މަނަދޫގައި ތަޢުލީމީ އެކިއެކި ހިޔާވަހިތައް އުފަންވެ އުވި ހިގާއްޖެއެވެ. އެ މާޒީން ފެންނަ އެއް ހަގީގަތަކީ އެތަންތަނާ ނ. އަތޮޅުގެ އަތޮޅުވެރިކަމައިގެން ވަޑައިގެންނެވި އެކިއެކި ބޭފުޅުންނާ އޮތް ގުޅުމެވެ. ރަށުގެ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ގުޅިގެން ކުރައްވާފައިވާ ބުރަ މިންނަތް މަސައްކަތެވެ. އެފަދަ އެއް ތަނަކީ "މަކުތަބުއް ޖަލާއު" އެވެ.
މަނަދޫގެ ތަޢުލީމާ ގުޅިފައިވާ މި މަކުތަބު ހުޅުވުނު ތާރީޚެއް ލިޔެވިފައިވާ ތާރީޚަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް މަނަދޫގެ ދުވަސްވީ މީހުންގެ ވާހަކަތަކާއި ހަނދާންތަކުގެ މައްޗަށް އަދި ހާލަތަށް ބަލާއިރު އެއީ ކުނޑިގޭ މުޙައްމަދު ޢަބްދުއްލަޠީފުގެ އަތޮޅުވެރިކަމުގައި މަނަދޫގައި އުފެދުނު ވަޠަނީ ރޫޙުގެ ތެރެއިން އުފަންވި ތަނެއް ކަމަށް ގަބޫލުކުރެވެއެވެ.
ޢަބްދުއްލަޠީފު ނ. އަތޮޅުގެ އަތޮޅުވެރިކަމައިގެން މަނަދޫއަށް ވަޑައިގެންނެވިއިރު މަނަދޫގައި ނ. އަތޮޅު މަދަރުސާ ދިޔައީ ހިނގަމުންނެވެ. އެއީ އަތޮޅުގެ އެކި ރައްރަށުން ދަރިވަރުން އައިސް ބޯޑިންގުގައި ތިބެގެން ކިޔެވި މަދަރުސާއެކެވެ. މަނަދޫ ކުދިންނަށް ވެސް ކިޔެވުމުގެ ފުރުސަތު އޮތެވެ. ނައިބޭ ތުއްތުމަނިކުގެ އަތޮޅުވެރިކަމުގައި ފެށްޓެވި ނ. އަތޮޅު މަދަރުސާ ހުއްޓުނީ ޢަބްދުއްލަޠީފުގެ އަތޮޅުވެރިކަމުގައި މަނަދޫގައި ހިނގި ހަމަނުޖެހުން ގަނޑުގެ ސަބަބުންނެވެ. އަތޮޅުވެރިންގެ ޢަމަލުފުޅުތައް ހުރިގޮތުން ރަށުގެ މަސްލަހަތު ގެއްލުނީއެވެ.
"ކުނޑިބެ މައްސަލަ"ގައި މަނަދޫގެ ޒުވާން ފިރިހެނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ރަށްރަށް އަރުވާލިއެވެ. 18 ވަރަކަށް ފިރިހެނުން އޭގެ ތެރޭގައި ހިމެނުނެވެ. އަތޮޅުވެރިން ނ. ހޮޅުދޫގައަށް ވަޑައިގެން، އެ ރަށުގައި ހުންނަވައިގެން އަތޮޅު އޮފީސް ދިޔައީ ހިންގަވަމުންނެވެ. އެގޮތުގައި އެރަށުގައި ހުންންވަނިކޮށް ކުއްލިގޮތަކަށް އަވަހާރަވީއެވެ. ބުނެވެނީ މައްސަލައިގައި މާލެ ވަޑައިގަތުމަށް އެންގެވީމާ އަމިއްލަފުޅަށް ޒަޚަރެއް ހިއްޕަވައިގެން އަވަހާރަވީ ކަމަށެވެ.
މި ބޮޑު ހަމަނުޖެހުން ގަނޑަށްފަހު މަނަދޫގައި ތަޢުލީމީ ހިޔާވައްސެއް ނެތީއެވެ. މި ދެންނެވީ ކީރިތި ޤުރުއާން އުގަންނައިދިނުމަށް ކުދިން ކިޔަވަންދާނެ އެދުރުގެތަކެއް ނެތް ވާހަކައެއް ނޫނެވެ.
