މި ދެގޮތަށް ވެސް ދިވެހިން އަންނަނީ ލިޔަމުންނެވެ. އެކި ނޫސްތަކުގައި އެކި ގޮތަށެވެ. ބައެއް ނޫސް ތަކުގައި ދެ ގޮތަށެވެ. ރަސްމީ އިދާރާތަކުގެ ރަސްމީ ލިޔުންތަކުގައި ވެސް މިކަން އޮތީ ހަމަ މިހެންނެވެ. އެންމެ ރަނގަޅުގޮތް ހޯދަން އުޅޭ ފަރާތްތަކަށާއި ރަނގަޅަށް ބަސް ބޭނުންކުރާހިތްވާ މީހުންނަށާއި ކުދިންނަށް މިއީ ފަހުން ނަމަވެސް ބޮލުގައި ރިހުމަކަށް ވެދާނެއެވެ. ގައިމު ވެސް އަޅުގަނޑަށް މިހާރު ވެސް އުނދަގޫވާހެން އެބަހީވެއެވެ.
ކޮރޯނާ ވައިރަސްގެ އާ ވައްތަރެއް ދުނިޔެއިން ފެނުމާއެކު އާ ކޮރޯނާ ވައިރަސް ނުވަތަ "ނޮވެލް ކޮރޯނާ ވައިރަސް" އޭ ކިޔަމުން ދިޔައެވެ. ކުރުކޮށް ކިޔަމުން އައީ "2019-އެންކޮވް" އެވެ. މި ނަމުގައި "އެން" އަކީ ނޮވެލް އަދި "ކޮވް" އަކީ ކޮރޯނާވައިރަސް އެވެ. މި ނޫނަސް ވައިރަސް ފުރަތަމަ ފެނުނު ސަރަޙައްދަށް ނިސްބަތްކޮށް ވެސް ނަންކިޔާ އުޅުނެވެ. އެކަމަކު ދުނިޔޭގެ ރަސްމީ އިދާރާއިން ނަން ދިނުމުން އެހެން ނަންތައް ފަޑުވެގެން ހިގާއްޖެއެވެ.
މި އުޅެނީ ދުނިޔެއަށް އާ ލަފުޒެއް ތަޢާރަފު ވެގެންނެވެ. ދުނިޔެއަށް އާ ވައިރަސްއެއް ތަޢާރަފުވެ ބޮޑު ވަބާއަކަށް ވުމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެ ބައްޔަށް ނަމެއް ދިނީއެވެ. އެ ނަން އިޢުލާން ކުރައްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް، 11 ފެބުރުވަރީ 2020 ގައި ނަން ދެވުނު ގޮތް ވިދާޅުވިއެވެ. ކުރުކޮށް ކިޔާނެގޮތް ވެސް ބަޔާންކޮށް ދެއްވިއެވެ.
އަލަށް ފެނުނު ކޮރޯނާ ވައިރަހުން ޖެހޭ ބައްޔަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދިން ނަމަކީ "2019 Coronavirus disease" ކޮރޯނާވައިރަސް ޑިޒީޒް 2019 އެވެ . ކުރުކޮށް ކިޔަން ނިންމީ "COVID-19" ކޯވިޑް-19 އެވެ. އެއީ ކޮރާނާއިން ނެގި "ކޯ" އާއި ވައިރަސް އިން ނެގި "ވި" އާއި ޑިޒީޒް އިން ނެގި "ޑީ" އަކުރާއި 2019 އިން ނެގި 19 އެވެ. މި ނަން ތަޢާރަފުވުމާއެކު ދިވެހި ނޫސްތަކާއި މީޑިއާގެ އެހެނިހެން ޥަސީލަތްތަކުގައި އެ ނަން އެކިގޮތަށް ބޭނުންކުރަންފެށީއެވެ. ރަސްމީ ބައެއް އިދާރާތަކުގެ ލިޔެކިޔުން ތަކުގައި ވެސް ހުންނަނީ އެކިގޮތަށެވެ. އެހެންވީމާ ދެގޮތް ވެސް ރަނގަޅީތާއެވެ.
