Saturday, June 23, 2018

ބޮޑުތަކުރުފާނުގެ ލީޑަރޝިޕް



ޢަބްދުﷲ ސަޢީދު 

"މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ." މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ ލިޔުއްވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ޢިބާރާތެކެވެ. 1940ގައި ލިޔުއްވާފައިވާ "ބޮޑުތަކުރުފާނުގެ ވާހަކަ" އަކީ ސިޔާސީ ރޭވުންތެރިކަމާއި އިސްތިރާޖީ ހަމަތައް ފެނިގެންދާ ޙިކުމަތްތެރި ވާހަކައެކެވެ. ދީނީ އަޤީދާއާއި އިންސާނީ ދިރިއުޅުމާ ގުޅިލާމެހިފައިވާ މިންވަރާއި ދިވެހިރާއްޖޭގެ އެ ޒަމާނުގެ އާދަކާދައާއި ސަޤާފަތް އެނގިގެންދާ ވާހަކައެކެވެ. މިއީ އިޝްޤީ ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ ކުލަތައް ފެންނަ، ލޯބީގެ އެންމެ ހިމަ ނާރުތަކާ ކުޅެލާ އަސަރުގަދަ ވާހަކައެއްވެސް މެއެވެ. ބޮޑުތަކުރުފާނު ވާހަކަ އަޅުގަނޑުގެ ޢުމުރުގެ އެކި ހިސާބުތަކުގައި އެތައް ފޮތަކުން ފޫހިވުމެއްނެތި އެތައް ފަހަރަކު ކިޔައިފީމެވެ. އެ ވާހަކައިން އަޅުގަނޑު އެންމެ ޝަޢުޤުވެރި ބަޔަކަށްދިމާވީ އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ޝަޚްސިއްޔަތެވެ. ބޮޑުތަކުރުފާނުގެ ހަރުދަނާ ލީޑަރޝިޕެވެ.  




15 އަހަރާއި 6 މަސްދުވަހުގެ ދިގު މުއްދަތަކަށް ރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުން ނުވަތަ ފުށެތިކާލުންގެ މައްޗަށް ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގައި ނަޞްރާއި ފަތަޙަ ހޯއްދެވިއެވެ. އެއީ ރާއްޖޭގެ އާދައިގެ ރަށަކަށް އުފަންވެވަޑައިގެންނެވި ޤައުމީ ބަތޮލެކެވެ. ވަރުގަދަ ލީޑަރެކެވެ. އެއީ ޕޯޗްގީޒުންނާ ދެކޮޅަށް ވަރުގަދަ ގެރިއްލާ ހަނގުރާމައެއް މެދުނުކެޑި 5 އަހަރު ދުވަހު ކަނޑުމަތީގައި ކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދެވި ޤާއިދެކެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި މީލާދީން 1573 ން 1585 ށް ރެދަލި ކުރެއްވި، ރައްޔިތުންގެ ލޯބި ހޯއްދަވައި ޤައުމު ބިނާކުރެއްވި ރަސްކަލެކެވެ. ބޮޑުތަކުރުފާނުގެ އަގުބޮޑު ޤައުމީ ޖިހާދުގެ އިތުރުން ރަސްކަމުގެ ދުވަސްވަރު މުހިންމު ޤައުމީ ޚިދުމަތަކެއްވަނީ ކުރައްވާފައެވެ. 
ދިވެހިރާއްޖޭގައި ޤައުމީ ސަލާމަތަށްޓަކައި ދިވެހި ލަޝްކަރެއް ދައުލަތުން މުސާރަ ދެއްވާގޮތަށް އުފެއްދެވީ ބޮޑު ތަކުރުފާނެވެ. އެއީ ހަނޑުލުން މުސާރަ ދެއްވި ހަނގުބޭކަލުންނެވެ. މިނިވަން އިސްލާމީ ދަޢުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ހަމަޖައްސަވައި "އައްދައުލްތުލް މަހަލްދީބިއްޔާ"ގެ ނަން ދެއްވިއެވެ. ރަސްމީ ފަތްކޮޅު (ސިޓީފުޅު) ތަކުގައި ޢަރަބިބަހުން "ހުވަލް ޣަނީ" ދައުލަތުގެ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރައްވަން ފެއްޓެވިއެވެ. މާނައަކީ ﷲއީ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯހިމަނުއްވައި މީސްތަކުންގެ މައްޗަށް އިޤްތިޞާދު ހަމަޖެއްސެވި އެވެ. ދިވެހީންގެ މަދަނިއްޔަތާއި ޙަޟާރަތް އަލުން އަނބުރައި އިޢާދަކުރެއްވިއެވެ. އުވިދިޔަ މިސްކިތްތައް އަލުން ބިނާކުރައްވައި އެ މިސްކިތްތައް ބަލަހައްޓަވާނެ ހަރުދަނާ ނިޒާމެއް އެކަށައެޅުއްވިއެވެ. މާލޭގައި ދިފާޢީ ޙަމަލާގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝްކަރަށް ހެވިކަމުގެ ތަމްރީނުދެއްވަން ފެއްޓެވިއެވެ. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޝާފިޢީ މަޒުހަބަށް ހިންގަވާން ފައްޓަވައި މާލޭގައި ފަނޑިޔާރުކަމުގެ މަރުކަޒެއް ޤާއިމު ކުރެއްވިއެވެ. ރާއްޖޭގެ ދީނީ ޙަލާތު ރަނގަޅު ކުރެއްވުމަށް ރާއްޖެތެރެއަށް ހުއްދަފަތް (ފަރުޟް، ޙަރާމް، ޙަލާލު، ސުންނަތް އެންގެވި ލިޔުން) ފޮނުއްވިއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ލީގަލް ޓެންޓަރެއް (ޤާނޫނީ ފައިސާ) ތަޢާރަފުކުރެއްވުމުގެ ގޮތުން ދިގުލާރި ޖެއްސަވައި  ތާނައަކުރު ލިޔުއްވަން ފެއްޓިއެވެ. މިއީ 12 އަހަރުގެ ރަސްކަމުގެ ބައެއް ޚިދުމަތްތަކެވެ. 
މި އަގުހުރި ޚިދުމަތްތައް މި ޤައުމަށް ކޮށްދެއްވީ މި ޤައުމު ދުށް އެންމެ ވަރުގަދަ ލީޑަރެވެ. އެއީ މި ޤައުމުގެ ޤައުމީ ބަޠަލެވެ. ޣާޒީ މަހާރަދުންގެ ހަޔާތްޕުޅުގެ ފަތްފުށްތަކުން އެމަނިކުފާނު ލީޑްކުރައްވާގޮތާއި ކަންތައްތަކުގައި މަގު ދައްކަވާގޮތާއި ޕްލޭންތައް ތަންފީޒުކުރައްވާގޮތް އަދި ޓީމް މޯޓިވޭޓް ކުރައްވާގޮތްތައް ފެންނަން އެބަހުއްޓެވެ. ލީޑަރެއްގެ ގޮތުގައި އެމަނިކުފާނުގެ ލީޑަރޝިޕް ސްޓައިލްތައް ތަންފީޒު ކުރައްވާފައިވާގޮތް ވަރަށް ފުރިހަމައެވެ. 

ބޮޑުތަކުރުފާނުގެ ލީޑަރޝިޕް ސްޓައިލްތައް 

ބޮޑު ތަކުރުފާނަކީ އެއިރެއްގެ ހާލަތާއި ވަގުތަށް ބައްލަވާ ތަފާތު ލީޑަރޝިޕް ސްޓައިލްތައް ބޭނުން ކުރެއްވި ލީޑަރެކެވެ. ޑިސިޝަން މޭކިންގައި އެތިކަލް ފަލްސަފާތަކަށް ދޫ ނުދެއްވި ލީޑަރެކެވެ. އެހެންކަމުން ކޮންމެ ޑިސިޝަނަކީވެސް ހަރުދަނާ ވެލިއުޒްތަކެއްގެ މަތީގައި ނިންމަވާފައިވާ ނިންމެވުން ތަކެކެވެ. އެކުގައި ޖިހާދު ކުރައްވަން ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށްވުރެ ޢިލްމާއި ތަޖުރިބާ މަދު ބަޔަކަށްވާތީ ބައެއްފަހަރު އެމަނިކުފާނަށް އޮތޯރިޓޭރިއަން ނުވަތަ އޮޓޮކްރެޓިކް ސްޓައިލް ބޭނުން ކުރައްވަން ޖެހިވަޑައި ގެންނެވިއެވެ. އެހެންނަމަވެސް އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައްތައް ނިންވެމުގެ ސިފަ އެމަނިކުފާނުގެ ހަޔާތްޕުޅުން ފެންނަން ހުރީ ވަރަށް މަދުންނެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ ދުވާފަރު ޢަލީ ދަންޑެހެލަށް ދަންޑެހެލުކަން ދެއްވުމެވެ. ނުވަތަ ބޮޑުތަކުރުފާނުގެ ޖިހާދުގެ ޓީމަށް ދަންޑެހެލު ނެންގެވި ގެންނެވުމެވެ. އެއީ ދުވާފަރު މާމަގުމަތީގައި ކަސްއަޅައި ވަރަށް ހަޑިވެފައި އިން ސާދަ ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. ގައިކަހަމުން މެހިފޮޅަމުން ކާށިގަނޑަކާއި މަސްގަޑެއް ކަމުން، އެއްފަހަރާ ތިން ހަތަރު ކަންތައް ކުރަމުންގެންދިޔަ ކުއްޖެކެވެ. މި ކުއްޖާ ދަންޑެހެލެއްގެ މަޤާމަށް ގެންނެވީ ސީދާ ބޮޑު ތަކުރުފާނެވެ. "މީހުން މީހުނަށް ވަނީ މީހުން މީހުނަށް ހެދީމައެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވިއްޔާ ތިޔަ ކުއްޖާ މީހަކަށް ހެދިދާނެއެވެ." (ސ.95) ބޮޑުތަކުރުފާނު ވިދާޅުވިއެވެ. އެދުވަހު ދަންޑެލު ޓީމަށް ގެންނަވަން އުޅުއްވުމުން ޙަސަން ތަކުރުފާނު އެކަމާ ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ. 

