Monday, December 5, 2011

މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ


މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ

ޢަބްދުﷲ ސަޢީދު-

ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ ދައްކާ މީހުން މިހާރު މިރަށުގައި ވަރަށް މަދެވެ. އެ ވާހަކަތައް ކުރިން ޤަބޫލުކުރަމުން އައި ގޮތަށް ޤަބޫލުކުރާ މީހަކު އަމުދުންނެތެވެ. ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުގައި ހަދާފައި ހުންނަ ޒިއާރަތެއް އަދިވެސް އެބަހުއްޓެވެ. ޒިއާރަތުގެ ދިދަ ދަނޑިވެސް ކޮޅަށް އެބަހުއްޓެވެ. އެއީ ވަރަށް ދިގު ދިދަ ދަނޑިއެކެވެ. ޒިއާރަތުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ގެގަޑަކީ އެހެނިހެން ގިނަ ޒިއާރަތްތަކެކޭ އެއްފަދައިން ލަކުޑިން ހަދާފައިވާ ގެގަޑެކެވެ. ޒިއާރަތުގެ ދޮރު ހުރީ އަތުން ކަހާލެވޭ ގޮތަށެވެ. އެހެންނަމަވެސް އެއީ މީހުންނަށް އެތެރެއަށް ވަދެ ނިކުމެވޭ ވަރަށް ވުރެ ކުޑަ ދޮރެކެވެ. ޒިއާރަތަކީވެސް ތިރިކޮށް ހިޔާކޮށްފައިވާ ޒިއާރަތެކެވެ. ޒިއާރަތުގެ އެތެރޭގައި ފިރިހެނެއްގެ މަހާނަ ދެގާ ޖަހާފައިވާ ހުއްޓެވެ. އެކަމަކު މަހާނައެއްހެން ފަސްގަނޑު ހަދާފައެއްނެތެވެ. މަހާނަ ގަލުން އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ. އަދި އެހެން ތަނެއްގައިވެސް ލިޔުމެއް ލިޔެފައިވާތީއެއް ނުފެނުނެވެ. ޒިއާރަތުގެ އެތެރެ މީން ދުވަހަކުވެސް ސާފުކޮށް ހަދާފައެއް ނުވެއެވެ.

މޮޅަދޫގައި ހުންނަ ސައްޔިދު ތޯހާގެ ޒިއާރަތަށް މީހުން ނަދުރުބުނެ ހެދި ޒަމާން ފަސްދީ ހިގައްޖެއެވެ. އެ ޒިއާރަތަށް ނަދުރު ބުނެގެން މީހުން ކަންޖާއި ބޮޑިބަތާ އަޅާ މީހުން ކިރާހެދިއެވެ. ޒިއާރަތަށް ތަފާތު ބާވަތްތަކުގެ ތަކެތި ހަދިޔާ ކުރަމުންދިޔައެވެ. މިގޮތުން އެންމެ ގިނަ ބަޔަކު ޒިއާރަތަށް ހަދިޔާ ކުރަނީ ކާއްޓެވެ. " މީހުން ނަދުރުބުނެގެން ހަދިޔާކުރާ ކާށި ކޯދު ފެޅީމާ ގެންގޮސް ރުއްގަނޑުގައި އޭރުގެ ވެރިން އިންދުވަމުން ގެންދަނީ. އެތަނަށް ކިޔަނީ ޒިއާރަތް ރުއްގަނޑު" ހއ. މޮޅަދޫ ނައިޓްރޯސް އާދަމް އިބްރާހިމް ބުންޏެވެ. މިހާރުވެސް ޒިއާރަތް ރުއްގަނޑު މިރަށުގައި އެބައޮތެވެ. އެރުއްގަނޑު މިހާރު އޮތީ މީހަކަށް ވަރުވާއަށް ލިޔެދީފައެވެ. " ފުދޭ ވަރަކަށް ގިނަ ރުއް ހުންނާނެ"

މޮޅަދޫ ސައްޔިދު ތޯހާއަކީ ބުނެވޭ ގޮތުގައި މަތީރަށްފުޅުގައި އޮންނެވި ވަލީވެރި ކަލޭގެފާނުގެ އާއިލާ ބޭފުޅެކެވެ. މޮޅަދޫއަށް ސައްޔިދު ތޯހާގެ ސަންދޯއް ލެއްގީއެވެ. އެސަންދޯއް ފެނުނު މީހުން އެރަށު މިސްކިތްދޮށުގައި ވަޅުލައި ޒިއާރަތް އެރުވީއެވެ. ޒިއާރަތް ހެދިތަނާ އެދުވަހަކު ވަރަށް ދިގު ދިދަ ދަނޑިއެއް އެރަށަށް ލައްގައިފިއެވެ. އެދިދަ ދަނޑި ލެއްގުމުން އެރަށުގެ މީހުން އެދިދަ ދަނޑި ޒިއާރަތުގައި ޖަހަން އުޅެފިއެވެ. އެކަން އެގިގެން އަތޮޅުވެރިން އެދިދަ ދަނޑި އަތޮޅު އޮފީހަށް ފޮނުވުމަށް އަންގައިފިއެވެ. " އަތޮޅުވެރިން ވިދާޅުވީ ދިދަ ދަނޑި ޖަހަން ޖެހޭވަރުގެ ބޭކަލެއް ވިއްޔާ އަދި ދިދަ ދަނޑިއެއް ލައްގާނެޔޭ. ހޮވާފައިއޮތް ދިދަ ދަނޑި އަތޮޅު އޮފީހަށް ފޮނުވާށޭ. އެހެން ބުނެފައި އޮއްވާ އެހެން ދިދަ ދަނޑިއެއް ލެއްގީ. ދެން އެންގެވީ އެދިދަދަނޑި ޖަހާށޭ. އެގޮތަށް ޖެހި ދިދަދަނޑި އަދިއަދަށް ދާންދެންވެސް އެހެރީ"14 އަހަރު މޮޅަދޫގެ ނައިބުކަންކޮށް ކުޑަކަތީބުކަންވެސް ކޮށްފައިވާ އާދަމް އިބްރާހިމް ބުންޏެވެ.

ސައްޔިދު ތޯހާއަށް ނިސްބަތްކޮށް މޮޅަދޫގައި އެރަށުގެ ހުކުރު މިސްކިތަށް ވަނީ ނަންދީފައެވެ. ޒިއާރަތަށް ނަދުރުބުނެ ހެދުން ކަހަލަ ޝިކުރުތަކުން މޮޅަދޫ ރައްޔިތުންވަނީ އެއްކިބާވެފައެވެ. އަދި ކުރިން ރަށްރަށުން ނަދުރު ބުނެގެން އަންނަ ފަދައިން މީހުން އެ ޒިއާރަތަށް ނަދުރުބުނެގެން ދިއާރަތް ކޮށެއްވެސް ނަހަދައެވެ. މިރަށުގައި ތާރީޚީ ގޮތުން ފެންނަން ހުރި ބިނާއަކީ ސައްޔިދު ތޯހާގެ ޒިއާރަތެވެ. އެތަނާބެހޭގޮތުން ތުންތުންމަތިން ދެކެވެމުން އަންނަ ފޯކްލޯރުގައި ހިމެނެނީ ކިހާވަރެއްގެ ހަގީގަތްތަކެއް ކަމެއް މިއަދަކު ބުނާކަށް ނޭނގެއެވެ. އެނގޭކަމަކީ އެއީ އެއްދުވަސްވަރެއްގައި މީހުންގެ ލޯތްބާއި އަޅާލުން ލިބިފައިވާ އަދި މީސްތަކުންގެ ހިތްތަކުގައި ގަދަރާއި އިހުތިރާރު ވަރަށް މަތީ ދަރަޖައަކަށް އޮތް ޒިއާރަތެއްކަމެވެ. އެ ޒިއާރަތުގައި ކިރާ، ނަދުރުބުނެހެދި މީހުން އަދިވެސް އެބަތިއްބެވެ. އެކަމަކު އެމީހުންވެސް ޒިއާރަތާބެހޭ ގޮތުން ދެކެވޭ ވާހަކަތައް ޤަބޫލެއް ނުކުރެއެވެ.

