މަތީގައިވާ ފޮޓޯ ފެނުމުން އަޅުގަނޑުގެ ޅައިރުގެ
ހަނދާންތައް ހޭލައިފިއެވެ. އުފަން ރަށުގެ އޭރާއި މިހާރުގެ ތަފާތު ބުނެދީފިއެވެ. އޭރު
މަނަދޫއަކީ ފަޅު ކޮނެ ބަނދަރު ހަދާފައި އޮތް ރަށެއް ނޫނެވެ. ފަޅުތެރޭގައި ރީތި ކުޑަކުޑަ
ރަށެއް އޮތެވެ. ދިޔަހިކޭ ދުވަސްވަރު މުޅި ފަޅު އޮންނާނީ ހިކިފައެވެ. އެ ކުޑަކުޑަ
ރަށަށް ނުތެމި ދެވޭނެއެވެ. ފަޅުމަތީގައި މަސް ހިފަން އުޅުނު ގޮތާއި، އަމަންތަ (ސަނދަރަ) ނަގަން އުޅުން ގޮތެވެ. ބޮލި ހިލަން އަންހެންވެރިން
އުޅުނު ގޮތެވެ. ބޮނބި ފާކުރަން މީހުން ބޮބި ވަޅުލާ އުޅުނު ގޮތެވެ. ކުދިން ވަދު
ދޯނިތަކުން ފަޅު ޒީނަތްތެރިކޮށްފައި އޮންނަ ގޮތެވެ. ވިހައިގެން އަންހެންވެރިން މޫދަށް އެރި ތިބޭ ގޮތެވެ. ފަޅުގައި ދާއަޅާ ކަޅުއޮށާއި ރާބުޅުތައް އެއްގަންކުރާ ގޮތެވެ. މަހުން ލަފާ މީހުން މަސްތައް ރާޅު ފެންފަށަށް އުކާލާގޮތެވެ. އަތިރިމަތީގައި ދޮށި އުކައިގެން ކޮރަކައްޔާއި މެކުނާއި ބޮޑެތި އޮރިތައް ބާނާ ގޮތެވެ. ދުރުން މާ ދުރުން އުދުހިފައި އަންނަ ރަތަފައިތައް މަނަދޫގެ އަތިރިމަތީގައި ހިނގާއުޅުނު ގޮތެވެ. މަޅިފަތި ހިފައިގެން ކުޑަ ކުދިންތައް އެ ސޮރުމެން ލަވާ އުޅުނު ގޮތެވެ.
މަނަދޫގެ ފަޅުތެރޭގައި އޮތް ފަޅު ރަށަކީ
"ބޮޑުހުރާ" އެވެ. އެއީ ގާމަތި ރަށެކެވެ. އިރުވައި މޫސުމަށް ރަށުގެ ފުއްޓަރު
ފަރާތުގައި އޮތް ރަށުގެ ނިވައިފަތްގަނޑެކެވެ. އެރަށް އަޅުގަނޑު ދުށް އިރު އޮތީ ދެ
ބަޔަކަށެވެ. ރަށުގެ މެދުން ކޯރެއް އޮވެއެވެ. ދިޔަވަރު ބޮޑުއިރަށް އެ ކޯރުތެރެއިން ކުދި
ބޮއްކުރާގައި ދެވޭނެއެވެ. އެއީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ދެފަރާތުގައި
ހެދިފައިވާ ކުރެދި ގަސްތަކުގެ ގޮފިތަކުގެ ތެރެއިން ބޮއްކުރާގައި ދާއިރު ހިތްގައިމު
އޮއިވަރެއް އެ ކޯރުގައި ހިނގަހިނގާ އޮވެއެވެ. އެއީ މަނަދޫގެ ކުޑަނެރުން ވައްދާލާ ރާޅުބާނިތަކާއެކު
ހެދޭ އޮއިވަރެއް ކަމުގައި ހީވެއެވެ.
ބޮޑުހުރާއަށް އާންމުކޮށް ދެވިފައި ހުންނާނީ
ހުކުރު ދުވަސްދުވަހުއެވެ. އެރަށަކީ ހުސް އަކިިރިއާއި ގަލުން އުފެދިފައިވާ އޮންނަ
ރަށެއްހެން ހީވިއަސް އެރަށަކީ ކުރީ ޒަމާނުގައި ކަނޑުމަތިން ލައްގާ މީހުންގެ ގަބުރު
ވަޅުލާފައި އޮންނަ ރަށެކެވެ. އެރަށުގައި އެންމެ ފަހުން ވަޅުލި ކަމަށް ކިޔަނީ
ސީވަރާޖީއިން ބޯޓުގައި އޮތް މީހެއްގެ ގަބުރެވެ. ސީވަޒާޖީއަކީ ލަންކާގެ
މަސްވެރިއެކެވެ. އެ މަސްބޯޓު ހާލުގައި ޖެހިފައިވަނިކޮށް މަނަދޫއާ ވަރަށް ކައިރިން
ފެނިގެން މަނަދޫ ވަދުމަސްވެރިކަން ކުރާ ބަޔަކު ގެނައިއިރު އޭގައި މަރުވެފައި އޮތް
މީހަކު އޮތެވެ. ދިރިދުނިޔޭގައި އޮތީ ސީވަރާޖީ އެކަންޏެވެ. އޭނާ ވަރަށް ބޮޑަށް
ފަރުވާ ކޮށްގެން ކާނދީ ބޯންދީ ހަދައިގެން ރަނގަޅުވެގެން މާލެ ފޮނުވީއެވެ.
