1895 - އެޗްއެމްއެސް އަލްޖެރީން |
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެ
އިނގިރޭސީންގެ "ހިމާޔަތުގެ ދަށަށް" ދިޔައީ ނުވަތަ އިނގިރޭސީންގެ
ޕްރޮޓެކްޓަރޭޓަކަށްވީ ދިވެހިން އަމިއްލައަށް
އެނދިގެން
ކަމަށް ލިޔެފައިވާ ލިޔުންތައް ފެނެއެވެ. އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން އެފަދަ
ބޮޑު ބާރެއްގެ ދަށުގައި މި ޤައުމު އޮތުމަކީ ދިވެހިންނަށް އެންމެ ރަނގަޅުގޮތްކަމަށް
ވެސް ލިޔެފައިހުރެއެވެ. އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ނުހަދައި
ޕްރޮޓެކްޓަރޭޓަކަށް ހެދީ އިނގިރޭސީންގެ ރަނގަޅުކަމުންކަމަށް ދހަވާގޮތަށް ވެސް
ވާހަކަ ދެކެވެއެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް ކަން ހިނގާދިޔަގޮތްތޯއެވެ؟
އިނގިރޭސީންގެ
ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި ދިވެހި ދަރިންތަކެއްގެ ބައިވެރިވުން
އޮތްކަން އެއީ ތާރީޚުން ފެންނަ ޙަޤީޤަތެކެވެ. އަޅުވެތިކަމުގެ އެހެން
އަނދަވަޅުތަކަށް ޤައުމު ވެއްޓިގެންދިޔަ ހާދިސާތަކުގައި ވެސް ކަން
ހިނގާފައިވާގޮތަށެވެ. ޕޯޗްގީޒުންނާއި
ހޮޅީންގެ އަޅުވެތިކަމުގެ ވަކިތަކުގެ ދަށަށް ރާއްޖެ ދިޔަފަދައިންނެވެ. އަމިއްލަ
މަޞްލަޙަތު ކުރިއަށް ނެރެ، އެ ބާރުތަކުގެ ކުރިމަތީގައި އާދޭސްކުރި ފަދައިންނެވެ. ޕޯޗްގީޒުންނާއި
ހޮޅިންނަށް އަދި ފަހުން ސްރީލަންކާގެ ޕްލޯޓް ޖަމާޢަތަށް ރާއްޖެ ހިފުމަށް
ދައުވަތުދީ، އެކަމުން އެ ފަރާތްތަކަށް ލިބޭނެ މަންފާތައް ހާމަކޮށްދީ ވާގިވެރިވެ ޤައުމަށް
ޣައްދާރުވި ޚިޔާނާތްތެރި ޚާއިނުން ފަދައިންނެވެ.
އިނގިރޭސީންގެ
ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ އޭރު ރާއްޖޭގައި އޮތް އެންމެ ވާދަވެރި
ސިޔާސީ ދެ "ޕާޓީ" ކަމުގައިވާ ކަކާގެއާއި އަތިރީގެއާ ދެމެދު އުފެދުނު
ސިޔާސީ ކޯޅުންގަނޑަކަށް ފަހުގައެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠާން
މުޙައްމަދު މުޢީނުއްދީން (2) އެވެ. އެއީ ކުޑަބަންޑާރައިންނެވެ. އޭގެކުރިން
ރަސްކަމުގައި އިންނެވި ނޫރައްދީން ބަންޑާރައިންނަށް ފަހު ކުޑަ ބަންޑާރައިންނަށް
ރަސްކަން ލިބިވަޑައިގެންނެވުމުން ވެސް ސަރުކާރު ހިންގެވުމަށް ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު)
ގެ މަޤާމުގައި ހުންނެވީ ކުރީގެ ރަސްކަލުންގެ ދައުރުގައި ވެސް އެ މަޤާމުގައި
ހުންނެވި އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެއެވެ. ކުޑަބަންޑާރައިންގެ
ރަސްކަމުގައި އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބޮޑުވަޒީރުކަމުން
ދުރުކުރައްވައި އެ މަޤާމަށް ސިޔާސީ ގޮތުން އަތިރީގޭ ޢާއިލާ އާ އެންމެ ވާދަވެރި ކަކާގޭ
ޢާއިލާގެ މުޙައްމަދު ރަންނަބަޑޭރިކިލެގެފާނު އިސްކުރެއްވިއެވެ. ހަމަނުޖެހުން
އުފައްދައި ސަރުކާރު ފޭލްކޮށްލުމަށް މާލެތެރޭގައި ހިންގި ބޮޑުހުޅުގެ
ހަމަނުޖެހުންގަނޑަށްފަހު އަތިރީގެ ޢާއިލާގެ ބޮޑުންގެ ބަޔަކާއި އެ ޢާއިލާއަށް
ވަފާތެރިވި ބަޔަކު ތިބީ ކުށްވެރިވެގެން އަރުވާލާފައެވެ. އޭގެތެރޭގައި އިސް
ބޭފުޅަށް ހުންނެވީ ކުރީގެ ބޮޑުވަޒީރު އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ.
