ޢަބްދުﷲ ސަޢީދު
ސިފައިންގެ މަދަނީ އެހީތެރިކަމަކީ މަދަނީ އިދާރާތަކާއި އާންމު ރައްޔިތުންގެ ހެވާ ލަބައަށް ސިފައިން ކުރާ މަސައްކަތްތަކެވެ. މިލިޓަރީ އެއިޑް ޓު ސިވިލް އޮތޯރިޓީސް (އެމްއޭސީއޭ) ނުވަތަ ސިފައިންގެ މަދަނީ އެހީއަކީ ދިފާޢީ ވުޒާރާ މެދުވެރިކޮށް، މަދަނީ އިދާރާތަކާއި މުއައްސަސާތަކަށް އަދި މަދަނީ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހިންގާ އޮޕަރޭޝަންތަކަށް ނުވަތަ ހިންގާ ހަރަކާތްތަކަށް ޖުމުލަގޮތެއްގައި ބޭނުންކުރާ ނަމެކެވެ. ސިފައިންނަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންގެ ކުރިމަތީގައި ތަސައްވަރު ރަނގަޅު ބަޔަކަށް ވެވޭނީ ރައްޔިތުންނާ ވަރަށް ގާތް ބަޔަކަށް ވެގެންނެވެ. އެ ގާތްކަން ތަރައްޤީކޮށް ދެމެހެއްޓުމަށް ސިފައިންގެ މަދަނީ އެހީ އަކީ މުހިންމު ވާސިތާއެކެވެ.
ދިވެހި ސިފައިންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުމެވެ. މި މުހިންމު ޤައުމީ ވާޖިބު އަދާކުރާއިރު ހަނގުރާމަވެރި ހާލަތެއްގައި ނޫނިއްޔާ، ސިފައިންނަކީ މަދަނީ ޖަމާޢަތް ކުރިއަރުވައި، މަދަނީ އިދާރާތަކަށް އެހީތެރިވެދީ ޤައުމު ބިނާކުރުމަށް މަސައްކަތްކުރާ ބައެކެވެ. ސިފައިންނަކީ އިންސާނީ ވަސީލަތުގެ ގޮތުން އެންމެ ފުދުންތެރި، އަދި އެހެނިހެން އާލާތްތަކާއި ވަސީލަތްތަކުގެ ގޮތުން އެންމެ ވަރުގަދަ މުއައްސަސާއަށް ވާންޖެހެނީ އެހެންވެއެވެ.
ސިފައިންގެ މަދަނީ އެހީ ބެހިގެންދަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ މަދަނީ ބާރަށް ސިފައިންގެ މަދަނީ އެހީ ފޯރުކޮށްދިނުން ނުވަތަ މިލިޓަރީ އެއިޑް ޓު ދަ ސިވިލް ޕަވަރ (އެމްއޭސީޕީ)، ސަރުކާރުގެ އިދާރާތަކަށް ސިފައިންގެ މަދަނީ އެހީ ފޯރުކޮށްދިނުން (މިލިޓަރީ އެއިޑް ޓު ގަވަރމަންޓް ޑިޕާޓްމަންޓްސް (އެމްއޭޖީޑީ)، މަދަނީ ޖަމާޢަތަށް ސިފައިންގެ މަދަނީ އެހީ ފޯރުކޮށްދިނުން (މިލިޓަރީ އެއިޑް ޓު ދަ ސިވިލް ކޮމިއުނިޓީ (އެމްއޭސީސީ) އެވެ.
ސިފައިންގެ މަދަނީ އެހީ، މަދަނީ ބާރަށް ފޯރުކޮށްދިނުމަކީ ފުލުހުންނާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީ، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މީގެއިތުރުން މަދަނީ ބާރަށް ތަމްރީނާއި ލޮޖިސްޓިކް އެހީ ފޯރުކޮށްދިނުމަކީ ސިފައިންގެ މަދަނީ އެހީގެތެރެއިން ކުރާ ކަމެކެވެ. ދިވެހި ސިފައިންގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ފުލުުހުންނާއި ޤާނޫނު ތަންފީޒުކުރާ އެހެން ފަރާތްތަކުން ޤައުމުގައި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށާއި އަމަންއަމާންކަން ޤާއިމުކުރުމަށް ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި ކަނޑައެޅިފައިވާ އުސޫލުތަކެއް މަތިން އެފަރާތްތަކަށް ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ލާޒިމުކޮށްފައިވެއެވެ. މީގެއިތުރުން ދިފާޢީ ވުޒާރާއިން ހިންގާ ބެލެހެއްޓުމަށް ޤާނޫނުތަކުގައި ލާޒިމުކުރާ ކަންތައްތަކުގެ ތެރެއިން ސިފައިންނާ ހަވާލުކުރާ އެންމެހާ ކަންތައްތައް ކުރުމަކީ ވެސް ސިފައިންގެ މައްޗަށް ލާޒިމުކަމެކެވެ.
