Sunday, July 26, 2015

މިނިވަންކަން






ޢަބްދުﷲ ސަޢީދު 
މިނިވަންކަމަކީ ބަހުގެ ގޮތުންބަލާއިރު އަޅުވެރިކަމެއް އަދި ބަންދެން ނެތުމެވެ. ހުހަށް ހުރުމާއި، އަމިއްލަކަމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތުމަކީވެސް މިނިވަންކަމެވެ. މިނިވަންކަމަކީ އިންސާނުންނާއި ހުރިހާ ދިރޭ އެއްޗެއްގެ ކިބައިގައިވެސް ލައްވާފައިވާ ޠަބީއީ ސިފައެކެވެ. ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ މިނިވަންކަމުގައި ހަމަހަމަ ޙައްޤުތަކާއެކު ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. އެހެންވީއިރު އިންސާނުން އެކަކު އަނެކަކަށް އަޅުވެތިކޮށް، އަނިޔާވެރިވުމެއް ނުވެއެވެ. 

މިނިވަންކަމަކީ އަސާސީ ޙައްޤެކެވެ. އެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބެންޖެހެއެވެ. އެކަން އޮޅުވާލައި އެކަމާ ޚިލާފުވަނީވެސް ހަމަ އިންސާނާއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވެ އަޅުވެތި ކުރަނީ އިންސާނުންނެވެ. އަޅުވެތިކަމަކީ ދުރުޒަމާނުންސުރެ އައިސްފައިވާ ޖާހިލު ފިކުރެކެވެ.  އިސްތިޢުމާރީ ހަރަކާތުގައި އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވެ، އަޅުވެތިކޮށް، ބާޒާރުތަކުގައި އިންސާނުން ގަނެވިއްކާ އަޅުންގެ ވިޔަފާރިކޮށް ހަދާފައިވެއެވެ. ނަސްލީ ތަފާތުތަކާއި ސަޤާފީ ތަފާތުތަކާއި ދީނީ ތަފާތުތައް ޤަބޫލުކުރުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބައެއްގެ ފިކުރުގެ މައްޗަށް ގަދަވެގަނެ އެބައެއްގެ ގޮތް ފެތުރުމަށް މަސައްކަތް ކުރެއެވެ. ކުރީ ޒަމާނުގައި މި މަސައްކަތްކުރީ ކަނޑިއާއި ބަޑިންކުރި ހަނގުރާމަތަކެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެ ހަނގުރާމަ ކުރެވެމުންދާތީ ފެންނަނީ ފިކުރީ ގޮތުންނެވެ.
މިނިވަންކަމަކީ އަސާސީ ޙައްޤަކަށްވިޔަސް، އެ ޙައްޤާއެކު ޒިންމާއެއް ވެއެވެ. އެ ޒިންމާއަކީ އެމީހެއްގެ ފަރުދީ ޙައްޤުތަކާއި އަދި އެހެން މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. މިނިވަންކަމަކީ އެއްވެސް ހައްދެއްނެތް، އިމެއްނެތް ޙައްޤެއް ނޫނެވެ. އެކަމަކު އެއީ ކަނޑައެޅިފައިވާ ވަކި މިންގަނޑެއްގެ މައްޗަށް ބިނާވެފައިވާ މާނަފުން ޝުޢޫރެކެވެ. މިނިވަންކަން މާނަކޮށް ބަޔާންކޮށްދޭ އެކައްޗަކީ މިނިވަން ކަމުގެ ރަމްޒު ކަމުގައިވާ ޤައުމީ ދިދައެވެ. އެދިދަ މިނިވަންކަމާއެކު ވިހުރެނީ ދިދައިގެ ހަތަރު ފަރާތުންކުރެ އެއްފަރާތް