ހަބްޝީގެފާނުގެ ޒިއާރަތާއި އޭނާގެ ވާހަކަ


ހަބްޝީގެފާނުގެ ޒިއާރަތާއި އޭނާގެ ވާހަކަ

ޢަބްދުﷲ ސަޢީދު-

ޅ. އަތޮޅު ކުރެންދޫގައި ހަބްޝީގެފާނުގެ ޒިޔާރަތް އަޅާނުލެވި ވީރާނާވަމުން އެބަދެއެވެ. ދިވެހިންގެ އަތްތެރި މަސައްކަތާއި ކުރީގެ ސަގާފަތް ފެންނަންހުރި އާސާރީ ތަރިކަތަކެއް ވާރެއާއި އަވީގައި އެދަނީ ހަލާކުވަމުންނެވެ. މިއީ އެއްޒަމާނެއްގައި ކުރެންދޫގެ ރައްޔިތުން އެތަނަކަށްޓަކައި ފަޚުރުވެރިވި ބިނާއެކެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މީހުން ޒިއާރަތް ކުރަމުންދިޔަ އެތައްބައެއްގެ ހިތުގައި ގަދަރާއި ހައިބަތު އުފުލިފައިއޮތް ތަނެކެވެ. މިހާރު އެތަންއޮތްގޮތުން އެކަންތައްތަކާއި އެދުވަސް ސިފަކުރަންވެސް ދަތިވާނެއެވެ. އެކަމަކު އަދިވެސް އޭރު ބޭނުންކުރި ބައެއް ސާމާނު މި ޒިއާރަތުން ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ނަދުރު ބުނެގެން މީހުންނާއި ކުދިން ކިރަން ބޭނުންކުރި ސާމާނު ހިމެނެއެވެ.

ހަބްޝީގެ ފާނުގެ ޒިއާރަތުގައި ފާހަގަ ކުރެވޭ އެއް ތަނަނީ ޒިއާރަތުގައި ހުންނަ ވަޅުކޮޅެވެ. އެވަޅުކޮޅު ހުންނަނީ ހިޔާކޮށްފައި ހުންނަ ކުޑަ ގެއެއްގެ ތެރޭގައެވެ. އެތަން ސިފަކުރެވެނީ ހިނަވާ ގެއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއީ މިހާރު ބައެއް ސާމާނު ވައްދާފައިވާ ގުދަނެކެވެ. އެތަނުގެ އެއްފަރާތުގައި ވެލިގޯނިތަކެއް ހުއްޓެވެ. އެ ވެލިގޯނި ތަކަކީ ހަބްޝީގެފާނުގެ މަހާނަކޮޅު މައްޗަށް އެޅުމަށްޓަކައި ޒިއާރަތުގެ ވަޅުން ނަގާފައިވާ ވެއްޔެވެ. އެވެލި ނަގަނީ އާންމުކޮށް ކުޑަ އީދުގައެވެ. ވެލި ނަގާ ހިއްކާ ފުރާނައިގެން ބޮޑު ޢީދަށް މަހާނަ ޒީނަތްތެރިކުރުމަކީ ޒަމާނުއްސުރެ ކުރެންދޫ މީހުން ކޮށްއުޅޭކަމެކެވެ. މިހާރުވެސް އެކަން ކޮންމެވެސް ބަޔަކު އެބަކުރެއެވެ.

ހަބްޝީގެފާނަށް ނިސްބަތްކޮށް ކުރެންދޫގައި ސްކޫލެއްވެސް ކުރިން ހިންގިއެވެ. އެތަންވެސް މިހާރުވަނީ ވީރާނާވެފައެވެ. ހަބްޝީގެ ފާނަކީ ކޮންބޭފުޅެއްތޯ އަހާލައިފިނަމަ ދުވަސްވީ މީހުންވެސް ހަބްޝީގެފާނުގެ ވާހަކަ ކިޔައިދެން ޖެހިލުންވެއެވެ. ސަބަބަކީ މިޒަމާނުގެ ކުދިން އެމީހުންގެ އެވާހަކަތައް ޤަބޫލު ކުރާނެ ކަމާމެދު އޮތް ޝައްކާއި ވަހުމެވެ. އެހެން އެކަންއޮތަސް ހަބްޝީގެފާނަކީ "ވަލީވެރިއެއް" ކަމަށް ހުރިހާ އެންމެން ކަހަލަގޮތަކަށް ބުނެއެވެ. ހަބްޝީގެފާނުގެ ޒިއާރަތަކީ ކުރިން ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ޒިއާރަތެވެ. ނަދުރުބުނެގެން ކުދިން ކިރުމާއި ޒިއާރަތަށް ޞަދަޤާތްކުރުމާއި ނަދުރުފުއްދުމަށް އަންނަ މީހުންގެ ކުރިމަތީގައި އޭރު މި ޒިއާރަތަކީ ރާއްޖޭގެ މި ސަރަޙައްދުގައި ހުރި "އެންމެ ކަރާމާތްތެރި" ބިނާއެވެ. މިހާރު ދިދައެއްނެތި ހުންނަ އުސް ބޮޑު ދިދަ ދަޑީގައި އޭރު ބޮޑު ހުދު ދިދައެއް ވިހުރި ވިހުރި ހުރެއެވެ. ޒިއާރަތް ޒީނަތްތެރިކުރުމަށް ވަށައިގެންވެސް ހުދު ދިދަ ޖަހާފައިހުންނަކަމަށް ބުނެވެއެވެ. މުޅި ސަރަޙައްދަށް އޮންނަނީ ރީތި ދޮންވެލި އަޅާ ރީތިކޮށް ކުނިކަހާ އޮމާންކޮށްފައެވެ.

މިހާރު ޒިއާރަތަށް ވަންނަ ތަނުން ލޮލުގައި އަޅައިގަންނާނީ ކުދިން ކިރާ ކައްޓާ އެޅުވުމަށް ބިމަށް ޖަހާފައިވާ ލަކުޑި "ސޭލަ" އެވެ. ސޭލައިގެ ދަނޑި އަދިވެސް ޒިއާރަތުގައި އެބައޮތެވެ. ޒިޔާރަތްހުރީ އެކިއެކި ބައިބަޔަށެވެ. ހަބްޝީގެ ފާނުގެ ހަށިކޮޅު ފަސްދާނުވެޑުވިފައިވާތަން ހުރީ މީހުންނަށް ނުވަދެވޭގޮތަށް ތަޅުލާފައެވެ.

ހަބްޝީގެފާނަކީ ހަބުޝްކަރަ (އިތިއޯޕިއާ)އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާކަމަށް ވެއެވެ. ހަބްޝީގެފާނު ރާއްޖެވަޑައިގެންނެވިއިރު ރަސްކަމުގައި ހުންނެވީ މައްކާގެ ބޭކަލެއްކަމުގައިވާ ޝަރީފުއްދީނު މައްކީއެވެ. އެޒަމާނަކީ ދިވެހިންގެ ތެރޭގައި ރީތިކޮށް ޤުރުއާން ކިޔަވާ މީހުން މަދު ޒަމާނެކެވެ. ހަބްޝީގެފާނަކީ ރީތިކޮށް ޤުރުއާންކިޔަވާ ވިދާޅުވާ ބޭކަލަކަށްވާތީ ހަބްޝީގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އެހުމަށް މާލޭ ހުކުރު މިސްކިތްދޮށަށް މީހުން ޖަމާވެއެވެ. އެދުވަސްވަރު ޝަރީފުއްދީން ރަދުންގެ އަނބިކަނބަލުން ވެސް މެދުދޮރޯށިފޮތިކޮޅު "ހިތްލަވާލައިގެން" ހަބްޝީގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އެއްސެވުމަށް ހުންނަވާ ކަމަށްވެއެވެ. އެކަމަނާ މިހުންނެވިހުންނެވުމުގައި ހަބްޝީ ގެފާނަށް ހިތްޕުޅާހަމަ ކުރެއްވިކަމަށްވެއެވެ. ރަދުންގެ އަނބިކަނބަލުން ހަބްޝީގެފާނާ ހިތްޕުޅާ ހަމަކުރެއްވިކަން ރަސްގެފާނަށް އެނގިވަޑައިގެންނެވުމުން ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވިއެވެ. އެގޮތުން މާލޭ ލޮނުޒިއާރަތްކޮޅު ވަރުނުލާ ރާޅުގަނޑާދިމާލުން އެއްގަމުގައި ދަޑިފަނުން ހުރަގެއެއް (ޖަލެއް) އަޅުއްވާ އެތަނުގައި ހަބްޝީގެފާނު ހައްޔަރުކުރެއްވިއެވެ.

އެދުވަސްވަރަކީވެސް ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ވަރަށް މަތިވެރި ލޯތްބަކާއި ޤަދަރެއް ދެވިފައިވާ ދުވަސްވަރެއްކަމުން ޖަލެއް ހައްދަވާ ބަންދުކުރެއްވި ނަމަވެސް ރައްޔިތުންގެ މެދުގައި ހަބްޝީގެފާނަށް އޮންނަ ލޯތްބާއި ރުހުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ޒިއާރަތްކުރާމީހުން އެކަލޭގެފާނުގެ އަރިހަށް ޒިއާރަތްކޮށް ޤުރުއާން ކިޔަވާ އަޑު އަހަމުން ގެންދެއެވެ. އެބައިމީހުން ހަބްޝީގެފާނަށް ފެނާއި ކާބޯތަކެތި ދީ އެހީވެދީ ހަދަމުން ގެންދިޔައެވެ. ޖަލުގައި ބަންދުކޮށްފައި ހުންނެވި ދުވަސްވަރު ނަމާދުކުރައްވަން ނިކުމެވަޑައި ގަންނަވަނީ "ލޮނުމަގާންކޮޅަށް" ކަމަށް ބުނެވެއެވެ.