އެއީ ރައީސް މުޙައްމަދު އަމީނުގެ ކާފާފުޅެވެ. ބޮޑުހުޅަކީ ރާއްޖޭގެ ދާޚިލީ
ކަންތައްތަކުގެ ތެރެއަށް އިނގިރޭސިންނަށް ވަންނަން ހުޅުވައިދިން ދޮރެކެވެ.
އޭގެ
ތަންކޮޅެއް ކުރިއަށް ޖެހިލާއިރު ފެންނަން އޮތީ އަތިރީގޭ ޢާއިލާގެ ވިޔަފާރި
ބަނގުރޫޓު ކޮށްލުމަށް ކަކާގޭ ޢާއިލާއިން ވޯރާ ވިޔަފާރިވެރިން ގެނައިތަނެވެ.
އަސްލުގައި ބޮޑުހުޅު ފެށިގެން އައީ މި ހުރިހާ ކަމެއް އެކުވެގެންނެވެ. ބޮޑުހުޅު
ޖެހީ ވޯރާއިންގެ ފިހާރަތަކުގައާއި އާންމުންގެ ތަންތަނުގައެވެ. ވޯރާއިންނަށް ވަޅިން
ވެސް ހަމަލާދިނެވެ. އިނގިރޭސިން މައްސަލައިގެ ތެރެއަށް ވަނީ ވޯރާފިޔަފާރިވެރިންނަކީ
އިނގިރޭސި ރައްޔިތުންނަށް ވެގެން އެ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން
ކަށަވަރުކުރުމަށް ކަމަށް ބުނެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އޭރު
އިންޑިއާއާއި ސިލޯނު (ސްރީލަންކާ) އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ކޮލޮނީ
ތަކުގެ ލިސްޓުގައެވެ. އިނގިރޭސީން ކަންބޮޑުވުމަކީ ރާއްޖޭގެ އަމަންހެއްޓުމަށް
ދިވެހި ދައުލަތް ނުކުޅެދުމާއި، އިނގިރޭސި ވިޔަފާރިވެރިންނަށް ރައްކާތެރިކަމެއް
ނެތުމެވެ. ދެން ފެނުނީ މި މައްސަލަ ބެލުމުގެ ނަމުގައި އިނގިރޭސި މަނަވަރެއް 1887
އޮކުޓޫބަރު 26 ވަނަ ދުވަހު ރާއްޖެ އައިތަނެވެ. އިނގިރޭސީން ރާއްޖެ އައީ އިބްރާހީމް
ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން އަދި މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ
ބައްޕާފުޅު އަޙްމަދު ދޮށިމޭނު އިނގިރޭސީންގެ ސަމާލުކަމަށް މި މައްސަލަ ގެންނަވައި
ކުރެއްވި މަސައްކަތްޕުޅުތަކެއްގެ ނަތީޖާއެއް ގޮތުންނެވެ. ބޮޑުހުޅުގެ މައްސަލަ
ބެލުމުން އިނގިރޭސީންނަށް އެނގުނީ ކުށްވެރީން އަރުވާލެވުނީ ތަހުޤީޤުކޮށް ޝަރީޢަތުންކަމެވެ.
އެހެންނަމަވެސް އިނގިރޭސީން ބާރުއެޅީ އެފަރާތްތައް މިނިވަންކުރުމަށާއި މާލެ
ބަދަލުކޮށްދިނުމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިބްރާހީމް ދޮށިމޭނާކިލެގެފާނު 14
ޑިސެންބަރު 1887 ގައި އައްޑު އަތޮޅު ހުޅުދޫގައި ހިލިހިލާއާއެކު އަރުވާލާފައި
ހުންނަވަނިކޮށް މާލެއަށް ގެންނެވިއެވެ. އަދި އިނގިރޭސީންގެ "ހިމާޔަތުގެ
ދަށަށް" ދިވެހިރާއްޖެ ދިއުމާއެކު ސްރީލަންކާއަށް ވަޑައިގެންނެވީއެވެ. އޭރު
އޮތީ އެ މަނިކުފާނަށް ބޮޑުވަޒީރުކަން ދިނުމަށް އިނގިރޭސިން ކީރިތި މަހާރަދުންނަށް ދަންނަވާފައެވެ.
