ޢަބްދުﷲ ސަޢީދު
ފިކުރުހިންގާ މީހުންނަކީ ވިސްނުންތެރިންނެވެ. ބުއްދިވެރީންނަކީ އެއީއެވެ. ކަންތައްތައް ދެނެގަނެވޭނީ ކަންކަމާމެދު ވިސްނާ ފިކުރުކޮށްގެންނެވެ. ކަންކަމާމެދު ފުންކޮށް ވިސްނާ ފިކުރު ހިންގުމުން ކުރިން ހީވެފައިވާ ބައެއް ހީވުންތައް ބަދަލުވެއެވެ. ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް އަސްލެއް ހަގީގަތެއް ނެތްކަން އެނގެއެވެ. ނުވަތަ ކުރިން އެނގިފައިވާ ކަމެއް ނުވަތަ ގަބޫލުކުރެވިފައިވާ ކަމެއް އިތުރަށް ވަރުގަދަވެއެވެ. ވިސްނާ ފިކުރުން ވެސް ބައިތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފިނަމަ ނަތީޖާއަށް ވާސިލުވާން ފަސޭހަވެއެވެ.
ވިސްނުމުގެ ބައިތައް ނުވަތަ އެލިމެންޓްސް އޮފް ތޯޓްސްގެ ފުރަތަމަ ބަޔަކީ މަޤްޞަދު (ޕާރޕަސް) އެވެ. އާދެ! ކޮންމެ ކަމަކާމެދު ވިސްނާއިރު ވެސް ހާސިލުކުރަން ބޭނުންވާ މަޤްޞަދެއް އޮންނަންވާނެއެވެ. ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއެއް (ގޯލެއް) ނުވަތަ އޮބްޖެކްޓިވްއެއް (ކަމެއް) ނުވަތަ ވާސިލުވާން ބޭނުންވާ ނަތީޖާއެއް އޮންނަން ވާނެއެވެ.
ދެވަނަ ބަޔަކީ ޖަވާބު ހޯދަން ބޭނުންވާ ސުވާލު (ކްއިސްޓަން އެޓް އިޝޫ) އެވެ. އެއީ ކަންކަމާމެދު ވިސްނާއިރު ޖަވާބު ހޯދަން ބޭނުންވާ ސުވާލެވެ. އެ ސުވާލު ގުޅިފައި އޮންނާނީ ހައްލުކުރަން ބޭނުންވާ މައްސަލަ (ޕްރޮބްލަމް އިޝޫ) އާއެވެ. ވިސްނާއިރު ސުވާލު އުފެއްދުމާއި ސުވާލުތައް ބައިބައިކޮށް އިތުރު ސުވާލުތައް އުފެއްދުމަކީ މުހިންމުކަމެކެވެ.
ތިންވަނަ ބަޔަކީ މަޢުލޫމާތު (އިންފޮމޭޝަން) އެވެ. މިއީ ވިސްނުމުގައި ކުރާ ސުވާލަށް ޖަވާބު ހޯދުމަށް ބޭނުންވާ މަޢުލޫމާތެވެ. ސުވާލާ ޖަވާބު ހޯދުމަށް ބޭނުންވާ ޑޭޓާއާއި، ފެކްޓްސް، އޮބްޒަވޭޝަން، އަދި ތަޖުރިބާ ހޯދަންޖެހޭނެއެވެ.
ހަތަރުވަނަ ބަޔަކީ ދޭހަވާ ކަންތައް (އިންޓަރޕްރިޓޭޝަން އެންޑް އިންފަރެންސް) އެވެ. މިއީ ލިބުނު މަޢުލޫމާތުގެ އަލީގައި ކަންކަން ދޭހަކުރުމެވެ. މިއީ ލިބުނު މަޢުލޫމާތުގެ އަލީގައި ވާސިލުވެވޭނީ ކޮން ނިންމުމަކަށްތޯ ދެނެގަތުމުގެ މަރުހަލާއެވެ.
ފަސްވަނަ ބަޔަކީ މަފްހޫމްތައް ނުވަތަ ނަޒަރިއްޔާތުތައް (ކޮންސެޕްޓްސް) އެވެ. މިއީ މައްސަލައިގައި ހިމެނޭ މުހިންމު އަސާސްތަކާއި މަފްހޫމުތައް ދެނެގަތުމެވެ. މި މަރުޙަލާގައި ތިޔަރީތަކާއި ޑެފިނިޝަންތަކާއި ޤާނޫނުތަކާއި ގަވާއިދުތަކާއި ޕްރިންސިޕަލްސްތަކާއި މޮޑެލްތައް ދެނެގަންނަންވާނެއެވެ. އަދި މައްސަލައިގައި ހިމެނޭ މަފްހޫމުތައް ގަސްތުގައި އޮޅުވާލެވޭތޯ ބަލަންވާނެއެވެ.