ހަބްޝީގެފާނު ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާއިރުމައްދުތަކަށް ދަންމަވާލައްވާލެއް ރީތި ކަމާއި އަޑުމަހުރަޖު ގެންގުޅުއްވާރީތި ކަމުން ރަސްގެފާނުގެ އަނބިކަނބަލުންގެ ހިތްޕުޅުން ހަބްޝީގެފާނަށް ދެއްވި ޖާގައިގެ ބޮޑުކަން ފާޅުވީ ހުރަގޭގައި ހަބްޝީގެފާނު ހައްޔަރުކުރައްވާފައި ހުންނަވަނިކޮށް އެތަނަށް އެކަމަނާ ޒިއާރަތް ކުރެއްވުމުންނެވެ. ބުނެވޭ ގޮތުގައި އެއީ ހިތިވިލޭރެއެއްގައެވެ. މިކަމާ ރަދުން ކޯފާވެ ހަބްޝީގެފާނު އަރުވާލަން ނިންމެވިއެވެ.

ހަބްޝީގެފާނު ގޮވައިގެން ދަތުރުކުރި ބައްތެލި ކުރެންދޫއަށް އައީ ހިޖުރައިން 918 ވަނަ އަހަރުގެ ރަމަޟާން މަހު 18 ވަނަދުވަހުއެވެ. އެރަށަށް ފޭބެންނެވުމަށް ހަބްޝީގެފާނަށް ދެންނެވުމުން "ރަސްގެފާނު ކޯފާވެގެން މިރަށަށް އަރުވާލިޔަސް ތިމަންނާގެ ކުށެއް ނޯންނާނެޔޭ" ވިދާޅުވެ އެރަށަށް ފޭނެއްނެވުމަށް ދެކޮޅު ހެއްދެވިއެވެ. އެހެންނަމަވެސް އެންމެފަހުން "މިއީ މީހުންނުބައި ރައްގަނޑެކޭ. އޮންނަންރަނގަޅު ފަސްގަނޑެކޭ" ވިދާޅުވެ، ކުރެންދޫ "ރެއްކާމަގު" ކިޔާމަގަށް ފައިބަންނަވައިފިއެވެ. އެޒަމާނަކީ ރައިވެރިން ރަށްރަށުގައި ނަގާކިޔާ ހަރުމީހުންގެ ގޮތުގައި ތިބި ދުވަސްވަރެވެ. ކުރެންދޫގެ ވެރިއެއްގެ ގޮތުގައި ހުރިކަމަށްވަނީ "ރެއްކާބެ" ކިޔާ ރައިވެރިއެކެވެ. ހުދު ޖުއްބާކޮޅެއްގައި ހުންނެވި ބޭކަލަކު ރަށަށް ފައިބައިވަޑައިގަންނަވާ ތަން ފެނުމުން ރެއްކާބެ ދެބަދި ރާ ހިފައިގެން ހަބްޝީގެފާނު އަރިހަށް އަތުވެއްޖެއެވެ. ރެއްކާބެ، ހަބްޝީގެފާނަށް ރާފޮދު އަރުވާ ހަބްޝީގެފާނު ހުންނަވަންވާނީ ރެއްކާބެގެ ގޭގައިކަމަށް ދެންނެވިއެވެ. "އަންނާށޭ ތިމަންނަގެއިންކެވޭނެޔޭ. ބަލިވެއްޖިއްޔާ ބަލާނަމޭ. މަރުވެއްޖިއްޔާ ވަޅުލާނަމޭ" ރެއްކާބެ ދަންނަވައިފިއެވެ. އެހެންނަމަވެސް ހަބްޝީގެފާނު އެގޭދޮށަކަށް ވަޑައެއް ނުގަންނަވައެވެ. " ބޭބެދާށޭ. އަހަރެން ޢިޝާނަމާދު ކޮށްލައިގެން ދާނަމޭ " ހަބްޝީގެފާނު ވިދާޅުވެ މަޑުކުރެއްވީކަމަށް ބުނެވެއެވެ.

އެދުވަސްވަރު ރާވެރިންގެ އާދައަކީ އުދަރެހުގެހުޅަނގުފަރާތުން ފާޅުވާ "ރާވެރިންގެ ތަރި" އޮއްސެންވާއިރަށް ހުރިހާރައިވެރިންވެސް ގެއަށް ވަނުމެވެ. މިއާދައިގެމަތިން ކުރެންދޫ ރައިވެރިބޭވެސް ގެއަށްދިއައީ އެވެ. ރައިވެރިބޭ އިޝާނަމާދުކޮށްގެން ހަބްޝީގެފާނު ކޮބައިތޯ ބަލާލިއެވެ. ގެއަށް އައިކަމަކަށް ނުވެއެވެ. ދެންބެލީ ހާރުކާން އާދޭތޯއެވެ. ހާރުކާކަށްވެސް ނާދެއެވެ. ހަބްޝީގެފާނުގެ އެއްވެސް ޚަބަރެއް ނުވުމުން ހަބްޝީގެފާނާއި ބައްދަލުވީ ތަނަށް ރައިވެރިބޭ ދިޔައެވެ. އޭރު ހަބްޝީގެފާނު އޮތީ މަރުވެފައެވެ. ޅ. ކުރެންދޫގައި ހުރި ޒިއާރަތަކީ ހަބްޝީގެފާނު މަރުވި ތާނގާ ބިނާކޮށްފައިވާ ހަބްޝީގެފާނުގެ ޒިއާރަތެކެވެ.

ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚާ އިސްލާމީ ސަޤާފަތާ ގުޅިފައިވާ އަދި ކުރީ ޒަމާނުގައި ދިވެހިންގެ އާދަކާދަ ސިފަކުރެވޭ މި ޒިއާރަތަކީ ތާރީޚީ ބިނާއެކެވެ. ހަބްޝީގެފާނުގެ ވާހަކަ ކިޔައިދީ، ސިފަކުރެވޭގޮތަށް މި ޒިއާރަތް އާބާތުރަފިލުވާ ފަތުރުވެރިންނަށް ހުޅުވާލެވިއްޖެނަމަ މިއީ އާމުދަނީ ހޯދޭނެ ވަސީލަތަކަށްވާނެއެވެ.

Sunday, November 20, 2011

މަނަދޫ "ބޯކެޔޮ" ހާރޫނުބޭ

 

ޢަބްދުﷲ ސަޢީދު 


ނ. މަނަދޫ ގުލްބަކާގޭ އަލްމަރުޙޫމް ހާރޫނުބޭ އަޅުގަނޑުމެންނާވަނީ ވަކިވެގެން ގޮސްފައެވެ. މި ފަނާވެނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އެހެންނަމަވެސް ހާރޫނުބެއަކީ ޒިކުރާ އާކުރަންޖެހޭ ވަރުގެ ބޭކަލެކެވެ. އެވަރުގެ ޚިދުމަތްތެރިއެކެވެ. އެހާ މުރާލި އަދި ހީވާގި ބޭކަލެއްވެސް މެއެވެ.

ހާރޫނުބެއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު ބޭކަލެކެވެ. މަތީ ނަސަބަކުން އައިސްފައިހުރި ބޭކަލެއްނޫނެވެ. މަތީ މަޤާމުތަކެއް އަދާކުރި ބޭކަލެއްވެސް ނޫނެވެ. އެހެންނަމަވެސް އެއީ އަގުހުރި ޚިދުމަތްތެރިއެކޭ ބުނުމުން އަދި އެއީ މަނަދޫގެ ތާރީޚުގައި ފާހަގަކުރެވޭ ޝަޚްސިއްޔަތެކޭ ބުނުމުން މިހާރުގެ ބައެއް ޒުވާނުން ސުވާލު އުފައްދަފާނެއެވެ. "ބޯކެޔޮ ހާރޫނު" ބޭގެ ނަމުން އާންމުކޮށް މުޚާތަބު ކުރެވޭ ހާރޫނުބެއަކީ އޭނާއަށްވުރެ އުމުރުން ހަގު މީހުންނަށް ކޮއްކޮ ކިޔާފައި މުޚާތަބު ކުރި ބޭކަލެކެވެ. އެއީ ރާވެރިއެކެވެ. ރޭނުމުގެ މަސައްކަތް ކުރިއެވެ. ހާރޫނުބޭގެ އެންމެ ޚާއްޞަ ޚިދުމަތަކީ މަނަދޫ އިރުމަތީ އަވަށު ފިރިހެނުންގެ މިސްކިތް ބެލެހެއްޓުމެވެ. އެއީ އެއްވެސް އިނާޔަތެއްނެތި ހިލޭ ސާބަހަށް ކުރި އަގުހުރި ޚިދުމަތެކެވެ

މަނަދޫ ކުޑަކާފަ: އަޙްމަދު އިބްރާހީމް

ޢަބްދުﷲ ސަޢީދު 

އަޙްމަދު އިބްރާހިމްއޭ ބުނުމުން އެއީ ކާކުކަން ނޭނގުނު ނަމަވެސް " ކުޑަކާފަ " އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ އެކަކުވެސް މަނަދޫއަކު ނުހުންނާނެއެވެ. ކުޑަކާފައަކީ ހުރިހާ އުމުރެއްގެ މީހުންގެ ކުޑަކާފައެވެ. ތުއްތު ކުދިން ފެށިގެން އަޙްމަދު އިބްރާހިމް އާ އެއް އުމުރުގެ މީހުންވެސް އޭނާއަށް ކިޔަނީ ކުޑަކާފައެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އަޙްމަދު އިބްރާހިމްވެސް މީހުންނާ މުޚާތަބުކޮށް އުޅޭއިރު ކިޔަނީ ދަރިފުޅެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެއީ ހުރިހާ އެންމެންގެ ކުޑަކާފައެވެ.

އުމުރުން 77 އަހަރުގެ މަނަދޫ ރޭނިގޭ އަޙްމަދު އިބްރާހިމްއަކީ ވަރަށް ސަކަ މަޖާ މިޒާޖެއްގެ ވެރިއެކެވެ. ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނާ ގުޅޭ އެކުވެރިއެކެވެ. ކުޑަކާފަގެ އުމުރުން ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރީ މާލޭގައެވެ. ޒުވާން ދުވަސްވަރުން ފެށިގެން ކުޑަކާފަ ބުނިގޮތުގައި ހުރީ " މާލެފައިބައެވެ."

" އަޅުގަނޑު މާލެފައިބައިފިން ވަރަށް ޒުވާން ދުވަސްވަރު. ފީގޭގައި ( މ. ގޯލްވިޗްގައި ) އަޅުގަނޑު އުޅުނީ. ހޮޓާތަކުގައި އަޅުގަނޑު މަސައްކަތްކުރީ. މާލެ ފޭބީ ކުނޑިބެ މައްސަލައިން ސަލާމަތްވުމުން. އޭގެ ކުރިން މަސައްކަތްކުރީ އަތޮޅު ގޭގަ" ކުޑަކާފަ ބުންޏެވެ.

ކުޑަކާފަ އަތޮޅުގޭގައި އަދާކުރި ވަޒީފާއަކީ އަތޮޅުވެރިންނަށް ފަރިއްކޮޅު އެރުވުމެވެ. އޭރު މުސާރައަކީ 30 ރުފިޔާކަމަށް ކުޑަކާފަ ބުންޏެވެ. ކުޑަކާފަގެ އުމުރުން 20 އަހަރާއި 25 އަހަރާ ދެމެދުގައި މަނަދޫގައި ހިނގި ސިޔާސީ ކަންތައްގަނޑެއްގައި ބެދިގެން އަރުވާލިއެވެ. އެއީ ނ. އަތޮޅުގައި އަތޮޅުވެރިކަން ކުރެއްވި ކުޑިގޭ ޢަބްދުއްލަތީފުއާ ދެކޮޅަށް މަނަދޫ ރައްޔިތުން ކުރި އިހްތިޖާޖެކެވެ. މި މައްސަލައިގައި ކުޑަކާފަ އަރުވާލެވުނީ ތަކަންދޫއަށެވެ.

" ތަކަންދޫގައި އަޅުގަނޑު ހުރީ އެރަށުގައި ހުރި ވަރަށް މުއްސަދި މީހެއްގެ ގޭގަ. އެއީ އާދަމް ކަތީބު. އަޅުގަނޑު ގެންގޮސްފަ ބުނީ ކޮން ކަމެއްހޭ ކުރަން އެނގެނީ. އަޅުގަނޑު ބުނިން ކުރާކަށް ނުދަންނަމޭ އެއްވެސް ކަމެއް. އެކަމަކު ބުނިކަމެއް ބުނިގޮތަކަށް އެއްފަހަރުން ކުރާނަމޭ. އަޅުގަނޑަކީ އަމިއްލައަށް ފެންނަހާ ގޮތަކަށް ކަންކަން ކުރާމީހެއްނޫނޭ " ތަކަންދޫއަށް އަރުވާލި ހަނދާންތައް އާކުރަމުން ކުޑަކާފަ ބުންޏެވެ. ކާފަ ބުނިގޮތުގައި އާދަމް ކަތީބާއި އޭނާގެ އަންހެނުން އޭނާއަށް ވަރަށް ހެވެ. އަދި ބުނާ ކަންތައްތައް ބުނާގޮތަށް ކުރާތީ އެމީހުންނަށް ކުޑަކާފަ ވަރަށް ކަމުދެއެވެ.

" އެހެން އުޅެނިކޮށް އެއްދުވަހު އާދަމް ކަތީބުގެ އަންހެން ބުނެވި އަހަންމަދާވޭ ދޭބަލާށޭ އުނދުން މައްޗަށް ކުރާ އުދާލަން. އެހެންބުނީމާ އަޅުގަނޑުގޮސް ކުރާ އުދުންމައްޗަށް އުދައިފިން. ކަތީބު ގެއަށް ދުރުވެގެން ސައި އަޅަން ބެލިއިރު އުނދުންމަތީގައި ހުރި ކުރާހުރީ ހަލާކުވެފަ. ކަތީބުގެ އަންހެނުން އެދުވަހު ރުޅި އައިސްގެން ބުނި ކީއްވެހޭ ފެންނާޅާ ކުރާއުދީ. އަޅުގަނޑު ބުނީ އަޅުގަނޑު ނުބުނަންހޭ ބުނާ ގޮތަކަށޭ ކުރާކަމެއް ކުރާނީ. ކަތީބު އެދުވަހުވެސް ހިނިގަނޑަކުން ނިންމާލީ " ކުޑަކާފަ ހެމުން ހެމުން ބުންޏެވެ.

" އެހެން ދުވަހަކު ކަތީބު އައިސް ބުނެފި އަހަންމަދާވޭ ދޯނީގައި މަހަށްދާ ކުދިން ބަލިވެގެން މީހުން މަދުކަމުން މަހަށް ނުފުރިގެންނޭ މިއުޅެނީ. ދެވިދާނެހޭ މަހަށް. އަޅުގަނޑުބުނީ ކަތީބާވޭ ތިޔަހެން ނުބުނާށޭ. ބުނާށޭ މަހަށްދާށޭ. އޭރުން މިއަހަންމަދު މަހަށް ދާނަމޭ. ކަތީބު ބުނުމުން ދިޔައީ މަހަށް. ދޯންޏަށް އަރާ ދިރުބާކޮޅު ފެންފިލާމަތީގައި ގެންދިޔަ ކާއެއްޗެތި ކާލަކާލާ އިނީ. އެއްވެސް މީހަކު ކަމެއް ކުރާކަށް ނުބުނޭ. މަސްބާނައިގެން އައިސް ދޯނި ލެފީމާ އަޅުގަނޑު ދިޔައީ ގެއަށް. އެދުވަހު ކަތީބު ވަރަށް ރުޅިއައިސްފި. އެކަމަކު ކަތީބު އަންހެނުން އެދުވަހު ބުނީ ކަތީބު ބުނިގޮތަށޭ އަހަންމަދު ކަންތައްތައް އެކުރީ " ކުޑަކާފަ އަރުވާލި ދުވަސްތަކުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.

ކުޑަކާފަ އިތުރަށް ކިޔައިދިން ގޮތުގައި އެގޮތަށް ބައެއް ކަންތައްތައް މަޖަލަކަށް ކޮށްލިއަސް ކަތީބާއި ކަތީބު އަންހެނުންނާ ހިސާބުގަނޑު މީހުންނަށްވެސް އޭނާ ވަރަށް ލުއިފަސޭހަ ކޮށްދެއެވެ. އެހެންކަމުން މުޅި ހިސާބުގަނޑުގެ މީހުންވެސް ކުޑަކާފައާ ރައްޓެއްސެވެ. އަރުވާލި މުއްދަތު ހަމަވެގެން މާލެ އައިއިރު ނޫފުލޭ ވަރަށް ހަދިޔާ ދިންކަމަށް ކުޑަކާފަ ބުންޏެވެ.

" ކުނޑިބެ މައްސަލަ" އިގައި ކުޑަކާފަ ބެދުނީ ކުޑަކާފަ ބުނިގޮތުގައި " އެކަންތައްގަނޑު " ފަޅާއަރުވާލީމައެވެ. އަތޮޅުވެރިންގެ " ރަށުންބޭރުކުރަން" ރައްޔިތުން އެއްވިރޭ ރައްޔިތުން އެއްކުރަން ސަންގު ފުންމުނީ ކޮންބައެއްކަމާއި އެކަމުގައި އިސްކޮށް އުޅުނު މީހުންނަކީ ކޮންބައެއްކަން އެނގުނީ ކުޑަކާފަގެ ފަރާތުންކަމަށް ބައެއް މީހުން ތުޚުމަތު ކުރެއެވެ.

" އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްގެން ހޮޅުދޫއަށް ގެންދިޔަ މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭ. ރޯނުން ބަނދެގެން އަދަގޮނޑި ޖަހައިގެން ގެންގުޅުނީ. އޭރު އެމީހުން ކީއެއްޗަކަށްވިއްޔާ އާއެކޭ ބުނުން ނޫންގޮތެއްނެތް " ކުޑަކާފަ ބުންޏެވެ.

މިހާރު ކުޑަކާފައަކީ 65 އަހަރުން މަތީގެ މީހަކަށްވެގެން އެލަވަންސް ލިބޭ މީހެކެވެ. " މީ މި ސަރުކާރުން ކުރި އެންމެ ރަނގަޅު ކަންތައް. އަޅުގަނޑަށް ދެހާސް ރުފިޔާއެއް ނުލިބޭ. އަޅުގަނޑުމެންގޭގައި ހުންނާނެ ފިހާރައެއް ކުއްޔަށް ދީފަ. އެހެންވެ ލިބޭ ކުލިކަމަށްވާ 500 ރުފިޔާ އުނިކޮށްފަ 1500 ރުފިޔާ ލިބެނީ " ކުޑަކާފަ ބުންޏެވެ.

" ކޮންމެ މީހަކުވެސް ދަރިން ބޭނުންވާނެ. ކާފަގެނެތް ދަރިއަކު. އެކަމަކު އަޅުގަނޑު ތިބި ވަރަށް ކާފަދަރިން ތިބި މީހަކު ނުހުންނާނެ. ކާފައޭ ކިޔާ ގޮވާލީމާ ވަރަށް އުފާވޭ " އަޙްމަދު އިބްރާހިމް ބުންޏެވެ.

Friday, June 24, 2011

ހާބީލް އާއި ޤާބިލްގެ ވާހަކަ

ހާބީލް އާއި ޤާބިލްގެ ވާހަކަ: ދުނިޔޭގެ ފުރަތަމަ ޖަރީމާ ލޯތްބަށްޓަކައި


މާތްﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ. "އާދަމްގެފާނުގެ ދަރިކަލުންގެ ޚަބަރު، ޙައްޤު ގޮތުގައި ކަލޭގެފާނު އެއުރެންނަށް ވިދާޅުވެދެއްވާށެވެ. އެއީ، އެދެދަރިކަލުން ޤުރުބާނެއް ކުރިމަތި ކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (ޤުރުބާން) ޤަބޫލު ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. އެދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ތިބާ ޤަތުލުކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ. ހަމަކަށަވަރުން، ތިމަން ޤަތުލުކުރުމަށްޓަކައި ތިބާގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ތިބާ ޤަތުލުކުރުމަށްޓަކައި، ތިމަންގެ އަތް ތިބާޔާ ދިމާޔަށް ދިކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، ޢާލަމުތަކުގެ ވެރި ﷲ ދެކެ ތިމަން ބިރުގަންނަމެވެ. ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ތިބާގެ ފާފައިގެން (ﷲގެ ޙަޟްރަތަށް) ތިބާ ރުޖޫޢަވުމެވެ. އޭރުން ތިބާވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. ދެން އޭނާގެ އަޚާ ޤަތުލުކުރުމަށް، އޭނާގެ ނަފްސު އޭނާޔަށް ޒީނަތްތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ އަޚާ ޤަތުލުކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ. ދެން އޭނާގެ އަޚާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދައަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް ﷲ ފޮނުއްވިއެވެ. ދެން އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހުރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅުފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެންވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިން ވިއެވެ. ( އަލް-މާއިދާ 27-31)

