1981ވަނަ އަހަރު މަނަދޫ ފަޅުކޮނުމަށްޓަކައި ސަރުކާރުން ރައީސް މައުމޫނު ފައިސާގެ އެހީ ދެއްވަނީ.ރައްޔިތުންގެ ފަރާތުން އެހީއާއި ހަވާލުވަނީ މަނަދޫ ކުޑަކަތީބް އާދަމް މަނިކުބޭ. |
ޢަބްދުﷲ ސަޢީދު
ޚިދުމަތްތެރިންގެ އަގު އަބަދުވެސް ވަޒަން ކުރަންޖެހޭނެއެވެ. އެކި މީހުން ރަށަށް ޚިދުމަތް ކޮށްދީފައިވަނީ ނުވަތަ ކޮށްދެއްވަނީ އެކިގޮތަށެވެ. އެކި ރޮނގުތަކުންނެވެ. މިފަހަރު މިއޮތީ މަނަދޫގެ ވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަނަދޫ ގުލްބަކާގޭ އާދަމް މަނިކު ނުވަތަ އާދަމް މަނިކުބޭގެ ޚިދުމަތުގެ ވާހަކައެވެ.
މަނަދޫގެ ވެރިކަމުގެ ދާއިރާގައި އާދަމް މަނިކުބޭ މަސައްކަތް ފެއްޓެވިއިރު މުސާރައެއް ނުލިބެއެވެ. އޭރު އުޖޫރައެއްގެ ގޮތުގައި ލިބޭ އެއްޗަކީ މަހަށްދާ ދޯނިފަހަރުން ލިބޭ މަސްބައެކެވެ. ރަށްރަށުގެ ވެރިންނަށް ސަރުކާރުން މުސާރަ ދެއްވަން ފެއްޓެވީ އާދަމް މަނިކުބޭމެން ސަރުކާރުގައި އުޅުއްވަނިކޮށެވެ. އާދަމް މަނިކުބޭ ވަނީ މަނަދޫގެ މުދިންކަމާއި ކުޑަކަތީބުކަމާއި ކަތީބުކަން ކުރައްވާފައެވެ. އެންމެ ގިނަދުވަސްވަންދެން ހުންނެވީ ކުޑަކަތީބުގެ މަޤާމުގައެވެ. ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަޤާމަށް ބަދަލުކުރައްވާ، ޢުމުރުން 65 އަހަރު ވެގެން އާދަމް މަނިކުބޭވަނީ ސަރުކާރުން ރިޓަޔަރ ކުރައްވާފައެވެ.
އާދަމް މަނިކުބޭއަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު ރާޒުވާ ކުޅުންތެރިއެކެވެ. ރީއްޗަށް ޤުރުއާން ކިޔަވާވިދާޅުވާ ބޭފުޅެކެވެ. އިމާމުވެ ހުކުރު ކުރެއްވި ބޭފުޅެކެވެ. ހުދުކުލައިގެ ހެދުން ތުރުކުރެއްވުމަށް ލޯބިކުރެއްވި ބޭފުޅެކެވެ.
މަނަދޫގައި މީހުން ދެއަނތްބަށް މީހުންނާ އިނދެގެން އުޅުމަކީ އާންމުކަމެއް ނޫނެވެ. ވެރިކަމުގެ ދާއިރާގައި އުޅުއްވަމުންވެސް އާދަމް މަނިކުބޭވަނީ ދެއަނތްބަށް ކައިވެނި ކުރައްވައިގެން އުޅުއްވާފައެވެ. ދެ ބަނޑަށް ވެސް ދަރިން ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރެއިން ބައެއް ދަރިންނަކީ ތަފާތު ދާއިރާތަކުން ރަށާއި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.
އާދަމް މަނިކުބޭއަކީ މަސްވެރިކަމަށް އޮޑިދޯނި ފަހަރު ބަލައިދިން އެދުރެކެވެ. މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި އަސާސީ ތަޢުލީމުގެ ޕްރޮގްރާމް ފެށުނު ދުވަސްވަރު މަނަދޫގައި ލިޔަންކިޔަން ނުދަންނަ މީހުން މަދުކުރުމަށް އެންމެ ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރެއްވި އެއް ވޮލަންޓިޔަރަކީ އާދަމް މަނިކުބެއެވެ.
އާދަމް މަނިކުބޭ ވެރިކަމުގެ ދާއިރާގައި ހުންނެވި ދުވަސްވަރު މަނަދޫގައި ހިނގާފައިވާ "ކުނޑިބެގެ މައްސަލަ" ކަހަލަ ސިޔާސީ ކަންތައްތަކުގައިވެސް އާދަމް މަނިކުބޭ ގެންގުޅުއްވާފައިވަނީ ސިޔާސީގޮތުން އަމިއްލަވަންތަ ސިޔާސަތެކެވެ. މަނަދޫގައި ޒަމާނުއްސުރެ އޮތް އަވަށު ވާދައިގެ ތެރޭގައިވެސް އާދަމް މަނިކުބޭ ގެންގުޅުއްވާފައިވަނީ އިންސާފުވެރި ގޮތްތަކެކެވެ.
އެފަހަރަކު ވިދާޅުވާންޖެހޭ ވާހަކައެއް އެ މީހަކާ ދިމާއަށް ވިދާޅުވުމާއި ޤާނޫނު ތަންފީޒު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އާދަމްމަނިކުބޭ ފާހަގަކުރެވިފައިވަނީ ހަރުދަނާ އުސޫލުތަކެއްގައި ސާބިތުވެ ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
އާދަމް މަނިކުބޭގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އަދި ރަށާއި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތުގައި ބަރަކާތް ލައްވާށިއެވެ.
No comments:
Post a Comment