ޢަބްދުﷲ ސަޢީދު
ފުރަތަމަ ބައި: އަޅުގަނޑު އައީ މަންމަ ޑޮކްޓަރަށް ދައްކާފައި ގެއަށް އަންނަން ވެގެންނެވެ. މަންމަ އިނީ އަޅުގަނޑުގެ ސައިކަލުގެ ފަހަތުގައެވެ. މާލޭ ބުރުޒުމަގުން އަންނަނިކޮށް ފޯމެކްސް ކުރިމަތިން މަގުގެ މެދުގައި އޮތް ސުމާޓް ފޯނެއް ފެނިއްޖެއެވެ. ފޯނެކޭ ބުނެފައި މަގުގެ އެއް ފަރާތަށް ސައިކަލް މަޑުކޮށްލިތަނާ މަންމަ ސައިކަލުން އަވަސްއަވަހަށް ފައިބައިގެން ގޮސް ފޯނު ނަގައިފިއެވެ. މަންމަ ހީކުރީ އަޅުގަނޑުގެ ފޯނު ވެއްޓުނީ ކަމަށެވެ. މަންމަ އަތް ހިއްލައިގެން ގޮސް ފޯނު ނެގިއިރު ދުއްވާފައިއައި ބޮޑު ޕިކަޕެއް ބުރެކި ޖައްސާ މަޑުކުރަނީއެވެ. މަންމަ ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް ފޯނު ފުރޮޅު ދަށުވީހެވެ. ފޯނު އޮތީ ސީދާ ފުރޮޅާ ދިމާލުގައެވެ.
ދެވަނަ ބައި: ފޯނު ނެގުމުން އެއީ އަޅުގަނޑުގެ ފޯނު ނޫންކަން މަންމައަށް އެނގުނެވެ. އެހިސާބުން އެއްވެސް މީހެއްގެ ޚަބަރެއްވޭތޯ ދެމައިން ބަލަން އިރުކޮޅެއްގައި ތިބެފައި މަންމައަށް ލަސްވާތީ ފޯނު ހިފައިގެން ދިޔައީ ގެއަށެވެ. ގެއަށް ވަދެފައި ގެއްލޭ ތަކެއްޗާއި ހޮވާ ތަކެތި ޖަހާ އެފްބީ ޕޭޖެއްގައި އެ ފޯނުގެ ފޮޓޯއަކާއެކު ޖަހައިފީމެވެ. ކުޑައިރު ކޮޅެއްވީތަނާ މީހަކު ގުޅިއެވެ. އެއީ ފޯނުގެ ވެރިފަރާތްކަން ކަށަވަރުކުރީ އެ ފޯނަށް އެ ޒުވާނާ ގުޅުމުންނެވެ. އެވަގުތު އެ ޒުވާނާއަށް އާދެވެން ނެތުމުން އޭނާ ހުރި ތަނަށް ގޮސް ފޯނު ހަވާލު ކޮށްފީމެވެ. ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. ހަދިޔާ އަކަށް ލާރިދޭން ވެސް އުޅުނެވެ. ސައެެއް ނޫނީ ކޮފީއެއް ޖަހާލަން ހިނގާށޭވެސް ކިޔެއެވެ. އަޅުގަނޑު ނޫނެކޭ މިއީ މާ ބޮޑުކަމެއް ނޫނޭ ކިޔާފައި މަންމަގެ ބޭސް ނަގަން ލަސްވާތީ ދިޔައީއެވެ.
ތިންވަނަ ބައި: އޭރު އަޅުގަނޑުގެ ފޯނު އޮތީ ކަނުން ޑިސްޕްލޭ ތަޅައިގެން ގޮސްފައެވެ. އުޅުނީ އެތަނުގައި ޓޭޕް އަޅައިގެންނެވެ. އަންހެނުންގެ ފޯނު ވެސް އޮތީ ޑިސްޕްލޭ ތެޅިފައެވެ. ސްކްރީނުގެ އެއްބައި އޮތީ ކަޅުވެފައެވެ. މަހުގެ ނިމޭކޮޅު ވީމާ މަޑުކޮށްލައިގެން ހުރީއެވެ. އޭރު އެއް ފޯނަށް އޯޑަރު ދެވިފައި އޮތުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އޮތެވެ. އެކަމަކު އެއީ އަޅުގަނޑުގެ ހަޔާތުގައިވެސް ފަހަކަށް އައިސް ފޯނެއް އެންމެ މުހިންމު ވެފައިވާ ދަނޑިވަޅެވެ.