ޤާބީލް އާއި ހާބީލް އަކީ ސަލާމްލެއްވި އާދަމްގެފާނުގެ ދެ ދަރިކަލުންނެވެ. މި ދެބޭފުޅުންގެ ދެމެދުގައި ފިތުނައެއް އުފެދުނެވެ. އެއީ ކައިވެނިކުރަންވީ އަންހެން ބޭފުޅާގެ ރީތިކަމާމެދު އުފެދުނު ފިތުނައެކެވެ. އެ ފިތުނައިގެ ތެރޭގައި ޤާބީލް އޭނާގެ ކޮއްކޮ، ހާބީލް ޤަތުލުކުރިއެވެ. އެއީ މި ބިންމަތީގައި ހިންގި ފުރަތަމަ ޖަރީމާއެވެ.
ޙައްވާގެފާނު އާލާސްވެއިންނަވާ ކޮންމެ ފަހަރަކު ރައްކާވެވަޑައި ގަންނަވަނީ އެއްމާބަނޑު ދެބޭފުޅުންނެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. ޙައްވާގެފާނު އެންމެ ފުރަތަމަ ރައްކާވެވަޑައިގަތީ ''ޤާބީލު'' އާއި އޭނާގެ އަންހެން ކޮއްކޮ ''ޤްލީމާ'' އެވެ. އެއަށްފަހު ދެން ރައްކާވެވަޑައިގަތީ ''ހާބީލް'' އާއި އޭނާގެ އަންހެން ކޮއްކޮ ''ލަބޫދާ'' އެވެ. މިކުދިން ބޮޑެތިވުމުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނަށް މިބޭފުޅުން ކައިވެނި ކޮށްދެއްވުމަށް އަމުރުކުރެއްވިއެވެ. ކައިވެނިކޮށްދެއްވުމަށް އަމުރުކުރެއްވީ އެއްމާބަނޑުގައި ރައްކާވެވަޑައިގެންނެވި ދެބޭފުޅުން ކައިވެނި ކޮށްދެއްވުމުގެ ބަދަލުގައި ކޮންމެ ފިރިހެން ދަރިކަލަކު ރައްކާވެވަޑައިގެން އަނެއް ފަހަރުގެ އަންހެން ދަރިކަލުންނާ ކައިވެނި ކުރައްވާށެވެ. އެހެންކަމުން ހަމަޖެހިގެންދިޔައީ ޤާބީލު ލަބޫދާ އާ އަދި ހާބީލު ޤްލީމާ އާ ކައިވެނި ކުރައްވާގޮތަށެވެ. މިގޮތަށް ހަމަޖެއްސެވުމުން ޤާބީލު މިކަމާ އިންކާރުކުރިއެވެ. ލަބޫދާއަށްވުރެ ޤްލީމާއަކީ ބުރުސޫރަ ތީރި އަންހެން ބޭކަބަލެއްކަމުގައިވިއެވެ. ޤާބީލު ދެކުނުގޮތުގައި އޭނާއާއި އެންމާމަނޑުގައި ބިހޭ އޭނާގެ ކޮއްކޮގެ ކައިވެނި ޙައްޤުވަނީ އޭނާއަށެވެ.
މާތްﷲގެ ޢަމުރުފުޅާ އެއްގޮތަށް އާދަމްގެފާނު އެކަލޭގެފާނުގެ ބޭފުޅުންގެ ކައިވެނިފުޅު ހަމަޖައްސަވަން ނިންމެވިހިނދު، ޤާބީލު އެކަމަށް އިންކާރުކުރައްވަން ފެއްޓެވުމުން އާދަމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. މާތްﷲ ހުއްދަކުރައްވާފައިވާ ގޮތް ބަޔާންކުރައްވާ ދަރިކަލުން ޤާބީލަށް ވިސްނައިދެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެވަރުންވެސް ޤާބީލު އެކަން ޤަބޫލުނުކުރެއްވުމުން އާދަމްގެފާނު އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން ގެންނަވާ އެދެބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކުވެސް މާތްﷲ އަށް ޤުރުބާނެއް ނެރުމަށް އެންގެވިއެވެ. އެދެބޭކަލުން ނެރުއްވާ ޤުރުބާނުގެ ތެރެއިން މާތްﷲ ޤުރުބާނެއްގެ ވެރިއަކާ ޤުލީމާ ކައިވެނިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ބައްޕާފުޅު އާދަމުގެފާނުގެ އެންގެވުމަށް ދެބޭފުޅުން އެބޭފުޅުންގެ މުދަލުގެ ތެރެއިން ޤުރުބާން ނެރުއްވައިފިއެވެ. ހާބީލު ނެރުއްވީ ކަންބަޅިއެކެވެ. ޤާބީލު ނެރުއްވީ ގޮވާމުގެ ބޮޑިއެކެވެ. ދެ ބޭފުޅުން ނެރުއްވި ޤުރުބާން ގެންގޮސް ފަރުބަދައެއްގެ މަތީގައި ބެހެއްޓުމަށްފަހު ބާގޮތެއް ބެއްލެވުމަށް ދުރުގައި ބަލަން ތިއްބެވިއެވެ. އެހިނދު ކުއްލިއަކަށް ފެނުނީ މަތިން އަލިފާންގަނޑެއް އެ ފަރުބަދައާ ދިމާލަށް އައިތަނެވެ. ހައިރާންވެ، އެމަންޒަރު ބައްލަވަން ތިއްބަވަނިކޮށް އެ އަލިފާންގަނޑު އައިސް ހާބީލް ގެ ޤުރުބާން ކާލައިފިއެވެ. މިހެން މިކަން ހިނގުމުން މާތް ﷲ އެ ޤުރުބާން ޤަބޫލު ކުރެއްވީކަން އެންމެންނަށްވެސް އެނގިއްޖެއެވެ. މިހެން މިކަން ހިނގިއިރު، ހަބީލު މާތްﷲ އަށް ޤުރުބާނެއްގެ ގޮތުގައި ނެރުއްވީ އަތްޕުޅުގައި ހުރި ކަންބަޅިތަކުގެ ތެރެއިން އެންމެ ފަލަ އެންމެ ރަނގަޅު ކަންބަޅިއެވެ. އެކަމަކު ޤާބީލް ޤުރުބާނަށް ނެރުނީ އޭނާ އަތުގައި ހުރި ގޮވާންތަކުގެ ތެރެއިން އެންމެ ދެރަ، އެންމެ އަގެއް ނެތް ތަކެއްޗެވެ.
މާތްﷲ، ހާބީލު ޤުރުބާން ޤަބޫލުކުރައްވައި ޤާބީލުގެ ޤުރުބާން ޤަބޫލު ނުކުރެއްވުމުން އެކަމާ އޭނާ ރުޅިއައިސް ހަޅޭއްލަވާ ނުރުހުންފާޅުކުރިއެވެ. "ކަލޭގެޤުރުބާން ޤަބޫލުކުރައްވާފައި، އަހަރެންގެ ޤުރުބާން ޤަބޫލު ކުރެއްވީ ކީއްވެގެން" ތޯ އޭނާ ސުވާލުކުރިއެވެ. އެހިނދު ހާބިލު ޖަވާބުގައި ދެންނެވިއެވެ. " މާތް ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ، ތަޤްވާވެރީން ގެ ކިބައިން" އެވެ. މިގޮތަށް ހާބީލު ވިދާޅުވުމުން އިހުނަށްވުރެ ޤާބީލުގެ ރުޅިވެރިކަން މައްޗަށްގޮސް ނަފުރަތާއި ފިތުނައިގެ އަލިފާންގަނޑު ހުޅުފަޅައިގެން ދިޔައެވެ. އަދި ވިދާޅުވިއެވެ. ޤުލީމާއަކާ ކަލެއަކަށް ކައިވެންޏެއް ނުކުރެވޭނެއެވެ. އަހަރެން ކަލޭ މަރާލާނަމެވެ. ޖަވާބުގައި ހާބީލު ވިދާޅުވިއެވެ. އަހަރެން މަރާލަން ކަލޭ އަތް ދިއްކުރިއަސް، ކަލޭ މަރާލަން އަހަރެންގެ އަތެއް ދިކެއް ނުކުރާނަމެވެ. ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ދެކެ އަހަރެން ބިރުވެތިވަމެވެ. ހާބީލުގެ މިޖަވާބުންވެސް ޤާބީލުގެ ރުޅިވެރިކަން މައިތިރިވުމުގެ ބަދަލުގައި، ހަސަދައާއި ރުޅިވެރިކަންވީ އިތުރެވެ. އެންމެފަހުން އޭނާގެ ހަވާނަފްސަށް ތަބާވެ، ޝައިޠާނާގެ ވަސްވާހަށް ހެއްލިއްޖެއެވެ. އޭނާގެ އަތުން އޭނާގެ ކޮއްކޮ ޤަތުލުކޮށްލައިފިއެވެ.
ޤާބީލު އޭނާގެ ކޮއްކޮ މަރާލީ ކުރެވުނު ޒުވާބުގަނޑެއްގެ ތެރޭގައި ދަގަނޑު ރޮޑަކުން ހަމަލާދީގެންކަމަށާއި އަދި ހާބީލު މަރާލީ ނިދިކުރައްވާފައި އޮންނަވަނިކޮށް ބޮލުގައި ގަލަކުން ޖަހާކަމަށްވެސް ބުނެވެއެވެ. ކޮންމެއަކަސް އެނުބައި ޢަމަލަށް ޤާބީލު އަރައިގެންނެވިއެވެ. އެހިނދު އޭނާގެ ކުރިމަތީގައި އޮތީ މަރުވެފައިވާ އޭނާގެ ކޮއްކޮގެ މަސްގަނޑެވެ. އެހަށިގަނޑަށް ހަދާނެ އެއްވެސް ގޮތެއް ޤާބީލުގެ ސިކުޑިއަކަށް ނުވިސްނުނެވެ. އެވަގުތު މާތް ﷲ ދެ ކާޅު ފޮނުއްވެވިއެވެ. އެއީ މަރުވެފައިވާ ހާބީލްގެ ހަށިގަނޑު ވަޅުލާނެ ގޮތް ޤާބީލަށް ދަސްކޮށްދެއްވުމަށްޓަކައެވެ. ޤާބީލުގެ ކުރިމަތީގައި ދެ ކާޅު ތޮޅެމުން ތޮޅެމުން ގޮސް އެކަތި މަރުވީމާ، އަނެއް ކާޅު ވަޅެއް ކޮނެފައި މަރުވެފައި އޮތް ކާޅު ވަޅުލިއެވެ. އެމަންޒަރު ފެނުމުން ޤާބީލު ބުންޏެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މި ކާޅު ފަދައިންވެ، އަހަރެންގެ ކޮއްކޮގެ މަސްގަނޑު ފޮރުވުމަށްވެސް އަހަރެންނަކަށް ނޭނގުނެވެ.
އެންމެފަހުން ކާޅު ހެދިފަދައިން ވަޅެއްކޮނެއް ހާބީލުގެ ހަށިގަނޑު އެވަޅަށްލައި ފަސްލިއެވެ. ސީރިއާގެ އުތުރުގެ ސަރަޙައްދެއްގައި "ބުލޫޑްކޭވް" ގެ ނަމުން ނަންދީފައިވާ ފަރުބަދައެއްގެ ހޮހަޅައެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިއީ ޤާބީލު އޭނާގެ ކޮއްކޮ ހާބީލު ޤަތުލުކުރިތަނެވެ.

ޤާބީލް އޭނާގެ ކޮއްކޮ ހާބީލަށް ހެދިގޮތް އާދަމްގެފާނަށް އެނގިވަޑައިގަތުމުން އެކަމާ ވަރަށް ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. އެހެނީ ހާބީލަކީ ބައްޕައަށް ކިޔަމަންތެރި ޞާލިޙް ދަރިއެކެވެ. ދެން ކޮންމެ އަކަސް، މަރުވި ދަރިކަލުންގެ ބަދަލެއްގެ ގޮތުން މާތް ﷲ އަނެއްކާ ވެސް އާދަމްގެފާނަށް ދަރިކަލެއް ރިޒުޤުކުރެއްވިއެވެ. އެއީ ''ޝީޘް'' ގެފާނެވެ. އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ދަރިކަލުންނާއި ދަރިކަނބަލުން، އާދަމްގެފާނާއި ޙައްވާގެފާނަށް ލިބިވަޑައިގަތެވެ. ދެން ޝީޘް ގެފާނުގެ ނަސްލުން އިންސާނީ ދަރިފަސްކޮޅު ފެތުރިގެން ދިޔައެވެ. އަހަރެމެންނަކީ ވެސް އެ ނަސްލުން އައިސްފައި ތިބި ބައެކެވެ.