ފޭސް ބުކުގައި ކުރެއްވި ޕޯސްޓެއްގައި ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު ޢަލީ ވެސް ވިދާޅުވެފައިވަނީ ދެ ގޮތް ވެސް ރަނގަޅު ކަމަށެވެ. އަޝްރަފުގެ ފޭސްބުކުގެ ވޯލްގައި ލިޔުއްވާފައިހުރީ ވެސް އެ ބީދައިންނެވެ. މި ނުރައްކާ ވަބާއާބެހޭ ގޮތުން އަޝްރަފު ހައްދަވައި އަދި އަމިއްލަފުޅަށް ވިދާޅުވި އަސަރުގަދަ ލަވައިގެ ނަމުގައި ލިޔުއްވާފައި އޮތީ ކޯވިޑެވެ. ނަމަވެސް ފަހަކަށް އައިސް ލިޔުއްވަނީ ކޮވިޑެވެ. ކާލިޓެގު ކުރައްވަނީ "ކޮވިޑު19" ޖައްސަވާފައެވެ. ޑަވިޔަނީގައި އުބުފިއްޔެވެ. ޑަވިޔަނީގައި އުބުފިލި ޖެއްސެވީމާ ދިވެހި ވައްޓަފާޅިއެއް ހުރެއެވެ. މި ލަފުޒުގެ މައްސަލައިގައި އަޝްރަފުގެ އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ދިވެހިން ވާހަކަ ދައްކާއިރު ނަވާރަ ނުވަތަ އޮނަވިހި ބޭނުން ނުކޮށް "ނައިންޓީން" ކިޔާތީއެވެ.
ޑރ. ޙަސަން ޙަމީދަކީ މި ފަދަ ޢިލްމީ ކަޫންކަމުގައި އެންމެ އިތުބާރުކުރެވޭ އެއް ނަމެވެ. ހަމަ ހުންނަވާފައި އެއްޗެއް ވިދާޅެއް ނުވާނެއެވެ. ކަންކަން ވަރަށް ޞަރީޙަވާނެއެވެ. ހޯއްދަވައި ބައްލަވައި ދިރާސާ ނުކުރައްވައެއް ކަމަކާ ބެހޭގޮތުން އެއްޗެއް ވިދާޅެއް ނުވާނެއެވެ. މި ނުރައްކާތެރި ބަވާ ފެތުރިގަތުމާއެކު އެކަމާބެހޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިމަނުއްވައިގެން ލިޔުއްވުމެއް އަމިއްލަފުޅު ސައިޓުގައި ޝާއިޢުކުރެއްވިއެވެ. އެންމެ އާދައިގެ މީހާއަށް ވެސް އެނގޭގޮތަށް އެ ލިޔުއްވުމުގައި ކޮރޯނާ ވައިރަސް ވިދާޅުވެ ދެއްވިއެވެ. މި ދެންނެވި ލިޔުއްވުމުގައި ޑރ. ޙަސަން ޙަމީދު ފުރަތަމަ ލިޔުއްވީ އިނގިރޭސި އަކުރުން COVID-19 އެވެ. އޭގެފަހުގައި ތާނައިން ލިޔުއްވާފައިވަނީ "ކޯވިޑް-19" އެވެ.
ކޮރޯނާ ވައިރަސް ޑިޒީޒް 2019 އާ ބެހޭގޮތުން ހެލްތު މިނިސްޓްރީން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަން ތައްޔާރުކުރެއްވި ވެބް ޕޭޖުގެ ނަމުގައި އޮތީ ކޯވިޑް-19 އެވެ. އެހެންނަމަވެސް ލިޔުންތަކުގައި ކޮވިޑް ލިޔުއްވާފައިވާ މިންވަރު ވަރަށް ގިނައެވެ. ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ރަސްމީ ގިނަ ލިޔުންތަކުން ފެންނަނީ ކޯވިޑެވެ. ނަމަވެސް ބައެއް ލިޔުންތަކާއި ޕޯސްޓަރުތަކުން ކޮވިޑް ލިޔެއްވާފައިވާތީ ފެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގެ ގިނަ ލިޔުންތަކުގައި ލިޔުއްވާފައިވަނީ ކޯވިޑެވެ. މަދުން ނަމަވެސް ކޮވިޑް ވެސް ލިޔުއްވާފައިވެއެވެ.