ބޮޑު ތަކުރުފާނުގެ ހަޔާތްޕުޅުގެ ގިނަ ކަންތައްތަކުގައި ގެންގުޅުއްވާފައިވާ ލީޑަރޝިޕްގެ ސްޓައިލަކީ ޕާރޓިސިޕޭޓީވް ނުވަތަ ޑިމޮކްރެޓިކް ގޮތެވެ. ވަގުތާ ޙާލަތު ތަންދޭނަމަ މަޝްވަރާގެ އުސޫލުން ކަންތައްތައް ނިންމެވުމުގެ ގޮތެވެ. މާލެ ފަތަޙަ ކުރެއްވުމުގެ އޮޕަރޭޝަން ފެށުމަށް ގަސްދު ކުރައްވައި ބޮޑުތަކުރުފާނު އެތަކުރުފާނާއެކު ޖިހާދުގައި ބައިވެރިވެވަޑައި ގަންނަވާ ހުރިހާ ބޭކަލުންނާ މަޝްވަރާ ކުރެއްވިއެވެ. ޕޯޗްގީޒުން އޭރު ތިބީ ރާއްޖެއިން މުޅީން އިސްލާމްދީން ފުހެ ނެއްތައިލައި، ކްރިސްޓިއަން ދީނަށް ނުވަދެއްޖެ މީހަކުނަމަ ޤަތުލުކޮށް ނިންމާލަން ގަސްދުކޮށްގެންނެވެ. "އެކަމަށް ކުއްލިއަކަށް ފަށައި ނުގެން އެމީހުން އެތިބެނީވެސް އަހުރެމެންނާހުރެ މީހުން ސިހޭސިހުމަކާއި އެކަން ކުޅައުމަށް މާގަދަ އަމުރެއް އެމީހުންގެ ސަރުކާރުގެ ފަރާތުން ނުލިބޭތީއެވެ. މިހެންވީއިރު އަހުރެމެން އެމީހުންނަށް ބޮޑުކޮށް ތަންވަޅުނުދީ މާލެއާއި ދިމާކޮށްގެން އުޅުމާމެދުގައި ތިޔަބައި މީހުންގެ ބަހަކީ ކޮބާހެއްޔެވެ." (ސ. 197) ބޮޑުތަކުރުފާނު މާލެ ފަތަޙަ ކުރައްވަން މަސައްކަތްޕުޅު ފެއްޓެވީ މިކުރެވުނު މަޝްވަރާއަށްފަހު ޙަސަން ތަކުރުފާނާއި ދަންޑެހެލާއި ދެޙާޖީން ދެއްވި ޚިޔާލާއި މަޝްވަރާގެ މަތިންނެވެ. 

ލީޑަރޝިޕްގައި ޑެލިގޭޓިވް ނުވަތަ ފްރީ ރެއިން އަކީ ދަށުގައި ތިބޭ މީހުންނަށް އެމީހުން ބޭނުންވާ ގޮތަކަށް ކަންތައްތައް ތަންފީޒު ކުރުމުގެ އިޚްތިޔާރުދީ އިތުބާރުކޮށް އެކަމަކު އެކަމެއްގެ ޒިންމާ އުފުލުމެވެ. ބޮޑު ތަކުރުފާނުގެ ޖިހާދުގައި ހިނގާފައިވާ ބައެއް ހާދިސާތަކަކުން އެމަނިކުފާނުގެ މި ލީޑަރޝިޕް ސްޓައިލްވެސް ފެނިގެން ދެއެވެ. ޙަސަން ތަކުރުފާނާއި ދެ ހާޖީންނާއި ދަންޑަހެލަށް އިތުބާރު ކުރައްވައި، ގިނަ ޓާސްކްތަކެއް އެބޭފުޅުންގެ އަތްޕުޅު މައްޗަށް ދޫކޮށްލެއްވިއެވެ. އޭގެތެރެއިން އެއް ހާދިސާއަކީ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނާއި ޙަސަން ތަކުރުފާނުގެ އަނބިކަނބަލުން ބާރަށު ކަތީބުގޭ ކަމަނާ ބަލައި ބާރަށަށް ފޮނުއްވި ދަތުރެވެ. ކަޅުއޮށްފުންމި ބާރަށު ފުށްޓަރު ފަރާތާ ކައިރިކޮށް ދެ ޙާޖީންގެ ކުޅަދާނަކަމާއެކު ރާޅުގަނޑުގެ ތެރޭގައި ރިއްދަނޑިން ހިފަހައްޓާލެއްވި ދަތުރެވެ. އެރޭ ދެޙާޖީން ދެންނެވިއެވެ. " ކުރާ ކަންތައް ކަމުދަނީ ވިއްޔަކާ މުރާލިކުދިންނަކަށް ތުރާލެއް ނުވާނެއެވެ."(ސ:179) 

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް) 

ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބިވަޑައިގެން ހުންނެވި ޢިލްމާއި ޙިލްމު ހެޔޮގޮތުގައި ބޭނުންކޮށް ޢަމަލީ މައިދާނުގައި ހުނަރުވެރި ޤާބިލު ލީޑަރެއްގެ ގޮތުގައި ނަތީޖާ ނެރުއްވަމުން ގެންދެވިއެވެ. މި ޙަޤީޤަތް މިހެން ހުރުމާއެކު ބޮޑުތަކުރުފާނުގެ ޢާއިލާގައި ޢަލީ ތަކުރުފާނަކީ ދޮށީ ބޭބޭފުޅުކަމަށްވިޔަސް، ރާއްޖެ މިނިވަން ކުރެއްވުމުގެ މަތިވެރި ޖިހާދުގައި ލީޑަރަކަށް ބޮޑުތަކުރުފާނު ހަމަޖައްސަވައި އެތަކުރުފާނުގެ އަތްޕުޅު މައްޗަށް ޢަލީތަކުރުފާނުވެސް ބައިޢަތު ހިޕެވިއެވެ. (ސ. 159) ބޮޑުތަކުރުފާނުގެ ޒާތީ ސިފަތަކަށް ބަލާލާއިރު ހަރުދަނާ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފަތަކެއް އެމަނިކުފާނުގެ ހަޔާތްޕުޅުން ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ޚާއްޞަ ސިފަތަކަކީ:-


1. ޢިލްމު (ނޮލެޖް)
ބޮޑުތަކުރުފާނަކީ ލިބިވަޑައިގެން ހުންނެވި ޢިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެއްވި ލީޑަރެކެވެ. ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނާއި  ބޮޑުބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ އަރިހުން ދަސްކުރެއްވި ތަޢުލީމާއި ތަރުބިއްޔަތުގެ އިތުރުން އުފަންރަށާއި ތިމާގެ ބޭފުޅުން ދޫކުރައްވާ އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވިއެވެ. (ސ:52) ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ކަނޑުތަކާއި ކަނޑުއޮޅިތަކާއި ފަރުތަކާއި ގިރިތަކާއި ހާތަކާއި އަދި ރަށްރަށާއި ރަށްރަށުގެ ފަޅުތައް އެތަކުރުފާނު ދަސްކުރައްވާފައިވަނީ އެރަށްރަށުގެ ގިނަ މީހުންނަށްވެސް ނޭގޭހާ މިންވަރަށެވެ. ރާއްޖޭގެ މޫސުމާއި ނަކަތްތަކާއި ވިއްސާރައާއި ވަޔާއި އޮޔަށް އެ ތަކުރުފާނު ފަރިތަ އެވެ. ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ގެރިއްލާ ހަނގުރާމައެއްކޮށް ކާމިޔާބު ހޯދުމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ އެމަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކުވެސް ހޯއްދަވަމުންނެވެ. ރަނގަޅު ޓެކްޓިކަލް ނިންމުންތަކެއް އުތީމު މަހާރަދުންނަށް ނިންވެމުނީ އެހެންވެގެންނެވެ. ޖިހާދުގައި ބައިވެރިވި ކޮންމެ މީހަކަށްވެސް ބޮޑުތަކުރުފާނަކީ ނަމޫނާ ޝަޚްސިއްޔަތެކެވެ. މަސައްކަތް ކުރަންވީ ގޮތް ވިދާޅުވެ ދެއްވައި އިރުޝާދު ދެވޭވަރުގެ ޤާބިލު ބޭފުޅެކެވެ. އެކުގައި މަސައްކަތްކުރެއްވި ބޭކަލުން މަސައްކަތްކުރައްވާއިރު ސަމާލުކަން ދެއްވަންވީ  ކަންތައްތައް ފާހަގަކޮށްދެއްވައި ރަނގަޅު ކުރަންވީ ކަންތައްތައް ވިދާޅުވެ ދެއްވި ލީޑަރެކެވެ. 

