ޢަބްދުﷲ ސަޢީދު
"އަހަރެމެން ދޮގެއް ނުހަދާނަން، ވައްކަމެއް ނުކުރާނަން، މަކަރާއި ހީލަތެއް ނުހަދާނަން، އަދި މިފަދަ ޢަމަލުތަކަށް އަހަރަމެންގެތެރޭގައި ފުރުސަތެއް ވެސް ނުދޭނަން" މިއީ ދިވެހި އަސްކަރިއްޔާގެ އޮނަރ ކޯޑް ނުވަތަ ޝަރަފުވެރި މިންގަނޑެވެ. އަސާސީ ތަމްރީނުތަކުގައި ދަރިވަރުންގެ ކިބައިގައި ސިފަވަންތަ އަސްކަރީ އަޚުލާޤުގެ ސިފަ ޖެއްސުމުގެ ބިންގާ އަޅައިދެނީ މި އޮނަރ ކޯޑުންނެވެ. އޮނަރ ކޯޑަކީ އާންމު ފަރުދަކު ސިފައިންގެ މީހަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި ދަރިވަރުގެ ކިބައިން އުންމީދުކުރާ ސުލޫކީ އެންމެ ކުޑަ މިންވަރެވެ. ދިވެހި އަސްކަރިއްޔާގެ އަސާސީ ތަމްރީނުގައި ބޭނުންކުރާ އޮނަރ ކޯޑާއި ބޭރުގެ ބައެއް އަސްކަރީ އެކަޑަމީ ތަކުގައި ބޭނުންކުރާ އޮނަރ ކޯޑާ އެއްވެސް ތަފާތެއް ނެތެވެ.
ސިފައިންގެ އޮނަރ ކޯޑަކީ ވަރުގަދަ އަހުދެކެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ތަކުރާރުކޮށް ކިޔަން ލާޒިމުކުރާ ޢަޒުމެކެވެ. މިކަމުގެ ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި އެ އަހުދު ބިންވަޅު ކަނޑައި ނެގުމެވެ. ނަފްސުގައި އެ ސިފަތައް ނުފޮހެވޭވަރަށް ހަރުލެއްވުމެވެ. ސިފައިންގެ އެތިކަލް މިންގަނޑުތައް ބިނާ ކުރެވޭ މި ބިންގާ ހަރުދަނާ ވަރުގަދަ ބިންގަލެއް ކަމުގައި ހެދުމެވެ. އެހެންވުމުން، ތަމްރީނުގެ ތެރޭގައި ދަރިވަރަކު އޮނަރ ކޯޑާ ޚިލާފުވެއްޖެނަމަ އެ ކުށް ހިމެނެނީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައެވެ.
އޮނަރ ކޯޑުގައި ކޯހުގެ ދަރިވަރުން އަހުދުވަނީ 4 ކަމަކަށެވެ. ފުރަތަމަ އަހުދުވަނީ ދޮގު ނުހެދުމަށެވެ. ދަރިވަރުން މި މިންގަނޑާ ޚިލާފުވީކަމަށް ބަލާނީ ހަގީގަތާ ޚިލާފު ވާހަކައެއް ދައްކައިގެން ނުވަތަ ދޮގު ހަދައި އޮޅުވާލައިގެންނެވެ. ކަމެއް އޮޅުވާލުމާއި ނުވަތަ އޮޅުވާލުމުގެ ނިޔަތުގައި މަޢުލޫމާތެއް ނުވަތަ ލަފުޒެއް ވިޔަސް ބަދަލުކޮށް ނުވަތަ އޮޅުންބޮޅުން ކުރުމަކީ ދޮގުހެދުމެވެ. ކަމެއް އޮތް މިންވަރަށްވުރެ ބޮޑުކޮށް ނުވަތަ ކުޑަކޮށް ތަސައްވުރު ކޮށްދިނުމާއި ތަސައްވުރު ކޮށްދޭން މަސައްކަތް ކުރުމަކީ ވެސް ދޮގުހެދުމެވެ.
