Friday, August 17, 2018

ހުވަފެން- މާފަށް އެދުމުގެ ކުރިން



ޢަބްދުﷲ ސަޢީދު

އެކި ކުލަކުލަ އަރާ ދޫނިތަކުގެ ޖާދުވީ ސިހުރީ އަޑުތަކުން މުޅި ތުނޑިމަތި ވަނީ ގުގުމާލާފައެވެ. ދެމުންދަނީ ހޫނު ގަދަ އަތްވެވެ. މަތީގައި އުދުހޭ ދޫނިތަކުގެ ތެރެއިން ނޫކުލައިގެ ހިތްގައިމު އުޑުން ފެންނަނީ އެކި ތަންކޮޅުކޮޅެވެ. ތުނޑިއާ ގުޅިފައިވަނީ ވިލުކުލައިގެ ސާފު ފަޅެކެވެ. އެފަޅާ ގުޅިފައިވަނީ ގަދަ ނޫކުލައިގެ ކަނޑެކެވެ. އެފަޅާއި ކަނޑު ވެސް ހީވަނީ ހިމޭން ފުން ނިންޖަކުން ނިދާލާފައިވާހެންނެވެ. ތުނޑިވަށައިގެންވާ ފަޅުގައިވާ ރީތި ވިލުކުލަ ރަތްކުލައަށް ބަދަލުވަމުން ދަނީއެވެ. ހުދުކުލަގަދަ ތުނޑީގެ އެކި ހިސާބުތަކުން ފެންނަނީ ކޯރު ދެމިގެން ލޭތައް މޫދަށް ފައިބާތީއެވެ. އިވެމުންދަނީ ދޫނިތައް ގޮވާ އަޑެވެ. އެ އަޑުފައްގަނޑުގެ ތެރެއިން އިންސާނުންގެ ރުއިމާއި ހަޅޭކުގެ އަޑު ވެސް އިވޭހެން ހީވެއެވެ. އަހަރެންގެ ފިޔަވަޅުތައް އެ ތުނޑިއާ ދިމާއަށް ނެގެންފެށުނެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅި އަހަރެންގެ ގައިގައި ފިރުމާލާއިރު އިހުސާސްވަމުން ދިޔައީ ހޫނުކަމެވެ. ތުނޑިއާ ކައިރިވި ވަރަކަށް އިންސާނުންގެ ވޭނީ އަޑުތައް ދިޔައީ ގަދަވަމުންނެވެ.

Saturday, July 7, 2018

މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

ޢަބްދުﷲ ސަޢީދު 


މި ހާދިސާ އެނގޭ މީހުން މިހާރު ވެސް މަނަދޫގައި ތިބެދާނެއެވެ. އެކަމަކު އެ ވާނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. ބަޔަކު ތިއްބަސް މި ހާދިސާގެ ތަފްސީލެއް ނޭނގޭނެއެވެ. އިވިފައި އޮންނާނީ މި ހާދިސާގެ އަޑެވެ. އަޅުގަނޑުގެ ބައްޕައަކީއަކީވެސް 72 އަހަރުގެ ބޭކަލެކެވެ. ބައްޕަ ވެސް އައްސަވާފައިވަނީ މި އަޑެވެ. މި ހާދިސާ ހިނގީ ބައްޕަގެ އުމުރުން އެންމެ 11 އަހަރުގައެވެ. ހާދިސާ ހިނގީ މާލޭގައެވެ. ގެއްލުނީ އެ ދުވަސްވަރު މާލޭގައި މަހަށް ގޮސް އުޅުނު ބައެކެވެ.