ކުޑަބަންޑާރައިންގެ ރަސްކަން ބަދަލުކޮށް އައްސުލްޠާން އިބްރާހީމް ނޫރައްދީނު ދެވަނަ
ފަހަރަށް ރަސްކަމަށް އިސްކޮށް ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންނެވީ އަތިރީގޭ އިބްރާހީމް
ދޮށިމޭނާ ކިލެގެފާނެވެ.
ދިވެހިރާއްޖެ
އިނގިރޭސިވިލާތުގެ އަޅުވެތި ޙިމާޔަތުގެ ދަށަށް ގެންދިޔައީ މީލާދީން 1887ވަނަ
އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން
މުޙައްމަދު މުޢީނުއްދީން (ދެވަނަ) އާއި، އިނގިރޭސީންގެ ރާނީގެ ފަރާތްޕުޅުން އެއިރު
ސްރީލަންކާގައި ހުންނެވި ގަވަރުނަރު ސަރ އޭ.އެޗް ގޯރޑްން އާ ދެމެދު "ބަދަލުކުރެވުނު"
ކަމަށް ބުނާ ދެ ސިޓީފުޅަކުންނެވެ. މިއީ އެއްގޮތަކަށް ވެސް އެތަނެއްގައި
ތިއްބަވައިގެން ދެ ޤައުމުގެ ވެރިން ކުރެއްވި އެގްރިމެންޓެއް ނޫނެވެ. ބޭރަށް
ދައްކަން އިނގިރޭސީން މަސައްކަތްކުރީ ރާއްޖޭގެ ރަދުން އެދިވަޑައިގެން ސިޓީފުޅެއް
އިނގިރޭސި ގަވަރުނަރަށް ފޮނުއްވީމާ ދިވެހިނަށް އިނގިރޭސީން ދޭ ހިމާޔަތެއްގެ
ގޮތުގައެވެ. އެއީ އިނގިރޭސީން މިކަން ފަރުމާކޮށް ދައްކައިދީފައިވާގޮތެވެ. ރަސްމީ
ލިޔެކިޔުން އުފައްދައި ކަންކޮށްފައިވާ ހީލަތްތެރި ގޮތެވެ. މިއާ ކަން ހިނގާދިޔަގޮތް
ވަރަށް ތަފާތެވެ.
ދުވަސްވަރަކީ
އިންޑިއާ ކަނޑުގައި ޔޫރަޕުގެ އެހެން ބައެއް ބާރުތައް ވެސް ހަރަކާތްތެރިވި
ދުވަސްވަރަކަށް ވާތީ ދިވެހިރާއްޖެ އިނގިރޭސީންގެ މުށުގެތެރޭގައި ބޭއްވުމަކީ އެ
މީހުން ނުހަނު ބޭނުންވި ކަމެއްކަން މިއަދު ފެންނަން ހުރި އެ މީހުންގެ ލިޔުންތަކުން
ވަރަށް ސާފުކޮށް އެނގެއެވެ. މިކަން އެނގޭ އެއް ލިޔުމަކީ ސްރީލަންކާގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް
ގޯޑްންއަށް 20 ޖޫން 1887 ގައި އޭރުގެ އިނގިރޭސި ކޮލޯނިއަލް ސެކްރެޓަރީ ސަރ އެޗް.ޓީ
ހޮލަންޑް ފޮނުއްވި ސިޓީފުޅެކެވެ. އެ ސިޓީފުޅުގައި އިނގިރޭސި ސަރުކާރުގެ
ޕްރޮރެކްޓަރޭޓު ތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށްޓަކައި ކުރަންވީ
ކަންތައްތައް ކުރުމުގެ ހުއްދައޮތީ ދެއްވާފައެވެ. އެ ސިޓީފުޅުގައި ހިމެނެނީ ދިވެހިރާއްޖެއަކީ ސްރީލަންކާ ސަރުކާރުގެ އެހީގެ
ދަށުގައިވާ ތަނެއްކަމުގައި ޤަބޫލުކުރުވައި ރަސްމީ ލިޔުމެއް ދިވެހިން އަތުން އަތުލުމެވެ.