ދެވަނަ އަހުދަކީ މަކަރުނުހެދުމެވެ. މަކަރުހެދުމަކީ އޮޅުވާލައިގެން އަމިއްލަ މަސްލަހަތަށްޓަކައި ޢަމަލެއްކުރުން ނުވަތަ އަމިއްލަ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ނުވަތަ ނުހައްގުން ފައިދާއެއް އެހެން މީހަކަށް ހޯދައި ދިނުމުގެ ނިޔަތުގައި ކަމެއްކުރުން ނުވަތަ އެހެން މީހަކަށް އެފަދަ ކަމެއްގައި އެހީތެރިވެދިނުމެވެ. މަކަރާއި ހީލަތުގެ ތެރޭގައި ޕްލެޖިއަރިޒަމް ނުވަތަ ވަގުލުކުރުން ހިމެނެއެވެ. އެއީ އެހެން މީހެއްގެ ލިޔުމެއް އެ މީހަކަށް ހަވާލާ ނުދީ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކުރުމެވެ.
ތިންވަނަ އަހުދަކީ ވައްކަންނުކުރުމެވެ. ވައްކަން ކުރުމަކީ އެއްވެސް ގޮތަކުން ވެރިފަރާތުގެ ނުވަތަ އެހެން މީހެއްގެ ފައިސާއެއް، މުދަލެއް، އެއްޗެއް، ނުވަތަ އެއްވެސް ބާވަތެއްގެ އަގުހުރި ޚިދުމަތެއް ނަހަމަ ގޮތަކުން ނުވަތަ ހުއްދަނެތި ނެގުމާއި، ހޯދުމާއި، ނުވަތަ ހިފެހެއްޓުމެވެ. އަދި އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމާއި އެހެން މީހެއްގެ ޙައްޤަކުން އެ މީހަކު މަހުރޫމްކުރުމާއި ނުވަތަ އޮޅުވާލުމުގެ ނިޔަތުގައި އެ މުދަލެއް ބޭނުންކުރުމާއި ނާޖާއިޒު ފައިދާ ނެގުމެވެ.
ހަތަރުވަނަ އަހުދަކީ މަތީގައިވާ ތިން އަހުދާ ޚިލާފަށް އެހެން މީހަކު އުޅުމަށް ފުރުސަތު ނުދިނުމެވެ. އަމިއްލަ ނަފްސު، އޮނަރ ކޯޑާ އެއް ގޮތަށް ބައްޓަން ކުރުމުގެ އިތުރުން އެހެން މީހުން ވެސް އޮނަރ ކޯޑާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއަޅައި ފާރަވެރިވުމެވެ. އެގޮތުން ކޮންމެ މީހެއްގެ އެންމެ އިސް ޒިންމާއަކީ އެހެން މީހަކު އޮނަރ ކޯޑާ ޚިލާފުވިކަން އެނގިއްޖެނަމަ އެކަން ލަސްނުކޮށް ރިޕޯޓްކުރުމެވެ. އޮނަރ ކޯޑާ ޚިލާފުވެގެން އުޅުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމެވެ. ކުށްކުރުން ހަޖަމުކޮށްލައިގެން ނުހުރުމެވެ. ކުށްކުރުން ތަހަންމަލު ނުކުރުމެވެ. މިގޮތުން ރިޕޯޓްކުރާ ފަރާތަކީ "އެކަށީގެންވާ ބާރު" އޮތް ފަރާތަކަށް ވާންވާނެއެވެ. އޭގެތެރޭގައި ތަފާތު ފަންތީގެ ކޮމާންޑަރުންނާއި ސީނިއަރ އެންލިސްޓެޑް ލީޑަރުންނާއި މުދައްރިބުން ހިމެނެއެވެ.
No comments:
Post a Comment