ދިވެހިރާއްޖޭގެ މޫސުން
ދިވެހިރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ހުޅަނގު މޫސުމްގައި އޮންނަނީ 18 ނަކަތެވެ. އިރުވައި މޫސުމުގައި އޮންނަނީ 9 ނަކަތެވެ. ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ނިމެނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރ 10 ވަނަ ދުވަހުއެވެ. ނިމެނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ.
ހުޅަނގު މޫސުމްގެ ނަކަތްތައް
1- އައްސިދަ ( އޭޕްރީލް 8 އިން އޭޕްރީލް 21 އަށް )
އައްސިދަ ނަކަތަކީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތެވެ. މި ނަކަތް ފެށޭއިރު ކޮޅިގަނޑެއް އަންނާނެއެވެ. ނަމަވެސް އޭގެ ފަހުން މި ނަކަތުގައި ހޫނު ގަދަ ވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 12.96 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މިއީ މިޔަރުގެ މަސްވެރިކަން ރަނގަޅު ނަކަތެކެވެ.
2- ބުރުނު ( އޭޕްރީލް 22 އިން މެއި 5 އަށް )
ބުރުނު ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ނަކަތް ނިމެމުން ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައި ހުންނާނީ ޢާންމުގޮތެއްގައި 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 2.59 އިންޗިއަށެވެ. އަވިދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެއެވެ.
3- ކެތި (މެއި 6 އިން މެއި 19 އަށް)
ކެތި ނަކަތުގައި ވިއްސާރަ ވިލާގިނަވާން ފަށާނެއެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ފެށޭނެއެވެ. މަސްވެރިންކަން މި ދުވަސްވަރު ދަށްވާނެއެވެ. ޢާންމުގޮތެއްގައި އުޑުމަތި ބަނަވާނެއެވެ. ދޭތެރެދޭތެރެއިން ވާރޭ ވެހޭނެއެވެ. އިހުގައި މީހުން ޤަބޫލުކުރާގޮތުން މި ނަކަތުގައި ހަތް ކޮޅިގަނޑެއް ލައިގަންނާނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ މި ނަކަތުންނެވެ. މި ނަކަތުގައި އެވްރެޖްކޮށް 4.41 އިންޗީގެ ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް 20.37 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް އަވިދީފަ އޮންނާނީ 97.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.
4- ރޯނު ( މެއި 20 އިން ޖޫން 2 އަށް)
ރޯނު ނަކަތުގައި ގަދަ ވަޔާއެކު ކަނޑު ގަދަވެފައި ވިއްސާރަކުރާނެއެވެ. ރޯނު ނަކަތުގައި ވިއްސާރައަކީ ގަދަ ވިއްސާރައެކެވެ. މިއީ މަޝްހޫރު "ޖުންޖުލައި"ގެ ވިއްސާރަ ފެށޭ ނަކަތެވެ. އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ.
5- މިއަހެލި (ޖޫން 3 އިން ޖޫން 16 އަށް)
މިއަހެލި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.
6- އަދަ (ޖޫން 17 އިން ޖޫން 30 އަށް)
އަދަ ނަކަތުގައި ވައި ޖެހޭނީ ހުޅަނގު ދެކުނުންނެވެ. އަދި މި ނަކަތުގައި ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ކުރާނެއެވެ. މި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި މަސް އުޅޭނީ އައިން ހަދައިގެންނެވެ.
7- ފުނޯސް ( ޖުލައި 1 އިން ޖުލައި 14 އަށް)
ނުފޯސް ނަކަތުގައި ކަނޑުތައް ގަދަވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
8- ފުސް ( ޖުލައި 15 އިން ޖުލައި 28 އަށް)
ފުސް ނަކަތުގައި ވާރޭ ވެހުން ގިނަވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. އަދި އެވްރެޖްކޮށް 88.6 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.