ދެން އޮތީ ރާއްޖޭގައި އިސްކުރެވޭ ކޮންމެ ރަސްކަލަކީ ސްރީލަންކާގެ
ގަވަރުނަރު ޤަބޫލުކުރެއްވުމުން ރަސްކަމަށް އިސްކުރެވޭ ރަސްކަލެއްކަމުގައި ހެދުމުގެ
ޔަޤީންކަން ދިވެހީންގެ ފަރާތުން ހޯދުމެވެ. ދެން އޮތީ
އިނގިރޭސިން ފިޔަވައި ބޭރުގެ އެހެން ޤައުމަކާ
އެއްވެސް ގުޅުމެއް ނުހިންގޭނެކަން ދިވެހިން ލައްވާ އެއްބަސްކުރުވުމެވެ. މި
ވާހަކައެއް އިނގިރޭސީން ދައްކާހެދުމުގެ ކުރިން ދިވެހީން އިނގިރޭސީންގެ ހިމާޔަތް
ބޭނުންވެގެން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރިކަމެއް އެނގޭކަށް ނެތެވެ.
ދިވެހީން ލޮލުންބޮލުން އެދިގެން އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ ކަމަށް
ބުނާ ބުނުންތަކަށް މި ހިސާބުން ވެސް ޖަވާބެއް ލިބެއެވެ. ދެން އޮތީ އިނގިރޭސި
ބޭނުންވި ކަށަވަރުކަން ހޯދުމަށް އިނގިރޭސިން މަސައްކަތްކުރި ގޮތެވެ. އެ ވިދާޅުވާ
ކަންކަމަށް ދިވެހީން އެއްބަސްކުރުވަން ކަންތައް ކުރި ނާތަހުޒީބު ގޮތެވެ. ބޭނުންކުރި
ނުޒޫފާއި ބާރެވެ. ދެއްކި ބިރާއި ކުރި މަޖުބޫރެވެ.
އިނގިރޭސީން
ބޭނުންވާ ޕޮއިންޓްތައް ހިމަނައިގެން އިނގިރޭސީންގެ ހިމާޔަތަށް އެދި ސިޓީއެއް
ދެއްވުމަށް އިނގިރޭސީ ހުށަހެޅުމުން އެކަމާ އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު
މުޢީނުއްދީން (2) ވަނައާއި ވެރިކަން ހިންގަވަން ތިއްބެވި ބޭފުޅުން އިންކާރު
ކުރައްވައި ދެކޮޅު ހެއްދެވިއެވެ. އިނގިރޭސީން އެ ފަހަރު ރާއްޖެއައީ އެޗްއެމްއެސް ބްރިޓުން
ކިޔާ މަނަވަރެއްގައެވެ. އެ މަނަވަރުގައި ސްރީލަންކާގައި ހުންނަ އިނގިރޭސި
ގަވަރުނަރު ސަރ އާތަރ ހެމިލްޓަން ގޯޑްންގެ ވަކީލުގެ ގޮތުގައި ވަޑައިގެންނެވީ ރެއަރ
އެޑްމިރަލް ފްރެންޑްރިކް ޑަބްލިޔު ރިޗަޑްސް އެވެ. މި ދަތުރުގައި އިނގިރޭސީންގެ
އެޖެންޓެއްގެ ގޮތުގައި އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނު ރާއްޖެ
ވަޑައިގެންނެވިއެވެ. އިނގިރޭސީން ބޭނުންވާ ގޮތަށް ސިޓީއެއް ދެއްވުމަށް ރަސްގެފާނު
އިންކާރު ކުރެއްވުމުން ދެން މަސައްކަތް ކުރީ ސިޓީއެއްގެ ޑްރާފުޓް ލިޔެގެން އޭގައި
ރަދުން ލައްވައި ސޮއިކުރުވާށެވެ. އެ ދުވަސްވަރު ބޭރުގެ ދައުލަތްތަކާ ދިވެހި
ދައުލަތުން މުއާމަލާތް ކުރަނީ ޢަރަބި ބަހުން ކަމަށްވާތީ އިނގިރޭސީން ޤަބޫލުކުރީ އެ