އެ ދުވަސްވަރު މަނަދޫގައި ކިޔަވައިދޭނެ ތަނެއް ހެދުމުގެ ރޫޙު އައީ ދިރެމުންނެވެ. އޭރު މިލަދޫ އެދުރުބެއާއި އެދުރުދައިތަ (އަބޫބަކުރު ނިޔާޒީގެ ދެ ކަނބަލުން) މިލަދޫން މަނަދޫއަށް ހިޖުރަކުރައްވައިފިއެވެ. ހިޖުރަ ކުރެއްވުމާއެކު މަނަދޫގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ނިޔާޒީ ފެއްޓެވިއެވެ. ކިބާތޮށަލި ޖަހައިގެން ހެއްދެވި ކިޔަވާގެއެއްގައެވެ. އެތަން އޭރުހުރީ ޑޯރެންސީވިލާ އެ ހުރި ހިސާބުގަނޑުގައެވެ. އެއީ 1963 ވަނަ އަހަރެވެ.
ކުނޑިބެ މައްސަލަގަނޑަށް ފަހު މަކުތަބުއް ޖަލާއު ފެށިގެން އައީ އަބޫބަކުރު ނިޔާޒީގެ އެދުރުކަމުގައި ރަށުގެ ވެރިންނާއި ކަމުވޮށިވެގެންވާ ފަރާތްތަކުގެ ހިތްވަރާއި މަސައްކަތުން ކަމަށް ގަބޫލުކުރެވެއެވެ. ކުނޑިބެ މައްސަލައިގައި އަތޮޅުވެރިންނާ ދެކޮޅަށް ނިކުން މަނަދޫ ރައްޔިތުންގެ އެންމެ އިސް އެއް ބޭފުޅަކީ މަނަދޫ އަޙުމަދު ކަލޭފާނެއެވެ. މަނަދޫއަށް އަބޫބަކުރު ނިޔާޒީގެ ދިރިއުޅުން ބަދަލުކުރެއްވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ނުވަތަ "މަނަދޫން ހިމާޔަތް ދެއްވީ" އަޙްމަދު ކަލޭފާނެވެ. ނިޔާޒީ މަނަދޫއަށް ހިޖުރަ ކުރެއްވީ މިލަދޫގައި އޭރު ހުންނެވި އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ ކަމަށްވާ އެރަށު ޢަބްދުﷲ ކަލޭފާނާ ޖެހުނު މައްސަލަގަނޑަކާ ގުޅިގެންނެވެ. ނިޔާޒީ ކިޔަވައިދެއްވުމުގެ ހުއްދަތައް ސަރުކާރުން ނެންގެވީ މަނަދޫއަށް ހިޖުރަ ކުރެއްވުމަށް ފަހުގައެވެ. އަބޫބަކުރު ނިޔާޒީއަކީ ކިޔަވައިދެއްވުމުގެ އިތުރުން މަނަދޫގައި ނާއިބުކަމާއި ކުޑަކަތީބުކަން ވެސް ފަހުން ކުރެއްވި ޢިލްމީ ބޭފުޅެކެވެ. ކުދިންނަށް ޤުރުއާން ކިޔަވައި ދެއްވުމުގައި ނިޔާޒީގެ އަނބިކަނބަލުން ވަރަށް ގިނަ ދުވަހު އުޅުއްވިއެވެ. އެއީ ވަރަށް މަސައްކަތްތެރި އަދި ކުޅަދާނަ ފޫޅުމައެއް ވެސް މެއެވެ.
