Friday, November 19, 2021

މިނިވަން ވަޠަން

 


 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޠަނެވެ. ދިވެހިންގެ ރާއްޖެއެވެ. ދިވެހިންގެ ވަޠަން ދިވެހިރާއްޖެ ވަނީ އެ ބިމަކަށް ދިވެހިން އުފަންވީމައެވެ. ދިވެހިން އެތަނަކަށް ވިހާ ބޮޑުވީމައެވެ. ދިވެހިން ދިރިއުޅޭ ޤައުމަށް ވީތީއެވެ. ޖުމުލަގޮތެއްގައި މިހެން މާނަ ކުރެވުނަސް ދިވެއްސަކު ބޭރު ޤައުމެއްގައި އުފަންވެފައި ހުރެދާނެއެވެ. ވިހާ ބޮޑުވެފައި ވެސް ހުރެދާނެއެވެ. ދިވެއްސަކު ބޭރު ޤައުމެއްގައި ދިރިއުޅެމުން ވެސް ހިގައިދާނެއެވެ. އެކަމަކު މި ޤައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ ޙަޤީޤީ ވަޠަނަކީ ދިވެހިރާއްޖެއެވެ. މިއީ ދިވެހިންގެ ޤައުމެވެ. މިއީ އަޅުގަނޑުމެން ދިވެހިންގެ މިނިވަން ވަޠަނެވެ. ދިވެހިރާއްޖެއަކީ މިނިވަން ޤައުމެކެވެ. މި ޤައުމުގައި އަޅުވެތިކަމެއް ނެތެވެ. ދިވެހިންނަކީ އަޅުވެތިކަމަށް ނަފުރަތުކުރާ އަދި މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. މިއީ ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިފައިވާ ޤައުމެކެވެ. ދިވެހިންނަކީ އަމިއްލަވަންތަ ސިފަތަކެއް ލިބިފައިވާ ބައެކެވެ. ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް އިއްތިފާޤުވެއެވެ. އެކަމަށް އިންކާރުކުރާ އެއްވެސް ބަޔަކުނެތެވެ.

ވާހަކަ: ހަންޑި ހުސޭނު

 



 ޢަބްދުﷲ ސަޢީދު

 

ކައިރީގައިހުރި ރަށްރަށަށް ބިލެތާ ދިޔަ ދޯނިތައް އައިސް ފަޅަށް ވަންނަނީއެވެ. ހުސޭނު އިނީ އަތިރިމަތީގައި ހުރި ކާނިގަހެއްގެ ދަށުގައި އޮތް ރުއް ބުޑެއް މަތީގައެވެ. ގަދަޔަށް އަވި ދިއްލާފައި އޮތް ދުވަހެކެވެ. އެހެންނާ ނުފެންނަ ބައެއް ރަށްރަށުގެ މަލަތައްވެސް ތިރިތިރިކޮށް ފެންނަން އޮތެވެ. މާލޫދަށް ދައުވަތު ދިނުމަށް ބިލެތާއި ފަންޏާ ހިފައިގެން ދިޔަ ތިން ދޯނިވެސް އޮތީ ދިދަ ދަމާ ޒީނަތްތެރިކޮށްފައެވެ. ޖެހެމުންދިޔަ ރީތި ނަލަ ވައިގެ ތެރޭގައި އެ ދޯނިތައް ދުއްވާފައި އައިސް ރިޔާތައް ދޫކޮށްލީ ފަޅަށް ވަދެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާއުފާވެރިކަމެވެ.

ދޯނިތަކުން ފައިބައިގެންއައި މީހުން އެއްގަމަށް އަރައިގެން ދިޔައީ ހުސޭނު އިން ކާނިގަސް ކައިރިން ލާފައެވެ. 

Tuesday, November 2, 2021

އާދަމްމަނިކުބޭ: ވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރިއެއް

 


1981ވަނަ އަހަރު މަނަދޫ ފަޅުކޮނުމަށްޓަކައި ސަރުކާރުން ރައީސް މައުމޫނު ފައިސާގެ އެހީ ދެއްވަނީ.ރައްޔިތުންގެ ފަރާތުން އެހީއާއި ހަވާލުވަނީ މަނަދޫ ކުޑަކަތީބް އާދަމް މަނިކުބޭ.