ސިޓީ އޮންނަން ވާނީ ޢަރަބި ބަހުން ކަމަށެވެ. އެ ސީޓީ އިނގިރޭސީން ބޭނުންވާ ގޮތަށް
ޑްރާފުޓް ކޮށްދިނުމަށް ފަނޑިޔާރު މަނިކުފާނު އައްޝައިޚުލް ފަގީހު މުޙައްމަދު ޖަމާލުއްދީން ބްނު އައްނައިބު
އީސަލް މުލަކީ (ނައިބު
ތުއްތު) އަރިހުން އެދިވަޑައިގެންނެވިއެވެ. އެހެންނަމަވެސް ޢަރަބި ބަހުން ލިޔަން
ދެނެވަޑައި ނުގަންނަވާކަމަށް ވިދާޅުވެ އެމަނިކުފާނު އެކަމުން
މަނާވެވަޑައިގެންނެވީއެވެ. އިނގިރޭސީންނަށް އެ ސިޓީ ޑްރާފުޓް ކޮށްދިނީ ސްރީލަންކާގެ
ސޯޅިއެއް (ސިލޯނުގެ މުސްލިމެއް) ކަމަށްވާ ޢަބްދުއްރަޙުމާން ޢާލަމުއްޞާހިބު ކިޔާ
ވިޔަފާރިވެރިއެކެވެ. އެ ޑްރާފުޓްގައި ވެސް ރަދުން ސޮއެއް ނުކުރެއްވިއެވެ. އެހެން ނަމަވެސް
ރަސްކަމުގެ ބޮޑުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. ބޮޑު ވަޒީރު ކަކާގޭ
އަލްއަމީރު މުޙައްމަދު ރަންނަބަޑޭރި ކިލެގެފާނާއި ފަނޑިޔާރު ތަކުރުފާނު މަނިކުފާނު
ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) އާއި ދެންވެސް
ދައުލަތުގެ ބޮޑުންނާއި ހަވަރު ވެސް އެ ސިޓީގައި ސޮއިކުރުމަށް އެއްބަސް ނުވުމުން އިނގިރޭސީންނަށް
އެފަހަރު ޖެހުނީ ޑްރާފުޓް ހިފައިގެން އެނބުރި ސްރީލަންކާއަށް ދާށެވެ. އިނގިރޭސީންގެ
ހީމާޔަތަށް ދިވެހީން އެދިގެން ދިޔައީ ކަމަށް ބުނާ ބުނުންތަކަށް ދެވަނަ ރައްދަކަށް
މި ހާދިސާ ފުދެއެވެ.
ދެވަނަ
ފަހަރަށް އިނގިރޭސީން ރާއްޖެއައީ ކޮންމެ ގޮތަކުން ނަމަވެސް ރަދުންގެ ނަންފުޅުގައި
އެ މީހުން ބޭނުންވާގޮތަށް ސިޓީއެއް ހޯދުމަށް ނިންމައިގެންނެވެ. މިކަން
ހިނގާދިޔަގޮތް ވެސް އިނގިރޭސީންގެ ސިޓީއަކުން ފެންނަން އެބައޮތެވެ. އެކަމަކު
އެސިޓީ ވިދާޅުވާއިރު އެއީ އިނގިރޭސީން ލިޔެފައިވާ ސިޓީއެއްކަން ހަނދުމަފުޅު
ބަހައްޓަވަން ޖެހޭނެއެވެ. މި ދަންނަވާ ސިޓީއަކީ 1887 ޑިސެންބަރު 14 ވަނަ ދުވަހު ރާއްޖެއަށް
އައި އެޗްއެމްއެސް އަލްޖެރީންގައި ރާއްޖެއައި ސްރީލަންކާގައި ހުންނަ އިނގިރޭސި
ގަވަރުނަރުގެ އޭޑީސީ ލެފްޓިނަންޓް އަލްފްރެޑް ސީ. ކްރިސްޓޮފާ 22 ޑިސެންބަރު 1887
ގައި ގަވަރުނަރަށް ފޮނުވި ސިޓީއެކެވެ. މި ސިޓީއަކީ ރަދުންނާއި ރަސްކަމުގެ ބޮޑުން ދެނެވަޑައިނުގަންނަވާ
ބަހަކު ލިޔެގެން ގެނައި ސިޓީއެއްގައި ގަދަބާރުން ބިރު ދައްކައިގެން ސޮއިކުރުވައި އެ
ސިޓީ ހީރަސްކޮށް ގަވަރުނަރަށް ފޮނުވި ސިޓީއެވެ.