ޢަބްދުއްލަޠީފުގެ އަތޮޅުވެރިކަމަށްފަހު އަތޮޅުވެރިޔަކަށް ވަޑައިގެންނެވީ ކުޑަ އަޙްމަދު މަނިކެވެ. އެއީ ރައީސް މުޙައްމަދު ނަޝީދުގެ ކާފާފުޅެވެ. އޭރު އަތޮޅުވެރިން ކައިވެނި ބައްލަވައިގެން އުޅުއްވީ ފުވައްމުލަކު ޝަރީފާ އާއެވެ. މަނަދޫގައި އުޅުއްވިއިރު އަތޮޅުވެރިންގެ ހަތަރު ބޭފުޅުން ތިއްބެވިއެވެ. އެއީ ޒުބޭރާއި، ޒުބޭދާއާއި، ޚަދީޖާ އާއި ޙަމީދެވެ. މީގެ ތެރެއިން އެންމެ ހަނގަށް ހުންނެވި
ޙަމީދު ފިޔަވައި ދެން ތިއްބެވި ތިން ބޭފުޅުންނަކީ ކިޔަވާ އުމުރުގެ ބޭފުޅުންނެވެ.
އެ ކުދިންނަށް ކިޔަވައި ދެއްވުމަށް މަނަދޫ މާލްރޯޑް ސަޢީދު ޤާސިމު އަރިހުގައި އަތޮޅުވެރިން އެދިވަޑައިގެންނެވިއެވެ. އޭރު ސަޢީދު ޤާސިމު ހުންނެވީ މަޖީދިއްޔާ އިސްކޫލުގައި ކިޔަވަން ހުންނެވުމަށްފަހު މަންމަ ނިޔާވުމާ ގުޅިގެން ރަށަށް ބަދަލުވެ ވަޑައިގެންފައެވެ. އޭރު އަތޮޅު އޮފީހުގައި އުޅުއްވާ މަނަދޫ ކުންނަމަލަ ޢަބްދުއްރަޙީމް އަބޫބަކުރު ފޮނުއްވައި އަތޮޅުވެރިން އެދިވަޑައިގެންނެވި ގޮތަށް އަތޮޅުގެއަށް ވަޑައިގެން އެ ބޭފުޅުންނަށް ކިޔަވައި ދެއްވަމުން ގެންދެވިއެވެ. އެ މަސައްކަތް ސަޢީދު ޤާސިމް ކުރައްވަމުން ގެންދެވި ގޮތާމެދު އަތޮޅުވެރިންގެ ދެ ކަނބަލުން ވަރަށް ބޮޑަށް ހިތްޕުޅާވިއެވެ.
އެ ދުވަސްވަރު މަނަދޫގައި އެއްވެސް އިސްކޫލެއް ނެތުމާއެކު ރަށުގެ ކުދިންނަށް ވެސް ކިޔެވޭނެ ގޮތަށް ވަކި ތަނެއްގައި ކިޔެވުން ކުރިއަށް ގެންދިއުމަށް އަތޮޅުވެރިން ބޭނުންފުޅު ވިއެވެ. މިގޮތުން އަތޮޅުގޭގެ ގޯތިތެރޭގައި، އުތުރު ފަރާތުގައި އެއްފުރާޅަށް ހިޔާކޮށްފައި ހުރި "އަޅިބާޑު" ކިޔާ ތަން އެކަމަށް ހަމަޖެއްސެވިއެވެ. އަޅިބާޑު ހުންނަނީ އަތޮޅުގެ ގޯތިތެރޭގައި "ބޮއިވަޅު"ގެ އުތުރުގައެވެ. ބޮއިވަޅުން ބޯފެންބަލައި އަންނަ މީހުން ވަންނަ އަތޮޅުގޭ އިރުމަތީ ފަރާތު ދޮރޯއްޓަކީ ދަރިވަރުން ވަންނަ ދޮރޯށިކަމުގައި ހަމަޖެއްސެވިއެވެ.