ޢަބްދުﷲ ސަޢީދު 

ޚިދުމަތްތެރިންގެ އަގު އަބަދުވެސް ވަޒަން ކުރަންޖެހޭނެއެވެ. އެކި މީހުން ރަށަށް ޚިދުމަތް ކޮށްދީފައިވަނީ ނުވަތަ ކޮށްދެއްވަނީ އެކިގޮތަށެވެ. އެކި ރޮނގުތަކުންނެވެ. މިފަހަރު މިއޮތީ މަނަދޫގެ ވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަނަދޫ ގުލްބަކާގޭ އާދަމް މަނިކު ނުވަތަ އާދަމް މަނިކުބޭގެ ޚިދުމަތުގެ ވާހަކައެވެ. 

Wednesday, October 13, 2021

ޤައުމީ ސަލާމާއި ޤައުމީ ސަލާމުގެ މާނަ

ޢަބްދުﷲ ސަޢީދު




ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ 1946 ފެބުރުވަރީ 3 ވަނަ ދުވަހުއެވެ. އެއީ 1 ރަބީޢުލްއައްވަލް 1365 ގައި ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އިހުޒަމާނުގައި ބެރުދުންމާރި ތާޅަފިލީގައި ރަސްމީ ކަންތައްތަކުގައި ބޭނުންކުރާ "ސަލާމަތީ"އޭ ކިޔާ ލަވައެއް އޮތެވެ. އެކަމަކު ފުރަތަމަ ފާހަގަކުރި ޤައުމީ ދުވަހުގެ ކުރިން ޤައުމީ ސަލާމެއްގެ ގޮތުގައި ކިޔާ ވަކި ޚާއްޞަ ޅެމެއް ނުވަތަ ނަޝީދެއް ނެތެވެ. ދިވެހީންގެ ކީރިތިކަމާއި މޫރިތިކަން ހާމަކޮށްދޭ ތަރާނާއެއް ނެތެވެ. 

Wednesday, August 18, 2021

ކޮވިޑާއެވެ. ތިޔަ ވަބާ ލައިގަންނަ ގޮތެއް ވިސްނަވިސްނާ ނޭނގުނެވެ.

 


ޢަބްދުﷲ ސަޢީދު

 

ބިރުފިލާ ހިގާއްޖެއެވެ. އެކަމަކު މިއަދު ވެސް ދުނިޔޭގައި ރެކޯޑު އަދަދަކަށް ބަލި ޖެހުނެވެ. ރެކޯޑު އަދަދަކަށް މީހުން މަރުވިއެވެ. ބިރެއް ނެތެވެ. މުޖުތަމަޢު ފެންނަނީ ޣާފިލުކަމުން ނިދާފައިވާތީއެވެ. ރާއްޖޭގައި ވެސް ބަލިޖެހޭ މީހުންގެ އަދަދުތައް ގިނަ ދުވަހު ގުނަނީ ސައްތައިންނެވެ. މީހުން ނިޔާވަނީއެވެ. އެ ދޭތެރެ އަންނަނީ ގާތްވަމުންނެވެ. ހަސްފަތާލުތަކުގައި ފަރުވާ ހޯދާ މީހުން އިތުރުވަމުންނެވެ. އަމިއްލައަށް ނޭވާނުލެވިގެން މެޝިނުން އެހީދޭންޖެހޭ މީހުން ވެސް އިތުރުވަމުންނެވެ.

 