2. ބުންވަރު (އެންޑިއުރެންސް)  
ބޮޑުތަކުރުފާނަކީ ބުންވަރު ގަދަ ބޭފުޅެކެވެ. ރެއާއި ދުވާލު ކަނޑުމަތީގައި އަރާމެއްނެތި ފަސް އަހަރު ދުވަސްވަންދެން އެ ކުރެއްވި ޖިހާދަކީ ބުންވަރު ނެތް މީހަކަށް ކުރެއްވޭނެ ޖިހާދެއް ނޫނެވެ. ރޭގަނޑު ދަންވަރު ސިއްރުން ރަށްރަށަށް އަރުވައި، ދުޝްމިނުން ބިރުގަންނުވާ އެމީހުންނަށް ހަމަލާ ދެއްވާ ދިވެހި މުސްލިމު ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ފަންރިޔަލުގައި އެކުރެއްވި އުނދަގޫ ދަތުރުތަކަކީ ބުންވަރު ހުރެގެންނޫނީ ކުރެއްވޭނެ ދަތުރުތަކެއް ނޫނެވެ. އުނދަގޫ ދަތި ހާލަތުގައި ކެތްތެރިކަމާއެކު އުފުލެއްވި ބުރަ ތަކަކީ މެންޓަލް އަދި ފިޒިކަލް ސްޓެމިނާ ހުރެގެން ނޫނި އުފުލޭނެ ބުރަތަކެއް ނޫނެވެ. އުތީމު ތިންބެއިންގެ އެންޑިއުރެންސް ބާރަށުގައި  ތެލަބަގުޑި ކުޅުއްވާ ބައި ހިތްޕަވައިގެން ވަޑައިގެންނެވި ދުވަހުވެސް ފެނިގެން ދިޔައެވެ. "އަތޮޅުވެރިން މިތާންގައި ހުންނަވާފައި އެއްގަމަށް ދުރުވަމުން ބުނުއްވިޔޭ ތެލަބަގުޑި ކުޅޭނީ އެކަހަލަ ހިތްވަރު ހުންނަ ކުދިންނެވެ." (ސ:46)

3. ރީތި އާދަތައް (ބެއަރިންގ) 
އުތީމު ބޮޑު ތަކުރުފަނަކީ ރީތި އާދަތައް ހުރި ބޭފުޅެކެވެ. ސާފުތާހިރުކަމާއި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ލިބިވަޑައިގެން ހުންނެވި ފިސާރި ފިރިހެންވަންތަ ބޭފުޅެކެވެ. ހެނދުންކޮޅު ތުރުކުރެއްވުމުގައި ރީތި އާދަތައް ގެންގުޅުއްވިއެވެ. ވާހަކަ ދައްކަވައި ހެއްދެވީ އެންމެންނަށްވެސް އިޙްތިރާމާއެކު ރީތި ކޮށެވެ. އުތީމު ތިންބެއިން ވިޔަޒޯރު އަތޮޅުވެރިންގެ އަރިހަށް ބާރަށަށް އީދުވެދުމައިގެން ވަޑައިގެންނެވި ދުވަހު ބޮޑު ތަކުރުފާނުގެ ރީތި އާދަތައް ފެނިގެން ދިޔައެވެ. އެދުވަހު "ކަނބާ އައިސާގެ ހިތްފުޅަށް އެރިޔޯލައޭ. ނޫނެކޭ މާލޭގެ ކޮއިލުތެރޭގައި ނޫނަކަސް ތޫނުފިލި ވައްތަރުޖަހާ ފިރިހެން ކުދިންނަކީ ތިބޭބައެކެވެ. އުތީމު ތިންބެއިން ދުރުވެ ވާރުގޭ ދޮރުމައްޗަށް ހިޔަނި އެޅުމާއެކު އެގޭގެ ތެރޭގައިތިބި މީސްތަކުން ފުންމައިގެން ތެދުވެއްޖައޫއެވެ." (ސ:34)

4. ވަފާތެރިކަން (ލޯޔަލްޓީ)
ޣާޒީ ރަދުންނަކީ ދީނާއި ޤައުމާއި ރައްޔިތުންނަށް ވަފާތެރި ލީޑަރެކެވެ. ދީނާއި ޤައުމަށްޓަކައި އެމަނިކުފާނު ކުރެއްވި ޖިހާދަކީ އަމިއްލަފުޅަށް ދީނާއި ޤައުމަށްޓަކައި އުފުއްލެވި އުނދަގުލަކާއި ތަކުލިފުން ފުރިގެންވީ ބުރަ މަސްއޫލިއްޔަތެކެވެ. ދުވަހަކުވެސް މާޔޫސްވެ ވަޑައެއް ނުގަންނަވައެވެ. އަމިއްލަ ނަފްސަށްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. ޖިހާދުގައި ބައިވެރިވެ ވަޑައިގެންނެވި ކޮންމެ މުޖާހިދެއްގެ ހުރިހާ ކަމެއް ބަލަހައްޓަވައި ދެއްވިއެވެ. ބާރަށު ބޯށިވަލު ބުޅާފާތުމާގެ ރެހެންދި ލައްވައި ކައިވެނިފުޅަށް އާބަސް ހޯއްދަވާފައި އެ ކައިވެނިފުޅު ކުރެއްވިއެވެ. "ކަނބުލޯޔޭ މިތިބީ ޢަދްލުވެރި ދެކީންނެވެ. މިހުރީ ކައިވެނިމަތީގެ ހެދުމާއި ގަހަނާއެވެ. ކަނބުލޯ އެދުވަހު ވައުދުވީ ފަދައިން އަހުރެންނާ އިންނާން ރަންކިޔާށެވެ." (ސ. 75) 

5. އިސްނެގުން (އިނީޝިއޭޓިވް) 
ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރައްވަން އިސްނެންގެވި އިސްނެންގެވުމުން އެކަނިވެސް ބޮޑުތަކުރުފާނުގެ ޝަޚްސިއްޔަތުގައި ހުރި މި ޒާތީސިފަހުރި މިންވަރު ވިސްނައިގަންނާކަށް ދައްޗެއް ނޫނެވެ. މީގެ އިތުރުން އެތަކުރުފާނުގެ ހަޔާތްޕުޅަށް ބަލާލާއިރު އޮޅުދޫ ކަރަޔަށް ޕޯޗްގީޒުންގެ ވެދުން އޮޑިޔައިގެން ނެވި ނިޔަމިކަމުގައި ވަޑައިގަތުމަށް  ބޮޑުތަކުރުފާނަށް ވިޔަޒޯރު އަތޮޅުވެރިން ހުށަހެޅުއްވުމުން ވިދާޅުވި ވާހަކަފުޅާއި އެކަންތައްތައް ކުރެއްވިގޮތްވެސް ފާހަގަ ކުރެވެއެވެ. "ބައްޕާގެ އިޒުނަ އޮތީވިއްޔާ ތިޔަކަން އަޅުގަނޑު އުފުލައިދިނުމަށް ބޮލު އަރުވައިފީމެވެ." (ސ. 66) އެ މަސައްކަތާ ހަވާލުވެވަޑައި ގަންނަވައި ކުރިއަށް ދުރާލާ ޕްލޭން ކުރެއްވިއެވެ. ރަނގަޅަށް ކަންތައްތައް ކުރިއަށް ގެންދަވައި  އަދި ކުރަންހުރި ކަންތައްތައް ކުރިއަށް ގެންދަވާނެ ގޮތްތައް ހޯއްދެވިއެވެ. އަތޮޅުވެރިންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަތެވެ. ބޮޑުތަކުރުފާނާ އެ މަސައްކަތް މަތިކުރުމުން ދިމާ ދަތިތައް ހައްލު ކުރައްވަމުން ކުރަންހުރިނަމަ ހުރި މަސައްކަތެއް ކުރަމުން ދަތުރުތަކުގެ ކަންތައްތައް ދިޔައީ ކުރައްވަމުންނެވެ. ތިން ތަކުރުންނަށް މާލެއިން އުތުރުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގެ ކަތީބުކަމުގެ ފަތްކޮޅު ދެއްވުމުން އެކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން ބާރަކަށް އޭގެ ތެރެއިން ކޮންމެ އެއް ބޭފުޅަކު ވަޑައިގަތުމަށް ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނު އެދިވަޑައިގެންނެވިއެވެ. އެކަމަށް އިސްނަންގަވާ ބޮޑު ތަކުރުފާނު އެ ދަތުރުފުޅުގައި ވަޑައިގެންނެވިއެވެ. (ސ.73)

