Tuesday, October 29, 2019

ބޮޑުތަކުރުފާނުގެ ފޭލިކޮޅު

 


ޢަބްދުﷲ ސަޢީދު

މިއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އާދެ! ބޮޑުތަކުރުފާނު ތުރުކުރެއްވި ބޮލު ފޭލިކޮޅެވެ. ބޮލުފޭއްޔަކީ ކޮބައިތޯއެވެ. އެއީ އަންނަ ފޭއްޔާ އެއްވައްތަރަށް އެއަށްވުރެ، ކުދިކޮށް ހަނިކޮށް ބޮލުގައި އަޅަން ވިޔެފައި ހުންނަ ފޭއްޔެވެ. އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުފޭލި ހުރެއެވެ. ތަފާތަކީ ފިރިހެނުން ބޮލުގައި އަޅާފޭލީގެ މެދު ހުންނަނީ ރަތްކޮށް ކަމަށްވެފައި އަންހެނުން އަޅާފޭލީގެ މެދު ހުންނަނީ ކަޅު ކޮށް ކަމަށްވުމެވެ. ބޮލު ފޭއްޔަކީ ރަސްމީގޮތުން އަޅައި އުޅުނު އެއްޗެކެވެ.

 

ޣާޒީ ރަދުންނަކީ މީލާދީން 1573 އިން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހިތްވަރުގަދަ ޤައުމީ ބަޠަލެވެ.

 

ޣާޒީ ރަދުންގެ މި ބޮލު ފޭލިކޮޅު ކުރިން ރައްކާކުރެވިފައި އޮތީ މުލަކު އަތޮޅު ކޮޅުފުށީ މިސްކިތުގައެވެ. މީލާދީން 1952 ވަނަ އަހަރު މާލޭގައި ދާރުލްއާސާރު ހުޅުވުމާއެކު، މި ފޭލިކޮޅު ދާރުލްއާސާރަށް ގެނެވުނެވުނީއެވެ.

 

ކޮޅުފުށީ މިސްކިތުގައި އެތައް އަހަރެއް ވަންދެން މި ފޭލިކޮޅު ރައްކާތެރިކަމާއެކު ބާއްވައިދިނީތީ އަޅުގަނޑުގެ ހިތުގައި އެރަށުގެ ރައްޔިތުންނަށް އޮތީ ވަރަށް މަތިވެރި ލޯތްްްްްްްބެކެވެ. ކޮޅުފުށްޓަށް ދިއުމުގެ ނަސީބު އަޅުގަނޑަށް ލިބުނީ 2011 ޑިސެންބަރުމަހުގެ 19 ވަނަ ދުވަހެވެ. އެކަމަކު އެ ދުވަހުގެ ކުރީ ރެއަކީ އެރަށުގެ މީހުންނަށް ވަރަށް ބޮޑު ބަދުނަސީބަކާ ކުރިމަތިލާންޖެހުނު ރެއެކެވެ. ސުނާމީ ކާރިސާއަށް ފަހު ދިރިއުޅެމުންދިޔަ ވަގުތީ ހިޔާތަކުގެ ތެރެއިން އެތަނުގައި އަލިފާން ރޯވެ އަނދާހުލިވީއެވެ. ސުނާމީގައި އޮޔާދިޔަ ދިރިއުޅުމުން ސަލާމަތްވި އެއްޗެއް ވިއްޔާ އަލިފާނުގައި އަނދާ ހުލިވީއެވެ. އެއީ 108 މީހުން ދިރިއުޅުނު ވަގުތީ ހިޔަލެކެވެ. އެ ހާދިސާއާ ގުޅިގެން ރިލީފް އޮޕަރޭޝަނަށް ދިޔަ ސިފައިންގެ ޓީމުގައި އިސް މީހަކަށް ދިޔައީ އަޅުގަނޑެކެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓިފައިވާ އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކީމެވެ. މެގަފޯނަކުން އެ ރައްޔިތުންނާ ވާހަކަ ދައްކަމުންދިޔައިރު މުޅި ތަނަށް ވެރިވެފައި އޮތީ ހިމޭންކަމެވެ.

 

އެ ލޯތަކުން އެ ދުވަހު ފައިބަމުންދިޔަ ކަރުނަތައް މިހާރުވެސް ފެންނަކަހަލައެވެ. ސިފައިންނަށް ކުރި އިތުބާރާއި ދިން އެއްބާރުލުމަކީ ނަމޫނާއެކެވެ. ހާލުގައި ޖެހިފައިތިބި މީހުން، އެއަށްވުރެ ބޮޑަށް ހާލުގައި ޖެހުނު މީހުންނަށް އެހީވާ މަންޒަރު ފެނުމުން އަޅުގަނޑުގެ ލޮލުން ވެސް ކަރުނަ ފޫދެން ފެށިއެވެ. އަޑު ތުރުތުރު އަޅަން ފެށިއެވެ. ވަރަށް އަސަރުކުރިއެވެ. އެކަމަކު ދިވެހިންގެ އެއްބައިވަންތަކަން ފެނިފައި ވަރަށް އުފާވިއެވެ.

 

ބޮޑުތަކުރުފާނުގެ ބޮލު ފޭލިކޮޅު އެރަށު މިސްކިތުގައި އެތައް އަހަރެއްވަންދެން ރައްކާތެރިކަމާއެކު ބާއްވައިގެން ތިބި ކާބަފައިންގެ ހިތްތަކުގައި ޖަހަމުންދިޔަ ޤައުމިއްޔަތުގެ ވިންދު އެވެރިންގެ ދަރިންގެ ހިތްތަކުގައި ވެސް ޖަހާކަށް ޔަގީނެވެ. ކޮޅުފުށީ މިސްކިތަކީ ވެސް އެކަމުގެ ހެއްކެކެވެ. ދައުލަތުން ދާރުލްއާސާރެއް ހައްދަވައި ރައްކާތެރިކަމާއެކު ޣާޒީ ރަދުންގެ ބޮލު ފޭލިކޮޅު ބެލެހެއްޓޭނެ ދުވަހެއް ދެއްކެވުމުން ކޮޅުފުށީ ރައްޔިތުން އެ އަމާނާތް ދިވެހި ދައުލާތާ ހަވާލުކުރެއްވީއެވެ. އެހާ ދުވަސްވަންދެން އެ އަމާނާތް ރައްކާތެރިކަމާއެކު ބެލެހެއްޓެވި ކޮޅުފުށީ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައި އޮތީ ޝުކުރާއި ތަޢުރީފެވެ.

 

ފޮޓޯ: ޤައުމީ ދާރުލްއާސާރު

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...