Wednesday, September 2, 2009

އާދަމްމަނިކުބޭ: ވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރުމުގައި ޙަޔާތުން ބޮޑުބައެއް


 

ލިޔުނީ: ޢަބްދުﷲ ސަޢީދު

ރަށަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ޚިދުމަތްތެރިންގެ އަގު އަބަދުވެސް ވަޒަން ކުރަންޖެހޭނެއެވެ. އެކި މީހުން ރަށަށް ޚިދުމަތް ކޮށްދީފައިވަނީ ނުވަތަ ކޮށްދެއްވަނީ އެކިގޮތަށެވެ. އެކި ރޮނގުތަކުންނެވެ. މިފަހަރު މަނަދޫ ލައިވްގެ މީހުންގެ ކޮލަމްގައި މި ގެނެސްދެނީ މަނަދޫގެ ވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަނަދޫ ގުލްބަކާގޭ އާދަމް މަނިކު ނުވަތަ އާދަމް މަނިކުބޭ އެވެ.

މަނަދޫގެ ވެރިކަމުގެ ދާއިރާގައި އާދަމް މަނިކުބޭ މަސައްކަތް ފެއްޓެވިއިރު މުސާރައެއް ނުލިބެއެވެ. އޭރު އުޖޫރައެއްގެ ގޮތުގައި ލިބޭ އެއްޗަކީ މަހަށްދާ ދޯނިފަހަރުން ލިބޭ މަސްބައެކެވެ. ރަށްރަށުގެ ވެރިންނަށް ސަރުކާރުން މުސާރަ ދެއްވަން ފެއްޓެވީ އާދަމް މަނިކުބޭމެން ސަރުކާރުގައި އުޅުއްވަނިކޮށެވެ. އާދަމް މަނިކުބޭވަނީ މަނަދޫގެ މުދިންކަމާއި ކުޑަކަތީބުކަމާއި ކަތީބުކަން ކުރައްވާފައެވެ. އެންމެ ގިނަދުވަސްވަންދެން ހުންނެވީ ކުޑަކަތީބުގެ މަޤާމުގައެވެ. ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަޤާމަށް ބަދަލުކުރައްވާ، ޢުމުރުން 65 އަހަރު ވެގެން އާދަމްމަނިކުބޭވަނީ ސަރުކާރުން ރިޓަޔަރ ކުރައްވާފައެވެ.

 

އާދަމް މަނިކުބޭއަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު ރާޒުވާ ކުޅުންތެރިއެކެވެ. ވަރަށް ރީއްޗަށް ޤުރުއާން ކިޔަވާވިދާޅުވާ ބޭފުޅެކެވެ. އިމާމުވެ ހުކުރު ކުރެއްވި ބޭފުޅެކެވެ. ހުދުކުލައިގެ ހެދުން ތުރުކުރެއްވުމަށް ލޯބިކުރައްވާ އާދަމް މަނިކުބޭ 00 ކައިވެނި ކުރެއްވިއެވެ. އާދަމް މަނިކުބެއަށް ލިބިވަޑައިގެން ދަރިންގެ ތެރޭގައި މިހާރު 00 ދަރިން ދުނިޔޭގައި އެބަތިއްބެވެ. މިހާރު ދުނިޔޭގައި އިންނެވި އަނބި ކަބަލަކީ ------ މަނަދޫގައި މީހުން ދެއަނތްބަށް މީހުންނާ އިނދެގެން އުޅުމަކީ އާންމުކަމެއް ނޫނެވެ. ވެރިކަމުގެ ދާއިރާގައި އުޅުއްވަމުންވެސް އާދަމް މަނިކުބޭވަނީ ދެއަނތްބަށް ކައިވެނި ކުރައްވައިގެން އުޅުއްވާފައެވެ.

 

އާދަމް މަނިކުބޭއަކީ މަސްވެރިކަމަށް އޮޑިދޯނި ފަހަރު ބަލައިދިން އެދުރެކެވެ. މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި އަސާސީ ތަޢުލީމުގެ ޕްރޮގްރާމް ފެށުނު ދުވަސްވަރު މަނަދޫގައި ލިޔަންކިޔަން ނުދަންނަ މީހުން މަދުކުރުމަށް އެންމެ ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރެއްވި އެއް ވޮލަންޓިޔަރަކީ އާދަމް މަނިކުބެއެވެ.