ހަވަނަ ބަޔަކީ ހީކުރުންތައް (އެސެމްސަންސް) އެވެ. އެއީ މައްސަލައާ ގުޅޭގޮތުން ހީކުރެވިފައިވާ ހީކުރުންތަކަކީ ކޮބައިތޯ ސުވާލު އުފައްދަންވީ މަރުހަލާއެވެ. އަދި އެ ހީކުރުންތަކަކީ ލިބުނު މަޢުލޫމާތުގެ އަލީގައި ގަބޫލުކުރެވޭ ކަންތައްތަކެއްތޯ ސުވާލު އުފައްދަންވީ ވަގުތެވެ.
ހަތްވަނަ ބަޔަކީ ކުރިމަތިވާ ކަންތައްތައް (އިމްޕްލިކޭޝަންސް އެންޑް ކޮންސީކްއެންސަސް) އެވެ. މިއީ މައްސަލައިގައި ވަކި ގޮތަކަށް ނިންމުމުން ނިކުންނާނެ ނަތީޖާ އެވެ. ސުވާލު އުފައްދަންވީ އަހަރެން މިގޮތަށް ގަބޫލުކުރުމުން ވާނީ ކިހިނެއްތޯއެވެ. އަހަރެންގެ މި ނިންމުން އެހެން މީހުން ގަބޫލުކޮށްފިނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯއެވެ.
އަށްވަނަ ބަޔަކީ ތިމާ ދެކޭގޮތް (ޕޮއިންޓް އޮފް ވިއު) އެވެ. މިއީ ވިސްނުމުގައި އަމިއްލަ ތަޖުރިބާތަކާއި މާހައުލާއި ތަރުބިއްޔަތުން ކުރާ އަސަރެވެ. މި މަރުހަލާގައި އަހަރެން މި މައްސަލައަށް މި ބަލަނީ ކޮން ގޮތަކަށްތޯ ސުވާލު އުފެއްދިދާނެއެވެ. އަދި މި މައްސަލަ ބެލިދާނެ އެހެން ގޮތްތަތަކީ ކޮބައިތޯ ވެސް ސުވާލު އުފެއްދިދާނެއެވެ.
އެހެންވީމާ ކޮންމެ ކަމަކާ މެދު ވިސްނާއިރު ވެސް އަދި ކަމަކާ ބެހޭގޮތުން ލިޔުމެއް ލިޔާއިރު ވެސް މި ބައިތައް ހިމެނުމުން އެ ވިސްނުމެއްގައި ނުވަތަ އެ ލިޔުމެއްގައި ހުންނަންވާނ މާއްދާތައް ފުރިހަމަވާނެއެވެ. ކުރުކޮށް ދަންނަވާނަމަ އެއީ މަޤްޞަދު، ޖަވާބު ހޯދަން ބޭނުންވާ ސުވާލު، ތިމާ ދެކޭގޮތް، މަޢުލޫމާތު، ދޭހަވާ ކަންތައް، މަފްހޫމް، ނަޒަރިއްޔާތު، ހީކުރުންތައް، އަދި ނަތީޖާއެވެ.
ހަރުދަނާ ވިސްނުމެއް ވިސްނައި ގަނެވޭނީ ވަކި މިންގަނޑެއްގައި އެ މީހަކަށް ހިފެހެއްޓިގެންނެވެ. އެ މިންގަނޑަކީ އިންސާފުވެރިވުން، ލޮޖިކަލް، ޕްރިސައިސްވުން، ތެދުކަން، ސާފުކަން، ފުރިހަމަވުން، މުހިންމުކަން، ގުޅުންހުރުން، ތަފްސީލުވުން އަދި ފުޅާވުމެވެ.
ވިސްނާއި ފިކުރު ހިންގުމުގައި ކްރިޓިކަލްކޮށް
ވިސްނުމަކީ އެންމެ މުހިންމު ކަންތަކެވެ. ކްރިޓިކަލީ ވިސްނުމަށް ބޭނުންތެރި
ސިފަތަކަކީ ހިތްތިރިކަން، މިނިވަންކަން، އިންސާފުވެރިކަން، ހިތްވަރުގަދަކަން،
ސާބިތުކަން، އެހެން މީހުންގެ ވިސްނުމަށް އިހުތިރާމްކުރުން، ނަޒާހަތްތެރިކަން އަދި
ބުއްދީގެ ހަމަތަކަށް އިތުބާރުކުރުމެވެ.
މަޢުލޫމާތު:
https://www.nccllc.net/chronicle/importance-of-critical-thinking-in-risk-assessments
No comments:
Post a Comment