Wednesday, August 5, 2009

ޤައުމީ ޚދިުމަތްތެރިންގެ ތެރެއިން: އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު

 


ޢަބްދުﷲ ސަޢީދު 

 

ގ. ޢަންބަރީގެ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 4 ޖަނަވަރީ 1964 ގައި މަހުކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. އެ ދުވަހު ފެށްޓެވި ޚިދުމަތް  40 އަހަރު ފަހަނައަޅައި ދިޔައީ ދިވެހި އަސްކަރިއްޔާގައާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައެވެ. މީލާދީން 1 ސެޕްޓެންބަރު 2004 އާ ހަމައަށް ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުން ދިޔައީ ސިފައިންނެވެ. އެ ދުވަހު ސިފައިންނާއި ފުލުހުން ވަކި ދެބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވިއެވެ. އެ ދުވަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޙުސައިން ޝާކިރު ހަމަޖެއްސެވިއެވެ. އެހާތަނަށް ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މޭޖަރކަމުގެ ރޭންކުގައެވެ. ސިފައިންގެ ޔުނިޓެއްގެ ގޮތުގައި ޕޮލިސް ސަރވިސް އޮތްއިރު ވެސް އެމަނިކުފާނަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، ތަހުގީގާ ބެހޭ ބައިގައެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ތަހުގީގަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއާ ގުޅިގެން ފުލުސް އޮފީހުން ހިންގި ތަހުގީގެވެ.  

 

 

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު ސިފައިންގެއަށް ވެންނެވިއިރު ސިފައިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރެއިން ފޯރު މެރުމާއި، މާލެތެރެ ބެލެހެއްޓުމާއި، މައްސަލަތައް ބަލައި ތަހުގީގުކުރުމާއި، އަލިފާން ނިއްވުމާއި، ކުއްލި ހާދިސާތަކާއި ކާރިސާތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުން ފަދަ ހުރިހާ ކަމެއްގައި ވެސް  އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު ޢަމަލީގޮތުން މަސައްކަތްކުރެއްވިއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރަކީ ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ އަލިފާން ނިއްވުމުގެ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޙުސައިން ޝާކިރު ވަނީ ސިފައިންގެ މީހެއްގެ މަޤާމާއި، ސިފައިންގެ 4 ނަންބަރު ސަރުދާރުގެ މަގާމާއި، ސިފައިންގެ 3 ނަންބަރު ސަރުދާރުކަން ކުރައްވާފައެވެ. އޭގެފަހުން ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ، ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، އަދި މޭޖަރ ކަމުގެ ރޭންކުގައި ވެސް ދިވެހި އަސްކަރިއްޔާގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

 

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު  ދިވެހި އަސްކަރިއްޔާގައި ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދެއްވާފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަދި އަޚްލާޤީ ކުލަ ދެފަހަރު އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެލި ދެއްވާފައިވެއެވެ. މީގެއިތުރުން ފުލުހުންގެ މެޑެއްޔާއި ސުނާމީ ކާރިސާގެ މެޑެލި ވެސް ހާސިލުކުރައްވާފައިވެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ޝާކިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުންނަވައި، ރިޓަޔަރ ކުރެއްވީ ދިވެހި ދައުލަތަށް 45 އަހަރާއި 6 މަހަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި 5 އޮގަސްޓު 2009ގައެވެ. އޭގެފަހުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ފުލުސް އޮފިސަރުގެ ގޮތުގައި ފާހަގަކުރައްވައި، 29 މާރިޗު 2023 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުގެ އައްޑަނައެއް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރަށް އަރުވާފައިވެއެވެ. އަދި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު ވެސް އެ މަނިކުފާނު ވަނީ ހާސިލުކުރައްވާފައެވެ.

 

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...