 

އާދަމް މަނިކުބޭ ވެރިކަމުގެ ދާއިރާގައި ހުންނެވި ދުވަސްވަރު މަނަދޫގައި ހިނގާފައިވާ "ކުނޑިބެގެ މައްސަލަ" ކަހަލަ ސިޔާސީ ކަންތައްތަކުގައިވެސް އާދަމް މަނިކުބޭ ގެންގުޅުއްވާފައިވަނީ ސިޔާސީގޮތުން އަމިއްލަވަންތަ ސިޔާސަތެކެވެ. މަނަދޫގައި ޒަމާނުއްސުރެ އޮތް އަވަށު ވާދައިގެ ތެރޭގައިވެސް އާދަމް މަނިކުބޭ ގެންގުޅުއްވާފައިވަނީ އިންސާފުވެރި ގޮތްތަކެކެވެ. އެފަހަރަކު ބުނަންޖެހޭ އެއްޗެއް އެބުނަންޖެހޭ މީހަކާ ދިމާލަށް ބުނުއްވުމާއި ޤާނޫނު ތަންފީޒު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އާދަމްމަނިކުބޭ ފާހަގަކުރެވިފައިވަނީ ހަރުދަނާ އުސޫލުތަކެއްގައި ސާބިތުވެ ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. ( އަދި ނުނިމޭ )

 

 

 

Tuesday, August 11, 2009

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރު


 

 ޢަބްދުﷲ ސަޢީދު 


ގ. މޫނިމާގެ، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރު ގިނަ ބަޔަކު ދެނެވަޑައިގަންނަވަނީ "މައިދީ"ގެ ނަންފުޅުންނެވެ.  އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) އަށް މުނިކާފަ ވިދާޅުވާ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރުގެ ބައްޕާފުޅު ޞާޙިބުއްސަޢާދަތު އޮނަރަބަލް އަންނަބީލް ޙަސަން ޒަރީރަކީ ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމާއި ބޮޑުވަޒީރުގެ ނާއިބުކަމާއި، ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވި ޢިއްޒަތްތެރިއެކެވެ. ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން (1ވަނަ) ގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (1ވަނަ)ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (މުސްކުޅި ބަންޑާރައިން)ގެ، އައްސުލްޠާން އިބްރާހީމް ނޫރައްދީން (ނޫރައްދީން ބަންޑާރައިން)ގެ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)ގެ، މެދުގޮމަފުޅުގެ، އަންނަބީލް ޙަސަން ޒަރީރުގެ ދަރިކަލެކެވެ. އެހެންކަމުން ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރަކީ ރާއްޖޭގައި ރަސްކަންކުރިކޮޅުތަކުގެ ތެރެއިން ހުރާގޭ ދަރިކޮޅާއި ދިޔަމިގިލި ދަރިކޮޅަށް ވެސް ނިސްބަތްވެވަޑައިގަންނަވާ އަދި ރާއްޖޭގައި އޮތް ސައްޔިދު ދަރިކޮޅުގެ ވެސް ބޭފުޅެކެވެ. 

 

Wednesday, August 5, 2009

ޤައުމީ ޚދިުމަތްތެރިންގެ ތެރެއިން: އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު

 


ޢަބްދުﷲ ސަޢީދު 

 

ގ. ޢަންބަރީގެ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 4 ޖަނަވަރީ 1964 ގައި މަހުކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. އެ ދުވަހު ފެށްޓެވި ޚިދުމަތް  40 އަހަރު ފަހަނައަޅައި ދިޔައީ ދިވެހި އަސްކަރިއްޔާގައާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައެވެ. މީލާދީން 1 ސެޕްޓެންބަރު 2004 އާ ހަމައަށް ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުން ދިޔައީ ސިފައިންނެވެ. އެ ދުވަހު ސިފައިންނާއި ފުލުހުން ވަކި ދެބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވިއެވެ. އެ ދުވަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޙުސައިން ޝާކިރު ހަމަޖެއްސެވިއެވެ. އެހާތަނަށް ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މޭޖަރކަމުގެ ރޭންކުގައެވެ. ސިފައިންގެ ޔުނިޓެއްގެ ގޮތުގައި ޕޮލިސް ސަރވިސް އޮތްއިރު ވެސް އެމަނިކުފާނަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، ތަހުގީގާ ބެހޭ ބައިގައެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ތަހުގީގަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއާ ގުޅިގެން ފުލުސް އޮފީހުން ހިންގި ތަހުގީގެވެ.  

 

Wednesday, May 6, 2009

އަހަރެން ވޯޓު ލާނީ ކާކަށް؟

މި މޭމަހުގެ 9 ވާ ހޮނިހިރު ދުވަހަކީ އަނެއްކާވެސް ރައްޔިތުންގެ ނިންމުން ނިންމުމަށްޓަކައި ވޯޓު ފޮށިތައް ދޮށަށް ދާންޖެހޭ ދުވަހެކެވެ. ރާއްޖޭގެ ޤާނޫނު ހަދާމަޖިލިސް އެކުލަވާލުމަށް ރައްޔިތުން ވޯޓުދޭން ޖެހޭއިރު އެއީ ފަރުދީ ޒިންމާއަކާއި ފަރުދީ ޙައްޤެއްވާ ކަމެކެވެ. އެހެންކަމުން ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމުގެ ކުރިން ވޯޓުލާނީ ކާކަށްތޯ ނިންމަން ޖެހެއެވެ. އެކަމާމެދު ޚިޔާލުކޮށް ވޯޓުލާންވީ ކާކަށްތޯ ކަނޑައަޅަންޖެހެއެވެ.