އިމާމް އަބޫ ޖަޢުފަރުގެ ތާރީޚު ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި ޙައްވާގެފާނު 40 ދަރިކަލުން ރައްކާވިއެވެ. އެއީ 20 ފަހަރު އާލާސްވެ އިންނަވައިގެންނެވެ. އިބްނު އިސްޙާޤު ދެކެވަޑައިގަންނަވާގޮތުގައި ޙައްވާގެފާނު ރައްކައުވި ބޭފުޅުންގެ ނަންފުޅުތަކާއި ނަންބަރުތައް ދިރާސާކުރާއިރު ތާރީޚުގެ ފަތްފުށްތަކުން ފެންނަންހުރި ލިޔުންތަކުން މާސާފެއްކޮށް އެކަން އެނގޭކަށް ނެތެވެ. އެކަންތައް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ މާތްﷲ އެވެ.

Saturday, May 21, 2011

ކޮންމެ އެއްޗަކަށްވެސް މަޤާމެއް އޮންނާނެ ހެއްޔެވެ؟

ކޮންމެ އެއްޗަކަށްވެސް މަޤާމެއް އޮންނާނެ ހެއްޔެވެ؟

ކޮންމެ އެއްޗަކަށްވެސް އެއެއްޗެއް އޮންނަންވީ ވަކި ޚާއްޞަ މަޤާމެއް އޮންނާނެއެވެ. އެ އެއްޗެއްގެ އަގު އޮންނާނީ އެމަޤާމެއްގައި އޮންނައިރުގައެވެ. އެއެއްޗަކުން ނަގާ އެއެއްޗެއް އޮންނަންވީ މަޤާމު ނޫން އެހެން ތަނެއްގައި އޮންނައިރު އެ އެއްޗެއްގެ އަގެއް ނޯންނާނެއެވެ. އަދި އެއެއްޗަކަށް ލިބެންވީ އިޙްތިރާމެއްވެސް ނޯންނާނެއެވެ. މިއީ ތެދެއް ހެއްޔެވެ؟

މިއީ ބައެއް މީހުން ޤަބޫލުކުރާ ފިލޯސަފީއެކެވެ. އެކަމަކު މިއީ އަހަރެން ޤަބޫލުކުރާ ފިލޯސަފީއެއް ނޫނެވެ. އަހަރެން ޤަބޫލުކުރަނީ އަގުހުރި އެއްޗެއް ކޮންމެ ތަނެއްގައި އޮތަސް އެވާނީ އަގުހުރި އެއްޗަކަށެވެ. އޭތި އޮންނަ ތަނެއްގެ ސަބަބުން އޭގެ އަގު ވެއްޓިގެން ނުދާނެއެވެ. އަދި އެއީ އަގުހުރި އެއްޗެއް ކަމަކަށް ނުވެއެއް ނުދާނެއެވެ. އެހެންނަމަވެސް އެއެއްޗެއް އޮންނަ ތަނެއްގެ ސަބަބުން އެހެން މީހުންނަށް އެއީ ކިހާ އަގުހުރި އެއްޗެއްކަން ނޭގި އޮވެދާނެއެވެ.

އެއްޗެއް ނުފެނުމަކީ ނުވަތަ އެއެއްޗެއްގައި ހުރި ރަނގަޅުކަމެއް އެހެން މީހުންނަށް ނޭގުމަކީ ހަގީގަތުގައި އެއެއްޗެއްގެ ދެރަކަމެއް ނޫނެވެ. އަދި އެއީ ހަގީގަތެއްވެސް ނޫނެވެ. ފެންފޮދަކަށް ހަމަލޮލުން ބެލުމުން އޭގެ ތެރެއިން އެއްވެސް އެއްޗެއް ނުފެނެއެވެ. އެހެންނަމަވެސް އެއީ އެއްވެސް އެއްޗެއްނެތް އެއްޗެއް ނޫނެވެ. މައިކްރޮސްކޯޕަކުން ބަލާލުމުން އޭގެ ތެރެއިން ހަމަލޮލަށް ނުފެނުނު އެތައް އެއްޗެއް ފެންނާނެއެވެ. ހަގީގަތަކީ އެއީއެވެ.

ދުނިޔޭގެ ކާއިނާތުގައި ނުވަތަ ފަޒާގެ ތެރޭގައި އަހަރެމެންނަން ނުފެންނަ އެތައް އެއްޗެއްސެއްވެއެވެ. އެކަން ޤަބޫލުކުރަން ޖެހެއެވެ. އަހަރެމެންނަށް އެތަކެތި ނުފެނުމަކީ އެއެއްޗެތި ނެތުމެއް ނޫނެވެ.

ގޮނޑުގެ ކުނިތަކުގެ ތެރޭގައި ވަޅުޖެހިފައި އޮންނަ ޖަވާހިރެއްގެ އަގު އެކުނިގޮނޑުގައި އޮންނައިރާއި ޖަވާހިރު ބޭއްވުމަށް މަހުމާ ޖަހާފައިވާ ސޯކޭހެއްގައި އޮންނައިރާ ތަފާތުވާނެއެވެ. ކޮންމެ އެއްޗެއްގެވެސް އަގު އޮންނާނީ އޭގެ މަޤާމުގައި އޮންނައިރުއޭ ބުނެވެނީ އެހެންވެގެންކަމަށް ވެދާނެއެވެ. ނަމަވެސް ގޮނޑުގައި އޮތީ ޖަވާހިރެއްކަން އެނގުމާއެކު އޭގެ އަގު އުފުލެއެވެ. އޭގެ އަސްލު މަޤާމަށް އޭތި އާދެއެވެ. ކޮންމެ އެއްޗެއްވެސް އޮންނަންވާނީ އޭގެ މަޤާމުގައޭ ބުނެވޭ ބަހަށް އެއްބަސް ނުވެވެނީ އެހެންވެގެންނެއެވެ.

Saturday, May 14, 2011

ދިވެހިރާއްޖޭގެ މޫސުން

ދިވެހިރާއްޖޭގެ މޫސުން


ދިވެހިރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ހުޅަނގު މޫސުމްގައި އޮންނަނީ 18 ނަކަތެވެ. އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ނިމެނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ނިމެނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.

ހުޅަނގު މޫސުމްގެ ނަކަތްތައް

1- އައްސިދަ ( އޭޕްރީލް 8 އިން އޭޕްރީލް 21 އަށް )

އައްސިދަ ނަކަތަކީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތެވެ. މި ނަކަތް ފެށޭއިރު ކޮޅިގަނޑެއް އަންނާނެއެވެ. ނަމަވެސް އޭގެ ފަހުން މި ނަކަތުގައި ހޫނު ގަދަ ވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 12.96 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މިއީ މިޔަރުގެ މަސްވެރިކަން ރަނގަޅު ނަކަތެކެވެ.  

2- ބުރުނު ( އޭޕްރީލް 22 އިން މެއި 5 އަށް )

 ބުރުނު ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ނަކަތް ނިމެމުން ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައި ހުންނާނީ ޢާންމުގޮތެއްގައި 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 2.59 އިންޗިއަށެވެ. އަވިދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެއެވެ. 

3- ކެތި (މެއި 6 އިން މެއި 19 އަށް)

ކެތި ނަކަތުގައި ވިއްސާރަ ވިލާގިނަވާން ފަށާނެއެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ފެށޭނެއެވެ. މަސްވެރިންކަން މި ދުވަސްވަރު ދަށްވާނެއެވެ. ޢާންމުގޮތެއްގައި އުޑުމަތި ބަނަވާނެއެވެ. ދޭތެރެދޭތެރެއިން ވާރޭ ވެހޭނެއެވެ. އިހުގައި މީހުން ޤަބޫލުކުރާގޮތުން މި ނަކަތުގައި ހަތް ކޮޅިގަނޑެއް ލައިގަންނާނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ މި ނަކަތުންނެވެ. މި ނަކަތުގައި އެވްރެޖްކޮށް 4.41 އިންޗީގެ ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް 20.37 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް އަވިދީފަ އޮންނާނީ 97.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

4- ރޯނު ( މެއި 20 އިން ޖޫން 2 އަށް)

ރޯނު ނަކަތުގައި ގަދަ ވަޔާއެކު ކަނޑު ގަދަވެފައި ވިއްސާރަކުރާނެއެވެ. ރޯނު ނަކަތުގައި ވިއްސާރައަކީ ގަދަ ވިއްސާރައެކެވެ. މިއީ މަޝްހޫރު "ޖުންޖުލައި"ގެ ވިއްސާރަ ފެށޭ ނަކަތެވެ. އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ. 

5- މިއަހެލި (ޖޫން 3 އިން ޖޫން 16 އަށް)

މިއަހެލި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

6- އަދަ (ޖޫން 17 އިން ޖޫން 30 އަށް)

އަދަ ނަކަތުގައި ވައި ޖެހޭނީ ހުޅަނގު ދެކުނުންނެވެ. އަދި މި ނަކަތުގައި ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ކުރާނެއެވެ. މި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި މަސް އުޅޭނީ އައިން ހަދައިގެންނެވެ. 