އެ
ސިޓީން އެނގޭގޮތުގައި އޭގެ ކުރިން އިނގިރޭސި އެޑްމިރަލް ސަރ އެފް. ރިޗަޑްސް
ރާއްޖެއަށް ވަޑައިގެންނެވިއެވެ. އެފަހަރު އިނގިރޭސިން ލިޔެގެން ގެނައި ސިޓީގެ
ޑްރާފުޓްގައި ރަސްގެފާނު ލައްވައި ސޮއި ނުކުރެވުނުކަން އެ ސިޓީން އެނގެއެވެ. ކްރިސްޓޮފާ
ލިޔުއްފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގެންނެވި ދުވަސްކަމުގައިވާ 1887
ޑިސެންބަރު 14 ވަނަ ދުވަހުގެ ހަވީރު އިނގިރޭސި ގަވަރުނަރުގެ ސިޓީފުޅު ރަދުންނަށް
ރައްދުކުރެއްވިއެވެ. އަދި އެ ސިޓީގެ ޖަވާބު ރަސްގެފާނު ދެއްވީ 17 ޑިސެންބަރު 1887
ގައެވެ. ކްރިސްޓޮފާ ލިޔުއްވާފައިވާގޮތުގައި ރަދުންނާއި ވަޒީރުންނަކީ ލިޔަންކިޔަން
ދަންނަބައެއް ނޫނެވެ. އެހެން ވިދާޅުވެފައި ކްރިސްޓޮފާ ލިޔުއްވަނީ ރަދުން ސިޓީ
ލިޔުއްވާފައި ވަނީ ކުރިއާ ޚިލާފަށް އިނގިރޭސި ބަހުން ކަމަށެވެ. ކުރިން ދިވެހި
ދައުލަތުން ސިޓީ ލިޔަމުން ގެންދިޔަ ފަދައިން ޢަރަބި ބަހުން ނޫން ކަމަށެވެ. ކިހާ
ހެއްވާތޯއެވެ. މި ވާހަކަފުޅު ދެކޮޅު ޖެހޭތޯއެވެ. ލިޔަންކިޔަން ނުދަންނަ ބަޔަކު އަދި
އަމުދުން އެ ބައި މީހުން ނުވެސް ދަންނަ ބަހަކުން ސިޓީއެއް ލިޔާނީ ކިހިނެއްތޯއެވެ؟
ޙަޤީޤަތަކީ
އިނގިރޭސީންގެ މަނަވަރު މާލެއާ ކައިރިކޮށް ބަޑިން ބިރުދެއްކުމެވެ. އިނގިރޭސީން
ދިން ސިޓީގައި ސޮއި ނުކުރައްވައިފިނަމަ މާލެ ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު
ޢަމަލާއި އިޝާރާތުން ދިނުމެވެ. ބައިނަލްއަޤްވާމީ ތާރީޚުގައި ގަންބޯޓް ޕޮލިސީ
ނުވަތަ ގަންބޯޓް ޑިޕްލޮމަސީ އަކީ އިނގިރޭސީންނަށް އާކަމެއްނޫނެވެ. އެއީ އަސްކަރީ ކަމެކެވެ.
އެ ހާލަތުގައި ވެސް އިނގިރޭސީންގެ އިންޒާރަށް ބޯ ލެނބުމުގެ ކުރިން ބޮޑުވަޒީރާއި
ފަނޑިޔާރު މަނިކުފާނުގެ އަރިހުން ލަފާ ހޯއްދެވިއެވެ. ބޮޑުވަޒީރު ކަކާގޭ މުޙައްމަދު
ރަންނަބަޑޭރި ކިލެގެފާނު ވިދާޅުވި ކަމަށް ވަނީ މަނިއްޕުޅާއި މަނިއްޕުޅުގެ ރަސްކަން
ވެސް ދެމި އޮންނާނީ ތިޔަ އެއްޗެއްގައި ސިއްކަފުޅު ޖައްސަވައިގެން ކަމަށެވެ. އިނގިރޭސީން
ގަދަކަމުން އެ މީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދަން ކުރި މަސައްކަތަށް
އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ފަނޑިޔާރު މަނިކުފާނު ފަޟީލަތުއްޝައިޚް މުޙައްމަދު
ޖަމާލުއްދީން (ނައިބު ތުއްތު) އެ ހާލަތުގައި ވެސް ދެއްވި ލަފާފުޅަކީ އެ ސިޓީގައި
ސޮއިކުރައްވަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެމަނިކުފާނުގެ ލަފާފުޅަކަށްވީ
ކާފަރުން ދައްކާ ބިރަކަށް ތިޔައެއްޗެއްގައި ސިއްކަފުޅު ޖެއްސެވުމަށްވުރެ
ކާފަރުންނާ ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވުން ވެސް މާރަނގޅުވާނެ
ކަމަށެވެ.
