ޢަބްދުﷲ ސަޢީދު
ބަސްތޫރައަކީ ދިވެހި ބަހަށް އަލަށް ތަޢާރަފުކުރެވޭ ދިވެހި ލަފުޒުތައް އާންމުކުރުމަށް ދިވެހިބަހުގެ އެކަޑަމީން ބޭނުންކުރާ ތޫރައަށް ދީފައިވާ ނަމެވެ. ތޫރައަކީ އިނގިރޭސިބަހުގެ "ބުލެޓިން" މި ލަފުޒުގެ ދިވެހި ލަފުޒެވެ. ބަސްތޫރައިން އާންމުކޮށް ފެންނަނީ ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅުއްވާފައިވާ ދިވެހި ލަފުޒުތަކެވެ. ބަސްތޫރައާއެކު އައު ދިވެހި ލަފުޒުތައް ތަޢާރަފުވާން ފެށުމާއެކު ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ގެންދެއެވެ. މިވެނި އެވެނި ލަފުޒެއް އުފެދިގެން މިއައީ ކިހިނެއްހެއްޔެވެ؟
ބަސްވާރެއް ކަމަށްވާ އެޑްވަރޑް ފިނެގަން (2012) ވިދާޅުވާ ގޮތުގައި ބަހެއްގެ ތެރެއަށް ލަފުޒުތައް އިތުރުކުރެވޭ އަސާސީ ތިން ޕްރިންސިޕަލެއްވެއެވެ. އެހެން ބައެއް ބަސްވާރުންނާ ހަވާލާދެއްވާ ފަތުޙުﷲ އަޙްމަދު ރަޝީދު (2011) ވިދާޅުވާގޮތުގައި ބަސްކޮށާރަށް ލަފުޒު އިތުރުކުރެވޭ 10 ގޮތެއް ވެއެވެ. ބަސްކޮށާރަށް ލަފުޒު އިތުރުކުރެވޭ މައިގަނޑު ގޮތްތަކީ މުޅިން އާ ލަފުޒެއް އުފެއްދުމާއި، އެހެން ބަހަކުން ލަފުޒެއް ގެނައުން ނުވަތަ ބްރޯ ކުރުމާއި، ތަރުޖަމާކޮށްގެން ލަފުޒެއް އުފެއްދުމެވެ. ދެންހުރީ މިގޮތަށް މިކަންކުރާއިރު އަމިއްލަވަންތަކަން ލަފުޒަށް ގެނައުމަށް ކުރާ ކަންތަކެއް ނުވަތަ ލަފުޒު އުފައްދާ ގޮތްތަކެކެވެ. އޭގެތެރޭގައި ޑެރިވޭޝަން (ލަފުޒު ފޮރޮޅުން)، ކޮމްޕައުންޑް (ދެ ލަފުޒެއް ގުޅުވުން)، ޝޯޓްނިންގ (ކުރުކޮށްލުން)، ބްލެންޑްސް (އެކި ލަފުޒުތަކުން ބައިތައް ނަގައިގެން ލަފުޒެއް އުފެއްދުން)، ސެމެންޓިކް ޝިފްޓް ނުވަތަ މެޓަފޮފިކަލް އެކްސްޓެންޝަން، ފަންކްޝަނަލް ޝިފްޓް ނުވަތަ ކޮންވަރޝަން ހިމެނެއެވެ.
އެހެން ބަސްބަހުން ގެނެސްފައިވާ (ބޮރޯވިން) ލަފުޒުތަކުގެ ތެރެއިން އެއް ލަފުޒަކީ އިންސްޓްރެކްޓަރ (Instructor) އަށް ބްރޯ ކޮށްފައިވާ ޢަރަބި އަދި އުރުދޫ ލަފުޒެއް ކަމުގައިވާ މުރުޝިދު (مرشد) އެވެ. ހަމަ މިގޮތަށް އިނގިރޭސި ލަފުޒެއް ކަމުގައިވާ އޮންލައިން (Online) ވަނީ ދިވެހި ލަފުޒެއްގެ ގޮތުގައި އެއްވެސް ބަދަލެއް ނުގެނެސް ބަލައިގެންފައެވެ. ތަރުޖަމާކޮށްގެން އުފައްދާފައިވާ ލަފުޒުތަކަށް ބަލާއިރު ގްރައުންޑް ފްލޯ (Ground floor) އަށް ހަދާފައިވާ ދިވެހި ލަފުޒު "ތިރީބުރި" މިސާލަކަށް ފުދެއެވެ. އިނގިރޭސިބަހުގެ ލަފުޒެއް ކަމަށްވާ ނަން ފްލެކްސިބަލް (Non flexible) އަށް ހަދާފައިވާ ދިވެހި ލަފުޒު ނުފަހެލި (ނު + ފަހެލި) އަކީ ޑެރިވޭޝަނެކެވެ. އިމަރޖެންސީ (Emergency) އަށް ދިވެހި ބަހުން ހަދާފައިވާ ކުއްލިޙާލަތު (ކުއްލި + ޙާލަތު) މި ލަފުޒަކީ ކޮމްޕައުންޑު ކޮށްގެން (ދެ ލަފުޒެއް ގުޅުވައިގެން) އުފައްދާފައިވާ ލަފުޒެކެވެ. ސްނެކް (Snack) އަށް ހަދާފައިވާ "ލުއިކާ" އަކީ "ލުއިކާނާ" ކުރުކޮށްގެން (ކްލިޕްކޮށްގެން) ހަދާފައިވާ ލަފުޒެކެވެ. ބްލެންޑިންގައި ލަފުޒު އުފައްދަނީ ލަފުޒު އުފައްދަން ބޭނުންކުރާ ލަފުޒުތަކުން ބައިބައި ނަގައި ގުޅުވައިގެންނެވެ. އިންޓާން (Intern) އަށް ދިވެހި ބަހުން ހަދާފައިވާ "ދަސްވާރު" މިއީ އޭގެ މިސާލެކެވެ. ދަސްވާރު މި ލަފުޒުގައި ހިމެނީ "ދަސްވުން" މި ލަފުޒުގެ ކުރީބަޔާއި، "އަސްވާރު"، "ބަސްވާރު" ފަދަ ލަފުޒުތަކުގެ ފަހަތުބައެވެ.