ދިދަ ދަނޑީގައި ހިފެހެއްޓުމާއެކުގައެވެ. މިނިވަންކަމުގެ ހައްދު ކަނޑައެޅެނީ އަނެކާގެ މިނިވަންކަމާ ހަމައިންނެވެ. އަނެކާގެ މިނިވަންކަން ފެށޭ ހިސާބުން އެމީހެއްގެ މިނިވަންކަން ނިމެން ޖެހެއެވެ. އެއްވެސް މީހެއްގެ ޢަމަލަކުން ނުވަތަ ބަހަކުންވިޔަސް އަދި އިޝާރާތަކުންވިޔަސް މި މިންގަނޑުން ބޭރުވެގެން ނުވާނެއެވެ.
ޙަޤީޤީ މިނިވަންކަމަކީ އިންސާނާ އެކަކު އަނެކަކަށް ވަޅުވެތިނުވެ، ހެއްދެވި ފަރާތަށް އަޅުވެތިވުމެވެ. ޝައިޠާނީ ވަސްވާސްތަކަށް ހެއްލި މަގުފުރެދުމުގެ ބަދަލުގައި ޙައްޤުގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމެވެ. އިސްލާމްދީނަކީ މިނިވަންކަމުގެ ދީނެވެ. އެ ދީނަކީ ފަރުދީ މިނިވަންކަންވެސް އެންމެ ފުރިހަމަށް ލިއްބައިދޭ ދީނެވެ. އެދީނާ ދުރުވެ، އެ ދީން ދޫކޮށްލައިގެން ލިބޭނެ މިިނިވަންކަމެއް ނޯންނާނެއެވެ.
މިނިވަންކަމަކީ އުފާވެރި ކަމެކެވެ. އެއީ ނިޢުމަތެކެވެ. އެ އުފާވެރި ނިޢުމަތުގެ އަގު ގިނަ ފަހަރަށް ވަޒަން ކުރެވެނީ އެ ނިޢުމަތް ގެއްލުމުންނެވެ. ޤައުމީ މިނިވަންކަން ހޯދުމަށްވުރެ އެ މިނިވަންކަން ރައްކާތެރިކުރުން ފަސޭހައެއް ނުވެއެވެ. އަޅުވެތިކަމުން ސަލާމަތްވެ، މިނިވަން ޖައްވަކަން ނޭވާލާން އެދޭނަމަ މިނިވަން ކަމަށް ލޯބިކޮށް، ޤައުމިއްޔަތުގެ ރޫޙު އަށަގަންނުވަން ޖެހެއެވެ. ދީނީ އަޤީދާ ހަރުދާކޮށް، އިސްލާމްދީނުގައި ސާބިތުވެ ތިބެންޖެހެއެވެ. އަޅުވެތިކަމަށް ނަފުރަތުކޮށް، މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރާނެ މުޖާހިދުން އުފެދެން ޖެހެއެވެ. ދީނާއި ޤައުމަށްޓަކައި އަމިއްލަ ފުރާނަ ޤުރުބާން ކުރާނެ ހިތްވަރާއި ފަންވަރު ހުރި ދަރިން ތިބެންޖެހެއެވެ. އުފައްދަން ޖެހެއެވެ.
މިނިވަންކަމާއެކު ދިރިއުޅުމަށްޓަކައި، އަދި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެކުވެރިވެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދިރިއުޅުން ވަރަށް މުހިންމެވެ. އެކަކު އަނެކެއްގެ، އެއްބަޔަކު އަނެއްބައެއްގެ ޚިޔާލާއި ޝުޢޫރަށް އިޙްތިރާމުކުރުން އެހާ މުހިންމެވެ. ތިމާގެ ފަރާތުން ޤައުމަށް ދެރައެއް ނުދިނުމަށް ޢަޒުމް ކަނޑައަޅައި، އަމިއްލަ މަސްލަހަތުގެ ކުރިއަށް އަބަދުވެސް ޤައުމު އިސްކުރަން ޖެހެއެވެ. ކޮންމެ މީހަކަށްވުރެވެސް ޤައުމު ބޮޑުވާނެކަން ޤަބޫލުކުރަންޖެހެއެވެ. މިނިވަންކަމުގެ އަގުވަޒަން ކުރަންޖެހެއެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...