ކިޔެވުން ފެށިއްޖެއެވެ. ރަށުގައި ކިޔެވުމުގެ ފުރުސަތުން މަހުރޫމުވެފައިވާ އެތައް ކުދިންނަކަށް އެއީ ރަނުގެ ފުރުސަތަކަށް ވިއެވެ. އެ ދުވަސްވަރު ސަޢީދު ޤާސިމުގެ އިތުރުން އެ ތަނުގައި އަތޮޅުވެރިންގެ އަނބިކަނބަލުންގެ ތިމާގެ ބޭފުޅެއް ވެސް ކިޔަވައި ދެއްވިއެވެ. އެއީ ފުވައްމުލަކު ތުއްތުކަލޯއެވެ. ފޮތުނަމަކީ ޙިލްމީ އެވެ. އެ ދުވަސްވަރު އަތޮޅު ފަންޑުން މުސާރަ ދެއްވައިގެން ކެލާ ބޭފުޅެއްކަމަށްވާ އިބްރާހިމް ޢަލީ ވެސް ކިޔައިދެއްވުމަށް ގެންނެވިއެވެ. އޭނާ ކިޔަވައި ދެއްވީ އިނގިރޭސި ބަހެވެ. އޭރު މުދައްރިސަކަށް ތިރީހަކަށް ސާޅީހަކަށް ރުފިޔާ ދެއްވައެވެ. އިސްކޫލެއްގެ ސިފައިގައި ކިޔަވައިދޭން ފެށުމާއެކު މަކުތަބުއް ޖަލާޢުގެ ނަން ދިރިއްޖެއެވެ. މެދު ކެނޑިފައި އޮތް މަކުތަބުއް ޖަލާއު އާރޫޙަކާއެކު އަލުން ފެށުނީއެވެ. ކުދިން އިތުރުވުމާއެކު މަކުތަބުގެ ކިޔެވުން މަނަދޫ ރައްޔިތުންގެ ޢިމާރާތެއް ކަމަށްވާ ކާޑުގޭ އުތުރު ފެންޑާއަށް ބަދަލުކުރެއްވިއެވެ.
ކުޑަ އަޙުމަދު މަނިކު ނ. އަތޮޅުވެރިކަމުން ބަދަލުކުރެއްވީ ށ. އަތޮޅު އަތޮޅުވެރިކަމަށެވެ. އެއަށްފަހު ނ. އަތޮޅަށް ވަޑައިގެންނެވި އަތޮޅުވެރިޔަކީ މަލަން ދޮހުއްތުއެވެ. އެއީ ވެސް ދުރަށް ވިސްނާވަޑައިގަންނަވާ ބޭފުޅެކެވެ. އަތޮޅާއި މަނަދޫގެ ތަރައްޤީއާ ގުޅިފައިވާ ނަމެކެވެ. އެ ދައުރުގައި، ކުރިން އަތޮޅު މަދަރުސާ ހިންގި ޢިމާރާތުގެ ބައެއް ތަޅާލައްވައި އަތޮޅު މަދަރުސާގެ އިދާރާ ހިންގި ތަނުގައި ނ. ހެލްތު ސެންޓަރު ހުޅުވިއެވެ. އެއީ ރާއްޖޭގައި ތިންވަނައަށް ހުޅުވި އަތޮޅު ހެލްތު ސެންޓަރެވެ. ރޭޑިޔޯ ޓެލެފޯނުގެ ޚިދުމަތް އަތޮޅު އޮފީހުގައި ގާއިމު ކުރެއްވީ ވެސް އެ ދުވަސްވަރުގައެވެ. މަނަދޫގައި އޭރު މީހުން އާބާދު ވަމުން އައި ސަރަޙައްދުގައި ރަށުގެ ދިގަށް ފުޅާ މަގެއް ވާކޮށައިގެން ހެއްދެވިއެވެ. އެއީ މަލަންދޮހުއްތުއަށް ނިސްބަތްވާ "މަލަންމަގު" އެވެ. އަތޮޅު މަދަރުސާ ހިންގި ޢިމާރާތުގައި މަކުތަބުއް ޖަލާއު ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައިދެއްވިއެވެ. އަތޮޅުތެރޭގެ ދަރިވަރުންނަށް ވެސް ވަރަށް ކުޑަ ފީޔަކަށް އެ މަކުތަބުން ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދެއްވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަނަދޫގައި ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ތަޢުލީމީ ފަންޑެއް އުފައްދަވައި ދެއްވިއެވެ. ހުއްޓިފައި ވަނިކޮށް މަނަދޫގައި މުޅިން އާފެށުމަކުން ފުޓްބޯޅަ ކުޅެން މަގުފަހިކޮށްދެވިއެވެ. ރައްޔިތުން ނުކުމެ ބޯޅަދަނޑުނޮޅިއިރު ވަރަށް ގާތުން އެކަން ބެއްލެވިއެވެ. ޗަންދާ ނަގައިގެން މާލެއިން ބޯޅައެއް ގަތްއިރު ޗަންދާ ދައްކަވައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަލަންދޮހުއްތުގެ އަތޮޅުވެރިކަމުގައި އުފެއްދެވި ތަޢުލީމީ ފަންޑު އެތައް އަހަރަކަށް ދެމިގެން ދިޔައެވެ. އެ ފަންޑުން ބެލެހެއްޓެވުމުގައި އިސްވެ އުޅުއްވީ އެ ފަންޑަށް އެންމެ ބޮޑަށް އެހީވެދެއްވި މަނަދޫ ފިނިވާގޭ ޤާސިމު ހާރޫނު (ކާސިން ހާޖީ) އެވެ. ދެން އެ ފަންޑަށް އެންމެ ބޮޑު އެހީއެއް ދެއްވަމުން ގެންދެވީ މަނަދޫ ދިލްބަހާރުގޭ އިބްރާހިމް ހާރޫނެވެ. އެ ފަންޑަށް ނަގަމުން ދިޔައީ މަހާއި ފައިސާއެވެ. މަހަށްދާ ކޮންމެ ދޯންޏަކުން ބާނާ ކޮންމެ 100 މަހަކުން ދެ މަހެކެވެ. ހިކިމަސް މާލެއަށް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ކޮންމެ 100 ރުފިޔާއަކުން 2 ރުފިޔާއެވެ.
މަކުތަބު ހިންގަމުންދިޔަ އަތޮޅު މަދަރުސާ ހިންގި ޢިމާރާތުގެ ފުރާޅުން ފެންފައިބާތީ ދެން މަކުތަބު ބަދަލުކުރީ އިބްރާހީމް ހާރޫނުގެ ގެއެއް ކަމަށްވާ ޑޯރެންސީވިލާއަށެވެ. އެ ދުވަސްވަރު އަތޮޅު މަދަރުސާ ހިންގި ބިމުގައި ރައްޔިތުން ދަނޑިފަނުން އެޅި ތަނެއްގައި މަކުތަބުގެ އިދާރީ މަސައްކަތް ކުރިއެވެ. އެ ދުވަސްވަރު ވެސް މަކުތަބު ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ ސަޢީދު ޤާސިމެވެ. ހަޒާރުމާގޭ ޢަބްދުއްރައްޒާޤު އަބޫބަކުރު ވެސް ކިޔަވައި ދެއްވުމުގައި އުޅުއްވިއެވެ.
މަކުތަބުއް ޖަލާއުގައި ދެ ޖިންސްގެ ކުދިން ކިޔަވަމުން ދިޔައެވެ. އެކަމަކު މުޅީން ވަކިންނެވެ. ހީވާނީ ދެ މަކުތަބެއް ހިންގާހެންނެވެ. ކޮންމެ ޖިންސެއްގެ ދަރިވަރުންގެ ވެސް ހަތަރު ކިލާސް އޮވެއެވެ. ކޮންމެ ފިރިހެން ކުދިންގެ ކިލާހެއްގައި މުއީނެއް ހުރެއެވެ. އަންހެން ކުދިންގެ ކިލާސްތަކުގައި ތިބެނީ މުއީނާއިންނެވެ. ދަރިވަރުންގެ ހިންގާ ކޮމެޓީއެއް އޮވެއެވެ. އެއީ ގަވާއިދުން ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށް ޔައުމިއްޔާ ލިޔެ ބަލަހައްޓާ ކޮމެޓީއެކެވެ. ރިޔާސަތު ބަލަހައްޓަވަނީ މުދައްރިސުންނެވެ. ހިންގާ ކޮމެޓީ އެކުލެވިގެންވަނީ ރައީސާއި ނައިބު ރައީސުގެ އިތުރުން ކިލާސްތަކުގެ މަންދޫބުން ކަމަށްވާ މުއީނުންނާއި މަކުތަބުގެ ބައިތައް ތަމުސީލުކުރާ މަންދޫބުންނާއި މަކުތަބުގެ ދަރިވަރުން ހޮވާ ތިން މެންބަރުންގެ މައްޗަށެވެ. ހިންގާ ކޮމެޓީން އަތުން ލިޔެގެން މަޖައްލާއެއް ނެރެއެވެ. އެގޮތުން ނެރުނު އެއް މަޖައްލާއަކީ"މަދްރަސީ ދައުރު" އެވެ. މި މަޖައްލާގެ ނަން ފާސްކުރި ބައްދަލުވުމުގެ ޔައުމިއްޔާ ކިޔާލުމުގެ ފިރުސަތު އަޅުގަނޑަށް ލިބުނެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ 16 އޮގަސްޓް 1971 ގައެވެ. ވަކިވަކި ކިލާސްތަކުން ވެސް މަޖައްލާ ނެރެމުން ދިޔައެވެ. ކޮމެޓީން މަޖައްލާގެ އަގެއް ކަމަށް ފާސްކޮށްފައި އޮންނަނީ 7 ލާރިއެވެ.