6. ބަރޯސާ / އިތުބާރު (ޑިޕެންޑެބިލިޓީ) 
ފުރިހަމަ ލީޑަރެއްނަމަ އެމީހަކަށް އެހެންމީހުން ބަރޯސާވެ، އިތުބާރު ކުރާނެވެ. ބޮޑު ތަކުރުފާނަކީ އެ ތަކުރުފާނުގެ ގާތް ބޭފުޅުންނާއި ދުޝްމިނުންވެސް އިތުބާރު ކުރެއްވި ބޭފުޅެކެވެ. އުތީމު ތިންބެއިންނަށް ރާއްޖޭގެ އުތުރުގެ ހުރިހާ ރަށެއްގެ ކަތީބުކަން ދެއްވީ ޕޯޗްގީޒުގެ ވެރިޔާ އަދިރި އަދިރިންނެވެ. (ސ:62) މީގެ އިތުރުން ޕޯޗުގީޒުންގެ ވެދުމައިގެން އޮޅުދޫ ކަރައަށް ބޮޑުތަކުރުފާނު ފޮނުއްވިއެވެ. (ސ:100) ބޮޑު ތަކުރުފާނަކީ އެތަކުރުފާނުގެ ޝަޚްސިއްޔަތުގައި އެހެންމީހުން ބަރޯސާވާންޖެހޭ ޚާއްޞަ ސިފަތަކެއް ހުރި ބޭފުޅެކެވެ. ވިދާޅުވި ކޮންމެ ކަމެއް ގަޑިއަށް ވަގުތަށް ނިންމެވުމުގައި ލާމަސީލު ބޭފުޅެކެވެ. ޕޯޗްގީޒުންގެ ވެދުމައިގެން ވަޑައިގެން ދެއްވާނަމޭ ވިދާޅުވެފައި އެވިދާޅުވި ގޮތަށް އެއްވެސް މައްސަލައެއް ނުޖެހި އެކަން ބަރާބަރަށް ކޮށްދެއްވިއެވެ. ވިޔަޒޯރު ނުހަނު ބޮޑަށް ބޮޑުތަކުރުފާނަށާއި އެތަކުރުފާނުގެ ޓީމަށް އިތުބާރު ކުރެއްވިއެވެ. ވާރުގޭ މީހަކު ދަންޑެހެލާމެދު ޝަކުވާއެއް ވިޔަޒޯރު އަތޮޅުވެރިންނަށް ދެންނެވީމާ ވިދާޅުވިއެވެ. "އެބައި މީހުންނަކީ ޢިއްޒަތްތެރި މިނިވަނުންނެވެ. އެބައިމީހުން އުޅޭނީ އެބައިމީހުން އުޅޭނޭ ގޮތަކަށެވެ. ގޯހެއް ނުހަދާނެއެވެ. ޚިޔާނާތްތެރިއެއް ނުވާނެއެވެ. ރީތިގޮތައި ހުތުރުގޮތް ވަކިކުރަން ދަންނާނެއެވެ." (ސ. 103) 

7. ގޮތްނިންމުން  (ޖަޖްމެންޓް) 
ބޮޑުތަކުރުފާނަކީ ގޮތް ނިންމުމުގައި  ވަށައިގެންވާ ހުރިހާ ކަމަކަށް ބެއްލެވި ލީޑަރެކެވެ. ކޮންމެ ކަމެއްވެސް އެކަމެއް ކުރެއްވުމުގެ ކުރިން އެކަމެއް ކުރެއްވެންހުރި ހުރިހާ ގޮތަކަށް ވިސްނާ ވަޑައިގަންނަވައެވެ. އެއްވެސް މައްސަލައެއް ނުޖެހި ޕޯޗްގީޒުންގެ އެހީތެރިކަމާއެކު ކަޅުއޮށްފުންމި ބެންނެވިއެވެ. ތުއްފާށަނާގެ މުނާފިގު އަދި ފިތުނަވެރި ރޭވުންތައް ރާވަރާވާ އޮއްވައި ޝަހީދުވި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ ލޯބި ހާސިލުކުރައްވައި ކައިވެނިފުޅު ބައްލަވައި ގެންނެވިއެވެ. މަރޮށީ ރައިވެރިބޭ ލައްވާ ކަޅުއޮށްފުންމީގެ ރިޔާ ގަވާއިދުން މަރާމާތުކޮށް އާރިޔާ ހައްދުވައި ކޮންމެ ހުކުރު އަށްޑުވަހަކުން ރިޔަލެއް ކަޑަމައްޗަށް ލެއްވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. މިއިން ކޮންމެ ކަމެއް ކުރެއްވުމުގައިވެސް އެކަމަކުން ކުރާނެ އަސަރުތަކާއި ވަށައިގެންވާ ހާލަތަށް ބައްލަވަމުން ގެންދެވިއެވެ. ޖިހާދު ފެއްޓެވުމާއެކު އެންމެ ބޮޑު ތުރެޓެއް އޮންނާނީ އެތަކުރުފާނުގެ އާއިލާއަށްކަން އެނގިވަޑައި ގަންނަވައެވެ. އެހެންކަމުން ދުރުވިސްނުންފުޅާއެކު ޢާއިލާގެ ބޭފުޅުން މަލިކަން ގެންދެވިއެވެ. (ސ:158)


8. ތެދުވެރިކަން/ ނަޒާހަތްތެރިކަން (އިންޓެގްރިޓީ) 
ބޮޑު ތަކުރުފާނަކީ ތެދުވެރިކަން ނުވަތަ ނަޒާހަތްތެރިކަން (އިންޓެގްރިޓީ) ހުރި ލީޑަރެކެވެ. އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ވަޑައިގެންނެވީ ތެދުބަހުންނެވެ. ޢަލީ ތަކުރުފާނަށާއި ޙަސަން ތަކުރުފާނަށާއި ދެ ޙާޖީންނަށާއި ދަންޑަހެލުގެ އިތުރުން ބޮޑު ތަކުރުފާނުގެ ޖިހާދަށް ވާގިވެރިވި ކޮންމެ ބޭކަލަކުވެސް އެ ތަކުރުފާނުގެ ތެދުވެރިކަމާމެދު ސުވާލެއް އުފައްދާފައެއް ނުވެއެވެ. އެންމެންގެ މެދުގައި ފޮރުވުމެއްނެތި ކަންތައްތައް ކުރައްވައި އަދި ވާހަކަ ދެއްކުމަށް ބާރު އެޅުއްވިއެވެ. އެހެންކަމުން ބައެއްފަހަރު ދަންޑެހެލު އޭނާގެ ޚިޔާލު ކަންތައްތަކުގައި ދެއްވާފައިހުރީ އެއްވެސް ޖެހިލުމެއްނެތިއެވެ. މާލެ ފަތަޙަ ކުރުމާބެހޭ ގޮތުން ކުރެއްވި މަޝްވަރާތަކުގައި ދަންޑަހެލު ވިދާޅުވިއެވެ. "ނާނާ އުޅެންވާނީ ނިޔަނެތިކޮށް ރީތިކޮށް ވިއްޔާއޭ. ކާފަރުންގެ މައްޗަށް ކަމަކު ވާނީ އޯގާތެރިކަން ބަހައްޓަން ވިއްޔާއޭ. އަހަރެންގެ ހިތަކަށް ވާނޭނަމަ ތިޔަ ރާއްޖޭގައި އެންމެ ފަރަންޖީއަކުވެސް ބޯފިސްކޮށްނުލައެއް ނުބަހައްޓާނަމެވެ. އެހެންނާފަހެ" (ސ. 198) ބޮޑުތަކުރުފާނަކީ އަމިއްލަ މަސްލަހަތުގެ ކުރިއަށް ދީނާއި ޤައުމު ނެރުއްވި ލީޑަރެކެވެ. ބޮޑުތަކުރުފާނުގެ އަތްޕުޅު މައްޗަށް ރާއްޖެ އިސްލާމު ވުމުންވެސް ވަގުތުން ރަސްކަމާ ހަވާލުވެވަޑައެއް ނުގެންނެވިއެވެ. (ސ:229)