Saturday, June 23, 2018

ބޮޑުތަކުރުފާނުގެ ލީޑަރޝިޕް



ޢަބްދުﷲ ސަޢީދު 

"މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ." މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ ލިޔުއްވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ޢިބާރާތެކެވެ. 1940ގައި ލިޔުއްވާފައިވާ "ބޮޑުތަކުރުފާނުގެ ވާހަކަ" އަކީ ސިޔާސީ ރޭވުންތެރިކަމާއި އިސްތިރާޖީ ހަމަތައް ފެނިގެންދާ ޙިކުމަތްތެރި ވާހަކައެކެވެ. ދީނީ އަޤީދާއާއި އިންސާނީ ދިރިއުޅުމާ ގުޅިލާމެހިފައިވާ މިންވަރާއި ދިވެހިރާއްޖޭގެ އެ ޒަމާނުގެ އާދަކާދައާއި ސަޤާފަތް އެނގިގެންދާ ވާހަކައެކެވެ. މިއީ އިޝްޤީ ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ ކުލަތައް ފެންނަ، ލޯބީގެ އެންމެ ހިމަ ނާރުތަކާ ކުޅެލާ އަސަރުގަދަ ވާހަކައެއްވެސް މެއެވެ. ބޮޑުތަކުރުފާނު ވާހަކަ އަޅުގަނޑުގެ ޢުމުރުގެ އެކި ހިސާބުތަކުގައި އެތައް ފޮތަކުން ފޫހިވުމެއްނެތި އެތައް ފަހަރަކު ކިޔައިފީމެވެ. އެ ވާހަކައިން އަޅުގަނޑު އެންމެ ޝަޢުޤުވެރި ބަޔަކަށްދިމާވީ އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ޝަޚްސިއްޔަތެވެ. ބޮޑުތަކުރުފާނުގެ ހަރުދަނާ ލީޑަރޝިޕެވެ.  

Saturday, April 21, 2018

އެމްއެންޑީއެފް ކޯސްޓްގާޑް



އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ކޯސްޓްގާޑުގެ ޚިދުމަތް ފެށުމުގެކުރިންވެސް ދިވެހިރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

Sunday, March 4, 2018

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް








ޤައުމީ މިއެކުވެރިކަން މަތީ ތިބެގެން ކުރީމެ ސަލާމް
ޤައުމީ ބަހުން ގިނަހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް

ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން
އައުދާނަކަން ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް

ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާއި ރަތާއި ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް

ފަޚްރާ ޝަރަފް ގައުމަށް އެހޯދައިދެއްވި ބަތަލުންނަށް
ޒިކްރާގެ މަތިވެރި ޅެންތަކުން އަދުގައި ކުރީމެ ސަލާމް

ދިވެހީންގެ އުންމަތް ކުރި އަރައި ސިލްމާ ސަލާމަތުގައި
ދިވެހީންގެ ނަން މޮޅުވުން އަދައި ތިބެގެން ކުރީމެ ސަލާމް

މިނިވަންކަމާ މަދަނިއްޔަތާ ލިބިގެން މިޢާލަމުގާ
ދިނިގެން ހިތާމަތަކުން ތިބުން އެދިގެން ކުރީމެ ސަލާމް

ދީނާއި ވެރިންނަށް ހެޔޮހިތުން ހުރުމަތް އަދާކުރަމުން
ސީދާ ވަފާތެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް

ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރިވެގެން އަބަދަށް
އައުދާނަވުން އެދި ހެޔޮދުޢާ ކުރަމުން ކުރީމެ ސަލާމް