އަހަރެން ހިމެނޭ ދާއިރާއަކީ މަނަދޫ ދާއިރާއެވެ. އެދާއިރާގައި ހިމެނެނީ މަނަދޫ، މާފަރު، ޅޮހި، މަގޫދޫ އަދި މިލަދޫއެވެ. މި ފަސްރަށް، ރައްޔިތުންގެ މަޖިލިހުގައި ތަމްސީލުކުރުމަށް ކުރިމަތިލައްވާފައިވަނީ މަނަދޫ މުޙައްމަދު ޠާރިޤު، ޅޮހީ އަޙްމަދު ފައިޞަލް، މާފަރު ޢަބްދުއްސަލާމް ޢާރިފު އަދި މުޙައްމަދު ޙުސައިން ޝަރީފު ( މުންދު ) އެވެ. ތޯރިގު މަޖިލިހަށް ކުރިމަތިލައްވާފައިވަނީ ރޫލިން އެމްޑީޕީގެ ޓިކެޓްގައެވެ. މުންދު ކުރިމަތިލައްވާފައިވަނީ އޮޕޮޒިޝަން ޑީއާރުޕީގެ ޓިކެޓްގައެވެ. ފައިޞަލްއާއި ޢަބްދުއްސަލާމް ކުރިމަތި ލައްވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ހަތަރު ބޭފުޅުންގެ ވަރަނަވަރު އަހަރެން ވަރަށް ރަނގަޅަށް ބަލާ ދިރާސާކުރީމެވެ. ތަޢުލީމީ އަދި ފަންނީ ތަޖުރިބާތައް އަޅާކިޔާލީމެވެ. ރައްޔިތުންގެ މަޖިލިހަށް އެންމެ ކަމުދަނީ ކޮން ބޭފުޅެއްތޯ ބަލާލީމެވެ. މި ނިންމުން ނިންމުމަށް ޖެހުނުހިނދު، ތޯރިގާއި ފައިޞަލް އަކީ އަހަރެންގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އިންތިޚާބަށް ކުރިމަތިލި ހިސާބުން ޢަބްދުއްސަލާމާއި މުންދުވެސް ދެނެފަރިތަ މީހުންނަށްވިއެވެ. އެއް ފަހަރަށްވުރެ ގިނަ ފަހަރު މުންދުއާ ބައްދަލުވެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ. ޢަބްދުއްސަލާމާ ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ނުލިބުނަސް ފޯނުން ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ދެފަހަރު ލިބުނެވެ. އެހެންކަމުން ޖުމުލަ ގޮތެއްގައި ސިޔާސީ ގޮތުން ހަތަރު ބޭފުޅުންގެ ފިކުރު ހުރިގޮތް އަޅުގަނޑަށް ވަރަށް ކައިރިން ތަޖުރިބާ ކުރެވުނެވެ. އެއީ ޢާންމުކޮށް ބައްދަލުވުންތަކާއި ޖަލްސާތަކާއި ކެމްޕޭން ޙަފުލާތަކުގައި އިއްވާ ސިޔާސީ ފިކުރަށްވުރެ މުހިންމު ވަގުތު ކޮޅުތަކެކެވެ.

ކެމްޕޭނުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީން ދައްކާ ވާހަކަ އެހުމުގެ ޝަޢުޤުވެރިކަމެއް އަހަރެންނެތެވެ. އެހެންކަމުން ބާރުތައް އެއްވެދާނެތީ އިދިކޮޅު ޕާޓީން ދައްކާ ވާހަކައާއި ވައުދުތައް ފުރިހަމަ ކުރުމަށް ޤާނޫނީ ހިއްސާ ހޯދުމަށް ވެރިކަންކުރާ ޕާޓީން ދައްކާ ވާހަކައަށް އެއްވެސް ޝަޢުޤުވެރިކަމެއްނެތެވެ. އަދި އެއްވެސް ފަރާތަކަށް ނުވިކި " މިނިވަން" ކެންޑިޑޭޓުންގެ ގޮތުގައި ދައްކަވަމުން ގެންދެވި ވާހަކަތަކަށްވެސް ޝަޢުޤުވެރިކަމެއް ނެތެވެ.

