ޢަބްދުﷲ ސަޢީދު
ކުށްވެރިން ގިނަވެ ޖަލުތައް ފުރެނީއެވެ. މިކަމާ
އެންމެ ކަންބޮޑުވާ ބޭފުޅަކީ އެ ޤައުމުގެ ރަސްގެފާނެއެވެ. އެހެންކަމުން ކުށްވެރިން
އިސްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ވަރަށް ފެންވަރުގެ ޕްރޮގްރާމެއް
ރޭވި، ފެށިއްޖެއެވެ. ދިރާސާވެރިން އެކަމަށް އެތައް ވަގުތަކާއި ހަކަތައެއް
ހޭދަކުރިއެވެ. ސަރުކާރުން އެތައް ފައިސާއެއް ޚަރަދު ކުރިއެވެ. އަތްތެރި
މަސައްކަތަކާއި ތަފާތު ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދޭން ފެށިއްޖެއެވެ.
ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވޭނެ ގޮތްތައް ފަހިކުރިއެވެ. ޖަލުގެ
އިންތިޒާމުތައް ފުރިހަމަވެފައި ކެއިންބުއިމާއި ނިދުމުގެ ކަންތައްތައް ކުރިއަށްވުރެ
ކިތަންމެ ތަނެއް ރަނގަޅުކޮށްފިއެވެ. ޖަލުގައި ވަޒީފާ އަދާކޮށްގެންނާއި ތަކެތި
އުފައްދައި ވިއްކައިގެން ބައެއް ކުށްވެރިންނަށް މުސާރަ ވެސް ލިބެންފަށައިފިއެވެ.
އެކަމަކު ޖަލުން މިނިވަންވާ މީހުން އަނެއްކާ ވެސް
އެކިއެކި ކުށްކުށަށް އަރައިގަނެގެން ޖަލަށް ލާންޖެހެނީއެވެ. ވަޒީރަކު
އެއްދުވަހަކު ރަސްގެފާނުގެ އަރިހުގައި ދަންނަވައިފިއެވެ. "މިހެން މި ވަނީ
ޖަލުގެ ކަންތައްތައް މަނިއްޕުޅު މާ ރަނގަޅުކުރެއްވީމައެވެ." ރަސްގެފާނު
ވިދާޅުވިއެވެ. "ތިޔަކަން ވެސް އެނގޭނީ ދިރާސާއެއް ކޮށްގެން ބެލީމައެވެ."
އެ ދިރާސާއިން އެނގުނީ ޖަލުގެ އިންތިޒާމުތައް
ކިތަންމެ ރަނގަޅަސް އެއްވެސް މީހަކު ޖަލަށް ދާން ބޭނުންނުވާކަމާއި ޖަލުގައި ތިބި
މީހުންގެ ތެރެއިން އެކަކު ވެސް ޖަލުގައި އެންމެ ވަގުތުކޮޅަކު ވެސް ހުންނަން ބޭނުން
ނުވާ ކަމެވެ. މިހެން ކަން ހިނގަމުން ދަނިކޮށް އެއް ދުވަހަކު ކުއްލި ގޮތަކަށް
ރަސްގެފާނު އެ ޤައުމުގެ މައި ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ. ރަސްގެފާނު
ބޭނުންފުޅުވީ ހުރިހާ ކުށްވެރިންނާ ވަކިވަކިން ބައްދަލުކުރައްވާށެވެ. ފަހަރަކު
ކުށްވެރިއަކު ރަސްގެފާނުގެ އަރިހަށް ގެންނަވައި ސުވާލުކުރައްވައެވެ." ޖަލަށް
ލާފައި ތިޔަހުރީ ކޮންކުށެއް ކޮށްގެން ހެއްޔެވެ؟"
އެއްބަޔަކު ދަންނަވައެވެ. އަދަބު ލިބެމުން