9. އަމިއްލަ އެދުމެއްނެތުން (އަންޝެލްފިޝްނަސް)
ބޮޑުތަކުރުފާނަކީ އަމިއްލަ އެދުންފުޅެއްނެތި ޤައުމަށް ޚިދުމަތް ކުރެއްވި ލީޑަރެކެވެ. ރާއްޖޭގެ އުތުރުގެ ހުރިހާ ރަށެއްގެ ކަތީބުކަމުގެ ފަތްކޮޅު ލިބިވަޑައިގެން ޢިއްޒަތުގައި އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. ޕޯޗްގީޒުންނާ ގުޅިގެން އުފަލާއި އަރާމުގައި އުޅެވޭނެ މަގުތައް ފަހިވިއެވެ. އެހެންނަމަވެސް އަމިއްލަ އެނދުމުން އެއްކިބާވެ ދީނާ ޤައުމުގެ ޙައްޤުގައި ޖިހާދު ފެއްޓެވިއެވެ. (ސ:159) ބޮޑުތަކުރުފާނަކީ އަބަދުވެސް އަމިއްލަ ކަންތައްތަކުގެ ކުރިއަށް އެކުގައި ޖިހާދުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ކަންތައްތައް އިސްކުރެއްވި ލީޑަރެކެވެ. އުދަނގޫތަކާއި ނުރައްކާތެރި އަދި ދަތި ހާލަތުގައިވެސް ދަށުގައިތިބި މީހުންނާއެކުގައި ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. އެ ބޭކަލުންގެ ކަންތައްތައް ފުރިހަމަކޮށް ދެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިޔައީ ދެއްވަމުންނެވެ. ބޮޑުތަކުރުފާނު ޖިހާދުގެ ދަތުރު ކުރިއަށް ގެންދެވީ ޢާއިލާ މަލިކުގައި ބައިތިއްބަވައިގެން ކަންނަންނޫރު ޢަލީ ރާޖާގެ ހެޔޮކަމުގައި މަލިކުގައި އުފަލާއި ރައްކާތެރިކަމާއެކު އުޅެވެން އޮއްވައެވެ. 

10. ހިތްވަރު (ކަރޭޖް)
ބޮޑުތަކުރުފާނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ހިތްވަރުގަދަ ލީޑަރެކެވެ. ކޮންމެ ގޮންޖެހުމަކާއި ކެރިގެން ކުރިމަތިލައްވައި ރިސްކް ނަންގަވަން ޖެހިވަޑައިގެންނެވި ކޮންމެ ދަނޑިވަޅެއްގައި ވިސްނުންތެރިކަމާއެކު އެ ރިސްކެއް ނެންގެވި ލީޑަރެކެވެ. އުތީމު ތިންބެއިން ނިކުންނެވީ "ކަނޑުގެ ބާޒު"ގެ ނަމުން މަޝްހޫރުވެފައިވާ އޭރުގެ ދުނިޔޭގެ އޭރުގެ ސުޕަޕަވަރ، ޕޯޗްގީޒުންގެ ވަރުގަދަ ލަޝްކަރާ ދެކޮޅަށެވެ. ހަނގުރާމަމަތީ ގުރާބުތަކާއި ޒަމާނީ ހަތިޔާރާއި ބޮޑެތި ބަޑިތަކާއި ވަރުގަދަ އަސްކަރީ ލަޝްކަރެއް އޮތް ބާރަކާ ދެކޮޅަށެވެ. އެއީ އަނިޔާވެރި ކޮންމެ ޢަމަލެއް ހިންގުމަށްވެސް ފަސްނުޖެހޭނެ އިސްތިޢުމާރީ ބާރެކެވެ. އުތީމު ތިންބެއިން އަގަމަތި މަސްދޯންޏެއްގައި "ހުސްއަތާ" ފެއްޓެވި ޖިހާދުގައި އާދައިގެ މީހަކު މާޔޫސްވެ ކަރު އެލުވާލާނެ އެތައް ހާދިސާތަކެއް ހިނގިއެވެ. އޭގެ ތެރެއިން އެއް  ހާދިސާއަކީ ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވެވަޑައިގެންނެވި ހާދިސާއެވެ. ޢަލީ ތަކުރުފާނުގެ ޢާއިލާގެ ހާލު ބައްލަވާ ލެއްވުމަށް ހއ. ތަކަންދޫއަށް ފައިބައި ވަޑައިގެންނެވި ރޭތަކުން ރެއެއްގައި ޢަލީ ތަކުރުފާނަށް އެނބުރި ކަޅުއޮށްފުންމިއަށް ވަޑައި ނުގެންނެވެނީސް ޕޯޗްގީޒުން އެރަށާ ދިމާކޮށްލިއެވެ. "ރަށުބޭރުން އެތައް އޮޑިޔެއް އަންނާތީ ފެނިއްޖެއެވެ. ކަޅުއޮށްފުންމީގައި ތިއްބެވި ބޭކަލުންނަށް ޖެހުނީ އަވަސް އަވަހަށް ފުރައިގެން ރައްކާވާށެވެ. ޢަލީ ތަކުރުފާނުން ތަކަންދޫގައި އޭނާގެ ގޭގައި ހައްޔަރުވެއްޖެއެވެ. މީގެ ފަހުދުވަހު ހެދުނު ކާފަރުންތައް ޢަލީ ތަކުރުފާނުގެ ގެއަށްވަދެ އެ ތަކުރުފާނު އަތުލައިގަތުމަށް ދިމާކޮށްފޫއެވެ. އެތަކުރުފާނުގެ ކަޑީން ދިހަބާރަ މީހުން ގަތުލު ކުރެއްވުމަށްފަހު ކާފަރުންގެ ކަޑިން ޢަލީ ތަކުރުފާނު ޝަހީދުވެއްޖެއެވެ." (ސ:194) މި ހިތާމަވެރި ހާދިސާއަށްފަހުވެސް ބޮޑުތަކުރުފާނު އެމަނިކުފާނު ކުރައްވަމުން ގެންދެވި ޖިހާދު މަޑުޖައްސަވައި ނުލައްވާ ކުރިއަށް ގެންދެވިއެވެ. ބޮޑުތަކުރުފާނަކީ ދިމާވި ކޮންމެ ދަތި އުދަގުލަކާ ކެރިގެން ކުރިމަތި ލައްވައި މިޝަން ހާސިލުކުރުމަށް އިންތިހާއަށް މަސައްކަތް ކުރެވި ލީޑަރެކެވެ. 

11. ޙިކުމަތްތެރި (ޓެކްޓް) 
ބޮޑުތަކުރުފާނަކީ ޙިކުމަތްތެރި ލީޑަރެކެވެ. އެހެން މީހުންގެ ފަރާތުން އެދިވަޑައިގަންނަވާ ގޮތްތަކާ އެއްގޮތަށް ބޮޑުތަކުރުފާނުގެ އުޅުއްވުންފުޅާއި ގުޅުއްވުންފުޅު ބައްޓަން ކުރެވި ލީޑަރެކެވެ. އިޙްތިރާމު ކުރައްވައިގެން އިޙްތިރާމް ހޯއްދެވިއެވެ. ލޯބި ދެއްވައިގެން ލޯބި ހާސިލު ކުރެއްވިއެވެ. މާލެ ފަތަޙަ ކުރެއްވުމަށް މާލެއަށް އަރާވައިގެންނެވިރޭ މެދުޒިޔާރަތްދޮށުގައި ކޮންމެ ގޮތެއްވިޔަސް ދީން ދޫނުކުރުމަށް އަހުދު ވެގެން އައިސްތިބި އޮނަސާޅީސް (39) މީހުން ތިއްބެވެ. ކުރިއަށްއޮތް ދުވަހަކީ ދިވެހިންގެ ތެރެއިން ކްރިސްޓިއަން ދީން ޤަބޫލު ނުކޮށްފި މީހަކު މަރަން ނިންމާފައިއޮތް ދުވަހެވެ. އެ ހިތްވަރުގަދަ މީސްކޮޅު ކޮރަލިތަކުރުގެ އަބޫބަކުރުގެ ގޭގައި އަޙްދުވެ ހެދުމަށްފަހު އަތުޖެހުނު ހަތިޔާރެއްވިއްޔާ ހިފައިގެން މެދުޒިޔާރަތް ދޮށަށް ދިޔައެވެ. އެތަނުގައި ތިބެގެން މި މުސީބާތުން ފިއްލަވާތޯ އެމީހުން ދިޔައީ ދުޢާ ކުރަމުންނެވެ. އުތީމު ދެތަކުރުން އެރޭ އެތަނަށް ވަޑައިގެންނެވިއެވެ. (ސ. 201)  އެވަގުތު އެމީހުންނަށް ލިބުނު ހައިރާން ވާފަދަ ބޮޑު އުފާވެރި ކަމެކެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ބޮޑުތަކުރުފާނުގެ މިޝަން ފުރިހަމަކުރުމަށް ދައްޗަކަށް ނުވާނެގޮތަށް އެބައިމީހުންގެ ކަންތައްތައް ބެހެއްޓުމަށް ވާހަކަ ދައްކަވާ ވިސްނައި ދެއްވާ ޔާސީން ސޫރަތް ކިޔަވަން އެތަނުގައި ތިބުމަށް އަންގަވާފައި ވަޑައިގެންނެވީއެވެ. 