ހަތަރުވަނަ ބައި: ޖެހިގެން އައި ހޮނިހިރު ދުވަހު އަޅުގަނޑުގެ ވަރަށް ވަރަށް ގާތް ރަހުމަތްތެރިއަކު ފޯނުކުރިއެވެ. އިތުރު ދެ ރަހުމަތްތެރިންނާއެކު ކޮފީ އަކަށް ދިއުމަށް ދައުވަތު ދިނެވެ. ރަހުމަތްތެރިޔާ އައީ މާލެއިންނެވެ. ކޮފީ އޮތީ ހުޅުމާލޭގައެވެ. ކޮފީއަށް އިންސާފުކުރަން ފެށުމުގެކުރިން ރަހުމަތްތެރިޔާ ކުޑަ ކޮތަޅަކުން ނަގާ ފޮށްޓާއެކު އޮތް ސެމްސަންގް ގެލެކްސީ ނޯޓު 9 ގެ ފޯނެއް މޭޒުމަތީގައި ބޭއްވިއެވެ. އެއީ އަޅުގަނޑަށް ދޭން ގެނައި ހަދިޔާއެކޭ ބުންޏެވެ. ވަރަށް އުފާވިއެވެ. ޝުކުރުވެރިވީމެވެ. އެކަމަކު ހައިރާނެއް ނުވެއެވެ. އެެއީ އެފަދަ އެތައްއެތައް ހަދިޔާއަކާއި ރަނގަޅު އެތައްއެތައް ކަމެއް ކުރިންވެސް ކޮށްދީފައިވާ އަޅުގަނޑާއެކު އެއް މުއައްސަސާ އެއްގައި އުޅޭ 25 އަހަރަށްވުރެ ޒަމާންވީ އަދި ދެގޮތެއްނުވާ އެކުވެރިއެކެވެ. އެކަމަކު ކުއްލިއަކަށް ހަމަހުރެފައި ފޯނެއް ދިނީ ކީއްވެގެންބާއޭ ހިތަށް އަރާނެތާއެވެ. އަޅުގަނޑުގެ ފޯނު ތަޅައިގެން ގޮސްފައި އޮންނަތަން ފެނިގެން އިތުރު ފޯނެއް އޮތުމުން ދޭހިތްވީއެވެ.
ފަސްވަނަ ބައި: ފޯނު ލިބުމާއެކު ކުރީރޭގެ ހާދިސާ ކުއްލިއަކަށް ހަނދާން ވެއްޖެއެވެ. ރަހުމަތްތެރިންނާ އެވާހަކަ ހިއްސާކުރީމެވެ. އެވެރިން ވަރަށް ވާހަކަ ދެއްކިއެވެ. އަޅުގަނޑު ބުނީމެވެ. އަޅުގަނޑުގެ މަންމަ އަޅުގަނޑު ވަރަށް ކުޑައިރު ދީފައި އޮންނަ ނަސޭހަތެއް އަބަދުވެސް ހަނދާނުގައި އޮވެއެވެ. އެ ނަސޭހަތުގައި މިއައީ ހިފަހައްޓަމުންނެވެ.
"ދަރިފުޅާއެވެ. ކިތަންމެ ބޭނުންވިޔަސް ވަގަށް އެއްޗެއް ނުނަގައްޗެވެ. ﷲ މިންވަރު ކުރެއްވި އެއްޗެއް ނޫނީ ނުލިބޭނެއެވެ. އެއްޗެއް ވަގަށް ނަގައިގެން ހުއްދަނޫން ގޮތުގައި އެބޭނުންކުރެވެނީ ހަގީގަތުގައި ހުއްދަ ގޮތުގައި ލިބެން އޮތް އެއްޗެކެވެ. ހުއްދަނޫން ގޮތުގައި އެއްޗެއް ހޯދަން ފުރުސަތު ލިބި، އެ ފުރުސަތު ދޫކޮށްލައިފިނަމަ ހުއްދަ ގޮތުގައި އެފަދަ އެ އެއްޗެއް ނުވަތަ އެއަށްވުރެ ރަނގަޅު އެއްޗެއް ލިބޭނެއެވެ."
No comments:
Post a Comment