ޢަބްދުﷲ ސަޢީދު
ރާއްޖޭގައި ކޯވިޑް-19 ފެތުރިގެންދާނެ ގޮތުގެ އާ އަންދާޒާއެއް މި ވަނީ ކަމާބެހޭ ފަންނީ މާހިރެއް ކަމުގައިވާ ޑރ. ޝީނާ މޫސާ ހިއްސާ ކުރައްވާފައެވެ. އެއީ ރާއްޖޭގެ އަދުގެ ހާލަތަށް ބައްލަވާ ހުށަހެޅުއްވި ހުށަހެޅުންވުމެކެވެ. ކުރިން ޑރ. ޝީނާ ހުށަހެޅުއްވި އަންދާޒާގައި ދެއްކެވި ނުރައްކާތެރި ރަތްރޮނގުގެ ބާނި ތިރިކުރެވިގެން ދިޔައީ ފުރަބަންދާއެކު ރައްޔިތުން ކިޔަމަންތެރިކަމާއެކު ޢަމަލުކޮށްގެންނެވެ. މިހާރުގެ އަންދާޒާގެ ބާނި ތިރިކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އަޅުގަނޑުމެން ރައްޔިތުންނަށެވެ.
ރާއްޖޭގައި މި ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު، ރާއްޖޭގައި 77000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، އޭގެތެރެއިން 700 މީހަކު މަރުވެދާނެ ކަމަށް މިހާރުގެ އަންދާޒާ ބުނެއެވެ. އެ އަދަދަށް އަންދާޒާ ބަދަލުވީ 2000 މީހުން މަރުވާނެ ކަމަށްކުރެވުނު އަންދާޒާއަކުންކަން ވިސްނާލަން ޖެހެއެވެ. މިއީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތުން ހޯދުނު ކޮންފަދަ ބޮޑު ކާމިޔާބެއް ތޯއެވެ. ފަހުގެ އަންދާޒާގައިވާ 700 އަކީ ވެސް އެއަށްވުރެ ތިރިކުރެވޭނެ އަދަދެއް ކަމަށް ޑރ. ޝީނާ އުންމީދު ކުރައްވައެވެ.
ޑރ. ޝީނާގެ ވާހަކަފުޅުން އަޅުގަނޑަށް ފާހަގަވި ދެތިން ކަމެއް ދަންނަވާލާނަމެވެ.
ފުރަތަމަ ކަމަކީ މިހާރު ބަލި ގޭބިސީތަކަށް ވަދެއްޖެ ކަމަށް ވިދާޅުވުމެވެ.
ގޭބިސީ ތަކުގެ މެދުގައި ވެސް ތަށިބަރި ބަދަލުކުރުން ހުއްޓާލަން ޑރ. އިބްރާހީމް އަފްޒަލް ދެއްވި ނަސޭހަތް ދެއްވީ އެހެންވެއެވެ. މިއީ ޖެހިގެންހުރި އެޕާޓްމަންޓުގައި ވެސް ވައިރަސް ފެތުރިފައި އޮވެދާނެކަމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ވަގުތެވެ. ގޭތެރޭގައި ވެސް ގައިދުރުކަމަށް ސަމާލުކަންދީ ގިނަގިނައިން އަތްދޮވެ ފެންވަރާ ހަދަންވީއެވެ. ބޭރަށް ނުނިކުމެވާން ކިރިޔާ އޮތަސް ބޭރަށް ނުނިކުންނަންވީއެވެ. ތިބާއާއި އާއިލާގެ ރައްކާތެރިކަމަށް ޓަކައެވެ.
ދެވަނަ ކަމަކީ ގޭބިސީތަކަށް ވައިރަސް ފެތުރުމުން އުމުރުން ދުވަސްވީ މީހުންނަށާއި އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވުމެވެ.
މިފަދަ ގެތަކުގައި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ވީވަރަކުން އެކަހެރިކޮށް ގެންގުޅެވޭތޯ ބަލަން ޖެހެއެވެ. އެފަދަ ގެތަކުގައި އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުންނާއި އެހެން މީހުން ވެސް މާސްކު އަޅައިގެން އުޅުމެވެ. ބަލި މީހެއްގެ ކައިރިއަށްދާ ނަމަ ރަނގަޅަށް އަތް ދޮވެގެން ނޫނީ ސެނިޓައިޒަރ އިން އަތް ސާފުކޮށްގެން ދިއުމެވެ.
ތިންވަނަ ކަމަކީ ގޭބިސީތަކަށް ބަލި ފެތުރެން ފެށީމާ އެ ހާލަތުގައި ފުރާނައަށް ނުރައްކާތެރިވާ ހާލަތަށް ދާ މީހުން އިތުރުވާނެކަމަށް ވިދާޅުވި ވިދާޅުވުމެވެ. މިވީހާތަނަށް ރާއްޖޭގައި ބޮޑަށް ބަލި ފެތުރެމުން އައީ ޒުވާނުންގެ މެދުގައެވެ. ގެތަކުގައި ތިބި ދުވަސްވީ މީހުންނާ ބަލި މީހުންގެ މެދުގައި މި ހުޅުހިފައިފިނަމަ އަޅުގަނޑުމެންނާ ވަކިވެގެންދާ މީހުން ވަރަށް ބޮޑަށް އިތުރުވާނެއެވެ.