މިދަނީ ނުޙައްޤުންނެވެ. އަނެއްބަޔަކު ދަންނަވައެވެ. ފުލުހުން ތަޙުޤީޤު
ގެންދިޔަގޮތް މުޅިން ގޯހެވެ. އަނެއް ބަޔަކު ދަންނަވައެވެ. ޝަރީޢަތަށް ފޮނުވި ގޮތް
ރަނގަޅެއް ނޫނެވެ. ދެންތިބި މީހުން ކުށްވެރިކުރަނީ ޙުކުމުކުރެއްވި
ފަނޑިޔާރުންނެވެ. ރަސްގެފާނު ބޯ ޖައްސަވަމުން އެ ވާހަކަތައް އަޑު އައްސަވަމުން
ގެންދެވިއެވެ. ކުށްވެރިންގެ ތެރެއިން އެކަކު ލަދުން އިސް ޖަހައިގެން ހުރެ
ދެންނެވިއެވެ. "ރަސްގެފާނެވެ. އަޅުގަނޑަކީ ވައްކަމެއް ކޮށްގެން ޖަލަށް ޙުކުމް
ކޮށްފައިވާ މީހަކީމެވެ. އަޅުގަނޑަކީ ވަގެކެވެ." ރަސްގެފާނު ބޯ
ޖައްސަވާލެއްވުމަށްފަހު އެހެން ކުށްވެރިއަކަށް އަރިހަށް އައުމަށް އިޝާރާތް
ކޮށްލެއްވިއެވެ. ހުރިހާ ކުށްވެރިންނާ ސުވާލުކުރެއްވުމަށް ފަހު ކުށްވެރިންގެ
ތެރެއިން ވައްކަންކޮށްގެން ޖަލަށް ލާފައިހުރި ވަގުކަލޭގެ ނެރުއްވައި އޭނާ މިނިވަން
ކުރުމަށް ޖަލު ބަލަހައްޓާ މީހުންނަށް އަމުރު ކުރެއްވިއެވެ. ޖަލު ބަލަހައްޓާ
މީހުންނާއި ކުށްވެރިން ވެސް ތިބީ ހައިރާން ވެފައެވެ. ކުށްވެރިން ދެންނެވިއެވެ. އެ
ކަލޭގެ ވައްކަންކުރިކަމަށް ރަސްގެފާނުގެ އަރިހުގައި އެއްބަސް ވީމާ ވެސް
ދޫކޮށްލައްވަނީތޯއެވެ. ރަސްގެފާނު ވިދާޅުވިއެވެ. "އެއްވެސް ކުށެއްނުކުރާ
މައުސޫމު ބައެއްގެ ތެރޭގައި ބޮޑު ވަގަކު ބަހައްޓާނީ ކިހިނަކުންހެއްޔެވެ.
އެހެންވީމާ އޭނާ މިނިވަންކުރީއެވެ."
ޖަލު ބަލަހައްޓާ އޮފިސަރުންނާ ދިމާއަށް
އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކުށްވެރިޔަކު އިސްލާހުވުމުގެ ފުރަތަމަ
އަލާމާތަކީ އޭނާއަށް ކުށެއް ކުރެވިއްޖެ ކަމަށް އިހުސާސްވެ، އެކަން
ގަބޫލުކުރެވުމެވެ. ތިޔަ ބޭފުޅުން ތިޔަކުރައްވާ މިންނަތް މަސައްކަތުގެ ނަތީޖާ
ނުފެނި ޖަލުން ސަލާމަތްވާ މީހުން އަނެއްކާ ވެސް ޖަލަށް އެ އަންނަނީ އެހެންވެއެވެ.
ތިޔަ ހިންގަވާ ޕްރޮގްރާމުތަކުން ހަގީގަތުގައި ބަދަލުވާންޖެހެނީ މީހުންގެ
ވިސްނުމާއި ފިކުރެވެ. ތަޢުލީމީ ފެންވަރާއި ހުނަރެއް ނޫނެވެ. މީހުން ކުށްކުރަނީ
ޢިލްމާއި ހުނަރު ނެތިގެންނެއް ނޫނެވެ. (ނިމުނީ)
No comments:
Post a Comment