ފަންކްޝަނަލް ޝިފްޓް ނުވަތަ ކޮންވާޝަން އަކީ ބަހުގައި ހިމެނޭ ލަފުޒެއް އެ ލަފުޒެއް ހިމެނޭ ލެކްސިކަލް ބައިން އެހެންބަޔަކަށް ބަދަލުކޮށްގެން މުޅިން އައު ލަފުޒެއް އުފެއްދުމެވެ. މިގޮތަށް ބަދަލުކުރުމުން އަލަށް އުފެދޭ ލަފުޒު ކިޔާގޮތަށް ބަދަލު ނައި ނަމަވެސް ލަފުޒު ނިސްބަތްވާ ބަހުގެ މައިގަނޑު ބަޔާއި މާނައަށް ބަދަލު އާދެއެވެ. ސެމޭންޓިކް ޝިފްޓަކީ ވަކި މާނައެއްގައި ބުނާ ލަފުޒެއް އެހެން ކަމަކަށް ނުވަތަ އެހެން މާނައެއްގައި ބުނުމެވެ. ކައުންސެލިންގ (Counselling) ގެ ދިވެހި ލަފުޒަކަށް ހަދާފައިވާ "ވަސޭހަތް" މިއީ އޭގެ މިސާލެކެވެ. ދިވެހި ބޯދާބަސް ނުވަތަ އިހުގެ ދިވެހި ލަފުޒުތަކުގެ ތެރޭގައި ހިމެނޭ ވަސޭހަތް ކުރިން ބޭނުންކުރަމުން އައީ ނަސޭހަތާ ގުޅުވައިގެންނެވެ. އެހެންނަމަވެސް މިހާރު މިވަނީ އެހެން މާނައެއްގައި ކުރީގެ ލަފުޒެއް ބޭނުންކުރަން ފަށާފައެވެ.
ކުރުކޮށްލުން ނުވަތަ ޝޯޓްނިންގެ ތެރޭގައި އެކްރޮނިމް އާއި، އެބްރިވިއޭޝަން އާއި، ކްލިޕިންގ ހިމެނެއެވެ. އެކްރޮނިމަކީ ލަފުޒުތަކެއް ފެށޭ އަކުރުތައް ބޭނުންކޮށްގެން ހަދާ ލަފުޒެވެ. އިނގިރޭސިބަހުގެ އެޑްވެންޗަރ (Adventure) އަށް ދިވެހި ބަހުން ހަދާފައިވާ "އާހިތަ" މި ލަފުޒަކީ "އާދަޔާ + ޚިލާފު + ތަޖުރިބާ" މި ތިން ލަފުޒުގެ ފެށެންއޮތް ތިން އަކުރާއި އެ ތިން އަކުރުގެ ފިލި ބޭނުންކޮށްގެން ހަދާފައިވާ ލަފުޒެކެވެ.
އެބްރިވިއޭޝަނަކީ ވަކި ނަމެއްގައި ހިމެނޭ ލަފުޒުތަކަކުން ކޮންމެ ލަފުޒެއްގެ ފެށޭއަކުރު ނަގައި އެ އަކުރުތަކުން ލަފުޒެއް ނުހަދައި އަކުރު ބޭނުންކުރުމެވެ. "އެމްއެންޑީއެފް" މިއީ އޭގެ މިސާލެކެވެ. ކްލިޕިންގ އަކީ ލަފުޒުގެ މާނަ ބަދަލުނުކޮށް ލަފުޒުން ބައެއް މަދުކޮށްގެން ނުވަތަ ދޫކޮށްލައިގެން ލަފުޒެއް އުފެއްދުމެވެ. އިނގިރޭސިބަހުގެ ރެސްޕޮންސް (Response) އަށް ހަދާފައިވާ އިޖާބަ މި ލަފުޒު އުފައްދާފައި މިވަނީ އިޖާބަދިނުން ލި ލަފުޒުން ބައެއް އުނިކޮށްގެންނެވެ.
ރިފަރެންސް:
އެޑްވަޑް ފިނެގަން. (2012). ލެންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. (6 ވަނަ އެޑިޝަން). ޔޫ.އެސް.އޭ: ވަރޑްސްވަރތް ސެންގޭޖް ލަރނިންގ.
ފަތުޙުﷲ އަޙްމަދު ރަޝީދު. (2011). ބަސް ތަރައްޤީ ކުރުމަށް ލަފުޒު އިތުރު ކުރާނެ ގޮތްތައް. ފަތްތޫރަ. 2016 (381).
ރިފަރެންސް:
އެޑްވަޑް ފިނެގަން. (2012). ލެންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. (6 ވަނަ އެޑިޝަން). ޔޫ.އެސް.އޭ: ވަރޑްސްވަރތް ސެންގޭޖް ލަރނިންގ.
ފަތުޙުﷲ އަޙްމަދު ރަޝީދު. (2011). ބަސް ތަރައްޤީ ކުރުމަށް ލަފުޒު އިތުރު ކުރާނެ ގޮތްތައް. ފަތްތޫރަ. 2016 (381).
No comments:
Post a Comment