްހުޅުވުމަށްކުރި
އެއްވެސް ކަމެއް ކާމިޔާބުނުވުމުން ފުލުސް އޮފީހުގެ ގޭޓުން ސިފައިން ބޭރަށް ނެރުމަށް
މުޙައްމަދު ޒާހިރު ނިންމެވާ ބޭރަށް ނިކުންނަން ހަމަޖެހުނު ބޭކަލުންގެ ކޮމާންޑަރަކަށް
ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ހަމަޖެއްސެވިއެވެ. "އެމީހުންނަށް އެންގީ ބޭރަށް
ނިކުމެ ސިފައިންގެ ކައިރި ސަރަޙައްދުގައި ހަރަކާތްތެރިވާ ދުޝްމަނުންގެ ހަރަކާތްތަކާއި
މަޤާމްތައް ހުރިގޮތް ބަލާފައި އެނބުރި ސިފައިންގެއަށް ވަނުމަށް" މުޙައްމަދު ޒާހިރު
ވިދާޅުވިއެވެ. ދުޝްމަނުން ސިފައިންގެއަށް ޙަމަލާދެމުންދިޔަ ވަގުތުގައި އަމިއްލަ ފުރާނައަށް
ބެލުމެއްނެތި ދީނާއި ޤައުމުގެ ޙައްޤުގައި ދުޝްމިނުންނާ ކުރިމަތިލުމަށް ހިތްވަރާއި ޢަޒުމާއެކު
ނިކުން ބޭކަލުންގެ ތެރެއިން ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) ޕްރައިވެޓް
މުޙައްމަދު ޙަސަން (ދިޔަމިގިލި) އަދި ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) ޝަހީދުވެވަޑައިގެންނެވިއެވެ.
ފަތިހުންސުރެ
ދުޝްމަނުންނާ ދެކޮޅަށް މެދުނުކެނޑި ހިތްވަރާއެކު ހަނގުރާމަކުރަމުންދިޔަ ބައެއް ސިފައިންގެ
މޫނުމަތިން ބަޑުހައިކަމާއި ވަރުބަލިކަން ފެންނަންމުންދިޔައެވެ. އެހެންނަމަވެސް ޤާއިމުކުރެވިފައިވާ
މަޤާމުތަކުގައި ސިފައިން ސާބިތުކަމާއެކު ތިއްބެވެ. ވަޒަން އަރައިގެންނާއި ދުޝްމަނުންދިން
މޯޓަރު ބޮމުގެ ޙަމަލާތަކުން ޒަޚަމްވެފައިވާ ސިފައިންނަށް ފަރުވާއެއް ދެވޭނެގޮތެއް ނެތިފައި
ތިއްބެވެ. އެވަގުތު މުޙައްމަދު ޒާހިރުގެ އެންމެ މުހިންމު މަސައްކަތަކަށްވީ ސިފައިންގެ
ތެރޭގައި އެކިތަންތަނަށް ވަޑައިގެން ސިފައިންނަށް ހިތްވަރު ދެއްވުމެވެ. ސާބިތުކަމާއެކު
ތިބެގެން ހަނގުރާމަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވުމެވެ. ހަވީރުވެ އިރު އޮއްސެމުންދިޔައިރު
ދުޝްމިނުންގެ ޙަމަލާތައްވަނީ މުޅިން ކަހަލަގޮތަކަށް ހުއްޓިފައެވެ. ދުޝްމަނުންގެ ހުރިހާ
ރޭވުމެއްވަނީ ނާކާމިޔާބުކޮށްލެވިފައެވެ. "އިންޑިއާ ސިފައިން އައުމުގެ ޔަގީންކަން
ލިބި ގާތްގަނޑަކަށް އެރޭ 21:30 އާއި 22:00 އާ ދެމެދުގެ ވަގުތެއްގައި އިންޑިއަން އެއަރ
ފޯސްގެ މަތިންދާބޯޓެއް ހުޅުލެއަށް ޖެއްސި. އޭރު ދުޝްމަނުންވަނީ ރަހީނުންގެ ގޮތުގައި
ދިވެހިންގެ ބަޔަކު ގޮވައިގެން މާލޭ ބަނދަރުގައި އޮތް އެމް.ވީ ޕްރޮގްރެސް ލައިޓްގައި
ސްރީލަންކާއަށް ދިއުމަށް ފުރާފަ. އިންޑިއާ ސިފައިންގެ މައިގަނޑު މަސައްކަތަކަށްވީ އެބޯޓުން
ގެންދިޔަ ރަހީނުން ސަލާމަތްކުރުމާއި ފިލަން މަސއްކަތްކުރި ދުޝްމަނުން އަތުލައިގަތުން"
މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.
މިއަދަށް
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށް 24 އަހަރު ވެއްޖެއެވެ. އެހެންނަމަވެސް އެދުވަހުގެ
އެހަނދާންތަކާއި އެ އަސަރުތައް އެދުވަހު ސިފައިންގެ އެތެރޭގައި އެންމެއިސް ކޮމާންޑަރެއްގެ
ގޮތުގައި މަސައްކަތްކުރެއްވި އެމްއެންޑީއެފް ގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ
ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރުގެ ހިތްޕުޅުގައި އަދިވެސް ތާޒާކަމާއެކު އެބަހުއްޓެވެ.
އެއީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމަށްޓަކައި ފަހުގެ ތާރީޚުގައި ދިވެހިންކުރި
އެންމެ ވަރުގަދަ ޖިހާދެވެ. އެއީ ދިވެހި ސިފައިން ޢަޒުމާއެކުކުރި ހިތްވަރާއި ހިންމަތުގެ
ސަބަބުން މާތްﷲ ދިވެހިންނަށް ނަޞްރު ދެއްވި ދުވަހެވެ.
Saturday, September 1, 2012
ނުރޯށެކަލޭ
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...