ސިފައިންގެ މަދަނީ އެހީ، ސަރުކާރުގެ އިދާރާތަކަށް ދެވެނީ ޚާއްޞަ މަސައްކަތެއް ނުވަތަ ކުއްލި ޚިދުމަތެއްގެ ގޮތުގައެވެ. ޖަމާޢަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުވަތަ އާންމު ރައްޔިތުންގެ ފުރާނައާއި ގުޅިފައިވާ ޞިއްޙީ ސަބަބުތަކާއި، ޒަރޫރީ ބޭނުންތަކާ ގުޅިފައިވާ އާންމު ޚިދުމަތްތަކަށް އަންނަ ލޮޅުންތަކުން އަވަހަށް އަރައިގަތުމަށް ނުވަތަ އެ ޚިދުމަތްތައް ދެމެހެއްޓުމުމަށެވެ. މީގެތެރޭގައި އަލިފާން ނިއްވުމާއި، އެބިއުލާންސްގެ ޚިދުމަތާއި، ހަކަތައިގެ އެހީތެރިކަމާއި، ބޮޑެތި ރޯގާ ބަލިމަޑުކަމާ ގުޅިގެން ފޯރުކޮށްދޭ އެހީތެރިކަން ހިމެނެއެވެ.
މަދަނީ ޖަމާޢަތަށް އެހީ ފޯރުކޮށްދިނުމަކީ ޖަމާޢަތުގެ ހެވާއި ލާބައަށްޓަކައި ސިފައިން މަސައްކަތްކުރުމެވެ. ގިނަ ފަހަރަށް މިފަދަ އެހީތެރިކަން ސިފައިން ފޯރުކޮށްދޭންޖެހެނީ ޤައުމަށް ދިމާވާ ބޮޑެތި ކާރިސާތަކާއި، ދިމާވާ ބޮޑެތި ހާދިސާތަކަށް ފަހު ޤައުމު ބިނާކުރުމުގެ ތެރޭގައެވެ. ޤައުމު ބިނާކުރުމަށް ސިފައިން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ޤައުމީ ފެންވަރުގެ ބޮޑެތި މަޝްރޫޢުތަކަށް އެހީތެރިވެދިނުމަށް ސިފައިން ކުރާ މަސައްކަތްތައް މީގެތެރޭގައި ހިމެނެއެވެ. އަދި ޖަމާޢަތުގެ ކުރިއެރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާ ޝާމިލުވެގެން ސިފައިން ކުރާ ޚާއްޞަ ޚިދުމަތްތައް ވެސް ވެގެންދާނީ މަދަނީ ޖަމާޢަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންކުރާ ކަންތައްތަކަށެވެ.
ދިވެހިރައްޔިތުން ސިފައިންގެ ފުށުން ލިބުމަށް އެދޭ އިޖްތިމާޢީ އެހީތެރިކަން މި ޤައުމުގެ އެންމެ ވަރުގަދަ އަދި ޒިންމާދާރު މުޢައްސަސާއެއްގެ ޙައިސިއްޔަތުން، ފޯރުކޮށްދިނުމަކީ ސިފައިން ކުރަންޖެހޭ ކަމެކެވެ. އާންމު ރައްޔިތުންނާ އޮންނަ ގުޅުމަކީ އަސްކަރިއްޔާއިން އެކަމަށްޓަކައި މަސައްކަތްތަކެއް ނުކޮށް ކުރެވޭނެ ކަމެއްނޫނެވެ.
މަޢުލޫމާތު:
ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2008)
ލެފްޓިނަންޓް ކާނަލް ގުރަހަމް ވިޓްމޯ. (2005) މިލިޓަރީ އެއިޑް ޓު ސިވިލް އޮތޯރިޓީސް. ނެގީ
https://www.slideshare.net/TheBCEye/military-aid-to-the-civil-authorities
No comments:
Post a Comment