Sunday, September 22, 2019

ޙަސަން ފަރީދު ފޮތްތައް ކަނޑުފެއްތި ދުވަސް


އަލްއަމީރު ޙަސަން ފަރީދު ދީދީ އާއި ޙަސަން ފަރީދުގެ ބައްޕާފުޅު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އަދި ޙަސަން ފަރީދުގެ ބޭބޭފުޅު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ (ފަހުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް)


ޢަބްދުﷲ ސަޢީދު


ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ރަސްކަމުން ޢަޒުލް ކުރެވި، ރަސްކަމުގެ ތަޚުތުހުރީ ފަޅަރަށެވެ. ރަސްގެފާނަށްފަހު ނުވަތަ ރަސްގެފާނަށްވުރެ ވެސް ބޮޑަށް އާންމު ރައްޔިތުންގެ މެދުގައި މަޤުބޫލު ބޭފުޅަކީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ. އާންމު މީހުންގެ ދޫމަތީގައި "މާތް ވެރިޔާ" އެެވެ. އެހެންނަމަވެސް އެ ކިލެގެފާނުގެ ބާރު ވެސް މި ދަންނަވާ ދުވަސްވަރު ދިވެހި ދައުލަތުގެ މައްޗަކަށް ނެތެވެ. ދައުލަތުގެ ހުރިހާ ބާރެއް އޮތީ އެ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދުގެ މުށުތެރޭގައެވެ. ދަރިކަލުންގެ ރޭވުންތެރިކަން، ސިޔާސީ ޙިކުމަތްތެރި ބައްޕާފުޅު ބަލި ކުރެއްވީއެވެ.  އެއީ ހިޖުރައިން 1359 ވަނަ އަހަރެވެ. މީލާދުން ގުނެނީ 1940 ވަނަ އަހަރެވެ.



ފޮތްތައް ކަނޑުފެއްތި ދުވަހުގެ ވާހަކައަށް ދިއުމުގެ ކުރިން އަލްއަމީރު ޙަސަން ފަރީދު ދީދީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހުއްޓުމަކަށް ގެނައި ގޮތަށް ބަލައިލާން ޖެހެއެވެ. ދައުލަތުގެ ބާރުތައް އެ މަނިކުފާނުގެ މުށުތެރެއަށް ލެއްވުމާއެކު ފެއްޓެވި އެއް މަސައްކަތްޕުޅަކީ ތަޢުލީމީ ނިޒާމުގެ ވާގި ނެތިކޮށްލެއްވުމެވެ. އޭރު މަދަރުސަތުއް ސަނިއްޔާގެ އަންހެން ގޮތްޕަކާއި ފިރިހެން ގޮއްޕެއް ދިޔައީ ހިނގަމުންނެވެ. އޭރު އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ކިޔަވައިދެމުން ގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުރަތަމަ ޙަސަން ފަރީދު ކުރެއްވި ކަމަކީ އަންހެން ކުދިންނަށް ފިރިހެނުން ކިޔަވައިދިނުން މަނާ ކުރެއްވުމެވެ. އެކަން ކުރެއްވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށެވެ. ވަގުތުން އަންހެން ކުދިންނަށް ކިޔެވެން އޮތް ދޮރު ބަންދުވީއެވެ. އަންހެން ގޮފި ހުއްޓުނުތާ ތިން އަހަރެއްހާ ދުވަސް ވީތަނާ ފިރިހެން ގޮފީގެ ކިޔެވުން ވެސް ހުއްޓިއްޖެއެވެ. ފިރިހެން ގޮފީގެ ކިޔެވުން ހުއްޓުނީ ކިޔަވައި ދިނުމަކީ ޙަސަން ފަރީދު ދީދީ ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫންކަން ކިޔަވައިދޭން ތިބި މީހުންނަށް ވިސްނައިދީގެންނެވެ. ޙަސަން ފަރީދު ނުރުއްސަވާ ކަމަކަށް ވާތީ ކިޔަވައިދޭން ތިބި މީހުން ސްކޫލާ ފެޔަށްދާން ފެށީއެވެ. ސްކޫލްގެ ކިޔަވައިދިނުން ދޯހަޅި ވީމާ ދަރިވަރުން ކިޔަަވަން ނުދާންފެށީއެވެ.