Wednesday, February 21, 2018

ޅެންވެރިކަމުގައި އަޅުގަނޑު


ޢަބްދުﷲ ސަޢީދު

އަޅުގަނޑަށް ޅެންވެރިކަމުގެ ތެރެއަށް ވަދެވުނީ އަޅުގަނޑުގެ އުފަން ރަށް ކަމުގައިވާ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއިން ތަޢުލީމް ހާސިލުކުރި ދުވަސްވަރުއެވެ. ޅެންވެރިކަމަށް ޝައުޤުވެރިވީ އަޅުގަނޑުގެ ދިވެހި ބަހުގެ އުސްތާޒު އަދި އަޅުގަނޑުގެ ލޮބުވެތި ބޮޑުބޭބެ، ނ. އަތޮޅު މަދަރުސާގެ އޭރުގެ ނާޒިރު އަލްފާޟިލް ޢަބްދުލްޢަޒީޒް ޤާސިމުގެ ފަރާތްޕުޅުން ލިބިގެންދިޔަ އެހީތެރިކަމާއި ދެއްވި އިރުޝާދާއެކު 1990 ވަނަ އަހަރުގައެވެ. ސްކޫލް ދައުރަށްފަހު ޅެންވެރިކަމުގެ އެއްވެސް މަސައްކަތެއް ނުކޮށް، 24 އަހަރު މެދުކެނޑިއެއް ދިޔައެވެ. އެހެންނަމަވެސް ޅެންވެރިކަމުގެ ފަންނަން އޮންނަ ޝައުޤުވެރިކަން އޮތެވެ. ކުޅަދާނަ މޮޅެތި ޅެންވެރިންގެ ޅެން ކިޔާ، ޅެމާއި ލަވައާ އަދި ޅެންވެރިކަމާގުޅޭ ގޮތުން ޓީވީންނާއި ރޭޑިއޯއިން ތައްޔާރުކޮށް ފޮނުވާ ޕްރޮގްރާމްތައް ކުރިއެކޭ އެއްގޮތަށް ޝައުޤުވެރިކަމާއެކު ބަލާ އަދި އަހާ ހަދަމުން ދެވުނެވެ. އެގޮތުގައި 24 އަހަރުގެ މެދުކެޑުމަކަށްފަހު އަލުން ޅެންހަދަން ފެށީ 2014 ވަނަ އަހަރުއެވެ. އެ އަަހަރުގެ ތެރޭގައި ބައެއް ޅެންތައް މީސް މީޑިއާގައި އަޅުގަނޑު ޕަބްލިޝިން ކުރަމުން ދާންފެށީމެވެ. އެ ޅެންތަކަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެންފެށިއެވެ. ބައެއް ޒުވާން ކުދިން ޅެން ހަދަން ދަސްކޮށްދޭން އެދެމުން ދިޔައެވެ. އަޅުގަނޑަށް އެނގިހުރި މިންވަރަކުން ބުނެދީ އޮޅުންފިލުވައިދީ ހަދަމުން ދިޔައީމެވެ. އެ ދުވަސްވަރު އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިމެއް ދެއްވާ ހިތްވަރު ދެއްވި ބޭފުޅަކީ އަޅުގަނޑުގެ ލޮބުވެތި ބައްޕަ، އަލްފާޟިލް ސަޢީދު ޤާސިމެވެ. އަޅުގަނޑުގެ ބައްޕައަކީ ކުރިން ވަރަށް ގިނަ ޅެންތަކެއް ހައްދަވާފައިވާ ކުޅަދާނަ ޅެންވެރިއެކެވެ. އަޅުގަނޑުގެ ބޮޑު ބޭބެއަކީ ވެސް ޅެންވެރިއެކެވެ. އަޅުގަނޑުގެ މާފައަކީ ވެސް ޅެންވެރިއެކެވެ. އަދި ކުޅަދާނަ ލަވަ ކިޔުންތެރިއެކެވެ.

Wednesday, January 24, 2018

އަޅުގަނޑުގެ ލަނޑުދަނޑި ތިޔަރީ

ޢަބްދުﷲ ސަޢީދު 

ލަނޑުދަނޑިއަކީ އަމާޒު ފަތްގަނޑެވެ. ލަނޑުދަނޑިއަށް ވާސިލުވުމަކީ އެމީހަކު ގަސްތުކުރި ކަމަކާ ހަމައަށް ދެވުމެވެ. ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަކަމާއެކު ލަނޑުދަނޑިއެއް ކަނޑައެޅިދާނެއެވެ. އެމީހަކު ހާސިލުކުރަން ބޭނުންވާ ގޯލެއް ނިންމި ދާނެއެވެ. އެކަމަށްޓަކައި އުންމީދުތަކެއް ކުރެވިދާނެއެވެ.  އުންމީދު ކުރަމުން ކުރަމުންގޮސް ޚިޔާލީފޮލާތަކެއް ވެސް ކެއްކިދާނެއެވެ. އެމީހަކާ އެކަށީގެންވާ މިންވަރަށް ވުރެ މައްޗަށް ވެސް ކަންތައްތައް ޚިޔާލުގައި ރޭވިދާނެއެވެ. އެކަމަކު ލަނޑުދަނޑިއެއް ހާސިލުކުރަން ބޭނުންނަމަ ކޮންމެ މީހަކު ވެސް ކަންތައްތަކެއް ކުރަން ޖެހެއެވެ. ކޮންމެ މީހަކަށް ވެސް ކަންތައްތަކެއް އެނގެން ޖެހެއެވެ. ކަންތައްތަކެއް ވާންޖެހެއެވެ. އެ ކަންކަމަށް އަޅުގަނޑު ކިޔަނީ ލަނޑުދަނޑީގެ 3 ތަނބެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...