އިސްތިޤުލާލު މި ލަފުޒަކީ ޢަރަބި ބަހުގައި "އިސްތަޤައްލަ" މި ކަލިމައިގެ މަސްދަރެވެ. ލަފުޒީ މާނައަކީ ނުފޫޒެއް ނެތި ގޮތް ނިންމުމާއި ނިންމި ގޮތެއް ތަންފިޒުކުރުމުގެ ބާރު ލިބިގެން ވުމެވެ. ސިޔާސީ ގޮތުން އިސްތިޤްލާލުވުމަކީ ބޭރުގެ ބާރެއްގެ އެންމެހައި ނުފޫޒުތަކުން މިނިވަންވުމެވެ. "އިސްތިޤްލާލު ބިއްސިޔާސަތި" ގެ އިތުރުން، "އަލް އިސްތިޤްލާލު ބިއްރައުޔި" (ރައުޔުގައި އިސްތިޤުލާލުވުން) އަދި "އިސްތިޤްލާލު ބިލްޤަޟާއި" (ފަނޑިޔާރުކަމުގައި އިސްތިޤުލާލުވުން) ފަދަ މަފްހޫމްތައް ޢަރަބި ބަހުގައި ހުރެއެވެ. މި ލިޔުމުގައި ބަލާލާނީ ސިޔާސީ ގޮތުން އިސްތިޤުލާލުކަން ޤައުމަކަށް ލިބިފައި އޮތުމުގެ މައްޗަށެވެ.
ދިވެހިން ވާހަކަ ދައްކާއިރު މިނިވަންކަމާއި ސިޔާދަތާ މި ދެ ލަފުޒާއެކު ވަރަށް ގިނަ ހާލަތްތަކުގައި "އިސްތިޤުލާލު" މި ލަފުޒު ބޭނުންކުރެއެވެ. އެހެންނަމަވެސް މިހާތަނަށް މި ލަފުޒު ދިވެހި ބަސްފޮތުގައި (ދިވެހި ރަދީފުގައި) ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް މިނިވަންކަމާއި ސިޔާދަތުގެ މާނަ ބަސްފޮތުން ފެނެއެވެ. ދިވެހި ބަސްފޮތުގައި މިނިވަންކަމުގައި ތިން މާނައެއް އޮވެއެވެ. އެއީ އަޅުވެތިކަމެއް ނެތްކަމާއި އަމިއްލަކަމާއި މިނިވަން މި ތިން މާނައެވެ. މިނިވަން މި ލަފުޒުގެ މާނަތަކުގެ ތެރޭގައި އަޅުވެތިކަމެއްނެތް، ހުހަށްހުރި، ބަންދެންނެތް، ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވާ، މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތް މި ލަފުޒުތައް ހިމެނެއެވެ.
ސިޔާދަތުގެ ފަސް މާނައެއް ދިވެހި ބަސްފޮތުގައި އޮވެއެވެ. އެއީ މާތްކަމާއި، ވެރިކަމާއި، ރަސްކަމާއި، ސަރުކާރާއި، ޤައުމެއްގެ މިނިވަންކަމެވެ. ދިވެހި ބަސްފޮތުގައިވާ މިނިވަންކަމާއި ސިޔާދަތުގެ މާނަތަކަށް ފުންކޮށް ވިސްނައިފިނަމަ އިސްތިޤުލާލުގެ މާނަ އެ ދެ ލަފުޒުން ދޭހަ ވެސް ވެއެވެ. އަދި ދެ ލަފުޒުގެ މާނަތަކުން ވަރަށް ބޮޑު "ތިމާގެ" ކަމެއް ފާހަގަ ކުރެވެއެވެ. އިނގިރޭސި ބަހަށް ބަލާއިރު ދިވެހި ބަހުގައި ބޭނުންކުރާ މިނިވަންކަމާއި އިސްތިޤުލާލަށް ބޭނުންކުރެވޭ ލަފުޒަކީ އިންޑިޕެންޑެންސް (Independence) އެވެ. ސިޔާދަތަކީ ސޮވެރެންޓީ (Sovereignty)އެވެ.