7- ފުނޯސް ( ޖުލައި 1 އިން ޖުލައި 14 އަށް)

ނުފޯސް ނަކަތުގައި ކަނޑުތައް ގަދަވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ. 

8- ފުސް ( ޖުލައި 15 އިން ޖުލައި 28 އަށް)

ފުސް ނަކަތުގައި ވާރޭ ވެހުން ގިނަވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. އަދި އެވްރެޖްކޮށް 88.6 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.

9- އަހުލިހަ ( ޖުލައި 29 އިން އޯގަސްޓް 10 އަށް)

އަހުލިހަ ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ސާފުކޮށެވެ. ވައިމަޑުވުމާއެކު ކަނޑުތައް ވެސް މަޑުވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖުކޮށް ގަޑިއަކު 18.52 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭގެ މިންވަރު ހުންނާނީ 2.65 އިންޗީގައެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. ފުސް ނަކަތުގައި އަތޮޅުގެ އައްސޭރިފަށާ ކައިރިން ފެނުނު މަސްއައިންތައް މި ނަކަތުގައި މަޑުމަޑުން އަތޮޅުތަކާ ދުރަށް ދާނެއެވެ. 

10- މާ (އޯގަސްޓް 11 އިން އޯގަސްޓް 23 އަށް)

މާ ނަކަތުގައި ޢާންމުކޮށް ވައި މަޑުވެ ކަނޑުތައް މަޑުވާނެއެވެ. ނަމަވެސް މި ނަކަތާމެދު އިހުގައި ދިވެހިން ބުނެ އުޅޭގޮތުން އަހުލިހައިގައި ވިއްސާރަ ވެއްޖެ ނަމަ މާ ނަކަތުގައި ވެސް ވިއްސާރަވާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 20.37 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ އެވްރެޖްކޮށް 4.17 އިންޗީގައެވެ. މި ނަކަތުގައި އަވިދޭނީ އެވްރެޖްކޮށް 76.9 ގަޑިއިރުއެވެ. މި ނަކަތުގައި ވިއްސާރަ ނޫން ނަމަ މަސްވެރިކަން ރަނގަޅުވާނެއެވެ. 

11- ފުރަ (އޯގަސްޓް 24 އިން ސެޕްޓެންބަރު 6 އަށް)

ފުރަ ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އިތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު އުޅޭނީ އެވްރެޖްކޮށް 1.89  އިންޗީގައެވެ. އެވްރެޖްކޮށް 107.8 ގަޑިއިރު މި ނަކަތުގައި އަވިދޭނެއެވެ. މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންނެވެ. 

12- އުތުރަ ( ސެޕްޓެންބަރު 7 އިން ސެޕްޓެންބަރު 20 އަށް)

އުތުރަ ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ 4.59 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅުވާނެއެވެ. 

13- އަތަ ( ސެޕްޓެމްބަރ 21 އިން އޮކްޓޯބަރ 3 އަށް)

އަތަ ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ވިއްސާރަ ނަގައި ވާރޭ ވެހޭނެއެވެ. ވައިޖެހޭނި ހުޅަނގުންނެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ.  މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން މި ނަކަތުގައި ފެންނަން ފަށާނެއެވެ. 

14- ހިތަ ( އޮކްޓޯބަރ 4 އިން އޮކްޓޯބަރ 17 އަށް)

ހިތަ ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 22.2 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 4.10 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 106.1 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ޢާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެއެވެ.

 15- ހެއި ( އޮކްޓޯބަރ 18 އިން އޮކްޓޯބަރ 31 އަށް)

ހެއި ނަކަތުގައި ވައި އެނބުރޭނެއެވެ. މި ނަކަތުގައި ވައިބާރުވެފައި އެކިފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ. އެކަމަކު ޢާންމުކޮށް ވައި ހުންނާނީ ހުޅަނގުގައެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮސް ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. 4.37 އިންޗީގެ ވާރޭ ވެހޭނެއެވެ. މި ނަކަތުގައި ޢާންމުކޮށް 109.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވެފައި ބޭނޭ މަހުގެ ސައިޒު ބޮޑުވާނެއެވެ. 

16- ވިހާ ( ނޮވެންބަރު 1 އިން ނޮވެންބަރު 13 އަށް)

މި ނަކަތުގައި މޫސުން ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި ގަޑިއަކު 20.37 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭވެހޭ ނިސްބަތަކީ 3.7 އިންޗިއެވެ. މި ނަކަތުގައި 93 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.

17- ނޮރަ ( ނޮވެންބަރު 14 އިން ނޮވެންބަރު 26 އަށް)

ނޮރަ ނަކަތުގައި އާދައިގެ ވަރަކަށް ވައި ޖެހޭނެއެވެ. އަދި ކޮންމެވެސް ވަރަކަށް އަވި ދިއްލައި، ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި ގަޑިއަކު 16.67ަ ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭވެހޭ ނިސްބަތަކީ 3.33 އިންޗި، 84.5 މިލިމީޓަރެވެ. ދިވެހިންގެ ތެރޭގައި ބުނެ އުޅޭގޮތުގައި، މި ނަކަތުގެ ފުރަތަމަ ކޮޅިގަނޑު އިރުމަތިން އަހިސްފިނަމަ މި ނަކަތުގައި މަސްވެރިކަން ރަނގަޅު ވާނެއެވެ. 

18- ދޮށަ ( ނޮވެމްބަރ 27 އިން ޑިސެމްބަރ 9 އަށް )

ދޮށަ ނަކަތަކީ ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ވައި މަޑުވާނެއެވެ. ވައިޖެހޭނީ އިރުއުތުރުންނެވެ ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖްކޮށް 4 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ 97.6 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. 

 

އިރުވައި މޫސުމުގެ ނަކަތްތައް

1- މުލަ ( ޑިސެންބަރު 10 އިން ޑިސެންބަރު 22 އަށް)

މުލަ ނަކަތަކީ އިރުވައިގެ އެންމެ ފުރަތަމަ ނަކަތެވެ. މި ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވައި ވެސް ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. 

2- ފުރަހަޅަ ( ޑިސެންބަރު 23 އިން ޖަނަވަރީ 5 އަށް)

ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ. 

3- އުތުރުހަޅަ ( ޖަނަވަރީ 6 އިން ޖަނަވަރީ 18 އަށް)

އުތުރޔ ހަޅަ ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ. މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާންމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ. 

4- ހުވަން ( ޖަނަވަރީ 19 އިން ޖަނަވަރީ 31 އަށް)

ހުވަން ނަކަތުގައި ކަނޑު މަޑުވެފައި އުޑުމަތި ސާފުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.

5- ދިނަށަ ( ފެބްރުވަރީ 1 އިން ފެބްރުވަރީ 13 އަށް)

ދިނަށަ ނަކަތުގައި އުޑުމަތި ސާފުވެފައި ކަނޑު މަޑުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުން އާދައިގެން ވަރަކަށެވެ. 

6- ހިޔަވިހާ ( ފެބްރުވަރީ 14 އިން ފެބްރުވަރީ 26 އަށް)

ހިޔަވިހާ ނަކަތުގައި އުޑުމަތި ސާފުވެފައި، ކަނޑު މަޑުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުންނެވެ. 

7- ފުރަބަދުރުވަ ( ފެބްރުވަރީ 27 އިން މާރިޗު 11 އަށް)

ފުރަބަދުރުވަ ނަކަތަކީ ވިދުމާއި ގުގުރުން ގިނަ ނަކަތެކެވެ. މަދު މަދުން ކުދި ކުޅިގަނޑު ޖެހުނަސް އާންމު ގޮތެއްގައި ވައި ޖެހޭނީ އިރު އުތުރުން އާދައިގެ ވަރަކަށެވެ. މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ. 

8- ފަސްބަދުރުވަ ( މާރިޗު 12 އިން މާރިޗު 25 އަށް)

ފަސްބަދުރުވަ ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އަދި މި ނަކަތުގައިި ގުގުރާ ވިދުންވެސް އެކަށީގެންވެއެވެ. މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ. 

9- ރޭވަ (މާރިޗު 26 އިން އޭޕްރީލް 7 އަށް) 

ރޭވަ ނަކަތަކީ އިރުވައިގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ކަނޑު މަޑުވެފައި އަވި ގަދަ ވާނެއެވެ. ވައި ޖެހޭނީ ހުޅަނގު އުތުރުން އާދައިގެ ވަރަކަށްވެެ. މަސްވެރިކަން އުތުރަށް ރަނގަޅުވާނެއެވެ. 

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...