12. ރަނގަޅުގޮތް ނިންމުން (ޑިސައިސިވްނަސް)   
ބޮޑު ތަކުރުފާނަކީ ރަނގަޅު ގޮތް ނިންމުމުގެ ޤާބިލުކަން ހުރި ލީޑަރެކެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ ތެރޭގަޔާއި ރާއްޖޭގެ ތަޚްތުގައި އިންނެވި ދުވަސްވަރުވެސް ނިންމަވާފައިހުރީ ޤާބިލު ނިންނެވުންތަކެކެވެ. ހަރުދަނާ ލީޑަރުންނަކީ ކިރިޔާވެސް ވަގުތު އޮތްނަމަ ކަންކުރެވެން ހުރި ގޮތްތައްބަލައި ފަރުވާތެރިކަމާއެކު ރަނގަޅު ގޮތް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިގެންވާ މީހުންނެވެ. ވަގުތު ތަންނުދޭނަމަ ލިބިފައިވާ މަދު ވަގުތުކޮޅުގެ ތެރޭގައި ކުރެވެންހުރި ކަންތައްތައް ބަލައި ހަރުދަނާ ކަމާއެކު ގޮތް ނިންމާ މީހުންނެވެ. އަދި ހަމަ އެހެންމެ ގޮތެއް ނިންމަން ނުޖެހޭ ވަގުތާއި ހާލަތުވެސް ރަނގަޅަށް ދަންނަ މީހާއެވެ.  ރާއްޖެ އިސްލާމްކުރެއްވިރޭ އަދިރިއަދިރިންގެ ކިއްލާ ކައިރިއަށް ވަޑައިގެން އަވަހަށް ބަޑިޖަހާ އަދިރިއަދިރިން މަރާލުމަށް ޙަސަން ތަކުރުފާނު ދެންވިހިނދު، ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ޙަސަނާޔޭ. ހަޅޭއްނުލާށޭ. ނިކަން ކެތްކުރާށޭ. ތިޔަސޮރަކީ އުންޑަ އައިތަނަކަށް އުންޑަ ފޮނުވާ ސޮރެކެވެ. މިހޯދަނީ އެހެންވެ ނިވައިވެލާނޭ އެއްޗެކެވެ." (ސ:202) އަދިރިއަދިރިން މަރާލީ ބޮޑުތަކުރުފާނު ޖެއްސެވި ބަޑީގެ އުންޑަކުންނެވެ. ރައްދުގައި އަދިރިއަދިރިން ފޮނުވާލި ވަޒަން ދިޔައީ އަމާޒު ކުރައްވަން ބަޑި ބާއްވަން ރުކަށްޖެއްސެވި މަސްދަތް ފިޔޮހީގެ ބޮމަށި ހިފައިގެންނެވެ. 

13. ޖޯޝް (އެންތޫސިއޭޒަމް)
ބޮޑު ތަކުރުފާނަކީ ޖޯޝް ވަރުގަދަ ޝަޚްސިއްޔަތެކެވެ. މަސައްކަތުގައި ދަށުގައި ތިބި ބޭކަލުންނަށް ދިމާވާ ހުރަސްތައް ގިރާކުރުމަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އެކުގައި މަސައްކަތްކުރާ ބޭކަލުންނަށް ވިސްނޭނޭހެން ކޮންމެ ފަދަ ކަމެއް ކުރަންޖެހުނަސް އެކަމެއް ކުރަންޖެހުނު ސަބަބުތައް އޮޅުއްފިލުވައި ދެއްވަވައެވެ. އެ ބޭކަލުންގެ ރަނގަޅު ސިފަތަކަށް ތަޢުރީފު ކުރައްވައި، ހޯދާ ކާމިޔާބުތައް އިޙްސާސް ކުރެވޭގޮތަށް ތަޢުރީފުކޮށް އަގުވަޒަން ކުރެއްވިއެވެ. ދުވަހަކުވެސް ދަށުގައި މަސައްކަތްކުރައްވާ ބޭކަލެއްގެ ކުށް ދައްކައި މާޔޫސްވާފަދަ ޝަކުވާއެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރައްވާފައިހުރީ ޕޮސްޓިވް އެޓިޓިއުޑެއް ދެއްކެވުމުގައެވެ. ކަޅުއޮށްފުންމީގެ ފަހުދަތުރުގައި މ. ދިއްތުޑިއަށްއަރައި އޮޑިފަޅިފަޅިވުމުންވެސް އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކަށް ބުރަ ބަހެއްވެސް ވިދާޅެއް ނުވެއެވެ. އެރޭ އެވަގުތުވެސް ދަންޑެހެލާ ބޮޑުތަކުރުފާނު ސަމާސާ ކުރައްވައި ހެއްދެވިއެވެ. (ސ. 224)

14. އިންސާފުވެރިކަން  (ޖަސްޓިސް)
ބޮޑު ތަކުރުފާނުގެ ޝަޚްސިއްޔަތުގައި އިންސާފުވެރިކަން ހުރި މިންވަރު ފެނިގެންދާ އެއް ހާދިސާއަކީ ރާއްޖެ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެރިކަމުން މިނިވަން ކުރައްވައި ވެރިކަމުގެ ކަންތައްތައް ހަމަޖެއްސެވި އިންސާފުވެރި ގޮތެވެ. މި މުހިންމު މައްސަލަ ނިންމެވުމުގައި ބޮޑު ތަކުރުފާނު ކޮންމެ ގޮތެއް ނިންނެވިނަމަވެސް ތިޔައީ އިންސާފެއް ނޫނޭ ދަންނަވާނެ ދުލެއް އޭރަކު މި ޤައުމަކު ނެތެވެ. އެހެންނަމަވެސް ރަސްކަމަށް އަރައިވަޑައި ނުގެން މިއީ ހުރިހާ ދިވެހިރައްޔިތުންގެ ޙައްޤުގައި ނިންމަންޖެހޭ މުހިންމު ނިންމެވުމަކަށްވާތީ ރައްޔިތުންގެ ޚިޔާލު ހޯއްދެވިއެވެ. ބޮޑު ތަކުރުފާނު ޤަބޫލުފުޅު ކުރެއްވި ގޮތުގައި އެ ދަނޑިވަޅުގައި ރާއްޖޭގެ ރަސްކަމާ ހަވާލުވެވަޑައި ގެންނެވުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަލްޢާލިމުލް ޢައްލާމަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީނުލް މަހްލީ (ވާދޫ ދަންނަކަލޭފާނު) އެވެ. އެއީ އޭރު ރާއްޖޭގައިހުރި އެންމެ ޢިލްމުވެރި ބޭފުޅާއެވެ. ވާދޫ ދަންނަކަލޭފާނުގެ އަރިހުގައި ރާއްޖޭގެ ރަސްކަމާ ޙަވާލުވެވަޑައިގެންނެވުމަށް ބޮޑުތަކުރުފާނު އެދިވަޑައިގެންނެވުމުން އެކަން ޤަބޫލު ނުކުރައްވާ ރަސްކަން ޙައްޤުވަނީ ބޮޑުތަކުރުފާނަށްކަމަށް ވިދާޅުވެ އެތަކުރުފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިއްޕެވިއެވެ. (ސ:230)

15. އަޤީދާ (ފެއިތު )
ބޮޑުތަކުރުފާނަކީ އިސްލާމީ އަޤީދާ ހަރުދަނާ ބޭފުޅެކެވެ. ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލު ކުރައްވައިގެން ކުރިއަށް ވަޑައިގެންނެވި ލީޑަރެކެވެ. ނަޞްރާއި ފަތަޙައަކީ ﷲ މިންވަރު ކުރައްވާ ނިޢުމަތެއްކަމަށް ޤަބޫލު ކުރައްވައިގެން ޖިހާދުގެ ކަމަރު ބެންނެވި ޤާއިދެކެވެ. މިގޮތުން ޖިހާދު ފެއްޓެވުމުގެ ގޮތުން ކަނދުވަލު މިސްކިތަށް ވަޑައިގެން ނަމާދުކުރައްވާ ﷲ ގެ ޙަޟްރަތުގައި ނަޞްރަށް ދުޢާ ދެންނެވިއެވެ. (ސ:159). 
ސިއްތިމާވާ ކިލެގެފާނުގެ އާލާސްކަންފުޅަށް ބޭސްފަރުވާއެއް ކޮއްދެއްވުމަށް ބޮޑުތަކުރުފާނުގެ އަރިހުން ވިޔަޒޯރު އަތޮޅުވެރިން އެދިވަޑައިގަތުމުން ވިދާޅުވިއެވެ. "ތިޔަހެންޖެހޭ ބޮޑަތި މުސީބާތާއި ގިލަންވެރިކަމާމެދު އަޅުގަނޑަށް ވިސްނޭ  ކަމަކީ، މާތްރަސްކަލާނގެ ކިބަޔަށް ހިތްނިޔަތް ޚަލާޞްކޮށްގެން ދުޢާ ކުޅައުމެވެ. މިމަގުން ދުޢާ ކުޅައުމުގެ ކުރީގައި ކޮންމެވެސް ހެޔޮ ޢަމަލެއް ކުރިމަތި ކުޅައުމީ ރަނގަޅު ކަމެކެވެ. މިކަމަށްޓަކައި ޤުރުއާން ރަނގަޅަށް ކިޔެވޭނޭ ސާޅީހަކަށް މީހުން ހޯއްދަވާފައި އަޅުގަނޑަށް އަންގަވާށެވެ. އަދި ސާޅީހަކަށް މިސްކީނުންނަށް ކޮންމެވެސް ފޮނިކާ އެއްޗަކުން ޞަދަޤާތެއް ކުރައްވާންވެސް ވާނެއެވެ." (ސ. 129) މީގެއިތުރުން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގައި ރޭގަނޑަށް ސިއްރާއި ފާޅުގައި އަރުއްވައި އިސްލާމްދީން ދޫނުކުރުމަށާއި އިސްލާމްދީނުގެ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ދިވެހި ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ދީނުގެ ކަންތައްތައް އޮޅުއްފިލުވައި ދެއްވަމުން ގެންދެވިއެވެ. (ސ. 192)