ހަތަރުވަނަ ކަމަކީ ޓެސްޓްކުރެވޭ މިންވަރު މަދުވުމުން ޞިއްޙީ ފަރުވާއާ ހަމައަށް ދާއިރު ގިނަ ބަޔަކު ސީރިއަސް ހާލަތުގައި ތިބޭނެ ކަމުގެ ކަންބޮޑުވުމެވެ. ޓެސްޓުކުރުމަކީ ކިތަންމެ މުހިންމު ކަމެއްކަމަށް ވިޔަސް އެއީ ކޮންމެ ޤައުމަކަށް ވެސް އޮތް ގޮންޖެހުމެކެވެ. ހާލަތުގެ ރާޅުބާނި އުސްވެގެންދާއިރު ހައްލު ނުކުރެވޭ އެއް މައްސަލައެވެ. ރާއްޖެއަކީ އެތަކެތި އުފައްދާ ޤައުމަކަށް ނުވެފައި ގަންނަން ލިބުމުގައާއި އެތެރެކުރުމުގައި ގޮންޖެހުންތައް އިންތިހާއެވެ.
ރާއްޖޭގައި ކުރިއަށް އޮތްތަނުގައި އެންމެ މުހިންމު އެއް ހިސާބަކަށްވާނީ ދުވާލެއްގެ މައްޗަށް ޓެސްޓުކުރެވޭ އަދަދާއި އޭގެ ނަތީޖާ ކަމަށް ފެނެއެވެ. ރާއްޖޭގައި މިހާރު ޓެސްޓިން ކެޕޭސިޓިއަކީ ދުވާލަކަށް ގާތްގަނޑަކަށް 300 އާއި 400 އާ ދެމެދެވެ. ފާއިތުވި ތަނުގައި ދުވާލަކަށް ފައްސިވި މީހުންގެ އެވްރެޖަކީ ކޮބައިތޯއެވެ. އާންކޮށް އިވެނީ 20 ގެ އަދަދުތަކެވެ. އެހެންވިއްޔާ ފައްސިވާ މީހުންގެ ނިސްބަތް އެ އުޅެނީ ހެދޭ ޓެސްޓުގެ 10 އިންސައްތައަށް ވުރެ ދަށުގައެވެ. ޓެސްޓުކުރެވޭ ގިނަ މީހުންނަކީ ބައްޔަށް ސީދާގޮތުން ހުށަހެޅިފައިވާ ނުވަތަ އަލާމާތްތައް ފެންނަ މީހުން ކަމަށްވާތީ ރާއްޖޭގައި ޓެސްޓްކުރެވޭ ގިނަ ބަޔަކު ފައްސިވުމުގެ ފުރުސަތު ބޮޑެވެ.
ޓެސްޓުކުރެވޭ ނިސްބަތުން ފައްސިވާ މީހުންގެ އަދަދު މަދުނަމަ އެއީ ބަލި ފެތުރުމުގައި ﷲގެ ހެޔޮ ރަހުމަތްފުޅު ދިވެހިންގެ މައްޗަށް ބޮޑުކަމުގެ ދަލީލެކެވެ. ބަލީގެ އަލާމާތްތައް ނުފެނި އަދި ﷲގެ ރަޙުމަތްފުޅުން ނުރައްކާތެރި ހާލަތަކަށް ގިނަ ބަޔަކު ނުގޮސް މި ބަލި ފެތުރިފައި އޮތްނަމަ މާނައަކީ މީހުންގެ އިމިއުނިޓީ (ބަލިން ދިފާޢުވުމުގެ ބާރު) ތަރައްޤީ ވަނީއެވެ. އަލާމާތެއް ނުފެނި މީހުން ބަލިން ރަނގަޅު ވެސް ވަނީއެވެ. މިފަދަ ބަލިތަކުން އަރައި ގަނެވޭނެ އެއް ގޮތެއްކަމަށް ދުނިޔޭގެ ފަންނީ މާހިރުން ގަބޫލުކުރައްވާ އެއްގޮތަކީ މިއީއެވެ. އެހެންކަމަށް ވާނަމަ ރާއްޖޭގައި ބާނި ދާނީ ކުރިއަށް އޮތްތަނުގައި ކުޑަވަމުންނެވެ. އެކަމަކު އިތުރު ރަށްރަށަށް ފެތުރުން ހިފެހެއްޓިއްޖެނަމައެވެ.
ބަލި ޖެހޭ މީހުންނާއި ބަލީގައި ސީރިއަސްވާ މީހުންގެ އަދަދު ޞިއްޙީ ނިޒާމަށް ނުކަތާވަރަށް މަތިވެއްޖެނަމަ ކޮށި ނާރާ އެއްވެސް ޤައުމެއް މި ބަލީގައި ދުނިޔެއިން ފެނިފައެއް ނުވެއެވެ. އެ ހިސާބަށް ނުގޮސް ބާނި ތިރިކުރެވިފައިވާ ޤައުމުތަކުގެ ރައްޔިތުން ހިފީ މައިގަނޑު ދެ އަސާސެއްގައެވެ. އެއީ ކެތްތެރިކަމާއި ކިޔަމަންތެރިކަމެވެ. އަޅުގަނޑުމެންނަށް ވެސް އޮތީ އެގޮތެވެ.
މި ބައްޔަށް ވެކްސިނެއް ހޯދައި އަޅުގަނޑުމެންނާ ހަމައަށް ފޯރަންދެން ވެސް އުޅެންޖެހޭނީ މި އާހާލަތުގައެވެ މި ހިތްވަރު ދޫކޮށްލައިގެން ނުވާނެއެވެ. އާ އަންދާޒާއާއެކު ހިތްވަރުގެ ދަންމާނަށް މިވަނީ އިތުރަށް ދަމާލަން ޖެހިފައެވެ. ހިތްވަރު އެލުވާނުލައްވާ ފަރުދީ ޒިންމާ އަދާކުރައްވާށެވެ. އިންޝާ ﷲ އަޅުގަނޑުމެންނަށް އަމާންކަމާއި ސަލާމަތުގެ އައްސޭރިއެއް ހިފޭނެއެވެ.
No comments:
Post a Comment