ސަޢީދު ޤާސިމް ޤާޒީ ކޯސް ހެއްދެވުމަށް މާލެ ވަޑައިގަތުމުން މަކުތަބަށް ވަރަށް ބޮޑު ހީނަރުކަމެއް އައެވެ. ކޯސް ފުރިހަމަ ކުރެއްވީ 1969 ވަނަ އަހަރުގައެވެ. ޤާޒީކަން ދެއްވީ 1970 ވަނަ އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ. ކޯސް ފުރިހަމަ ކުރައްވައިގެން ރަށަށް ވަޑައިގެންނެވުމާއެކު އަނެއްކާ ވެސް ކިޔަވައި ދެއްވުމާ ހަވާލުވެވަޑައި ގަންނަވަން ޖެހިވަޑައިގަތެވެ. އޭރު އެ ވަޑައިގަތީ މަނަދޫގައި ރަޖިސްޓްރީ ކޮށްގެން އުފެއްދެވި ފުރަތަމަ ޖަމްޢިއްޔާ ކަމަށްވާ "ޖަމްޢިއްޔަތުލް އިއުތުލާފް" ރަޖިސްޓްރީ ކުރެއްވުމަށް ޫށަހަޅުއްވާފައެވެ. އެ ޖަމްޢިއްޔާ ރަޖިސްޓްރީވެ ހިނގައިގަތުމުން މަކުތަބުގެ ބޮޑެތިކުދިން އެ ހަރަކާތްތަކުގައި ޝާމިލުވެ އުޅުނެވެ.
އޭރު މަކުތަބުގައި ތިބި ބޮޑެތި ކުދިންނާއި ކިލާސްތަކުގެ މުއީނުންގެ ތެރޭގައި ޢައްބާސް ނޫޙާއި، ޢަބްދުﷲ ޢަބްދުލް ވާޙިދާއި، ޙަސަން އިބްރާހީމާއި، އަޙުމަދު މުޙައްމަދާއި، ޢަބްދުލް ޙާދީ އަޙުމަދާއި، މުޙައްމަދު ޙަމީދާއި، އަބޫބަކުރު މުޙައްމަދާއި، ޢަބްދުލް ޣަފޫރު ޢަލީއާއި، މޫސާ ޙަފްސީއާއި، ޢަބްދުﷲ ހާރޫނާއި، ޢަބްދުއްރައްޒާޤު ނޫޙާއި، އަދުނާނު މޫސާއާއި، މުޙައްމަދު ޢަލީއާއި، އަޙުމަދު މަނިކާއި، މޫސާ ޢަބްދުލް ކަރީމް ހިމެނެއެވެ. އަންހެން ކުދިންގެ ތެރޭގައި ހައިރުއްނިސާ އާއި ޝަކީބާ ޔޫސުފާއި ޙަފީޒާ އަޙްމަދާއި ހާޖަރާ ޢުމަރާއި، ޛުލޭޚާ ޢަބްދުއްރަޙުމާނާ މި އުމުރު ފުރައިގެ ކުދިންތަކެއް އުޅެއެވެ.