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގައި ހޭދަކުރެއްވި ދަތި ދިރިއުޅުއްވުމުގައިވެސް ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި ދީނުގެ ރުކުންތައް ފުރިހަމަ ކުރައްވަމުން ހެއްދެވިއެވެ. ޚާއްޞަ ގޮތެއްގައި ނަމާދަށް އިސްކަން ދެއްވައި މިސްކިތްތައް ބިނާކޮށްދެއްވައި އާބާތުރަ ފިލުއްވާ ހެއްދެވިއެވެ. މިގޮތުން ކަޅުއޮށްފުންމީގެ ފަހު ދަތުރުގައި މުލަކު އަތޮޅު ދިއްތުޑިއަށް އެރުމުން އެދޯނީގެ ލަކުޑިތަކުން މ. ކޮޅުފުށީގައި އެޅުއްވީވެސް މިސްކިތެކެވެ. "އިރުއަރާން ގާތްވެސް ނުވަނީސް މި ބޭކަލުން ކޮޅުފުއްޓަށް އަރުއްވައި ގޮޑުދޮށުގައި ފަތިސްނަމާދު ކުރައްވައިފޫއެވެ. އިރުއަރާ އަލިވީމާ ރަށުގެ ހާލު ބެއްލެވިއިރު މި ރަށަކީ މިސްކިތެއް ހުރި ރަށަކަށްވެސް ނުވެއެވެ. މި ރަށުގައި މިސްކިތެއް ނުހުރޭހޭ އެއްސެވީމައި އެމީހުން ބުނަނީ އިހުގައި ތިޔަކަހަލަ ތަނެއްވެސް ހުރެޔޭ ބުނާތީ އިވެއެވެ." (ސ. 224) އެހެންވެ ކޮޅުފުށީގައި ކަޅުއޮށްފުންމީގެ ލަކުޑިތަކުން މިސްކިތެއް ބިނާކޮށް ދެއްވީއެވެ. 

 ޕޯޗްގީޒުންގެ އަޅުވެރިކަމުން ބޮޑު ތަކުރުފާނުގެ އަތްޕުޅު މައްޗަށް ރާއްޖެ ފަތަޙަވުމުން ދީނީ ޢިލުވެރި ބޭކަލެއްގެ ނެތި ވެރިކަން ޤަބޫލުފުޅު ނުރައްކާނެކަމަށް ބޮޑުތަކުރުފާނު ވިދާޅުވިއެވެ. އަދި ދީނަށް ލޯބިކުރާ ފަރާތްތަކަށް އިޙްތިރާމް އަދާކުރެއްވިއެވެ. (ސ:206) ބޮޑުތަކުރުފާނަކީ މަޤާމާއި ދަރަޖައާއި ހައިބަތަށް ފަޚުރުވެރިވުމުގެ ބަދަލުގައި، އިންސާނިއްޔަތުކަން ކުރިއަށް ނެރުއްވި ލީޑަރެކެވެ. އާރާއި ބާރު ލިބިވަޑައިގެންނެވި ހިނދުވެސް ހިތްތިރިކަމާއެކު މުއާމަލާތް ކުރެއްވި އިސްލާމްދީނަށް ލޯބިކުރައްވައި ދީން މަތިވެރި ކުރެއްވި ލީޑަރެކެވެ. 

ބޮޑުތަކުރުފާނުގެ ލީޑަރޝިޕް ޕްރިންސިޕަލްސް (ލީޑަރޝިޕުގެ އަސާސްތައް) 

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ. ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައްވާފައިވާ ކަންތައްތަކުންނާއި ޢަމަލު ކުރައްވާފައިވާ ގޮތްތަކުން އަދި ވިދާޅުވެފައިވާ ވާހަކަފުޅުތަކުން މިތީގައިމިވާ އަސާސްތައް ބޮޑުތަކުރުފާނު ގެންގުޅުއްވިކަން ސާބިތުވެއެވެ. 

1. ޝަޢުޤުވެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ހަދާށެވެ.
ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ކުދީންނޭވޭ އެކުން ބާރަށް ފަލިޖަހާނެ ކަމެއްނެތޭ. އިރުއޮއްސޭއިރަށް ބާރަށަށް ދެވެނިކޮށް ވަރިހަމަޔޭ. އުތީމަށް އަންނާނީ މިރޭ ބާރަށު ފުށޮޅުގައި މާކެޔޮކަމު އަޅާފައި އިރާދަ ކުރެއްވިޔާ މާދަމާ ހެނދުނާއެވެ. (ސ. 74)

2. ލިބިފައިވާ ޢިލްމާއި ޙިލުމާއި ހުނަރުގެ ބޭނުން އަބަދުވެސް ހިފާށެވެ. 
ސިއްތިމާވާ ރަނިކިލެގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަމަށް ބޭސް ފަންޑިތައެއް ހައްދަވައިދެއްވާތޯ ވިޔަޒޯރު އަތޮޅުވެރިން ބޮޑުތަކުރުފާނުގެ އަރިހުގައި ދެންނެވިއެވެ. ބޮޑު ތަކުރުފާނު ވިދާޅުވިއެވެ. "އަތޮޅުވެރިން ހިތްހެޔޮ ކަމާއެކު އެދި ބުނުއްވައިފި ކޮންމެކަމެއް އަޅުގަނޑުމެން ތިބޭނީ ކިރިޔާވެސް ވެވޭވަރުގެ ކަމެއްވިއްޔާ އުފާވެރިކަމާއެކުގައި ކުރާށެވެ." (ސ.128)

3. އަނިޔާވެރިނުވެ ސުލުހަށް ފުރުސަތު ދޭށެވެ.
ވިޔަޒޯރު އަތޮޅުވެރިން ޕޯޗްގީޒުންގެ ސިފައިންގެ މީހަކު ހައްޖަރު ހަރައި މަރާލުމާގުޅިގެން ދެކެވުނު ވާހަކަ ތަކުގައި ބޮޑުތަކުރުފާނު ވިދާޅުވިއެވެ "އިސްލާމުންގެ ގޮތަކީ ސުލުހަ މަސްލަހަތަށް އިސްނަގައިގެން ތިބުމެވެ. ހުކުރުކުރާން މިންބަރަށް އަރައި އެތިބޭ ވެރީންގެވެސް ކަނޑި އޮންނަނީ ވާތުގައި ނޫންހޭ، ކަނާތުގައި އޮންނަނީ ފޮތެވެ. އެކަންތަކުން އަހުރެން ނެރޭ މާނައަކީ އެބުނަނީޔޭ އަހުރެމެންގައި ބާރު އެބަހުއްޓެވެ. އެކަމަކު އަހުރެމެން މިތިބީ ހެޔޮ ނަސޭހަތްދީ ތެދުމަގު ދައްކައިގެން މީސްތަކުން ގަންނަވައި ދީނަށް އުޅުއްވާށެވެ. އަހަރެމެނާ ދެކޮޅުވެ ގަދަ ދައްކަނީވިއްޔާ ސީދާ ކުރާނީ ކަޑީންނެވެ" (ސ: 162)

4. ހަވާލު ކުރެވޭ މަސައްކަތް ކުރާގޮތްބަލައި އެހީތެރިވެދޭށެވެ.
ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ދަންޑެހެލާ ކޮއިފުޅާޔޭ. އެކަނި ހާލުގައި އުޅޭއިރު ތިން މީހުންވެގެން އޮޑިއެއް ދުއްވާނަމަ އެކަކު ހުންނާނީ ހުންގާނުގައެވެ. އަނެކަކު ހުންނާނީ އެނގަމަތީގައެވެ. ދެންހުރި މީހާ ހުންނާންވާނީ ދިރުބާކޮޅު އާލާތްކުރާށެވެ. (ސ. 96)