ރާއްޖޭގެ ގިނަ ނޫސްތަކުގައި ލިޔަމުން ދަނީ ކޮވިޑެވެ. ޓީވީ ޗެނަލްތަކުން ވެސް ގިނައިން ފެންނަނީ ކޮވިޑެވެ. ނަމަވެސް ޕީއެސްއެމުން މުޅިން ވެސް ފެންނަނީ ކޯވިޑެވެ. އަޅުގަނޑު ލިޔަނީ ވެސް ލިޔަނީ ކޯވިޑެވެ. އަޅުގަނޑު، އަޅުގަނޑަށް ވުރެ ދަންނަ އަދި އިތުބާރުކުރެވޭ ބޭފުޅުންނާއި ރަސްމީ ގިނަ ލިޔެކިޔުންތަކުން ފެންނަން ހުރި ގޮތަށް ތަބާވަނީއެވެ. ޚާއްސަކޮށް ބަލީގެ ނަން އިޢުލާންކުރެއްވި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވި ވިދާޅުވުމަށް ބަރޯސާ ވެވެނީއެވެ.
އަޅުގަނޑުގެ ނަޒަރުގައި ވެސް ކޮވިޑާއި ކޯވިޑު ވެސް ދިވެހިން ލިޔުމުގައި މައްސަލައެއް ނެތެވެ. ކިޔުން ވެސް ހަމަ ރަނގަޅެވެ. އެއްވެސް ގޮތެއް ނުބައެއް ނޫނެވެ. ސަބަބަކީ އެ ލަފުޒަށް ޚާއްޞަ ލަފުޒެއް ދިވެހި ބަހާބެހޭ ރަސްމީ އިދާރާއިން އަދި މިހާތަނަށް ހައްދަވާފައި ނުވާތީއެވެ. ނުވަތަ އެ ލަފުޒު ވަކި ގޮތަކަށް ބޭނުން ކުރުމުގެ އިރުޝާދެއް ދެއްވާފައި ނުވާތީއެވެ. އެކަމަކު އަޅުގަނޑު މިފަދަ ކަންކަމުގައި ބޭނުންކުރާ ހަމައެއް އޮންނާތީ ދަންނަވާލާނަމެވެ. އެއީ އެކި ފަހަރު އެކިގޮތަށް އެއް ލަފުޒެއް ބޭނުން ނުކުރުމެވެ. އެއް ގޮތް ކުރެވޭތޯބެލުމެވެ. ޚާއްޞަކޮށް އެއް ލިޔުމެއްގައި، ނުވަތަ އެއް ފޮތެއްގައި އެއް ލަފުޒެއް އެކިގޮތްގޮތަށް ނުބަހައްޓާވޭތޯ ބެލުމެވެ.
މި ކަމުގައި އިނގިރޭސި ބަހުން ވާހަކަ ދައްކާ ބޭރުގެ ފަރާތްތައް COVID-19 ޕްރޮނައުންސް ކުރާގޮތް ކުޑަކޮށް ބަލާލީމެވެ. ކޯވިޑާއި ކޮވިޑު ވެސް ކިޔައެވެ. އެހެން ބަސްތަކަށް ބަލާއިރު އޭގެތެރެއިން ބައެއް ބަސްބަހަށް ކޯވިޑުގެ އަކުރުތައް ފައްސިޔަކޮށްފިއެވެ. ލަފުޒު ފުރޮޅާލައި އަމިއްލަ ލަފުޒު ހަދައިފިއެވެ. ކޯވިޑާއި، ކޮވިޑުގެ އިތުރުން ކޯވިދާއި، ކޫވިދު ވެސް އެބަކިޔައެވެ. މި ނޫނަސް މި އާ ލަފުޒަށް އެކިއެކި ބަސްބަހުން ދާނީ އާ ލަފުޒުތައް ހަދަމުންނެވެ. ނުވަތަ ބޭނުން ކުރަމުންނެވެ.
ފޯނަށް ފޮނު ކިޔުމުންނާއި ހޯނަށް ހޮނުކިޔުމުންނާއި ލޮނަށް ލޯނުކީމާ ވެސް މާނަ ތަފާތުވޭތާއެވެ. އެކަމަކު ކޮވިޑް ކިޔަސް ކޯވިޑް ކިޔަސް އެކިޔަނީ ކީކޭކަން އެންމެންނަށް ވެސް އެނގެއެވެ.
އަޅުގަނޑު ބެލި ބޭރުގެ ހުރިހާ ބަސްބަހަކުން ވާހަކަ ދައްކާއިރު ވެސް އެއްކަމެއް އަޅައިގަތެވެ. ކޯވިޑް ކިޔަސް ކޮވިޑް ކޮޔަސް ފަހަތުގައި އޮންނަ ނަވާރަ ނުވަތަ އޮނަވިހި އާދެ! "ނައިންޓީން" ކިޔަނީ އެބައެއްގެ ބަހުންނެވެ. (ނިމުނީ)
No comments:
Post a Comment