Saturday, May 23, 2015

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމް

 


ޢަބްދުﷲ ސަޢީދު


ގ. ނަންކުރާ، ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަކީ ދިވެހި އަސްކަރިއްޔާގައި 29 އެޕްރީލް 1982 އިން 3 މޭ 2015 އަށް، 33 އަހަރާއި 4 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޕްރައިވެޓް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމް އަސްކަރީ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކާނަލެއްގެ މަޤާމުގައެވެ. 

 

 

ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމް، ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރެއްވި ދާއިރާތަކުގެ ތެރޭގައި ފުލުސް އޮފީސް، އެންއެސްއެސް އޮފީސް، ޕޮލިސް ހެޑްކްއޯޓާރޒް، ޓާސްކް ފޯސް، ޑިއުޓީ ސެކްޝަން، މިނިސްޓްރީ އޮފް ޑިފެންސް، އެންއެސްއެސް ޓްރޭނިންގ ޔުނިޓް، ކްއިކް ރިއެކްޝަން ފޯސް 3 (ކިޔުއާރުއެފް3)، ރެޕިޑް ރިއެކްޝަން ފޯސް (އާރުއާރުއެފް)، ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަން (ޑައިޓް)، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ)، އަދި އޯޑްނަންސް ސާރވިސް (އޯއެސް) ހިމެނެއެވެ. އަދާކުރެއްވި މުހިންމު މަޤާމުތަކުގެ ތެރޭގައި ޑިއުޓީ ސެކްޝަންގެ އިންޗާޖުގެ އެހީތެރިޔާކަން، އޮފިސަރ ކޮމާންޑިންގ، ރީޖަނަލް ހެޑްކްއޯޓަރޒް ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާކަމާއި، އޮފިސަރ ކޮމާންޑިންގކަން، ކިޔުއާރުއެފް 3 ގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާކަން، އާރުއާރުއެފްގެ އޮޕަރޭޝަން އެންޑް ޓްރޭނިންގ އޮފިސަރުކަން، ބަންޑާރަކޮށީގެ ޝިޕްޓް 2 ގެ ކޮމާންޑަރުކަން، ޑައިޓްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާކަން، އޯޑްނަންސް ސާރވިސްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާގެ މަޤާމާއި ކޮމާންޑިންގ އޮފިސަރކަން އަދި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ ޗެއަރމަންކަން ހިމެނެއެވެ.

ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަކީ ހަތިޔާރާއި، ގޮވާތަކެއްޗާ ބެހޭ ޚާއްޞަ މާހިރެކެވެ. މިގޮތުން ސިފައިންގެ އެކިއެކި ކޯސްތަކުގައާއި ހަތިޔާރާ ބެހޭ މުދައްރިބުން ތަމްރީނުކުރާ ކޯސްތަކުގައި ހަތިޔާރު ކިޔަވައިދެއްވުމާއި، ރާއްޖެއަށް ލައްގާ ބޮމާއި ނުރައްކާތެރި ގޮވާތަކެތި ރައްކާތެރިކަމާއެކު ނައްތާލުމާއި، ރާއްޖޭގެ ބައެއް ރަށްރަށުގައި ގޮވާތަކެތި ބޭނުންކޮށްގެން ނެރުގޮއްވުމުގައި ކުރައްވާފައިވާ ހުނަރުވެރި މަސައްކަތްތައް ފާހަގަކުރެވެއެވެ. އަދި ކިޔުއެފް 3 ޕައުންޑަރ ހޮޗްކިސް 47 އެމްއެމް ނޭވަލްގަން ޖެހުމަށް ބޭނުންކުރާނެ ބްލޭންކް ވަޒަނާއި، ހެކްލަރ އެން ކޮޗް 75 އެމްއެމްގެ އެމް635 ސެލިއުޓިންގ ގަން ޖެހުމަށް ބޭނުންކުރާ ބްލޭންކް ވަޒަން އަމިއްލަ ހުނަރުން ތައްޔާރުކުރައްވައިގެން ބޭނުންކުރެއްވުމާއި، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑް ޝިޕް ޣާޒީގައި ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމް ފަރުމާކުރެއްވި ޕެޑެސްޓަލް ގަންމަންޓެއް ބަހައްޓައި ބޭނުންކުރުމުން  ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމުގެ ހުނަރުވެރިކަން ސާބިތުކޮށްދެއެވެ. އަމިއްލަ ވިސްނުމާއި ފިކުރުން ދިވެހި އަސްކަރިއްޔާގައި މި ބޮޑުބަޑިތަކުގެ ގަންމައުންޓް ހައްދަވައި، ބޮޑު ބަޑިއަށް ލައްވާ ވަޒަން ތައްޔާރުކުރައްވައި އަދި ކޭސް ޑިފްލެކްޓަރެއް އީޖާދުކުރެއްވުމާ ގުޅިގެން 2014 ވަނަ އަހަރު މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަށް ވަނީ ލިބިވަޑައިގެންފައެވެ.

ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަކީ ހުނަވެރި މޮޅު ބަޑިޖެހުންތެރިއެކެވެ. މިގޮތުން ސިފައިންގެ އަހަރީ ބަޑިމުބާރާތުން ޖެހިޖެހިގެން ތިންފަހަރު އެއްވަނަ ބަޑިޖެހުންތެރިޔާގެ މަޤާމު ހާސިލުކުރެއްވުމުގެ އިތުރުން އެ މުބާރާތުން ތަފާތު އެހެނިހެން ވަނަތައް ވެސް ހާސިލުކުރައްވާފައިވެއެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ތަށްޓަށް ބާއްވާ ސިފައިންގެ ހެވިކަމުގެ މުބާރާތުން އެއްވަނަ މެހިތަރުގެ މަޤާމާއި ސްޕޯޓް ޝޫޓިންގގެ އެތައް ރަންވަނަތަކެއް ރާއްޖެއިން ބޭރުންގައި ހޯއްދަވައި ރާއްޖެއަށާއި ސިފައިންނަށް ރީތި ނަން ހޯއްދަވައިދެއްވާފައިވެއެވެ.  

ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަކީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ދުޝްމަނުން ސިފައިންގެ މައިމަރުކަޒު ހިފުމަށް ހަމަލާދެމުން ދަނިކޮށް ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް ދުޝްމަނުން ދިން ހަމަލާއެއްގައި ހަށިކޮޅަށް ވަޒަން އަރައި ވަރަށް ބޮޑަށް ޒަޚަމުވެވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިންގެ ތެރޭގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވަރަށް ޖެހިލުންކުޑަ، ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 މެޑެއްޔާއި 15 ކުލަ ލިބިވަޑައިގެންފައިވެއެވެ. މި ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި ޖިހާދުގެ ރަތް މެޑެލި ވެސް ހިމެނެއެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...