5. މީހުން ދަސްކޮށްގެން އެމީހުން ލައްވާ މަސައްކަތް ކުރުވާށެވެ.
އޮޅުދޫ ކަރަޔަށް ދިއުމަށް އޮޑި ތައްޔާރުކުރަން ބާރަށަށް ޙަސަން ތަކުރުފާނާއި ދަންޑެހެލާ ދެމީހުން ފޮނުވަމުން ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ޙަސަނާއި ދަންޑެހެލާ ދެބެއިން ބާރަށުގައި އުޅޭއިރު ޙަސަނު ކައިބޮއި އުޅެންވާނީ ކަތީބުބޭބެ ގެއިންނެވެ. ދަންޑެހެލު ކާންވާނީ ވަރުގޭ ބަދިގެއިންނެވެ. ނިދާންވާނީ ވާރުގޭ ބޮޑުއަށީގައެވެ. ދަންޑެހެލާޔޭ ވާރުގޭ ބަދިގެއިން އެންމެ ފުރަތަމަ އެޅޭ ކޮއްތެއް އެހެން މީހަކަށް ލިބުނަ ދީގެން ނުވާނެއެވެ. ވާރުގޭ ބޮޑުއަށީގައި އެންމެ ކުރީން އޮށޯންނަ މީހަކު ކަމުގައްޔާއި އެންމެކުރީން ފަތިހު ތެދުވާ މީހަކު ކަމުގައި ދަންޑެހެލުވާނީ ވާށެވެ. ވާރުގޭ ބޮޑުއަށީގައި ނިދާންވާނީ އެއްލޮލާއި އެއް ކަންފަތުންނެވެ." (ސ. 102)

6. ޓީމެއްގެ ގޮތުގައި ތަމްރީނު ވަމުން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ. 
ކަޅުއޮށްފުންމީގައި ދަތުރުކުރި ފަރަންޖީންތައް މަރާ ކަނޑަށް އަޅާލުމަށްފަހު އުތީމު ތިން ތަކުރުންނާއި ދަންޑެހެލު ވަޑައިގަތީ އުތީމަށެވެ. އިޝާނަމާދު ކުރައްވައި، އިސްތިހާރާ ނަމާދު ކުރައްވައި ހެއްދެވުމަށްފަހު ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ޤައުމު ސަލާމަތްކުޅައުމަށް ނިޔަތްގަނެ ބޮޑުތަކުރުފާނަކީ ޖިހާދުގެ ލީޑަރު ކަމުގައި ހަމަޖެއްސެވިއެވެ. އެރޭ އެބޭފުޅުން ކުރެއްވި ދުޢާގައި ވިދާޅުވިއެވެ. އިސްވެ ދުޢާ ވިދާޅުވީ ޢަލީ ތަކުރުފާނެވެ. "ޔާރައްބި ކަލާކޯއެވެ. މިތިބީ އިބަ ސުވާމީންގެ ދީނަށް ނަޞްރު ދިނުމަށް ނިޔަތްގަތް ވެރިއަކާއި ތިންމީހުންނެވެ. ފަހެ އަޅަމެންނަށް ނަޞްރު ދެއްވައި ދީން ޢިއްޒަތްތެރި ކުރައްވައި މިތިބަ ތިންމީހުންގެ ޢުމުރު ދަންމަވައި އަޅަމެންގެ ބައި ގިނަކުރައްވައި، މި ދިވެހިރާއްޖެ އިހުވެސް ސަލާމަތް ކުރެއްވި ފަދައިން ކުފުރުކަމުން ސަލާމަތް ކުރައްވައި މި ނިކަމެތި އަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވާ ދޭންވެއެވެ." (ސ. 160/159)

7. އެހީއަށް އެދެންޖެހޭ ތަނުގައި ފަސްނުޖެހި މަސްއޫލިއްޔަތާއި ޒިންމާ އުފުލާށެވެ.
ކަޅުއޮށްފުންމީގެ ރިޔާ ހެދުމާބެހޭ ގޮތުން މަރޮށީ ރައިވެރިބެއާ ދެއްކެވި ވާހަކައިގައި ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "އަހުރެމެންނަން މިވަގުތަށް އެންމެ ބޭނުން ބޮޑުވެފައިވަނީ، އަހުރެމެންގެ އޮޑީގެ ރިޔަލުގެ ކަންތަކެވެ. ދިހަބާރަ ދުވަހު ކަނޑުމަތީގައި ޖެހޭ ވައިގައި ކުރާ ވިއްސާރައިގައި އޮޑިޔައިގެން ހިފަހައްޓައި ރޭގަނޑު ރާއްޖެވަދެ އިރުނާރަނީސް ބޭރުވެ މިހެން އުޅެލީމާ ރިޔާ އޮންނަނީ ވަރަށް ބާވެފައެވެ. ދެން އަނެއްކާ މިވަނީ މަލިކަންދާށެވެ. މިކަމާމެދު ބޭބޭގެ ކިބައިގައި އެހީތެރިކަމެއް ހުރިތޯ ހުރިނަމަ ވެވޭނެތޯ އަހައިލާން އައީމުއެވެ." (ސ:188) 

8. ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާށެވެ.  
ކަޅުއޮށްފުންމީގެ ފަހުލަވާނުންނަށް އެކަނި ޕޯޗްގީޒުން ބަލި ކުރައްވައި މާލެ ނުހިއްޕެވޭނެކަން އެނގިވަޑައިގެންފިއެވެ. އެހެންކަމާއެކު ކަންނަންނޫރަށް ވަޑައިގަންނަވައި ޢަލީ ރާޖާއާ ބައްދަލުކުރައްވައި ދިވެހިންނަށް ހަނގުރާމަމަތީ ގުރާބަކާއި ލަޝްކަރެއް ދެއްވަން ޢަލީ ރާޖާ އެއްބަސްވެވަޑައި ގެންނެވިއެވެ. މި މީހުން ގޮވައިގެން އެބޭފުޅުން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރާލާނޭ ކަމަށް ޕޯޗްގީޒުން އަންގާފައިއޮތް ދުވަހެވެ. "ދެކޮމަންޑޫ ދޭތެރެއިން ކަޅުއޮށްފުންމީގައި ދުރުވި ދުވަހާއި މުލީ ފަރުގައި ދެ ނެރެއް ހެދުނު ދުވަހާއި މި ކަހަލަ އެތައް ދުވަހެއް އައެވެ. މިއިން ކޮންމެ ދުވަހަކު އެބޭކަލުން ސަލާމަތް ކުރެއްވުމުގެ ކަރާމާތުގެ އެންމެ ބޮޑު ސަބަބެއް ކަމުގައިވަނީ އެހެން މީހުންނަށްވުރެ މާބޮޑަށް އެބޭކަލުންނަށް ރާއްޖޭގެ ގިރިފަރު ހުންނަ ތަންތަނާއި އެތަންތަނުގެ ފުންތިލަމިން ތަކާއި ވަދެ ނުކުމެވޭ ދަތިހައި ތަންތަން އޮންނަ ގޮތްތަކާއި ކަނޑުފަޅުގެ އާޖުފާޖު އެނގި ދަސްވެފައިވާކަމެވެ. (ސ 193). ކަޅުއޮށްފުންމީގެ ފަހު ދަތުރުގައި ކޮޅުފުށީގައި އެދޯނީގެ ލަކުޑިތަކުން މިސްކިތެއް ބިނާކޮށްދެއްވި ކޮށްދެއްވުމަކީވެސް ލިބިފައިހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ ފުރިހަމަ މިސާލެކެވެ. 

9. ސާފުކޮށް ވާނުވާ އޮޅުންފިލުވައި ދޭށެވެ.
މާލެ ފަތަޙަ ކުރެއްވިރޭ އަދިރިއަދިރިންގެ ގަޔަށް ބޮޑުތަކުރުފާނު ބަޑިޖެއްސެވުން ލަސްވާތީ ޙަސަން ތަކުރުފާނު އެތަކުރުފާނު ބަޑިޖަހަންވީތޯ ދެންނެވުމުން ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "ޙަސަނާއޭ ހަޅޭއްނުލަވާށޭ. ނިކަން ކެތްކުރާށޭ. ތިޔަ ސޮރަކީ އުންޑަ އައިތަނަށް އުންޑަ ފޮނުވާ ސޮރެކެވެ. މި ހޯދަނީ އެހެންވެ ނިވާވެލާނެ އެއްޗެކެވެ." (ސ:202) 

10. އެހެން މީހުންނަށް މިސާލަކަށްވާށެވެ.
ދިވެހިރާއްޖެއަށް އަބުރާ މިނިވަންކަން ހޯއްދަވައި ދެއްވާފައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ބޮޑުތަކުރުފާނު ވިދާޅުވިއެވެ. "މީސްތަކުންނޭވޭ. ތިޔަބައި މީހުންނަށް އިސްލާމްދީނުގެ ކަންކަމަށް އަމުރުކޮށް ކައިވެނިކޮށްދީ ހަދާނޭ އަމުރުވެރިޔަކީ އިހުވެސް ހުންނެވި ފަދައިން މިހުންނެވި އަބޫބަކުރެވެ. މިނާގެ އަމުރަކާއި އަހުރެމެން ދެކޮޅުވެރި ނުވާހުށީމެވެ. ތިޔަބައި މީހުންވެސް ދެކޮޅުވެރި ނުވާށެވެ. (ސ. 205). ބޮޑުތަކުރުފާނު ޢަމަލު ކުރެއްވީ އެގޮތަށެވެ. 

ރިފަރެންސް:
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކަ 



1 comment:

Anonymous said...

ވަރައް ސަޅި

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...