"މިނިވަންކަން"، "ސިޔާދަތު" އަދި "އިސްތިޤުލާލު"
މި ތިން ލަފުޒު ދިވެހީން ވާހަކަދައްކާއިރު ބޭނުންކުރާތީ މިއީ ދިވެހި ބަހުގައި
ވަކިވަކި މާނަތަކެއްގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެއީ
މާނައިގެ ގޮތުން ކިތަންމެ އެއްގޮތްކަމެއް ހުއްޓަސް މެއެވެ. އިސްތިޤުލާލުގެ މާނައަކީ
ކޮބައިތޯ ސުވާލު ކުރެވިއްޖެނަމަ އޭގެ އަވަސް ޖަވާބަކަށް ވާނީ އެއީ މިނިވަންކަން
ކަމުގައެވެ. އެހެންނަމަވެސް މިނިވަންކަން ކަށަވަރުވެ ފުރިހަމަ ވަނީ އިސްތިޤުލާލު
އޮވެގެންކަން ވިސްނައިގަތުމުން މިނިވަންކަމާއި އިސްތިޤުލާލުން ފަރަގެއް ފާހަގަ
ވެއެވެ. އިސްތިޤުލާލެއް ނެތް ޤައުމެއްގައި ޙަޤީޤީ މިނިވަންކަމެއް ނޯންނާނެއެވެ. ސިޔާދަތީ
ބާރު ނެތް ޤައުމެއްގައި ވެސް ޙަޤީޤީ މިނިވަންކަން ނޯންނަ ފަދައިންނެވެ.
ޤައުމެއްނެތި ދައުލަތެއް ނޯންނާނެއެވެ. ސިޔާދަތަކީ ދައުލަތުގެ
ހުންނަންޖެހޭ އަސާސީ ސިފައެކެވެ. ސިޔާދަތު ގެއްލިއްޖެނަމަ ދައުލަތެއްގެ ސިފަ
ގެއްލިދާނެއެވެ. ހަމަ މިފަދައިން އިސްތިޤުލާލު ގެއްލިއްޖެނަމަ ޤައުމެއް އަދި އެ
ދައުލަތެއްގެ ސިފަތަކަށް ވެސް އުނިކަން ނުވަތަ ގެއްލުން ލިބިދާނެއެވެ. އެ ޤައުމެއްގެ
ރައްޔިތުންނަށް އެ ޤައުމެއްގެ ސަރަޙައްދަށް ބާރު ނުހިނގުމަށް އެހެން ބަޔަކު
ހުރަސްއަޅާނަމަ އެއީ އެ ބައެއްގެ އިސްތިޤުލާލު ނެތީއެވެ. ޤައުމެއްގެ ރައްޔިތުންނަށް
އިޙްތިރާމު ނުކޮށް ބޭރުގެ ފަރާތަކުން އެބަޔަކު ބޭނުންވާހާ ގޮތަކަށް އެ
ސަރަޙައްދެއްގައި ޢަމަލުކުރާނަމަ އެއީ ވެސް އިސްތިޤުލާލު ނެތީއެވެ. އެ ޤައުމެއްގެ
ރައްޔިތުން އެދޭގޮތަށް އެ ޤައުމެއްގައި އެ ރައްޔިތަކަށް މިނިވަންކަމާއެކު ބަސްބުނެ
ޢަމަލުކުރުމުގެ ފުރުސަތު ނެތްނަމަ، އެ ޤައުމެއްގެ ރައްޔިތުންގެ އިސްތިޤުލާލަށް
އެވަނީ އުނިކަން ލިބިފައެވެ. ނުވަތަ ގެއްލިފައެވެ. ބޭރުގެ ނުފޫޒެއްނެތި ގޮތް
ނިންމުމުގެ ބާރު އޮތުމަކީ އިސްތިޤުލާލު އޮތުމެވެ. އެ ބާރު ތަންފީޒުކުރުމުގެ ބާރު
އޮތުމަކީ ސިޔާދަތީ ބާރު އޮތުމެވެ.
މިނިވަންކަން ނެތް
ނަމަ އިސްތިޤުލާލެއް އަދި ސިޔާދަތެއް ވެސް ނޯންނާނެއެވެ. މިނިވަންކަމަށްވުރެ ކުރިން
ގެއްލިގެން ދާނީ އެބައެއްގެ ސިޔާދަތާއި އިސްތިޤުލާލެވެ. މި ޒަމާނަކީ އެއް ޤައުމުން
އަނެއް ޤައުމު އަޅުވެތިކޮށް ހިފައި ހަދާ ޒަމާނެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ
ފިކުރީގޮތުންނާއި ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުންނާއި ސަލާމަތީގޮތުން
ބަރޯސާވާން މަޖުބޫރުކުރާ ތަނެވެ. އެ އަޅުވެތި ހާލަތަށް ނުދިއުމަށް ޓަކައި ޤައުމުގެ
އިސްތިޤުލާލު ދަމަހައްޓަން ޖެހެއެވެ. ޤައުމުގެ މަޞްލަޙަތުތައް ހިމާޔަތްކުރަން
ޖެހެއެވެ.
No comments:
Post a Comment