މަނަދޫގެ ރީތި ހިތްގައިމު މޫދުގެ ވާހަކަ އަކީ
ވެސް ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އިރުމަތީކޮޅުން ބޮނޑިކޭތޮށިމައްޗަށް ބިންދާލާ
ރާޅުތަކާއެކު ފަޅުތެރެއަށް ވައްދާލާ ބާރު އޮއިވަރު ރަށުގެ ފަޅު ތެރެ ސާފުކޮށް
ބާއްވައިދެއެވެ. އެ އޮއިވަރު ރަށުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގު ކޮޅަށް
ދެމިގެން ދެއެވެ. ފަޅުތެރެއަށް ކުނިއެޅިއަސް އަދި ގޮނޑުދޮށަށް އަޅާ ކުނިތައް ގިރާލިޔަސް
ފަޅު އޮންނަނީ ސާފުކޮށެވެ. ދިޔަވަރު ބޮޑުއިރަށް މަނަދޫގެ ފަޅު އޭރު ފެންނަނީ ވިލު
ކުލައިގައެވެ. މީހުން ބޮޑެތި ދޯނި ފަހަރަށް އަރާފައިބާނީ ކުދި ކުދި
ބޮއްކުރާތަކުގައެވެ. މޫދަށް އެރިއުޅޭއިރު ދޯނިތަކުގެ ފައްތިޔާތައް ހުންނާނީ
ހިއްލިލާފައެވެ. ފަޅުތެރޭގައި ގާ އޮންނަ ހިސާބަކާއި ގަލެއް ނެތް ސާފު ވެލި އޮންނަ
ހިސާބެއް އޮވެއެވެ. ކުދި ވަދުދޯނިތައް އަޅާފައި އޮންނަނީ ވެލި އޮންނަ ހިސާބުގައެވެ.
ބޮޑެތި މަސްދޯނި ފަހަރު އަޅާފައި އޮންނަނީ މަނަދޫގެ ހުޅަނގު ކޯޅުގައި
ފަޅުތެރޭގައެވެ. އެއީ އޭރުގެ އަތޮޅުގެއާވީ ދިމާލައެވެ. ރަށުގެ ފާލަން ހުންނަނީ
އަތޮޅުގެ ދޮރާ ދީމާ ސީދާވާގޮތަށެވެ. އަޅުގަނޑު ފުރަތަމަ ދުށް ފާލަމަކީ ލަކުޑި ފާލަމެކެވެ.
މިހާރުގެ ކުދިންނަށް މަނަދޫގެ އެ ހިތްގައިމު
މަންޒަރު ތަސައްވުރު ނުކުރެވިދާނެއެވެ. އެ ކުދިންނަށް ފެންނަނާނީ މަނަދޫގައި މިހާރު
ހެދިފައި އެވާ ހިތްގައިމު ބަނދަރެވެ. އެ ބަނދަރު ހެދުމަށްޓަކައި ބޮޑުހުރައާ މަނަދޫ
އެވަނީ ގުޅުވާލެވިފައެވެ. އެ ދެމެދުގައި އެތައް މުންޑާއި ކަނޑިކި ކޮށިކޮށްގެން ބޮޑުހުރާއަށް
ދިޔަ މީހުންގެ ކަށިމަތިތަކުގައި އެޅި ހިތްގައިމު އޮއިވަރާއި، ފައިތަކުގައި ކޮށި ކޮރުކޮޓާތަކާއި، އަތިރިމަތީގައި އުޅުނު
ބަފޯތަކާއި، ތޮށިމަތީގައި އޮތް
ކާފަރު އަމަންތައް އެ ކުދިންނަށް ނުފެނިދާނެއެވެ. އަދި އެ ފަޅުގައި އޮތް ކަޅު ފުއްޕިތަކާއި
ކިރު ފުއްޕިތައް ސޫފިލަނޑާއަށްވެ ބޮޑު އަގުގައި ވިކުނު ދުވަސް ނުފެނިދާނެއެވެ. ކިރުފުއްޕިއަކަށް
އެރުމުން މުޅި ފައިގައި އެގޮލައިގެ ކިރުތައް ތަތްވެގެން ސާފުނުވެގެން އުޅުނު
ގޮތާއި، ހުކުރަށްދާން މޫދަށް އެރިފައި އެކަކު އަނެކެއްގެ ގަޔަށް
ކުދިކުދި ކަޅުފުއްޕިތައް އުކާ ހެދި ހަނދާން މި ފޮޓޯއިން އެބައާވެއެވެ. މި ފޮޓޯއަކީ
ސަޢީދު ޢަބްދުއްރަޙުމާން (އެސްޓީ) މީސް މީޑިއާއަށް ދޫކޮށްލި ހަނދާނީ ފޮޓޯއެކެވެ. މި
ފޮޓޯ ފެނިފައި ހަނދާންވި ހަނދާންތަކެއް ހަމަ ހިއްސާކޮށްލީއެވެ.
No comments:
Post a Comment