ކޮންމެ ދުވަހެއް މަކުތަބު ފެށެނީ ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. ނަމާދަށް ދިއުމުގެ ކުރިން ފުރަތަމަ އޮންނަނީ މޫދަށް އެރުމެވެ. ފަތިސް ނަމާދަށް ފަހު ކަސްރަތަށް ރަށްވަށާ ހިނގުމެވެ. ހެނދުނު 7 ޖަހާއިރު ކިޔެވުން ފެށިގެން ކުރިއަށް ދެއެވެ. ކިޔެވުމުގެ އިތުރުން ބައިތުބާޒީ ކުރުމާއި ބަހުސްކުރުމާއި ކުއްލި މައުޟޫއަށް ވާހަކަ ދެއްކުންފަދަ އަދަބީ ހަރަކާތްތައް އޮވެއެވެ. ހަވީރު އޮންނާނީ ކުޅުމެވެ. ދެނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމާއި މާލޫދު ދަސްކުރުމެވެ. އޭރު އެ ގަޑީގައި ކޮންމެ ގެޔަކުން ވެސް ދަރިވަރުން ޔާސީން ކިޔަވާ އަޑު އިވޭނެއެވެ. ރޭގަނޑު 9 ގެ ފަހުން ބޭރުތެރޭގައި އުޅުން މަކުތަބުގެ ދަރިވަރުން މަނައެވެ. މޫދަށް އެރެވޭނީ ހުކުރު ދުވަހު އެކަންޏެވެ. އެއީ ވެސް ހުކުރު ދުވަހުގެ މެންދުރު ކުރިން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައެވެ. ރުންމަަގަށް އެރުން މުޅިން މަނައެވެ. (ރުންމަގަކީ މަނަދޫގައި ފިރިހެންވެރިން ޖަމާވާ އެންމެ ބޮޑު ހޮޅުއަށްޓެވެ. މަނަދޫގެ "ދާރުއްނަދުވާ" އެވެ.) އެ ދުވަސްވަރު ކޮންމެ ނަމާދަކަށް ޖަމާޢަތަށް ދާންޖެހެއެވެ. ބަރާބަރަށް ނަމާދު ހާޒިރީ ބަލަހައްޓައެވެ.
އޭރު މަދަރުސާގެ ބޮޑައްޗަށް ތިބޭ ކުދިންނަކީ ވަރަށް ގިނަ ކަންތައްތަކެއް ރަށު ފެންވަރުގައި ކުރަންޖެހޭ ޒިންމާރު ބައެކެވެ. މިސްކިތްތައް ފޮޅާ ސާފުކޮށް ބަލަހައްޓައި ބަންގިގޮވަނީ އެ ކުދިންނެވެ. އޭރު ވަޒީފާ ދީފައި މިސްކިތްތަކުގައި މުދިމުންނެއް ނުތިބެއެވެ. ކޮންމެ ވަގުތަކު ބަންގި ގޮވުމުގެ އިތުުރުން ކޮންމެ ދުވަހަކު ހަވީރު މިސްކިތުގެ ބައްތިތައް ފޮހެ ތެޔޮ އަޅާ ދިއްލަންޖެހެއެވެ. އޭރު ތެޔޮ ދެއްވަނީ ޤާސިމު ހާރޫނެވެ. މިސްކިތުގައި ހުންނަ ސާފުތެޔޮ ފުޅި ހިފައިގެން ސަމަރުވައިޓް ޝޮޕަށް ދިއުމުން ފުޅިއަށް ސާފުތެޔޮ އަޅައިދެއްވާނެއެވެ. މިސްކިތް ފޮޅާ ސާފުކޮށް ހެދުން އޮންނަނީ ހުކުރު ދުވަހު ހެނދުނު 8 ޖަހާއިރުއެވެ.
ރަށު އޮފީސް ހެނދުނު ހުޅުވުމުން އިދާރީ މަސައްކަތް ކުރަން ބައެއް ދަރިވަރުންނަށް ދާންޖެހެއެވެ. ޔައުމިއްޔާ ލިޔެ އޮފީހުގެ އިދާރީ ބައެއް މަސައްކަތްކުރަންޖެހެއެވެ. ބައެއް ލާނެއް ކުދިން އޮފީސް ހުޅުވާއިރު ކަތީބުން ހެނދުނު އޮފީހަށް ނުދުރުވާ ވާހަކަ ވެސް ޔައުމިއްޔާގައި ލިޔެއެވެ. އެކަންކަން ކަތީބުންގެ ލޮލުގައި އަޅައި ނުގަންނަނީ ކަމެއް ނުވަތަ އެކަންމަކާ އަޅާ ނުލައްވަނީއެއް ކަމެއް ނޭނގެއެވެ. ވަރަށް ފަހަކާ ޖެހެންދެން ހުރި އޮފީހުގެ ބައެއް ޔައުމިއްޔާތަކުގައި އެ ވާހަކަތައް އެގޮތަށް ލިޔެފައި ހުއްޓެވެ.