އިނގިރޭސީންގެ
އާރާއި ބާރާއި އަސްކަރީ ޤާބިލުކަމާ އިނގިރޭސީންގެ ބާރުގެ ދަށަށް ރާއްޖެ
ގެންދިއުމަށް ހިފާފައިތިބި ވަރުން އެހެން ގޮތެއް ނެތިގެން ރަދުން ނިންމެވީ އެ
ލިޔުމެއްގައި ސޮއި ކުރައްވާށެވެ. އޭގައި އޮތީ ކީކޭކަން އެނގިވަޑައި ނުގެންނެވިޔަސް
އެހެން ގޮތެއް ނެތްކަމަށް ރަދުން ނިންމެވީއެވެ. އެގޮތަށް ރަދުން ނިންމެވުމުން، ތިޔަފަދަ
އެއްޗެއްގައި ސިއްކަފުޅު ޖައްސަވާތަނެއްގައި ވެސް އިންނަވާކަށް ބޭނުންފުޅެއް ނޫނޭ
ވިދާޅުވެ އެ މަޖިލިސް ދޫކުރައްވައި ފަނޑިޔާރު މަނިކުފާނު ވަޑައިގެންނެވީއެވެ. މި ބާވަތުގެ
ގޮތްގޮތަށް މަޖުބޫރުކޮށްގެން ކުރުވާ ސޮއިގެ މައްޗަށް ކުރާ ކަންތައްތަކާއި ނިންމާ
ނިންމުންތަކުގެ ޞައްޙަކަން ސަލާމަތް ބުއްދިއަކަށް ނޯޅޭނެއެވެ. ކަންތައްތައް
ހިނގާދިޔަގޮތަށްބަލައި ރަސްގެފާނަށް އަދަބުވެރިކަމާއެކު ދައުވަތު އެރުވުމަށް
ފެނިވަޑައި ނުގަންނަވާކަމަށް ކްރިސްޓޮފާގެ ސިޓީގައި ލިޔުއްވާފައި އޮތުމުން އިނގިރޭސީން
ގެނައި ސިޓީގައި ސޮއިނުކުރައްވަން ރަދުން ކުރެއްވި ހިތްވަރުފުޅާއި ޢަމަލުކުރެއްވި ގޮތްކޮޅާމެދު
އިނގިރޭސީންގެ ނުރުހުން އޮތް މިންވަރު ދޭހަވެއެވެ.
އިނގިރޭސީން ގެނައި ސިޓީގައި
އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ކުޑަބަންޑާރައިން) ލައްވައި
ގަދަކަމުން ބިރު ދައްކައިގެން ސޮއިކުރުވި
ދުވަހަކީ 1887 ޑިސެންބަރު 16 ވަނަ ދުވަހެވެ. އެ ތާރީޚަކީ އިނގިރޭސިންގެ ހިމާޔަތަށް
ދިވެހިރާއްޖެއިން އެދުނު ތާރީޚު ކަމަށްބަލައި، އިނގިރޭސީން ދިވެހިރާއްޖެއަށް ހިމާޔަތްދިންނަށް
އެންގީ 1887 ޑިސެންބަރު 23 ގައި އިނގިރޭސި ގަވަރުނަރު ފޮނުވި ސިޓީފުޅެއް ގައެވެ. އާދޭހެވެ!
ދިވެހިރާއްޖޭގެ ރަސްގެފާނު އެދިވަޑައިގެންނެވި ގޮތުގެ މަތީންނޭ ވިދާޅުވެ އިނގިރޭސި
ރާނީ ކްއީން ވިކްޓޯރިއާގެ ނަންފުޅުގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ބާރުގެ
ބޭނުންކޮށްގެން ގެންދިޔައީއެވެ.
މި ދެ ސިޓީގެ
މައްޗަށް އިނގިރޭސީންގެ އަޅުވެތި ހިމާޔަތުގައި ދިވެހިރާއްޖެ 1948 އެޕްރީލް 24 ވަނަ
ދުވަހާ ހަމައަށް އޮތެވެ. އެ ދުވަހާ ހަމައަށް އެ ދެ ސިޓީގެ މައްޗަށް އޮތް
އެއްބަސްވުން އާކޮށް ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެގްރިމެންޓެއްގައި
ސޮއި ކުރެވުނެވެ. މާލޭގައި ސޮއިކުރެވުނު އެ އެއްބަސްވުމުގައި ރަދުންގެ ފަރާތުން
ސޮއިކުރެއްވީ އޭރު އޮތް ވަލީ ކޮމެޓީގެ ދެ މެންބަރުންކަމަށްވާ މުޙައްމަދު އަމީނާއި އިބްރާހީމް
ފާމުލަދޭރި ކިލެގެފާނެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި ރަސްކަލަކު ނެތި ތަޚުތު
ފަޅަށްހުރި ދުވަސްވަރެކެވެ. އޭރު ހުންނެވީ ތަޚުތަށް އިންތިޚާބު ކުރައްވާފައިހުންނެވި
ބޭފުޅެވެ. އަލްމުންތަޚަބު ލިއަރުޝިއްދައުލަތިލް މަހަލްދީބިއްޔާ ސުމުއްވުލްއަމީރު
ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ވަލީކޮމެޓީގެ ފަރާތުން ވެރިކަން
ހިންގެވަމުން ގެންދެވީ ވަޒީރުއްދާޚިލިއްޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން
ދޮށިމޭނާ ކިލެގެފާނެއެވެ.