9- އަހުލިހަ ( ޖުލައި 29 އިން އޯގަސްޓް 10 އަށް)
އަހުލިހަ ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ސާފުކޮށެވެ. ވައިމަޑުވުމާއެކު ކަނޑުތައް ވެސް މަޑުވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖުކޮށް ގަޑިއަކު 18.52 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭގެ މިންވަރު ހުންނާނީ 2.65 އިންޗީގައެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. ފުސް ނަކަތުގައި އަތޮޅުގެ އައްސޭރިފަށާ ކައިރިން ފެނުނު މަސްއައިންތައް މި ނަކަތުގައި މަޑުމަޑުން އަތޮޅުތަކާ ދުރަށް ދާނެއެވެ.
10- މާ (އޯގަސްޓް 11 އިން އޯގަސްޓް 23 އަށް)
މާ ނަކަތުގައި ޢާންމުކޮށް ވައި މަޑުވެ ކަނޑުތައް މަޑުވާނެއެވެ. ނަމަވެސް މި ނަކަތާމެދު އިހުގައި ދިވެހިން ބުނެ އުޅޭގޮތުން އަހުލިހައިގައި ވިއްސާރަ ވެއްޖެ ނަމަ މާ ނަކަތުގައި ވެސް ވިއްސާރަވާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 20.37 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ އެވްރެޖްކޮށް 4.17 އިންޗީގައެވެ. މި ނަކަތުގައި އަވިދޭނީ އެވްރެޖްކޮށް 76.9 ގަޑިއިރުއެވެ. މި ނަކަތުގައި ވިއްސާރަ ނޫން ނަމަ މަސްވެރިކަން ރަނގަޅުވާނެއެވެ.
11- ފުރަ (އޯގަސްޓް 24 އިން ސެޕްޓެންބަރު 6 އަށް)
ފުރަ ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ. ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އިތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ މިންވަރު އުޅޭނީ އެވްރެޖްކޮށް 1.89 އިންޗީގައެވެ. އެވްރެޖްކޮށް 107.8 ގަޑިއިރު މި ނަކަތުގައި އަވިދޭނެއެވެ. މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންނެވެ.
12- އުތުރަ ( ސެޕްޓެންބަރު 7 އިން ސެޕްޓެންބަރު 20 އަށް)
އުތުރަ ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ 4.59 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅުވާނެއެވެ.
13- އަތަ ( ސެޕްޓެމްބަރ 21 އިން އޮކްޓޯބަރ 3 އަށް)
އަތަ ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ވިއްސާރަ ނަގައި ވާރޭ ވެހޭނެއެވެ. ވައިޖެހޭނި ހުޅަނގުންނެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން މި ނަކަތުގައި ފެންނަން ފަށާނެއެވެ.
14- ހިތަ ( އޮކްޓޯބަރ 4 އިން އޮކްޓޯބަރ 17 އަށް)
ހިތަ ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 22.2 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 4.10 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 106.1 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ޢާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެއެވެ.
15- ހެއި ( އޮކްޓޯބަރ 18 އިން އޮކްޓޯބަރ 31 އަށް)
ހެއި ނަކަތުގައި ވައި އެނބުރޭނެއެވެ. މި ނަކަތުގައި ވައިބާރުވެފައި އެކިފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ. އެކަމަކު ޢާންމުކޮށް ވައި ހުންނާނީ ހުޅަނގުގައެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮސް ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. 4.37 އިންޗީގެ ވާރޭ ވެހޭނެއެވެ. މި ނަކަތުގައި ޢާންމުކޮށް 109.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވެފައި ބޭނޭ މަހުގެ ސައިޒު ބޮޑުވާނެއެވެ.