ދެން ކުރެއްވި ކަމަކީ ޕޯސްޓުން ގެންނަ ނޫސް މަޖައްލާތަކާއި ފޮތްފަދަ ތަކެތި ދޫކުރުން ހުއްޓުވުމެވެ. އެފަދަ ތަކެތި ޕޯސްޓުން ގެންނަވާ ބޭފުޅުންގެ ތެރެއިން ދޫކުރައްވަނީ އެންމެ ތިން ބޭފުޅަކަށެވެ. އެއީ ޙުސައިން ޞަލާޙުއްދީނާއި، ޝައިޚް އިބްރާހީމް ރުޝްދީއާއި، އިބްރާހީމް ޙިލްމީ ދީދީއެވެ. އެހެން ބޭފުޅުންގެ ފޮތްތައް ބަހައްޓަވަނީއެވެ. މި ވަރުން އަދި ނިމުނީއެއް ނޫނެވެ. ރަށުތެރޭގައި މީހުން ކިޔަވައިދޭތޯ މާލޭގެ ހަތަރުއަވަށު ވެރިން ގޭގެއަށް ވަދެ ސިއްރިޔާތުގައި ބަލަން ވެސް ފެށީއެވެ.  ދެން ކުރައްވަން ފެށްޓެވި ކަމަކީ މީހުންގެ އަތުގައި ހުރި ފޮތްތައް އަތުލެއްވުމެވެ. ބައެއް ބޭފުޅުން ބުޅާ ވިހާފައި ދަރިން ހަތްހާޔަށް ލާހެން، ގެންގުޅުނު ފޮތްކޮޅު އެއްގެއިން އަނެއްގެއަށް ލައި ފޮރުވާ އުޅުނެވެ. ޕޯސްޓުން އައިތަނުން ހިފަހައްޓާފައިހުރި ފޮތްތަކާއި އެކިއެކި މީސް މީހުންގެ ގޭގެއިން އަތުލައިފައި ހުރި ފޮތްތައް ކަނޑުފެއްތީއެވެ. ގޯނިގޯންޏަށް އަޅައި ތުންބަދެފައި ދަގަނޑު ބަރު ބަނދެފައެވެ. ޖައްރާފާ ދޯނީގައި ނިކުމެ މާލެ އަތޮޅު ފުނަދޫއާއި މާލެއާ ދެމެދު ކަނޑަށެވެ. އެއީ ހިޖުރައިން 22 ރަބީޢުލްއާޚިރު 1359 އެވެ. މީލާދީން 30 މޭ 1940 އެވެ.

ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ޙަސަން ފަރީދު ދީދީގެ އަތްޕުޅުގައި އޮވެގެން މިކަން މިހެން ކުރެއްވިޔަސް ބައެއް ބޭފުޅުން ވިދާޅުވަނީ ކިޔަވައިދނުން ހުއްޓުވީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ކަމަށެވެ. އަލްމަރުޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބު ވިދާޅުވެފައިވަނީ ކިޔަވައިދިނުން ހުއްޓުވާލުމަށް ޙަސަން ފަރީދަށް ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ފޮނުއްވި ސިޓީފުޅެއް އެ މަނިކުފާނު ދެކެވަޑައިގެންނެވި ކަމަށެވެ.

ކޮންމެ އަކަސް ކިޔަވައިދިނުން ހުއްޓުވައި ކިޔަވައިދިނުން މަނާ ކުރެއްވީއެވެ. މަދަރުސަތުލް ސަނިއްޔާގެ ފިރިހެން ގޮފީގެ ކިޔެވުން ހުއްޓި އެ ސްކޫލުގައި ތަޅު އެޅުވި ދުވަހު ސްކޫލަށް ދިޔައީ އެންމެ ދަރިވަރެކެވެ. އެއީ ވަޅޯމަސް ތުއްތީދީގެ ދޮންމަނިކެވެ. ދައުލަތުގެ ފަރާތުން ކުރަން ބޭނުންނުވާ ކަމެއް ރައްޔިތުންގެ މެދުން ފޫހިކޮށްލެވޭނީ މިހާވަރަށެވެ. ފޮތްތައް ކަނޑުފެއްތި އިރު ވެސް އެކަންތައްތަކާ ނުރުހޭ ބަޔަކު ވެސް ތިއްބެވެ. "ޙަސަން ފަރީދު މިއަދު މި ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް. ޙަސަން ފަރީދަށް ވެސް މިފަދަ ހާލުކޮޅެއް ޖެހިވަޑައިގަތުމަކީ ދުރުގައި އޮތް ކަމެއްނޫން" ކަމަށް ބޭފުޅަކަށް ވިދާޅުވެވުނެވެ. ސިޔާސީ ގޮތުން ބާރުގަދަ ޙަސަން ފަރީދުގެ ދުނިޔޭގެ ހަޔާތް ނިމިގެންދިޔައީ ފަޟީލަތުއްޝައިޚް ޢަބްދުﷲ ފަހުމީ ދީދީ ވިދާޅުވި ގޮތާ ދާދި އެއްގޮތަކަށެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...