ހެނދުނު ރަށުތެރެ ކުނިކަހަން އަންހެންވެރިން ނިކުންނަ ދުވަސް ދުވަހު މަސައްކަތަކަށް ނިކުންނަ މީހުންގެ ހާޒިރީ ބަލަންޖެހެއެވެ. ވަލަށްވަންނަން ސަންގު ގޮއްވާ ދުވަސްވަރެއްގައި ނަމަ ވަލަށް ވަންނަ މީހުން ވެސް ބަލަންޖެހެއެވެ.
އެ ދުވަސްވަރު ވެސް މަކުތަބުއްޖަލާއުގެ ހިންގެވުމުގައި އިސްކޮށް އުޅުއްވީ ސަޢީދު ޤާސިމެވެ. ސަޢީދު ޤާސިމާއެކު ޖަނަވަރީމާގޭ ޢަބްދުﷲ ޔަޙުޔާ ވެސް ކިޔަވައިދެއްވުމުގައި އުޅުއްވިއެވެ. އަދި މަނަދޫގެ ވެރިންނާއި އަތޮޅު އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން އެކިއެކި ގަޑިތައް ނަންގަވައި ދެއްވައެވެ. އޭގެތެރޭގައި އަތޮޅުގެ ބައެއް އެހެން ރަށްރަށުގެ ބޭފުޅުން ވެސް ހިމެނިވަޑައިގެންނެވިއެވެ.
މަކުތަބުއްޖަލާއުގެ ރަން ދުވަސްވަރު އުފެދިގެން އައި ޖީލަކީ ރަށާއި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަގުހުރި ދަރިންތަކެކެވެ. އެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ސަރުކާރުގެ ވަޒީފާތަކަށް ވެންނެވީ އިތުރު އެހެންތަނަކުން ކިޔަވައިގެންނެއް ނޫނެވެ. ބައެއް ބޭފުޅުން މަނަދޫގެ ވެރިކަމާއި ގާޒީކަމާއި އަތޮޅު އޮފީހުގެ އިސް މަޤާމުތައް ފުރުއްވިއެވެ. ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއިން އިތުރަށް އުނގެނި ވަޑައިގެން ތަފާތު ސަނަދުތައް ހާސިލުކުރެއްވިއެވެ. އިމާމުކަމާއި ޖަމާޢަތްތެރިކަން ކުރެއްވިއެވެ. ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި އާއިލާގެ އެހީތެރިން އުފެދުނެވެ. އޭގެތެރޭގައި ޓީޗަރުންނާއި ޅެންވެރިންނާއި ކުޅިވަރު ކުޅުންތެރިން އުފަންވިއެވެ. ލަވަކިޔުންތެރިންނާއި މުއައްސިލާއިންނާއި މަސައްކަތްތެރިންނާއި ހިންގުންތެރިން އުފެދުނެވެ. އޭރުގެ ހުރިހާ ދަރިވަރުންނަކީ ވެސް ދީނަށް ލޯބިކުރާ އަޚްލާޤާއި ސުލޫކު ރަނގަޅު ކުދިބަޔަކަށެވެ. މަކުތަބުއްޖަލާއުގެ ރަން ދުވަސްވަރު ބިނާކުރި ޖީލުން މަނަދޫގައި ލީޑްކުރިއެވެ. އޭގެތެރެއިން ގިނަ ބޭފުޅުން މިއަދު ވަނީ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ. ޚިދުމަތްތެރި ފަޚުރުވެރި މާޒީއެއް ދޫކުރައްވާފައެވެ.
1 comment:
Situs Judi Slot Online Gampang Menang 2021 - Videodl.cc
Situs judi slot online Gampang Menang 2021. Situs Judi online gampang menang 2021. youtube to mp4 Agen judi online terpercaya, slot joker123 seperti Olympus Gates dan Sweet Bonanza
Post a Comment