އައްސުލްޠާން ޙަސަން
ނޫރައްދީން (2ވަނަ) ރަސްކަމުން އިސްތިޢުފާ ދެއްވުމާގުޅިގެންނެވެ. އެ ރަދުން ރަސްކަން
ކުރެއްވީ 1935 އިން 1943 އަށެވެ. ވަލީކޮމެޓީގެ މެންބަރެއްގެ ގޮތުގައި އެ މަނިކުފާނު
ހުންނެވިޔަސް އެ ރަސްމިއްޔާތަކަށް ވަޑައެއް ނުގަންނަވައެވެ. އަދި އެ ރަދުންނާއެކު ބޮޑުވަޒީރުކަމުން
އިސްތިޢުފާ ދެއްވި އަލްއަމީރު މުޙައްމަދު ފަރީދު ވެސް އެ ދަރުބާރަކަށް ވަޑައެއް
ނުގަންނަވައެވެ. 1947 އޮގަސްޓު 14 ވަނަ ދުވަހު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ
ޕާކިސްތާނު އުފެދުނެވެ. ޖެހިގެންއައި ދުވަހު 15 އޮގަސްޓު 1947 ގައި އިންޑިއާ
މިނިވަންކުރިއެވެ. ޖެހިގެން އައި އަހަރު، 1948 ފެބުރުވަރީ 04 ވަނަ ދުވަހު ސިލޯނު އިނގިރޭސީންގެ
އަތްދަށުން މިނިވަން ވިއެވެ. އެހެން ނަމަވެސް އެ އަހަރު، 1948 އެޕްރީލް 24 ވަނަ
ދުވަހު އިނގިރޭސީން އެއްބަސްވީ ދިވެހީންނަށް ދާޚިލީ މިނިވަންކަން ދިނުމަށެވެ. އިނގިރޭސީންގެ
ފަރާތުން އެ އެގްރިމެންޓްގައި ސޮއިކުރެއްވި ސްރީލަންކާގައި ހުންނެވި ސަފީރު ސަރ
ޑަބްލިޔު ހެންކިންސަން އިނގިރޭސި ރަސްގެފާނަށް 01 މޭ 1948 ގައި ފޮނުއްވި ސިއްރު
ސިޓީފުޅުގައި މި އެއްބަސްވުމުގެ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވި އޭރުގެ
ދާޚިލީ ވަޒީރު ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނަށް ކުރެއްވި
ތަޢުރީފު ނިންމަވާލައްވަމުން ލިޔުއްވާފައިވެއެވެ. "އެއްވެސް މީހަކަށް އަނެކާގެ
ހިތުގައި އޮންނަ އެއްޗެއް ނޭނގޭނެއެވެ. އެހެން ނަމަވެސް ފަހަރެއްގައި މި
ރަސްމިއްޔާތުގެ ކާމިޔާބީ އެ މަނިއްޕުޅު އެ ބައްލަވަނީ އެ މަނިއްޕުޅުގެ މަޤާމު
ދިފާޢު ކުރައްވައި ސިޔާސީ މުހުތާދެއް ހާސިލު ކުރެއްވުމަށް ކަމަށް ވެސް
ވެދާނެއެވެ."
ދިވެހިރާއްޖެއަށް ފުރިހަމަ
މިނިވަންކަން އިނގިރޭސީންގެ އަތްދަށުން ލިބުނީ 26 ޖުލައި 1965 ގައި ސްރީލަންކާގައި
ސޮއިކުރެވުނު އެގްރިމެންޓާ ގުޅިގެންނެވެ. އެ އެގްރިމެންޓްގައި ދިވެހިރާއްޖޭގެ
ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ޞާހިބުއްދައުލާ ސުމުއްވުލް އަމީރު
އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. އިނގިރޭސީންގެ ފަރާތުން
ސޮއިކުރެއްވީ ސްރިލަންކާގައި ހުންނެވި ސަފީރު ސަރ މައިކަލް ވޯކަރ އެވެ. (ނިމުނީ)
1 comment:
Casinos Near Hollywood Casino Bangor, MD - JTAH Hub
Casinos Near Hollywood Casino 세종특별자치 출장마사지 Bangor, MD · Golden Nugget. 고양 출장안마 The hotel's 경주 출장샵 571 guest rooms are spacious and 안동 출장마사지 have a flat-screen 안동 출장안마 TV. · Grand Bay Casino · Borgata Hotel.
Post a Comment