Friday, March 19, 2021

ކަތްދަދައިތަ ގެއްލުނު ހާދިސާ




ޢަބްދުﷲ ސަޢީދު 

އަޅުގަނޑު ރުންމަގު ހޮޅުއަށީގައި އޮތް ދުވަހެކެވެ. އެއީ ރޯދަ މަހެވެ. ރުންމަގުގައި އެންމެ މީހުން ބައިބޯ ހަވީރުގެ ވަގުތެވެ. އަލިކޮބޭގެ ހާރޫނުބޭ ރުންމަގުގައި އިނީ ކާފަ ދަރިއަކު ގޮވައިގެންނެވެ. ހާރޫނުބޭ ހޮޅުއަށީގައި އިނީ އުތުރު ފަރާތަށް އެނބުރި ދެ ފައި އެލުވާލައިގެން އިށީންދެއެވެ.  އެތަނަށް އެ ވަގުތު ހާރޫނުބޭގެ ބޭބެ އަލިކޮބޭގެ އަބުދުބޭ އަތުވެއްޖެއެވެ. އެއީ އިރުމަތީ އަވަށުގައި ހުންނަ މަސްޖިދިލް އަމާނުގެ އޭރުގެ މުދިމެވެ. ހާރޫނުބެއާއި އަބުދުބެއަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. އަބުދުބެއަށް ކިޔަނީ ޢަބްދުއްރަޙްމާން ޢަލީއެވެ. ހާރޫނުބެއަށް ކިޔަނީ ހާރޫނު ޢަލީއެވެ. ހާރޫނުބޭ ކައިރިއަށް ލެފިލާފައި ހާރޫނުބޭގެ ކާފަ ދަރިފުޅުގެ ގައިގައި ކޮއްޓާލަމުން އަބުދުބޭ ބުންޏެވެ. "ކާފައައިމާ ކޮއްކޮމެން ތިޔަ އުޅެނީ މާމަ ވެސް ގެންގޮސްގެން ދޯ" އެވެ. އެހެން ބުނުމާއެކު ހާރޫނުބެއަށް ލިބުނު ހައިރާން ކަމާއެކު ބުންޏެވެ. "މަންމަ ކޮބައިހެއްޔެވެ؟ "އަބުދުބޭ ބުންޏެވެ. "މަންމަވީ ތިޔަގޭގައި ނޫން ހެއްޔެވެ." ވާހަކަ ދެކެވުނު ވަރަކަށް ހާރޫނުބޭގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ކުޑަކޮށް އަޑު ވެސް ދިޔައީ ބާރުވަމުންނެވެ. "އަހަރެންމެންގެ ގެއަކަށް މަންމައެއް ނާދެއެވެ."  އޭރު ރުންމަގުގައި ތިބި އެހެން މީހުންގެ ސަމާލުކަން އެ ދެބެންގެ ވާހަކައަށް ހުއްޓިއްޖެއެވެ. އެ ދެބެންގެ މަންމަވީ ތަނަކާމެދު ސުވާލު އުފެދުނީ އެހިސާބުންނެވެ.

 

ދުވަހަކީ މީލާދީން 5 އެޕްރީލް 1990 އެވެ. އެއީ ހިޖުރައިން 09 ރަމަޟާން 1410ވީ ބުރާސްފަތި ދުވަހެވެ. އެއީ މަނަދޫ ފީރޯޒުގޭ ޚަދީޖާ މުޙައްމަދު (ކަތްދަދައިތަ) ގެއްލުނު ދުވަހެވެ. މަނަދޫ ކައުންސިލް އިދާރާގެ ލިޔެކިޔުމުން ފެންނަނީ އެ ތާރީޚުގައި "ވީނުވީގޮތެއް ނޭނގި ގެއްލުނީ" ކަމަށެވެ. 

Tuesday, February 2, 2021

ކްރިޓިކަލް ތިންކިންގ އަދި ކްރިޓިކަލް ތިންކިންގ ތަރައްޤީ ކުރުމުގެ މަރުހަލާތައް


ޢަބްދުﷲ ސަޢީދު 


ކްރިޓިކަލް ތިންކިންއަކީ އެއްވެސް ތައައްސުބެއްނެތި ސާފުކޮށް ކަންކަމާމެދު ވިސްނައި ސުވާލު އުފައްދައި  ބުއްދީގެ އަލީގައި ޚިޔާލާތުން ސާފުކޮށް ފަހުމްވެގަތުމުގެ ޤާބިލިއްޔަތެވެ. ކްރިޓިކަލް ތިންކިންގެ ތެރޭގައި ހިމެނެނީ ބަހުސްތައް ތަހުލީލުކުރުމާއި، މަޢުލޫމާތު އެއްކުރުމާއި، ވަޒަންކުރުމެވެ. ސުވާލުކުރުމާއި ސުވާލު އުފެއްދުމެވެ. ޒާތީ ތަޢައްޞުބާއި އަމިއްލަ މަސްލަހަތުން އެއްކިބާވެ ވިސްނުމެވެ. ޢިލްމީ ހެކި ނުވަތަ ލޮޖިކުގެ މައްޗަށް ބަރޯސާވެ ގޮތް ނިންމުމެވެ. ކަންކަން ވަނީ ކިހިނެއްކަން ސާބިތުކުރުމެވެ. ވަކި ނަތީޖާއަކާއި ހަމައަށް ދިއުމަށް ފީނާ މަޢުލޫމާތު އެއްކުރުމެވެ. ވިސްނޭ ކަމެއް އެއީ ރަނގަޅު ގޮތްތޯ ނުވަތަ ނުރަނގަޅު ގޮތްތޯ ބެލުމެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...