އަހަރެންގެ ޝަޢުޤުވެރިކަން ހުރީ ޤައުމުގެ އަދުގެ ހާލަތަށެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށް ރައްޔިތުން ފަށާފައިވާ އަދި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ބުރަ މަސައްކަތަށެވެ. އެކަންތައްތައް ފުރިހަމަވެ، ޤައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން އާލާވާނެ ދުވަހެއްގެ ޝަޢުޤުވެރިކަމެވެ. ރައްޔިތުންގެ މަޖިލިހުގެ ޙަޤީޤީ ދައުރު އަދާކޮށްގެން ނޫނީ ރާއްޖޭގައި ހަލާކުވެ ފިނދިފައިވާ އިޖުތިމާޢީ ފޭރާން ރަނގަޅު ނުކުރެވޭނެކަމަށް އަހަރެންނަށް ޤަބޫލުކުރެވެއެވެ. އެކަމަށް ޒަމާނީ ތަޢުލީމު ބޭނުންވެއެވެ. އަދި ސިޔާސީ ހިކުމަތާއި ތަޖުރިބާވެސް ބޭނުންވެއެވެ. އެމީހަކީ ސިޔާސީ ގޮތުން ހަރުދަނާ މާޒީއެއް އޮތް ބޭފުޅަކަށްވެސް ވާންޖެހެއެވެ. މި ހުރިހާ ސިފަތަކެއް ފުރިހަމަވާ ކެންޑިޑޭޓަކު މަނަދޫ ދާއިރާއަށް ކުރިމަތިލައްވާފައި ވާކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. އެހެންކަމުން ދެން މި ސިފަތަކުގެ ތެރެއިން ރާއްޖޭގެ އަދުގެ ހާލަތަށް ރިޔާޢަތް ކުރުމަށްފަހު މީގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ފެންނަ ކެންޑިޑޭޓް ޚިޔާރުކޮށްފީމެވެ. ފަހަރުގައި އަހަރެން ވޯޓުލާ ކެންޑިޑޭޓް ނުހޮވިދާނެއެވެ. އެހެންނަމަވެސް ހޮވުމަށް އެންމެ ތަނަވަސް ފުރުސަތު އޮތީ އަހަރެން ދެކޭ ގޮތުގައި އެ ކެންޑިޑޭޓަށެވެ. ކޮންމެ ގޮތެއްގައިވެސް އަހަރެންގެ ޙައްޤު އަހަރެން އަދާކުރާނަމެވެ. އިރާދަކުރެއްވިއްޔާ އަހަރެން އެ ޒިންމާ އަދާކުރާނީ ﷲ ގެ ދަރުބާރުގައި ޖަވާބުދާރީ ވާންޖެހޭނެކަން އެގިހުރެއެވެ. އަހަރެންގެ ހިތުގައި އެއްވެސް ކެންޑިޑޭޓަކަށް ނުރުހުމެއް އަދި ނަފުރަތެއްވެސް ނެތެވެ. ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށްވެސް އަހަރެން ތާޢީދުކުރާނަމެވެ.

Tuesday, April 21, 2009

ޖަމްޢިއްޔަތުލް އިއުތިލާފް: މަނަދޫގައި އުފެދުނު ފުރަތަމަ ޖަމްޢިއްޔާ


"މިދަނީ ދަރިވައްޓާލަން"

ޢަބްދުﷲ ސަޢީދު

އަޅުގަނޑުމެންނަކީ ވަރަށް އަވަދިނެތި ވަޒީފާގައި އުޅެންޖެހިފައިވާ ބައެކެވެ. ކިތަންމެ އަވަދިނެތި އުޅެންޖެހުނަސް އާއިލީ ކަންތައްތަކަށް އިސްކަންދީ ކިރިޔާވެސް ކޮށްދެވެން އޮންނަ ކަމެއް އާއިލާއަށްޓަކައި ކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. އާއިލާއަށް ދެވޭ ސަމާލުކަން ކުޑަވެ، އާއިލާއާއެކު ވަގުތު ހޭދަކުރެވޭ މިންވަރު މަދުވުމަކީ އިޖްތިމާޢީ މައްސަލައް ފެންމަތިވާ ކަމެކެވެ. އާއިލާއަށްޓަކައި ގިނަ ފިރިހެނުން ކޮށްދެވޭ އެންމެ ޚާއްޞަ އެއްކަމަކީ ދަރިފުޅު ސްކޫލަށް ގެންގޮސްދިނުމެވެ. އަދި ސްކޫލުން ގެއަށް ގެނެސްދިނުމެވެ. މިއީ ދަތުރުގެ ދިގުމިނާއި ވަގުތާއި ހާލަތަށްބަލާއިރު ސައިކަލްގައި ނުވަތަ ކާރުގައި އުޅޭ މީހަކަށް މާ އުނދަގޫ އަދި މާގިނަ ވަގުތު ހޭދަވާ ކަމެއްވެސްނޫނެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...