16- ވިހާ ( ނޮވެންބަރު 1 އިން ނޮވެންބަރު 13 އަށް)
މި ނަކަތުގައި މޫސުން ރަނގަޅުވާނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި ގަޑިއަކު 20.37 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭވެހޭ ނިސްބަތަކީ 3.7 އިންޗިއެވެ. މި ނަކަތުގައި 93 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
17- ނޮރަ ( ނޮވެންބަރު 14 އިން ނޮވެންބަރު 26 އަށް)
ނޮރަ ނަކަތުގައި އާދައިގެ ވަރަކަށް ވައި ޖެހޭނެއެވެ. އަދި ކޮންމެވެސް ވަރަކަށް އަވި ދިއްލައި، ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި ވައިގެ ބާރުމިން ހުންނާނީ އެވްރެޖް ގޮތެއްގައި ގަޑިއަކު 16.67ަ ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭވެހޭ ނިސްބަތަކީ 3.33 އިންޗި، 84.5 މިލިމީޓަރެވެ. ދިވެހިންގެ ތެރޭގައި ބުނެ އުޅޭގޮތުގައި، މި ނަކަތުގެ ފުރަތަމަ ކޮޅިގަނޑު އިރުމަތިން އަހިސްފިނަމަ މި ނަކަތުގައި މަސްވެރިކަން ރަނގަޅު ވާނެއެވެ.
18- ދޮށަ ( ނޮވެމްބަރ 27 އިން ޑިސެމްބަރ 9 އަށް )
ދޮށަ ނަކަތަކީ ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ވައި މަޑުވާނެއެވެ. ވައިޖެހޭނީ އިރުއުތުރުންނެވެ ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖްކޮށް 4 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ 97.6 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
އިރުވައި މޫސުމުގެ ނަކަތްތައް
1- މުލަ ( ޑިސެންބަރު 10 އިން ޑިސެންބަރު 22 އަށް)
މުލަ ނަކަތަކީ އިރުވައިގެ އެންމެ ފުރަތަމަ ނަކަތެވެ. މި ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވައި ވެސް ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
2- ފުރަހަޅަ ( ޑިސެންބަރު 23 އިން ޖަނަވަރީ 5 އަށް)
ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.
3- އުތުރުހަޅަ ( ޖަނަވަރީ 6 އިން ޖަނަވަރީ 18 އަށް)
އުތުރޔ ހަޅަ ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ. މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާންމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.
4- ހުވަން ( ޖަނަވަރީ 19 އިން ޖަނަވަރީ 31 އަށް)
ހުވަން ނަކަތުގައި ކަނޑު މަޑުވެފައި އުޑުމަތި ސާފުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.
5- ދިނަށަ ( ފެބްރުވަރީ 1 އިން ފެބްރުވަރީ 13 އަށް)
ދިނަށަ ނަކަތުގައި އުޑުމަތި ސާފުވެފައި ކަނޑު މަޑުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުން އާދައިގެން ވަރަކަށެވެ.
6- ހިޔަވިހާ ( ފެބްރުވަރީ 14 އިން ފެބްރުވަރީ 26 އަށް)
ހިޔަވިހާ ނަކަތުގައި އުޑުމަތި ސާފުވެފައި، ކަނޑު މަޑުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުންނެވެ.
7- ފުރަބަދުރުވަ ( ފެބްރުވަރީ 27 އިން މާރިޗު 11 އަށް)
ފުރަބަދުރުވަ ނަކަތަކީ ވިދުމާއި ގުގުރުން ގިނަ ނަކަތެކެވެ. މަދު މަދުން ކުދި ކުޅިގަނޑު ޖެހުނަސް އާންމު ގޮތެއްގައި ވައި ޖެހޭނީ އިރު އުތުރުން އާދައިގެ ވަރަކަށެވެ. މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.
8- ފަސްބަދުރުވަ ( މާރިޗު 12 އިން މާރިޗު 25 އަށް)
ފަސްބަދުރުވަ ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އަދި މި ނަކަތުގައިި ގުގުރާ ވިދުންވެސް އެކަށީގެންވެއެވެ. މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.
9- ރޭވަ (މާރިޗު 26 އިން އޭޕްރީލް 7 އަށް)
ރޭވަ ނަކަތަކީ އިރުވައިގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ކަނޑު މަޑުވެފައި އަވި ގަދަ ވާނެއެވެ. ވައި ޖެހޭނީ ހުޅަނގު އުތުރުން އާދައިގެ ވަރަކަށްވެެ. މަސްވެރިކަން އުތުރަށް ރަނގަޅުވާނެއެވެ.
No comments:
Post a Comment